18 Aug 2017

އިންޓަނެޓް ސްލޯ ގައުމުތަކަށް ގޫގުލްގެ ހާއްސަ އެޕެއް

އިންޓަނެޓް ސްލޯ ގައުމުތަކަށް ގޫގުލްގެ ހާއްސަ އެޕެއް

By: Niumathullah Idhurees

އިންޓަނެޓް ސްލޯ ގައުމުތަކަށް ހާއްސަކޮށް، ގޫގުލް ސާޗްގެ ހާއްސަ އެޕެއް ހަދައި ޓެސްޓްކުރަން ފަށާފައިވާ ކަމަށް "އެންޑްރޮއިޑް ޕޮލިސް" އިން ބުނެފި އެވެ.

މި އެޕްލިކޭޝަން އަދި ލިބެނީ އިންޑޮނީޝިއާގެ ޕްލޭ ސްޓޯރުން އެކަންޏެވެ. ގޫގުލް އިން މިހާރު ބޭނުންކުރާ އެޕްލިކޭޝަންގައި ސާޗްކުރަން ފެށުމާ އެކު ފޮޓޯ އާއި އެނިމޭޝަންތައް ފަދަ އެއްޗެހި ދައްކަ އެވެ. އެކަމަކު ލައިޓް އެޕްގައި މި ހުރިހާ މަރުހަލާއެއް އުނިކޮށް، ސާޗް ރިޒަލްޓް ދައްކާނީ އައިކަންތަކުގެ ގްރިޑެއްގެ ގޮތުގަ އެވެ.

މިއީ ޑޭޓާ ވަރަށް މަދުން ބޭނުންވާނެ އެޕްލިކޭޝަނަކަށް ވާނެ ކަމަށް ބެލެވެ އެވެ. ކުޑަ ބޭންޑްވިޑްތެއްގައި ވަރަށް ސްލޯ ކަނެކްޝަނުގައި ވެސް ފުރިހަމަ މައުލޫމާތު ފަސޭހައިން ހޯދަން މި އެ އެޕްލިކޭޝަނުން އެހީވާނެ އެވެ.

ގޫގުލް އިން މީގެ ކުރިން ވަނީ ސްލޯ ކަނެކްޝަންތަކަށް ހާއްސަކޮށް، އެ ކުންފުނީގެ ޔޫޓިއުބްގެ ވާޝަނެއް ވެސް ހަދައިފަ އެވެ. އެއީ "ޔޫޓިއުބް ގޯ" އެވެ. މި އެޕްލިކޭޝަން މިދިޔަ އަހަރު އިންޑިއާގައި ޓެސްޓްކޮށްފައި ވާއިރު މި އަހަރު ފަހުކޮޅު މުޅި ދުނިޔެއަށް މި އެޕްލިކޭޝަން ޓެސްޓްކުރަން ދޫކުރަން ފަށާނެ އެވެ.

ސްލޯ އިންޓަނެޓަށް ހާއްސަކޮށް ގޫގުލް އިން އެ ކުންފުނީގެ އޯއެސް، އެންޑްރޮއިޑްގެ ވެސް ލައިޓް ވާޝަނެއް ހަދަން އުޅޭކަން މީގެ ކުރިން އިއުލާނުކޮށްފައިވެ އެވެ. އެއީ "އެންޑްރޮއިޑް ގޯ" އެވެ. މިއީ އިންޓަނެޓްގެ ބޭނުން ވީހާ ވެސް ގިނަ ބަޔަކަށް ހިފޭނެ ގޮތް ހެދުމަށް ގޫގުލް އިން ފަށާފައިވާ މަސައްކަތުގެ ބައެކެވެ.

ގޫގްލް އިންޓަނެޓް

Popular