23 Oct 2017

ދިވެހި ނަލަ ބްރޭންޑެއް: އަޝްފާގެ "ލެވެލިއާ"

މިއީ އުމުރުން 26 އަހަރުގެ އަޝްފާ އެވެ. ދިވެހި ގޮނޑުދޮށްތަކަށް ޖެހިފައިވާ ލޯބީގެ ތެރެއިން މި ޒުވާނާ އުފައްދަނީ ދިވެހިވަންތަ ވަރަށް ހިތްގައިމު ގަހަނާ އެވެ.

މިއީ އުމުރުން 26 އަހަރުގެ އަޝްފާ އެވެ. ދިވެހި ގޮނޑުދޮށްތަކަށް ޖެހިފައިވާ ލޯބީގެ ތެރެއިން މި ޒުވާނާ އުފައްދަނީ ދިވެހިވަންތަ ވަރަށް ހިތްގައިމު ގަހަނާ އެވެ.

By: Nurah Rasheed

ދުވަހުގެ ބުރަ ވަޒީފާގައި އުޅެމުން ވެސް މަރިޔަމް އަޝްފާ އޭނާ އެންމެ ގަޔާވާ މަސައްކަތުން އަތް ދޫކޮށެއް ނުލަ އެވެ. އުމުރުން 26 އަހަރުގެ މި ޒުވާނާ ވަނީ "ލެވެލިއާ"ގެ ނަމުގައި އަމިއްލަ ބްރޭންޑެއް އުފަންކޮށްފަ އެވެ. އެއީ އޮރިޖިނަލް، ލޯކަލް ގަހަނާ ބްރޭންޑެކެވެ. މި ނަމުގައި އޭނާ ހިންގާ ފޭސްބުކް ޕޭޖުން ފެންނަނީ އުފެއްދުންތެރި މަސައްކަތްތަކެވެ.

އަޝްފާއަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދުގެ ވަރަށްބޮޑު ފޭނެކެވެ. އޭނާގެ އެކުވެރިން ބުނާ ގޮތުގައި އަޝްފާ ދަތުރެއް ދިޔަ ކަމުގައި ވިޔަސް އުޅޭނީ ބޮލިހޮވައިގެން އެއިން ކޮންމެވެސް ކަހަލަ ކްރިއޭޓިވް ކަމެއް ކުރެވޭތޯއެވެ. މި ލޯބީގައި އުޅެމުން އަޝްފާ ކުރަން ފެށި މަސައްކަތުގެ ވާހަކަ ކިޔާލަން ހިނގާށެވެ.

އަޝްފާ ހަދައިފައިވާ ބީޑް އަދި ޓެސަލް ފަށް

މިއީ ކިހިނެއް ޝައުގުވެރިކަން އުފެދުނު ދާއިރާއެއް؟

އެންމެ ކުޑައިރުން ފެށިގެން އަޝްފާގެ އިންޓްރަސްޓް ހުންނަނީ ކޮންމެވެސް ކަހަލަ ކްރިއޭޓިވް ކަމެއް ކުރަން. އެއްޗެހި އެއްކޮށްގެން ހެދުމުގެ ތެރޭގައި މިނާ ކަހަލަ ސާމާނު އެއްކުރެވެން ފެށީ. ހަނދާންވާގޮތުގައި ގްރޭޑް އެކެއްގަ އުޅުނު އިރު ވެސް އަމިއްލަޔަށް ރީތިވެލަން ޖުވެލަރީސް ހަދައިގެން އަޅައިގެން އުޅެން.

މިކަން ކުރުމަށް އިންސްޕިރޭޝަން ހޯދަނީ ކޮންތާކުން ؟

އެއްގޮތަކަށް ވެސް ހަނދާނެއްނުވޭ އެއްވެސް އިރެއްގަ މީހަކު ފޮލޯކުރަން އުޅުނު ހަނދާނެއް. އެޔަށްވުރެ ބޮޑަށް ބޭނުންވީ އަމިއްލަ އައިޑެންޓިޓީއެއް އުފައްދަން އެއަށް މަސަތްކަތްކޮށް މި ދާއިރާއިން އެހެން މީހުން ފޮލޯކުރާނެ ވަރުގެ މީހަކަށްވާން. އެހެންވީމަ އިންސްޕިރޭޝަން ހޯދަނީ އަޝްފާގެ އަމިއްލަ ދިރިރުޅުމުން.

ޕޭޖަށް ދީފައިވާ ނަމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ؟

އާބަން ޑިކްޝަނަރީން ލެވެލިއާގެ މާނައަކީ އެކި ކަހަލަ ގަހަނާ. ކިޔާނެ ނަމެއް ހޯދަން ބެލިއިރު މަސައްކަތާ ގުޅިފަ އަޑުއަހާލަން ވަރަށް ރީތިވީ.

އަޝްފާ ހަދާފައިވާ ކީ ޗެއިންސް

އެހެން މީހުންނަށް މި މަސައްކަތް ދަސްކޮށްދެންތަ؟

"ކިޑްސް ކްރާފްޓީ ކްލަބް" ގެ ނަމުގައި ބަންދުތެރެއާ ދިމާކޮށް މިހާރުވެސް މިދަނީ ފަސް އަހަރާއި ބާރަ އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކްލާސްތަކެއް ނަގައިދެމުން. މިއީ ރައްޓެއްސަކާ ދެމީހުންވެގެން ކުޑަކުދިންނަށް މި ހުނަރުތައް ދަސްކޮށްދޭން ވެގެން ހިންގާ ކްލާސްތަކެއް.

މި މަސަތްކަތަށް ބޭނުންވާ ތަކެތި ހޯދަނީ ކިހިނެއް؟

ހުރިހާ އެއްޗެއް ވެސް ހުންނާނީ ރާއްޖޭން ބޭރުން ގަނެފަ. ނުދެވޭ ފަހަރަކު ވިއްޔާ އޮންލައިންކޮށް އޯޑަރުކޮށްގެން ގެންނަނީ އެއީ މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް އަސްލު މާލެއަކުން ލިބޭކަށް ނުހުރޭ.

ގަހާނާޔާ ތަޅުދަނޑީގަ ލާ އެއްޗެހި މިހާރު ގިނައިން ފެންނަނީ. އިތުރު އުފެއްދުންތަކެއް ފެނިދާނެތަ؟

ޕޭޖުން ފެނިގެން އެ ދަނީ އަޝްފާ ހަދާ ވަރަށް މަދު ޕްރޮޑަކްޓްތަކެއް. ވޯލް ހޭންގާސް، ޑްރީމް ކެޗާސް، ކަންފަތުގައި ލައި އެކި ކަހަލަ އެއްޗެހި އަދި ބެއާފޫޓް ސެންޑަލްސް މިހާރު ވެސް އޯޑަރުތަކަށް ހަދައިދޭން.

ކައިވެނި ހަފްލާއެއް ޒީނަތްތެރި ކުރުމަށް އަޝްފާ ހަދާފައިވާ މާތަކެއް

ކެރިއާއެއްގެ ގޮތުން މިކަމުން ކުރިއަށް ދާން ބޭނުންތަ؟ ނުވަތަ މީ ހޮބީއެއްތަ؟

ފުލްޓައިމް ކެރިއާއެއްގެ ގޮތުން މިކަން ކުރަން ބޭނުންވިޔަސް ރާއްޖޭގެ ލިވިން އެކްސްޕެންސް ބޮޑު ކަމުން ހިޔެއްނުވޭ ހުސްއެކަނި މިކަން ކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެހެން. މިވަގުތު މިކަން ކުރަނީ ފުލް ޓައިމް ޖޮބެއްގަ އުޅެމުން ލިބޭ ހުސްވަގުތު. މިއީ އަސްލު އަޝްފާގެ ޕެޝަން.

ކޮބާ މި މަސައްކަތުގައި ކުރާ އެންމެ ބޮޑު އުންމީދަކީ؟

2014 ވަނަ އަހަރު ޗާންްސެއް ލިބުނު ޗައިނާގަ ބޭއްވި "ކުންމިން ފެއާ" ގައި އަޝްފާގެ މަސަތްކަތްތައް ދައްކާލަން. ދެކެން ބޭނުންވަނީ މިކަހަލަ ގޮތްގޮތަށް އަދިވެސް ބޭރު ގައުމުތަކުގައި މި މަސަތްކަތްތައް ދައްކާލައި އަދި ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ މީހުން ލެވެލިއާ ބްރޭންޑްގެ ގަހަނާތައް ބޭނުންކުރާނެ ދުވަހެއް ދެކެން.

ފެޝަން

Popular