17 Oct 2017

ދީވާސް ފެޝަން ޝޯގެ ރީތި ހޮވުންތަކެއް

މި ޝޯގައި ރާއްޖޭގެ އެކި ފަންނާނުންގެ ރީތި ހުށަހެޅުންތަކެއް ފެނިގެން ދިޔައިރު މިއީ އޭގެ ތެރެއިން ފާހަގަކޮށްލެވުނު ހަ ހެދުމެއް.

މި ޝޯގައި ރާއްޖޭގެ އެކި ފަންނާނުންގެ ރީތި ހުށަހެޅުންތަކެއް ފެނިގެން ދިޔައިރު މިއީ އޭގެ ތެރެއިން ފާހަގަކޮށްލެވުނު ހަ ހެދުމެއް.

By: Nurah Rasheed

ޒުވާނުންތަކެއް އިސްނަގައިގެން "ދީވާސް ޝޯ" ގެ ނަމުގައި ރާއްޖޭގެ ފެޝަން ޑިޒައިނަރުންނާއި މޮޑެލްކުރާ މީހުންނަށް ދަރުބާރުގޭގައި ބޭއްވި ފެޝަން ޝޯ އަކީ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގައި ބޭއްވި މި ފެންވަރުގެ ފުރަތަމަ ފެޝަން ޝޯ އެވެ. ޑީޖޭ ކާލީ ޝަކްތީގެ ހިތްގައިމު މިއުޒިކާއެކު ހަ ޑިޒައިނަރެއްގެ ހެދުންތައް ވަނީ ދައްކާލައިފަ އެވެ. މިއީ އޭގެ ތެރެއިން ފާހަގަކޮށްލެވުނު ބައެއް ހެދުންތަކެވެ.

އައިމިނަތު ވިލީނިޔާ (ވިލީ)

މި ހިތްގައިމު ކަލެކްޝަންގެ ނަމަކީ "ޓްރޮޕިކަލް ލިވިންގެ ގާޑެން" އެވެ. މި ކަލެކްޝަންގެ ކުލަތައް ނަގާފައިވަނީ އިރުއޮއްސޭ މަންޒަރުގެ ކުލަތަކުން އިންސްޕަޔާވެގެންނެވެ. ޖުމްލަ 8 ހެދުން ފެނިގެން ދިޔަ އިރު މި ކަލެކްޝަނުން އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވުނު އެއް ހެދުން ތީރީގައި އެ ވަނީއެވެ. އޮރެންޖް ކުލައިގެ ވަން ޕީސް ރެޕް ޓޮޕާއި ޓޯކޮއިސް ކުލައިގެ ދިގު ސްކާޓެވެ. ހެދުމުގެ އުފާވެރި ކުލަތަކުގެ އިތުރުން މީގެ އެންމެ ފާހަގަކޮށްލެވުނު އެއް އެލިމަންޓަކީ ޓޮޕްގައި އިން، އަލަބާމާ ޗެނިންގް ޓެކްނީކް ބޭނުންކޮށްގެން ހަދާފައިވާ ފިނިފެންމަލާއި އޭގެ ފަތްކޮޅެވެ.

ވިލީގެ ކަލެކްޝަންގެ ތެރެއިން ފާހަގަކޮށްލެވުނު ހެދުން. -- ފޮޓޯ: މަސްރަހް

ނާޒިޔާ އިސްމާއިލް

ނާޒިޔާ ދައްކާލީ އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުރެހުންތައް ބޭނުންކޮށްފައިވާ ހެދުންތަކެވެ. މި ކުދިންގެ ހުނަރުތައް ނާޒިޔާގެ ޑިޒައިންތަކުން ފެނިގެންދިޔަ އިރު މި ކަލެކްޝަނުން އަޅުގަނޑުގެ ފޭވަރިޓް ހެދުން ލާފައި ވަނީ މަޝްހޫރުކަން ހޯދަމުން އަންނަ އެކްޓަރު އަދި މޮޑެލް އަހުމަދު ޝިބާން އެވެ. ހުޑީ ސްޓައިލްގެ މި ޓީޝާޓްގައި އިން ކުރެހުން ވަރަށް ވެސް ފުރިހަމަ އެވެ. ރާއްޖެ ސިފަކޮށްދޭ މި ކުރެހުމުގައި ދައްކުވައިދީފައި ވަނީ ހިތްގައިމު ނޫ އުޑާއި މޫދާއި އިރުވައި މޫސުމެވެ.

ނާޒިޔާގެ ކަލެކްޝަންގެ ހެދުމެއްގައި އެކްޓަރު ޝިބާން. -- ފޮޓޯ: މަސްރަހް

ފާތުން

"ކޯޕަރޭޓް ވުމަން" ގެ ނަމުގައި ދައްކާލި، ފާތުންގެ މި ކަލެކްޝަނަކީ މުޅި ޝޯގައި ވެސް ހަމަ އެކަނި ހުސް ހުދުކުލައިން ފެނުނު ކަލެކްޝަނެވެ. ބަލައިލަން ފަސޭހަ، ގޮތްބޮޑުނޫން ގޮތަކަށް ހުރި މި ހެދުންތަކުން ދައްކުވައިދެނީ މަސަތްކަތުގެ މާހައުލުގައި ބާރުވެރި ކުޅަދާނަ އަންހެނުންނެވެ. މިގޮތުން އަޅުގަނޑަށް އެންމެ ކަމުދިޔައީ މި ކަލެކްޝަންގެ ފުރަތަމަ ހެދުމެވެ. ގަމީސް ގިރުވާނަކާ އެކީ ދިގުކޮށް ހުރި މި ހެދުމުގެ ކުރިމަތީގައި މަތިން ތިރިއަށް ގޮށް ލާފައި ހުއްޓެވެ. އަދި ދެ އަރިމަތީގައި ބޮޑު ދެ ޖީބު އަދި އުނަގަނޑުގައި ޓައިއެއް ޖަހާލާފައި އިން ބަންދެއް ވެސް އިނެވެ.

ފާތުންގެ ކަލެކްޝަނުގެ ހެދުމެއް ދައްކާލަނީ. -- ފޮޓޯ: މަސްރަހް

ފާތުމަތު ފަލަކް

ފަލަކް އަކީ ރާއްޖޭގެ ފެޝަން ޝޯތަކަށް އާ މޫނެކެވެ. ނަމަވެސް ފެޝަން އިންޑަސްޓްރީއަށް އަލެއް ނޫނެވެ. މިކަން އެނގިގެން ދިޔައީ ފަލަކްގެ ނޭޓިވް އެމެރިކަން ބޯހޯ ސްޓައިލަކަށްދާ ކަލެކްޝަަނުންނެވެ. މި ހެދުންތަކުން އަޅުގަނޑަށް މި ރަންވޭއިން ފާހަގަ ކުރެވުނު އެންމެ އޮމާން ފެހުންގަނޑު ފެނުނެވެ. އެކި ކަހަލަ ދޫނި ފިޔައިގެ ގަހަނާތަކާއެކު ފެނިގެން ދިޔަ މި ކަލެކްޝަނުން އަޅުގަނޑަށް އެންމެ ރީތިވީ ތިރީގައި މި ވާ ހެދުމެވެ. ހުދުކުލައިގެ ކޯލްޑް ޝޯލްޑާ ސްޓައިލްގެ ލޭސް ޓޮޕާއި ޕްރިންޓަޑް ދިގު ސްކާޓެވެ.

ފަލަކްގެ ހެދުމެއް ދައްކާލަނީ. -- މަސްރަހް

އިސްމާއިލް ޖުމައިހް

ފިލްމް އިންޑަަސްޓްރީން މަޝްހޫރުކަން ހޯދި ޖުމައިހްގެ މުޅި ކަލެކްޝަން ރަންވޭގައި ވިދާ ބެބުޅިއެވެ. ގިނަ އަދަދެއްގެ މިނާ ވެލިފޮތި އަދި އެކިކަހަލަ ބީޑްސް އަދި ސްޓޯންސްތައް ޖުމައިހްގެ މި ހެދުންތަކުން ފެނިގެންދިޔައެވެ. ކަލެކްޝަންގެ ފިނާލޭ ހެދުން ލާފައި ވަނީ މަޝްހޫރު ފިލްމީ ތަރި އައްޒައެވެ. ކަލެކްޝަނުން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވީ ކަޅުކުލައިގެ ހައިނެކެއް ލާފައި އިން މި ހެދުމެވެ.

ޖުމައިހްގެ ކަލެކްޝަންގައި ހިމެނޭ ހެދުމެއްގައި ދައްކާލަނީ. -- ފޮޓޯ: މަސްރަހް

އިބްރާހިމް އަލީ (އިބޫ)

އިބޫއަކީ މި އިންޑަސްޓްރީގައި ފުންނާބު އުސް އަދި ގިނަ އަދަދެއްގެ މަސަތްކަތްތަކެއް ދައްކާލާފައިވާ އެއް ޑިޒައިނަރެވެ. މި ކަލެކްޝަންގެ އިންސްޕިރޭޝަނަކީ "ފްލޯރަލް" އެވެ. ހެދުންތައް ތައްޔާރުކުރުމުގައި އެންމެ ފަހުގެ ޓްރެންޑްތަކަށް އިބޫ އިސްކަންދީފައި ހުއްޓެވެ. ކަލެކްޝަންގެ 8 ހެދުމުގެ ތެރެއިން އެންމެ ކަމުދިޔައީ ތިރީގައި މިވާ ގޮޅިޖެހި ބްލޭޒާ އަދި ފަޓުލޫނެވެ.

އިބޫގެ ކަލެކްޝަންގެ ތެރެއިން. -- ފޮޓޯ: މަސްރަހް

ހެދުންތަކާއި ޑިޒައިނަރުންގެ ކުޅަދާނަކަން މިހާ ފުރިހަމަ ގޮތެއްގައި ހުށަހަޅައިދެވިފައި ވަނީ މޭކަޕް އާޓިސްޓުންނާއި ހެއާ ޑްރެސަރުންގެ އެހީއާ ވެސް އެކީގައި ކަން ޔަގީނެވެ. އައުޓްފިޓްތަކުން ދައްކުވަދޭން ބޭނުންވާ މެސެޖް މޭކަޕްތަކުން ފުރިހަމަކޮށް ދިނުމުގެ ގޮތުން މި ޑިޒައިނަރުންނާ އެކީ ހަރަކާތްތެރިވެފައި ވަނީ ރިޒްނާ އިސްކޮށް ހުރެ، ރައިދާ، ސުހާ، ޝިއުނާ، އަޒްލީފާ އަދި ސީމާއެވެ. ހެއާ ސްޓައިލް ކޮށްދިނުމުގައި ޖަސްޓިން، ނަސޫ އަދި މީކާއީލްއެވެ.

ފެޝަން

Popular