12 Aug 2019

By: Nurah Rasheed

ރާއްޖެ އަށް އުފަން އައިމިނަތު ސަނާ އަޒީމް (ސަނީ) ގެ ފޮޓޯއެއް އެމެރިކާގެ ލަގްޒަރީ ޑިޕާޓްމަންޓް ސްޓޯރު ބްރޭންޑެއް ކަމަށްވާ ނޯޑްސްޓްރޯމްގެ ފޯލް ކަލެކްޝަންގެ އިސްތިހާރުތަކުގައި ބޭނުންކޮށް އޭނާގެ ފޮޓޯއެއް ނިއު ޔޯކްގެ މެންހެޓަންގެ ބިލްބޯޑެއްގައި އަލިގަދަކޮށް ދިއްލާލައިފި އެވެ.

އުމުރުން 20 އަހަރުގެ ސަނީ ދިރިއުޅެނީ އޭނާގެ ދިވެހި މަންމަ އާއި ޖެމެއިކަން އެމެރިކަން ބައްޕަޔާ އެކު ބްރޫކްލިންގަ އެވެ.

ސަނީ އޭނާގެ ބިޒީ ޝެޑިއުލުން ވަގުތުކޮޅެއް "ދޯ" އަށް ހުސްކޮށްލައި ވަޓްސްއެޕް މެދުވެރިކޮށް ކުޑަކޮށް ވާހަކަ ދައްކައިލި އެވެ.

ނޯޑްސްޓްރޮމް ފޯލް 2019 ކެމްޕެއިންގައި ސަނީ

އުުމުރުން އެންމެ ހަތް އަހަރުގައި މޮޑަލްކުރަން ފެށި ސަނީގެ މަސަތްކަތްތައް އިންޓަނޭޝަނަލް އެކި ބްރޭންޑުތަކުން ވެސް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ގޫރިން ބްރޯޒް، ޖީކިއު މެގަޒިން، ދަ ފޭޑާ މެގަޒިން، ސްޓްރީޓް ސްޓައިލް ބްރޭންޑެއް ކަމަށްވާ އެކްސް ލާޖް އަދި ޔޫރަޕުގައި ހިންގި ކޮކާކޯލާ ކެންޕެއިނެއް ވެސް ހިމެނެ އެވެ.

ސަނީ ކޮކާކޯލާ އިސްތިހާރެއްގައި

ސަނީގެ މަސަތްކަތްތައް މި އިންޑަސްޓްރީގައި ވިދަމުން އައި ނަމަވެސް މޮޑަލްކުރުމަކީ އޭނާ އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން ހުސްވަގުތުތަކުގައި ކުރާކަމެކެވެ.

"އަހަންނަކީ ފުލް ޓައިމް މޮޑަލް އެއް ނޫން. މަސަތްކަތްތައް އަންނަ ގޮތުން އިތުރު ފައިސާ ހޯދުމަށް ކުރަނީ. އަސްލު ބޭނުމީ ފިލުމު ހަދާ މީހަކަށް ވާން، ސަޕްރައިސިންގްލީ ކެމެރާގެ ފުރަަގަހުގަ މަސަތްކަތްކުރުން އެއީ ހުވަފެނަކީ. މި ރޮނގުން ކުރިއަށް ދާން ދަސްކުރުމުގެ ބޭނުމުގަ މި ސްޕްރިންގް ގައި ފިލްމް ސްކޫލަށް ދާނަން. މޮޑަލް ކުރުމާއި އަހަރެންގެ އާޓް ކަންތައްތަކުގައި މަސަތްކަތްކުރުމުގެ އިތުރުން މި ވަގުތު މިދަނީ މެންހެޓަންގެ ރެސްޓޯރެންޓެއްގައި ހޮސްޓެސްއެއްގެ މަގާމު ވެސް އަދާކުރަމުން،" ސަނީ "ދޯ" އަށް ކިޔައިދިނެވެ.

ސަނީ ޖީ ކިއު މެގަޒިންގައި

އިންޓަނޭޝަނަލް ބްރޭންޑުތަކުގައި މަސަތްކަތްކުރި ނަމަވެސް ރާއްޖޭގައި ސަނީ މީގެ ކުރިން ވަނީ ޓޮޑީ އަދި ނަދާ ސެލޫންގެ ބައެއް ފޮޓޯތަކުގައި ވެސް މޮޑަލް ކޮށްފައެވެ.

ފިލްމު އުފެއްދުމަށް ހުރި ޝައުގުވެރިކަމާ އެކު އޭނާ ހުރީ ރާއްޖޭގައި ފިލްމެއް ހެދުމުގެ ވެސް އުންމީދުގަ އެވެ.

Popular