16 Apr 2018

އަދާރަން ޓޮޕް މޮޑަލް މޯލްޑިވްސްގެ ގަދަ 10 ހޮވައިފި

އަދާރަން ޓޮޕް މޮޑަލް މޯލްޑިވްސްގެ ގަދަ 10 ހޮވައިފި

ހީ އެންޑް ޝީ އިން ބާއްވާ، އަދާރަން ޓޮޕް މޮޑަލް މޯލްޑިވްސް 2018ގެ ގަދަ 10 ރޭ ހޮވައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެލިމިނޭޝަން ރައުންޑްގައި މުބާރާތުގެ 18 ބައިވެރިންގެ ތެރެއިން އެންމެ މޮޅު 10ގެ ގޮތުގައި ޖަޖުން ކަނޑައެޅީ ދީނާ އަބޫބަކުރު، ނަދުހާ އާމިރު، މަރިޔަމް މަލްސާ ހަސަން، ހަނާން މުހައްމަދު ރަޝީދު، ބުނާނަތު ޔޫސުފް، ފާތުމަތު މިރުޝާ، އައިމިނަތު ސައިނާ، ފާތުމަތު ޖަމްޝީދާ ޖަމްޝީދް، ހަދީޖަތު ޝަފީގާ އަދި ހައްވާ އިނާޝާ ގައްޔޫމެވެ.

އަދާރަން ޓޮޕް މޮޑަލް މޯލްޑިވްސްގެ އެލިމިނޭޝަން ރައުންޑު

މާކްސް ދީ ޖަޖުކޮށްފައި ވަނީ ޓޮޕް މޮޑަލް މޯލްޑިވްސްގެ ނެޝަނަލް ޑައިރެކްޓާ ހަނީފާ ހިލްމީ، އޮކްޓޯ ކުންފުނީގެ ޑައިރެކްޓަރު އަދި ފޮޓޯގްރަފަރު އިބްރާހިމް އިޝާން، ރަންވޭ ކޮރިއޮގްރަފަރު ޒިޔާދާ އިސްމާއިލް އަދި ކޮރިއޮގްރަފަރު ހައްޖަ ޝަރީފެވެ.

އެލިމިނޭޝަން ރައުންޑުގެ ކެޓްވޯކްތައް ބަލައިލުމަށް މުބާރާތުގެ ފިޓްނަސް ޕާޓްނާ ޓީ އެފް ޖީ، ޓްރެވަލް ޕާޓްނާ މޯލްޑިވްސް އިންސައިޑާ އަދި މީޑިއާ ޕާޓްނާ "ދޯ" އާ އެކީ މިދިޔަ އަހަރުގެ ޓޮޕް މޮޑަލް އޮފް ދަ ވޯލްޑްގެ ފުރަތަމަ ރަނާރަޕް ވެސް ބައިވެރިވެފައިވެ އެވެ.

ރޭ ހޮވި 10 ބައިވެރިންގެ ތެރެއިން އެއް ވަނަ އަށް ދާ ބައިވެރިޔާ މި މަހުގެ 18 ވަނަ ދުވަހު އަދާރަން ހުދުރަންފުށީގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ފެޝަން

Popular