16 Nov 2019

By: Aishath Maaha

ރެޑްކާޕެޓް ކޮންމެ ހަފުލާއަކީ ވެސް ފިލްމީ ތަރިންނަށް އީދެކެވެ. ރީތި ހެދުންތަކާއި ނަލަ މޭކަޕްތައް ދައްކާލަ އެވެ. ރޭ ބޭއްވި ފިލްމް އެވޯޑް ހަފުލާގައި ވެސް ރީތި ހެދުންތަކެއް ފެނުނެވެ.

މި ގެނެސްދެނީ ރޭގެ ހަފުލާއިން އަހަރެމެންނަށް އެންމެ ކަމުދިޔަ ހަތް އައުޓްފިޓެވެ.

ނިއުމާ މުހައްމަދު

ބަތަލާ ނިއުމާ މުހައްމަދު ރެޑް ކާޕެޓްގައި. .-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިކަހަލަ ކޮންމެ ހަފްލާއެއްގައި ވެސް އެންމެ ސިމްޕަލް އަދި އެންމެ ރީތި ހެދުމެއް ދައްކާލައި ތަރިއަކަށް ނިއުމާ ވާނެ އެވެ. ރޭ ވެސް ނިއުމާ ފެނުނީ އެކަހަލަ ސިމްޕަލް ލުކެެއްގަ އެވެ. ރަތް ކުލައިގެ ޖަމްޕްސޫޓެއް ބޭނުންކޮށްފައި ހުރިއިރު ސޫޓެއް ގޮތަށް ހެެދުމުގެ ކަރު އަދި އަތް ފަހައި، ތިރިއަށް ފަހަތުން އެ ކުލައިގެ ފޮތިގަނޑެއް ދޫކޮށްލައިފައި އޮތެވެ.

އައިޝަތު ރިޝްމީ

ޝަރަފްވެރި އެވޯޑްތައް ހޯދި ރިޝްމީ ރޭގެ ހަފުލާގައި. .-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރޭގެ އެވޯޑް ހަފްލާއަށްފަހު އެންމެ އުފަލުން ގެއަށް ދިޔަ ތަރިއަކަށް ހަމަގައިމު ވެސް ރިޝްމީ ވާނެ އެވެ. ރިޝްމީ ލައިގެން ހުރީ ކަޅު ކުލައިގެ ދިގު އިވްނިންގް ޑްރެސް އެކެވެ. ހެދުމުގެ އެއް އަތް ކުރުކޮށް ހުރި އިރު އަނެއް އަތް އޮތީ ދިގުކޮށްފަ އެވެ. އަދި އެ އަތް ބޮޑަށް ސިފަވަނީ އެއް ފަރާތުން ގެނެސް ކޮނޑުމަތިން ދޫކޮށްލާފައި އޮތް ސާޅި އަކާ އެވެ. އެ ބަޔާއެކު ހެދުމުގެ އެއް ފަރާތުން އޮތީ ރަން ކުލައިން ޒީނަތްތެރިކޮށްލާފަ އެވެ. ކޮށްފައިވާ ސިމްޕަލް މޭކަޕް ހެދުމާއި ގުޅެ އެވެ.

މަރިޔަމް އައްޒަ

މަރިޔަމް އައްޒަ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އައްޒަ ވެސް ހުރީ ކަޅު ކުލައިގެ ހެދުމެއްގަ އެވެ. މި ފަހުން ބާއްވާ ރެޑްކާޕެޓް ހަފްލާތަކުގައި ވެސް އައްޒަ ދައްކަމުން އަންނަނީ ކުރިއާ ހިލާފަށް ސިމްޕަލް ހެދުންތަކެކެވެ. ރޭ ވެސް އައްޒަ ވެސް ހުރީ ޖަމްޕްސޫޓެއްގަ އެވެ. ހެދުމުގެ މޭމަތި ސިލްވާ ކުލައިން ޒީނަތްތެރިކޮށްފައި ހުރި އިރު އުނަގަނޑުން ބެލްޓެއް ބޭނުންކޮށްފަ އެވެ. އަދި ފަހަތުން ބައެއް ދޫކޮށްލާފައި އޮތެވެ.

ޝީލާ ނަޖީބް

ފިލްމު އެވޯޑު ހަފުލާގައި ޝީލާ އޭނާގެ ފިރިމީހާ މަނިކާ އެކު. .--- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޝީލާ ރޭ ފެނިގެން ދިޔައީ ނޫ ކުލައިގެ އިވްނިން ޑްރެސްއެއްގަ އެވެ. ދިގުކޮށް ހުރި އެ ހެދުމުގެ މަތިން ލޭސް ފޮއްޗެއް ބޭނުންކޮށްފަ ހުރިއިރު ހެދުމުގެ އަތާއި މޭމައްޗަށްވުރެ މަތި ހުރީ ހަމައެކަނި އެ ފޮތިންނެވެ. އެ ހެދުން ވަރަށް ސިމްޕަލްވެފަ ރީއްޗެވެ.

ޒީނަތު އައްބާސް

ޒީނަތު (ވ) ނިއުމައާ އެކު. .-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވަޅު ފެހި ކުލައިން ޒީނަތު ވެސް ރޭ ދައްކާލީ ޖަމްޕްސޫޓެކެވެ. އެއް އަތް ދިގުކޮށް ހުރިއިރު ފަހަތުން ބައެއް ދޫކޮށްލައިފައި އޮތެވެ. މާގިނަ ގަހަނާއެއް ބޭނުންކޮށްފައި ނެތްއިރު ކޮށްފައިވާ މޭކަޕް ސިމްޕަލް އެވެ.

ރަވީ ފާރޫގް

ރަވީ އާއި އަންހެނުން ރިޝްމީ. .-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރަވީ ހުރީސޫޓްގަ އެވެ. ކަޅު ކުލައިގެ ސޫޓާއެކު ބޭނުންކޮށްފައިވާ ހުދު ގަމީހާއި ބޯ ޓައީ މިކަހަލަ ހަފްލާއަކާއި ވަރަށް ގުޅެ އެވެ.

މަރިޔަމް އަޝްފާ

މިފަހުން އަޝްފާ ވެސް ދައްކަމުން އަންނަނީ ސިމްޕަލް ހެދުންތަކެކެވެ. ރޭގެ ހަފްލާގައި އަޝްފާ ފެނިގެން ދިޔައީ އޮރެންޖް ކުލައިގެ ހެދުމެއްގަ އެވެ. ހެދުމުގެ ކުރިމަތިން ކުރުކޮށް ހުރިއިރު ފަހަތުން އޮތީ ދިގުކޮށް ދޫކޮށްލާފަ އެވެ. އިސްތަށިގަނޑު މައްޗަށް އައްސާފައި އޮތްއިރު ކޮށްފައިވާ މޭކަޕް ސިމްޕަލް އެވެ.

ގައުމީ ފިލްމް އެވޯޑްސް ފެޝަން

Popular