3 Dec 2019

By: Aishath Maaha

ބޭރުގެ ފެޝަން ޝޯތަކުގައި ދިވެހި ޑިޒައިނަރުންގެ ވިދުން އަންނަނީ ގަދަކުރަމުންނެވެ. ބައިވެރިވާ ކޮންމެ މިފަދަ އިވެންޓަކުން ރާއްޖެ އަށް ރީތި ނަން ހޯދައިދެމުންނެވެ. މިދިޔަ މަހު ތައިލެންޑްގެ ބެންކޮކްގައި މިދިޔަ މަހު 18 އިން 21 އަށް އޮތް ތައި ސިލްކް ރޫޓް ޓު ދި ވޯލްޑް 2019ގައި ޑިޒައިނަރު އާސިޔަތު ޝިމްލާ ވަނީ މޮޑަނައިޒް ދިވެހި ހެދުންތަކެއް ދައްކައިލައި ބޭރު ދުނިޔޭގައި މަގުބޫލުކަން ހޯދައިފަ އެވެ.

ޝިމްލާގެ ތިން ޑިޒައިނެއް މި ފެޝަން ވީކްގައި ދައްކާލިއިރު އެ ތިން ހެދުން ވެސް ޑިޒައިންކޮށްފައިވަނީ ދިވެހި ސަގާފީ ހެދުން މޮޑިފައިކޮށްގެންނެވެ. މި ފެޝަން ވީކުގައި 71 ގައުމަކުން ޑިޒައިނަރުން ބައިވެރިވި އެވެ. ޝިމްލާގެ އިތުރުން އެހެން ދިވެހި ޑިޒައިނަރަކަށް ވެސް މި ފެޝަން ވީކުން ފުުރުސަތު ލިބުނެވެ.

"އެއް ދުވަހަކު ގެޒެޓުން ފެނުނީ އިއުލާނެއް. ދެން އަޅުގަނޑު އަމިއްލަ އަށް އެމްއެމްޕީއާރްސީއަށް ޕްރޮފައިލާއެއްޗެހި އެޕްލައިކޮށްގެން ލިބުނު ފުރުސަތެއް މިއީ، ފެހުމުގެ އެއްޗަކަށް ވީމަ ހިތަށް އެރީ މިކަމުން ވެސް ކުރިއެރުމެއް ލިބޭނޭ އެހެންވެ ބައިވެރިވީ،" މި ފުރުސަތު ލިބުނު ގޮތް ޝިމްލާ ކިޔައިދިނެވެ.

ތައި ސިލްކް ރޯޑް ޓު ދި ވޯލްޑުގައި ޝިމްލާ ދައްކާލި ޑިޒައިނެއް

މިއީ ތައި ސިލްކް ސެލެބްރޭޝަނަކަށް ވާތީ ހުރިހާ ހެދުމެއް ވެސް ފަހާފައިވަނީ ތައިލެންޑުން ފޮނުވި ސިލްކު ފޮތިންނެވެ. ޝިމްލާ ތައްޔާރުކުރި ތިން ހެދުމަކީ ހަފްތާއެއްހާ ދުވަހުގެ މަސައްކަތެވެ.

"އެ މީހުން ފޮނުވަނީ ކެޓަލޮގެއް މެޓީރިލިއަލާ އެއްޗެހީގެ. ދެން އެއިން އަޅުގަނޑުމެން ސެލެކްޓް ކުރީމަ ފޮނުވީ ބޭނުންވާ ފޮތި. ވަރަށް އަގުބޮޑު ފޮއްޗެއް އެއީ، ހޭންޑް މޭޑް ސިލްކް، މި ފެޝަންވީކަށް ވަކި ހާއްސަ ތީމެއް ނުދޭ. ބޭނުން ހެދުމެއް ހެދޭ އެކަމަކު އަޅުގަނޑު ރާއްޖެ ތަމްސީލުކުރާތީ ހިތަށް އެރީ ދިވެހިވަންތަކޮށްލިއްޔާ އޭ ރަނގަޅުވާނީ ދެން އެހެން ގައުމުތަކާއި ތަފާތު ވާނީ ހެދުންތައް ވެސް، މިފަހަރު ހެދުންތައް މިހިރީ ދިވެހި މޮޑަނައިޒް. ކަސަބު ލިބާސް އިން އިންސްޕަޔާ ވެގެން،" ޝިމްލާގެ އެ ހެދުންތައް ފެޝަން ވީކުގައި މަގުބޫލުވި އެވެ. ދިވެހި ހެދުންތަކެއް ތަފާތު ގޮތަކަށް ގެނެސްދީފައި ހުރުމުން ބޭރުގެ ޑިޒައިނަރުންގެ މެދުގައި ވެސް މަގުބޫލުވި އެވެ. ޝިމްލާގެ ދެ ހެދުން މި ފެޝަން ވީކް އޯގަނައިޒް ކުރި ފަރާތަށް ވެސް ނެގި އެވެ. އެކިއެކި ތައި ފަންކްޝަންތަކުގައި ޝޯކޭސް ކުރުމަށެވެ. ތިން ވަނަ ހދުން ނެގީ އަނެއް ދިވެހި ޑިޒައިނަރުގެ އަތުންނެވެ.

ތައި ސިލްކް ރޯޑް ޓު ދި ވޯލްޑުގައި ޝިމްލާ ދައްކާލި ޑިޒައިނެއް

"ވަރަށް ބައިވަރު ވަރަށް މޮޅު ހައި ކްލާސް ޑިޒައިނަރުންނާ ބައްދަލުވި މި ފަހަރު، ވަރަށް ވަރަށް ތަފާތު އެކްސްޕީރިއަންސެއް މިއީ،"

މިއީ ބޭރުގެ ފެޝަން ޝޯއެއް ނުވަތަ ފެޝަން ވީކެއްގައި ޝިމްލާ ބައިވެރިވެ އޭނަގެ ޑިޒައިންތައް ދައްކާލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2007 ވަނަ އަހަރު އިންޑިއާގެ ދިއްލީގައި ބޭއްވި ސާކް ފެޝަން ޝޯއެއްގައި ވެސް ބައިވެރިވި އެވެ. އެފަހަރު ދައްކާލީ ކަސަބު ބޯވަޅު އެޅި ހެދުންތަކެކެވެ. އަދި 2002 ވަަނ އަހަރު ފްރާންސްގައި އޮތް ޗެރިޓީ ޝޯއެއްގައި އަދި 2005 ވަނަ އަހަރު ޓްރިވެންޑްރަމްގައި އޮތް ފެޝަން ޝޯއެއްގައި ވެސް ޝިމްލާގެ ޑިޒައިންތަކެއް ދައްކާލި އެވެ.

ފެހުމާއި ޑިޒައިންގައި 34 އަހަރު

ފެހުމާއި ޑިޒައިނިންގައި ޝިމްލާގެ ތަޖުރިބާ ގިނަ އެވެ. މަންމަގެ ގާތުން ފަހަން ދަސްކޮށް މަންމަ ފަރާތުން އިންސްޕަޔާވެގެން މި މަސައްކަތުގައި މެދުނުކެނޑި ހޭދަކުރާތާ 34 އަހަރު ވެއްޖެ އެވެ. ދިގު ހެދުން ނޫނީ އަންހެން ކުދިންގެ ހުރިހާ ހެދުމެއް ފަހަ އެވެ.

ތައި ސިލްކް ރޯޑް ޓު ދި ވޯލްޑުގައި ޝިމްލާ ދައްކާލި ޑިޒައިނެއް

މާލޭގައި އެންމެ ފުރަތަމަ އަންހެނުންގެ ފަހާތަނެއް ވެސް ހުޅުވީ ޝިމްލާގެ މަންމަ އެވެ.

"ކުރީގައި ފަހަން ސްކޫލް ޔުނީފޯމް ވެސް. މިހާރު އެކަމު ޔުނީފޯމް އޯޑަރެއް ނުނަގަން. އެއީ މިހާރު ފަހާތަނެއް ނުހުންނާނެ. ޕާޓީ ޑްރެސް، ވެޑިން ޑްރެސް ކަހަލަ ހެދުން ފަހަން، އަނެއްހެން ހުރިހާ ކަހަލަ ހެދުމެއް ވެސް ފަހަން،"

މިދިޔަ 34 އަހަރުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަން ޝިމްލާ ކުރި މަސައްކަތަކީ ފެހުމެވެ. އެކަމަކު އެހެނިހެން ވަޒީފާތައް ވެސް ކޮންމެވެސް އަދާކުރި އެވެ.

ފެޝަން

Popular