11 Jan 2018

ރެޑް ކާޕެޓްގެ ކުރިން: ރާފިޔަތުގެ ސްޓައިލް

އަބަދަށް ފެހި ރާފިޔަތޭ އެންމެން ކިޔަނީ އޭގައި ސަބަބުތަކެއް ހުރެގެން. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މުސްކުޅި ނުވި އަޑެއް އަދި ސްޓައިލެއް

އަބަދަށް ފެހި ރާފިޔަތޭ އެންމެން ކިޔަނީ އޭގައި ސަބަބުތަކެއް ހުރެގެން. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މުސްކުޅި ނުވި އަޑެއް އަދި ސްޓައިލެއް

By: Ahmed Nadym

މުނިފޫހިފިލުވުމުގެ ދާއިރާގައި މުސްކުޅި ނުވި އަޑަކީ އަދި ސްޓައިލަކީ ވެސް މިއީ އެވެ. އަބަދަށް ފެހި ރާފިޔަތޭ އެންމެން ކިޔަނީ ސަބަބުތަކެއް ހުރެގެންނެވެ. އެކަމަކު ރާފިޔަތު ބުނަނީ އޭނާގެ ރީތިކަމާއި ހިތްގައިމު ސްޓައިލްގައި މާ ބޮޑު ސިއްރެއް ނެތް ކަމަށެވެ. އެކަމަކު ރެޑް ކާޕެޓް ހަފުލާއެއްގެ ކުރިން އެ ހަފުލާއަކަށް އޭނާ ތައްޔާރުވާ ގޮތާއި ރީތިވުމަށް ގެންގުޅޭ ސްޓައިލްތަކަށް ބަލައިލަމާ ހިނގާށެވެ. މި އިންޓަވިއުގައި ރާފިޔަތު ކިޔައިދޭނީ ރެޑްކާޕެޓް ހަފުލާއަކަށް ނުވަތަ އެނޫން ވެސް ހަފުލާއަކަށް އޭނާ ތައްޔާރުވާގޮތާއި އެ ހަފުލާގެ ކުރިން ވިސްނުމާއި ސްޓައިލް ގެންގުޅޭ ގޮތެވެ.

1- ހަފުލާއަކަށް ދައުވަތު ލިބުމުން އެންމެ ފުރަތަމަ ހިތަށް އަރަނީ ކީކޭ؟ އަދި އެއަށް ފަހު ދެން އަވަސްވެގަނެވެނީ ކޮން ކަންކަމަކަށް؟

"އެންމެ ފުރަތަމަ އެ ހަފުލާއަކަށް ދައުވަތު ލިބުނީމަ ޝުކުރު އަދާކޮށްލެވެނީ. ދެން ވިސްނެނީ ހަފުލާ އަށް ދާން ޑްރެސްއަޕްކުރާނެ ގޮތަކާ މެދު. ހެދުން އަޅާއިރު ވިސްނަންނީ ޑީސެންޓްކޮށް އަދި އަމިއްލަ އަށް ވެސް ކޮމްފޯޓަބްލް ގޮތަކަށް ހެދުން އަޅަން."

2- ރެޑްކާޕެޓްގައި ދާއިރު އެންމެ މުހިންމު ވަނީ މޭކަޕްތަ ނުވަތަ ހެދުންތަ؟

"އަޅުގަނޑު އިސްކަން ދެނީ މޭކަޕަށް ވުރެން ހެދުމަށް."

3- މޭކަޕާއި ހެދުން ޗޫޒްކުރާއިރު ކޮން ގޮތަކަށްތަ ވިސްނަނީ އަދި ލާނެ އެއްޗަކާއި އަޅާނެ މޭކަޕާ މެދު ގޮތެއް ނިންމަން އާންމުކޮށް ކިހާ ވަގުތެއް ނަގާތަ؟

"އެންމެ ފުރަތަަމަ ވެސް ލާނެ ހެދުމަކާ މެދު ވިސްނާފަ ގުޅަނީ އަޅުގަނޑުގެ ޑިޒައިނަރު ޝަމް އަށް. ޝަމްލާއާ ޑިސްކަސްކޮށްފަ، އެ ހަފުލާއަކާ އެންމެ ގުޅޭ ގޮތަކަށް ހެދުން އަޅަން މަސައްކަތްކުރަނީ."

ރާފިޔަތު ރަމީޒާ

4- އެ ހުރިހާ ކަމެއް ނިންމަނީ އަމިއްލަ އަށްތަ ނުވަތަ ޑިޒައިނަރާއި މޭކަޕް އާޓިސްޓުން ބުނާ ގޮތަށްތަ ހަދަނީ؟

"ޑިޒައިނަރު (ޝަމްލާ) އާ ޑިސްކަސްކޮށްފަ ބޮޑަށް އޭނަގެ ހިޔާލު ހުންނާނީ. ޑިޒައިނާއެއް ވީމަ ބޮޑަށް އެކަހަލަ ކަންކަމުގައި ދޫކޮށްލަނީ އޭނަ އަށް. ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތްކުރީމަ ޝަމް އަށް އެނގޭނެ ހަފުލާތަކަށް ދާން އަޅުގަނޑު ޑްރެސްއަޕްކުރާ ގޮތް ވެސް. މިހެން ބުންޏަސް ރާވީގެ އޮޕީނިއަން ވެސް ދެން. ޝަމް އަށް ވެސް އެނގޭނެ ރާފީ ބޭނުންވާ ގޮތް. މޭކަޕް އާންމުކޮށް ކުރާ ރިޒް އަށް ވެސް އެނގޭނެ ބޭނުންވާ ގޮތް."

5- އެހެން ފެޝަން ޑިޒައިނަރުންނާއި މޭކަޕް އާޓިސްޓުންގެ ފަރާތުން ރީތިކޮށްދިނުމުގެ ފުރުސަތު ލިބޭތަ؟

"އަދި ނުލިބޭ އެކަހަލަ ފުރުސަތުތަކެއް އެކުގައި މަސައްކަތްކޮށްލާކަށް. ހެދުން ޑިޒައިންކުރަން ވެސް މޭކަޕްކުރަން ވެސް ނެތް އެކަހަލަ ފުރުސަތެއް ލިބިފައި. އެކަމަކު ރިއްފަތު އާއި ނާޒިއާ އަކީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެ ޑިޒައިނަރުން. އެއީ އެމީހުންގެ ހެދުންތައް ވެސް ވަރަށް ޑީސެންޓްކޮށް ހުންނަނީ. ކޮންމެ މީހަކު ފެހިޔަސް ޑީސެންޓްކޮށް ހުންނަ ނަމަ އަޅުގަނޑަށް ވަރަށް ކަމުދޭ."

6- ރެޑްކާޕެޓަށް ބޭނުންވާ ހެދުން ޑިޒައިންކޮށް ފަހައި ތައްޔާރުކުރަން އާންމުކޮށް ކިހާ ދުވަހެއް ނަގާތަ؟ އެގޮތަށް އެންމެ ގިނަ ދުވަސް ނެގި ހެދުމާއި އެންމެ އަވަހަށް ނިމުނު ހެދުމަކީ ކޮބާ؟

"މިސާލަކަށް މާދަމާ އޮންނަ އިވެންޓަކަށް މިއަދު ގުޅިޔަސް ބަރާބަރު ގަޑިއަށް ހެދުން ތައްޔާރުކުރެވޭ. މިހާތަނަށް އަބަދުވެސް ގަޑިއަށް ހެދުން ނިމިގެން ލިބޭ. އެއް ދުވަސް ދެ ދުވަސް ކުރިން ވެސް ލިބިފައި އެބަހުރި."

7- މަޝްހޫރު މީހަކަށް ވީމަ އިވެންޓްތަކަށް ދާން ތައްޔާރުވާއިރު ވަރަށް ފަސޭހަދޯ އެހެންވީމަ؟

"ކޮންމެވެސް ވަރަކަށް ފީލްވޭ."

8- ބޯހަދައި މޭކަޕްކުރަން ކިހާ ވަގުތެއް ނަގާތަ؟

"މޭކަޕަށް ދަނީ އިވެންޓަށް ދާން އޮންނަ ގަޑީގެ ވަން އެންޑް ހާފް އަވާސް ކުރިން. އަޅުގަނޑަކީ ހެއާ އަށް ވެސް މާ ބޮޑެތި ގޮތްތަކެއް ހަދާ މީހެއް ނޫންވީމަ ހެއާ އަށް ވެސް އާންމުކޮށް އެއްގަޑިއިރު ދާނީ."

9- ރެޑްކާޕެޓް ހަފުލާ އަށް ދިއުމުގެ ކުރިން އެ ދުވަހު އުޅޭ ގޮތް ނުވަތަ އުޅެން ޖެހޭ ގޮތް ކިޔައިދީބަލަ؟

"ލައިވް ޕާފޯމަންސެއް ދޭން ޖެހޭ ހަފުލާއެއް ނަމަ ވީހާ ވެސް ބޮޑަކަށް އަޑަށް ރެސްޓް ދެވޭތޯ ބަލަނީ. ލައިވް ޕާފޯމަންސެއް ނަމަ އިވެންޓްގައި ލާނެ ހެދުން ވެސް އެއް ދުވަސް ކުރިން ނިންމާ ތައްޔާރުވަން. ވަރަށް ރިލެކްސްކޮށް އުޅެލަން ބޭނުންވަނީ ޕާފޯމްކުރަން ޖެހޭ ދުވަހު."

10- އެންމެފަހުން ރެޑްކާޕެޓް ހަފުލާ އަށް ނުކުމެވި އެންމެންގެ ކުރިމަތީގައި ހިނގާލެވުނީމަ އެކުރެވޭ އިހްސާސް ބުނެދީބަލަ؟

"މިހާތަނަށް އެކަހަލަ ހުރިހާ އިވެންޓްތަކަކުން ވެސް ލިބިފައި ހުރީ ވަރަށް ޕޮޒިޓިވް ކޮމެންޓްސް. އެންމެ ފުރަތަމަ ވެސް ކޮމެންޓްސް ލިބޭނީ ހެދުމަށް. ހެދުން ޑީސެންޓް ކަމަށް ބުނާ ކޮމެންޓްސްތައް ލިބޭނީ ފުރަތަމަ ވެސް. އެއީ ވަރަށް އުފާވާ ކަމެއް. ހަފުލާ އަށް ރީތިވެގެންދާއިރު ވެސް އަޅުގަނޑަށް އޮވޭ ޔަގީންކަން ނެގެޓިވް ކޮމެންޓްސް ނާންނާނެކަމުގެ."

ރާފިޔަތު ރަމީޒާ

11- ހަފުލާތަކަށް ބޭނުންކުރާ ވޯޑްރޯބަށް ހަދަނީ ކިހިނެތް ހަފުލާ އަށް ފަހު؟

"ހަފުލާ އަށް ދާން ބޭނުންކުރާ ވޯޑްރޯބް އެ ހަފުލާއެއް ނިމުނީމަ ޑްރައިކްލީންކޮށްފައި ވަރަށް ރީއްޗަށް ޕެކްކޮށްފައި މިހާތަނަށް ހުރިހާ ހެދުމެއް ވެސް ހުންނާނެ ބަހައްޓާފައި އަދި ހަމަ. މިހާރު ވަރަށް ބައިވަރު ވެސް ވެއްޖެ، ތަންކޮޅެއް އުނދަގޫ ވެސް މެ ގެންގުޅެން ވެސް. އެކަމަކު ހުންނާނެ އެ އެއްޗެހިތައް ރީއްޗަށް ބަހައްޓާފައި. ވަރަށް ގިނަ މީހުން އަހާ ވިއްކަން ވެސް. އެކަމަކު ވެސް އަޅުގަނޑު ބޭނުންވަނީ ބަހައްޓަން އަދި. ބޮޑެތި އިވެންޓްތަކުގައި ބޭނުންކުރި ހެދުންތަކާ އެކު ގާތްގަނޑަކަށް 50-60 ހެދުން އޮންނާނެ ހެން ހީވަނީ. ބޮޑު ދެ ފޮށި ފުރެން ދެން އެބަހުރި ހެދުންތައް. ބައެއް ހެދުންތައް ހުންނާނެ ފެމިލީގެ އެހެން ކުދިން ހަފުލާތަކަށް ދާން ގެންގޮސްފައި ވެސް."

12- ހަފުލާއަކަށް ގޮސް ގެން އުޅެނިކޮށް ދިމާވި އެންމެ ލަދުގަތް ކަމަކީ ކޮބައިތަ؟

"މިހާރު ދެން ވަރަށް ދިމާނުވޭ. އެކަމަކު ކުރީގައި ނަމަ ލައިވް ޝޯތަކުގައި ވެސް ލިޕްސިންކްކުރޭ. މިހާރު ހުރިހާ ހަފުލާތަކެއްގައި ވެސް ލައިވްކޮށް ހުށަހަޅައިދޭނީ. ކުރިން އެގޮތަށް ލިޕްސިންކްކުރާއިރު ލަވައާ އަނގަ ދިމާނުވެ ހިނގައިދާނެ ކަހަލަ ކަމެއް ވެދާނެތީ ވަރަށް ވިސްނައިގެން ހުންނަން ޖެހެނީ. އެކަހަލަ އިވެންޓްތައް އޭރުގަ ކުޑަކޮށް އަންކޮމްފޮޓަބަލް. އެބަހުރި އަނގައާ ލަވަކިޔުމާ ދިމާނުވެފައި ވެސް."

Popular