20 Mar 2022

އެންޓަރެކްޓުން ކުޑަކުދިންގެ ވާހަކަ ޒަމާނީކޮށް!

By: Ahmed Jaishan

ކުޑަކުދިންނަށް ކިޔައިދެމުން އައި ވާހަކަތައް އައީ ޒަމާނާ އެއްގޮތަށް ބަދަލުވަމުންނެވެ. އެއް އިރަކު ކުޑަކުދިންނަށް ބިރު ދައްކައިގެން ނިންދަވަން ކިޔައިދިން ވާހަކަތަކުގެ ތީމުތައް ވެސް މިހާރު ބަދަލުވެއްޖެ އެވެ. ޒުވާނުންގެ ކުންފުންޏެއް ކަމަށްވާ "އެންޓަރެކްޓު" މަސައްކަތްކުރަނީ މިފަދަ ވާހަކަތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ޒަމާނީކޮށްލާށެވެ.

އެންޓަރެކްޓަކީ އާ ނަމަކަށް ވިޔަސް މި ކުންފުނީގައި ހިމެނޭ ޒުވާނުންނަކީ އާ ބަޔަކަށް ނުވެދާނެ އެވެ. ވީޑިއޯ ގޭމް އުފެއްދުމަށް ރާއްޖޭގައި ފުރަތަމަ އުފެއްދި ކުންފުނި އާސިލްސްގެ ޒުވާނުންނަކީ އެންޓަރެކްޓުގައި ވެސް ހިމެނޭ ޒުވާނުންނެވެ.

އާސިލްސް އާ ހިލާފަށް އެންޓަރެކްޓުގައި ކުރާ މަސައްކަތްތައް ތަފާތުވާނެ އެވެ. މި ކުންފުނިން ތައްޔާރުކުރާނީ އިންޓަރެކްޓިވް ޕްރޮޑަކްޓުތަކެވެ. އިންޓަރެކްޓިވް ޕްރޮޑަކްޓުތަކާ އެކު ވާހަކައެއް ކިޔާ ނަމަ އިތުރު ފައިދާތައް ވާނެ އެވެ. އޭގެތެރޭގައި އަމިއްލަ އަށް ވާހަކައިގެ ބައިތައް ފުރިހަމަކުރުން ފަދަ ކަންތައް ހިމެނެ އެވެ.

އެންޓަރެކްޓުން އުފަންވެގެން އަންނަ ފުރަތަމަ އުފެއްދުމަކީ "ކިޔަމާ" އެވެ. ކްރޮސް ޕްލެޓްފޯމުތަކަށް ހުޅުވާލައިގެން އުފައްދާ ކިޔަމާ އަކީ ވީހާ ވެސް އިމާސިވް ވެވޭނެ ވާހަކަތަކެއް ހިމެނޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުގައި ތަފާތު އިންޓަރެކްޓިވް ވާހަކަތައް ހިމެނޭނެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކިޔަމާ އެޕްލިކޭޝަންގެ ހުރިހާ ވާހަކައެއްގައި ވެސް ތަފާތު ވޮއިސް އޯވާތައް ހިމެނޭނެ އެވެ. ކުޑަކުދިންތައް ފޫހި ނުވެ ތަފާތު ވާހަކަތައް އަޑުއަހައި އެ ވާހަކަތަކުގައި ބައިވެރިވުމަށް ފުރުސަތު ވެސް މި އެޕްލިކޭޝަނުން ލިބޭނެ އެވެ.

އެންޓަރެކްޓުން ބުނަނީ އެޕްލިކޭޝަނުގައި ހިމެނޭ ކޮންމެ ވާހަކައެއްގައި ތަފާތު އެކި ކަހަލަ ހަރަކާތްތައް ހުންނާނެ ކަމަށެވެ. އޭގެތެރޭގައި އެއްޗެހި ހޯދުމާއި ޕަޒަލްތައް ފުރިހަމަ ކުރުމާއި އެކި ކަހަލަ އެއްޗެހި އެ ހުންނަން ޖެހޭ ތަނަށް ގެންދިޔުމަށް ހުންނާނެ އެވެ.

މިގޮތަށް އިންޓަރެކްޓިވް ވާހަކަތައް ހުންނަ ނަމަ ކުޑަކުދިންނަށް ވާހަކަތައް ފަސޭހައިން ދަސްވެ އެ ކިޔުމަށް އިތުރަށް ލޯބި އުފެދޭނެ އެވެ.

އާސިލްސްގެ ފައުންޑާ އަދި ސީއީއޯ ހުސެއިން ޝާފިއު ވިދާޅުވީ، "ކިޔަމާ" އަކީ ވަރަށް ކުރިން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވާކަމުގެ ކުލަތައް ކަމަށެވެ.

އާސިލްސް އެންމެ ފުރަތަމަ ފެށީ ވެސް ކުޑަކުދިންނަށް ހާއްސަ އެޕްލިކޭޝަނަކާއެކުގަ އެވެ. އެއަށް ފަހު މަލްޓިޕްލޭޔާ ގޭމެއް ނެރެ އޯޕެން ވޯލްޑް ގޭމެއް ނެރުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އެއަށްފަހު މިހާރު އެންޓަރެކްޓުން އާ ވާހަކަތަކެއް އުފައްދާއިރު ކުރިއަށް ވެސް ގިނަ ކަންތައްތަކެއް އޮތީ ރާވައިފަ އެވެ.

ކިޔަމާ އެޕްލިކޭޝަންގެ ބީޓާ އަށް ސައިން އަޕް ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފަ އެވެ. އަދި ސައިންއަޕް ކުރާ މީހުންނަށް މި މަހުގެ ފަހުކޮޅު އެޕްލިކޭޝަން ލިބޭނެ ކަމަށް އެންޓަރެކްޓް އިން ބުނެ އެވެ.

ޒުވާނުން

Popular