14 Nov 2017

ފިރިހެނުން މޫނުގެ ބައްޓަމާ ގުޅޭގޮތަށް ބޯކޮށާނީ ކިހިނެއް؟

ފިރިހެނުން މޫނުގެ ބައްޓަމާ ގުޅޭގޮތަށް ބޯކޮށާނީ ކިހިނެއް؟

By: Nurah Rasheed

ރީތިވާނީ ކޮން ގޮތަކަށް ބޯ ކޮށީމާތޯ، ސެލޫންގެ މުވައްޒަފުން ގާތު އަހަން ހެއްޔެވެ؟ ހެއާ ކަޓް ގުޅޭތޯ، ބައިވެރިޔާ ގާތު ނުވަތަ އެކުވެރިން ގާތު ވެސް އަހަ އެވެ. ޖެހުނު ގޮތަކަށް ބޯ ކޮށަން އާދަކޮށްފައި ތިބޭތީ ބައެއްފަހަރު އަމިއްލަ މީހާއާ ނުގުޅޭ ގޮތަކަށް ބޯ ކޮށޭ ފަހަރު ވެސް އާދެއެވެ. މި ލަދުން ސަލާމަތްވާން އެންމެ ފުރަތަމަ ދަސްކުރަން ޖެހޭނީ މޫނުގެ ބައްޓަމެވެ. ކޮށާ އެއްގޮތަކަށް އަބަދު އިސްތަށިގަނޑު ބަހައްޓަން ފޫހިވެސް ވާނެއެވެ. އެހެންވެ މިފަހަރު މި ގެނެސްދެނީ މޫނުގެ ބައްޓަމާ ގުޅޭނެ ގޮތަށް އިސްތަށިގަނޑު ބަހައްޓާނެ ބައެއް ގޮތްތަކެވެ.

އޮބްލޯންގް: ދަތްދޮޅިމަތިން ފުޅާވެފައި އަދި ދިގުކޮށް ހުންނަ މޫނު

މިކަހަލަ ބައްޓަމެއް ހުންނަ ނަމަ ރީތިވާނީ ކުރުކޮށް އިސްތަށިގަނޑު ކޮށާފައި ހުރުމުންނެވެ. މި ބައްޓަން ހުންނަ ނަމަ ސަމާލުވާންޖެހޭ ކަމެއް އޮވެ އެވެ. އެއީ ތުނބުޅި ދިގުވުމުން މޫނުގެ ބައްޓަން އިތުރަށް ދިގުކަމަށް ދައްކާނެ ކަމެވެ.

"އޮބްލޯންގް" ބައްޓަމެއް ހުންނަ މީހުންނާ ގުޅޭނެ ސްޓައިލްތަކުގެ ތެރޭގައި އިސްތަށިގަނޑު ކުރުކޮށް ސްޕައިކް ޖައްސާފައި ބެހެއްޓުމާއި މޫނުގެ އެއްފަޅިއަށް ފުނާއެޅުމާއި މައްޗަށް ވާގޮތަށް ފުނާ އެޅުން ހިމެނެއެވެ.

އޯވަލް: ވަށްކޮށް ދިގުކޮށް ހުންނަ މޫނު

މިގޮތަށް މޫނުގެ ބައްޓަން ހުންނަ މީހުން ތަފާތު ސްޓައިލްތަަކުގެ އަޖުމަ ބަލަން ޖެހިލުންވުމުގެ ބޭނުމެއް ނެތެވެ. ގިނަ ސްޓައިލްތަށް މި ކަހަލަ ބަންޓަމަކާ ގުޅޭނެއެވެ. ނަމަވެސް ވިސްނަންވީ ނިތްކުރިމައްޗައް ވެއްޓޭ ވަރަށް ފްރިންޖެއް ނުބެހެއްޓުމަށެވެ. އޭރުން މޫނުގެ ބައްޓަން އިތުރަށް ވަށް ކަމަށް ދައްކާނެ އެވެ.

މިކަހަލަ މޫނުތަކަށް "އަންޑާ ކަޓް" އަދި ޓެޕާފޭޑް ވިތު ކުއިފް" ސްޓައިލް ގުޅޭނެއެވެ.

ޑައަމަންޑް: ވަރުގަދަ ނުވަތަ ފާޅުކަންބޮޑު ދަތްދޮޅި ބައްޓަން ހުންނަ މޫނު

މިކަހަލަ ބައްޓަމެއް މޫނުގައި ހުންނަ ނަމަ ރީތިވާނީ ތުނބުޅި ބަހައްޓާފައި "ފޯހޮކް" ނުވަތަ "ޓެކްސްޗާޑް ކްރޮޕް" ސްޓައިލަށް އިސްތަށިގަނޑު ބެހެއްޓުމުންނެވެ.

ދިގުމިނާއި ފުޅާމިން އެއްވަރަށް ވައްކޮށް ހުންނަ މޫނު

ވައްކޮށް މޫނު ހުންނަނަމަ، މޫނު ދިގުކަަމަށް ދައްކާކަހަލަ ސްޓައިލްތަށް ހިޔާރުކުރާށެވެ. އިސްތަށިގަނޑު ކޮށާލެވޭ ގޮތުން މޫނު އިތުރަށް ވައްކަމަށް ދެއްކުމުން ހަޑިވާނެއެވެ. މި ބައްޓަމަށް މޫނު ހުންނަ މީހުން ވިސްނަން ޖެހޭނީ ކަންފަތް ކައިރިން ދެ އަރިމަތި އިސްތަށިގަނޑުގެ މެދައްވުރެއް ތުނިކޮށް ބެހެއްޓުމަށެވެ.

"އަންޑާ ކަޓް" ސްޓައިލަށް އިސްތަށިގަނޑު ކޮށާފައި މައްޗައް ވާގޮތަށް ފުނާ އެޅުމުން ރީތިވާނެއެވެ.

ހަތަރެސްކަނަށް ހުންނަ މޫނު

ހަތަރެސްކަން މޫނަކީ އެހެން ބައްޓަންތަކާ ބަލާފައި މާ ފިރިހެންވަންތަ ބައްޓަމެކެވެ. މިގޮތަށް މޫނުގެ ބައްޓަން ހުންނަ ނަމަ ވަށް މޫނުކޭ އެއްގޮތަށް ގިނަ ސްޓައިލްތަކާއި ގުޅޭނެއެވެ. އެކަމަކު ވަށް މޫނާ ހިލާފަށް އެންމެ ތުނިކޮށް ނުވަތަ "ބަޒް ކަޓް" އަދި "ކްރޫ ކަޓް" ސްޓައިލަށް އިސްތަށިގަނޑު ބެހެއްޓުމުން ވެސް މިގޮތަށް މޫނުގެ ބައްޓަން ހުންނަ ނަމަ ރީވާނެއެވެ.

Popular