23 Jul 2021

ބޮލުގައި ޖައްސަންވީ ރީތި ކުލައެއް ނޫން، ހަމާ ގުޅޭ ކުލައެއް

ކިތަންމެ ރީތި ކުލައެއް އިސްތަށިގަނޑުގައި ޖައްސައިގެން ނުކުތަސް ގައިގެ ހަމުގެ ކުލަޔާ ނުގުޅޭ ނަމަ ކުރެވުނު ކަންތަކާ މެދު މޮޔަ ހީވާންޖެހުން ވަރަށް ގާތްވާނެ އެވެ. އިސްތަށިގަނޑުގެ ކުލަޔާއި ހަމުގެ ކުލަ ގުޅޭ ނަމަ މުޅި މީހާގެ ލުކް މާ ފުރިހަމަ ވާނެ އެވެ. ގިނަ ފަހަރު ވާ ގޮތަކީ، ކުލަ ރީތިވެގެން އިތުރަށް ވިސްނާ ނުލައި ޖައްސައި ނިންމާލަނީ އެވެ. މިއަދު މި ގެނެސްދެނީ އަހަރުމެން ދިވެހިންގެ މި ކިޔާ 'ބްރައުން ސްކިން' އާ ގުޅޭނެ ކަހަލަ ކުލަތަކުގެ ލިސްޓެކެވެ.

ކޮޕާ ކުލަ

ރަތް ކުލަޔަކީ އިސްތަށިގަނޑުގައި ޖައްސަން ނިކަން ގިނަ މީހުން ގަޔާވާ ކުލައެކެވެ. ރަތް ކުލައިގެ ޝޭޑަކަށް ދާނަމަ ކޮޕާ ރެެޑް ޝޭޑަށް އިސްކަންދޭށެވެ. ހަމުގެ ކުލަ އަނދިރި ނަމަ ދިއްލިފައި ހުންނަ ޝޭޑެއްގެ ރަތަކަށް ވުރެއް ބޮޑަށް ކޮޕާ ކުލައެއް ޖެއްސުމުން މާ ނެޗުރަލް ލުކް އެއް އަންނާނެ އެވެ.

ކެރެމަލް ބްރައުން

މިއީ ދެތިން އަހަރު ޒުވާންކޮށްލައިދޭ ޖާދުވީ ކުލައެއްގެ ގޮތުގައި ހެއާސްޓައިލިސްޓުން ފާހަގަކުރާ ކުލައެކެވެ. ހާއްސަކޮށް އަހަރުމެން ދިވެހިންގެ މި ހުންނަ ހަމުގެ މުށި ކުލަޔާ އެންމެ ގުޅޭ އެއް ކުލައެވެ.

ނޫކުލަ

ބޯލްޑް ގޮތަކަށް ހުންނަން ބޭނުންވާ މީހުންނަށް މިކުލަ ކަމުދާނެކަން ޔަގީނެވެ. އެކަމު މި ކުލަ ޖައްސާ ނަމަ އަންޑާޓޯންގެ ރޯލު ވަރަށް ބޮޑެވެ. ރަންކުލައިގެން އަންޑާޓޯންއެއް ހުރި ނަމަ ވޯމް ނޫކުލައެއް ޖައްސާށެވެ. ހަމަ އެގޮތަށް ކޫލް އަންޑާޓޯނެއް ހުރި ނަމަ އަޅިފާޑަށް ހުންނަ ނޫކުލައަކަށް ދާށެވެ.

ވަޔޮލެޓް

އާންމުކޮށް މިއުޅޭ ކުލަތަކާ ދުރަށް ޖެހިލަން ވިސްނާ ނަމަ ވައިލެޓް ކުލަ އަކީ ފެޝަން ކުލަތަކުގެ ތެރެއިން 'ބްރައުން ސްކިން' ގެ މީހުންނާ އެންމެ ގުޅޭ އެއް ކުލައެވެ. ބޯލްޑް ލުކް އަކަށް ދާން ބޭނުން ނަމަ އިތުރުވިސްނުމަކަށް ނުވިސްނާ މި ކުލަ ޓްރައިކޮށްލާށެވެ.

އައިސީ ބްލޮންޑު

ބްލޮންޑުގެ ވެސް އައިސީ ބްލޮންޑު ޓޯންއާ މެދު މުޅިން ހިޔާލު ބަދަލުވެފައި ވަނީ 92 ވަނަ އެކެޑެމީ އެވޯޑުގެ ހަފްލާގައި ސިންތިއާ އެރީވޯގެ ހެއާސްޓައިލް ފެނިފަ އެވެ. މި ކުލަޖައްސާކަށް ކޮންމެހެން މާދިގު އިސްތަށިގަނޑެއް ވެސް ބޭނުންނުވާކަން އަދި ހަމުގެ ކުލަ ކަޅު މީހުންނާ މިކުލަޔާ ގުޅޭވަރު އޭނަ ވަނީ ސާބިތުކޮށްދީފަ އެވެ.

Popular