19 Sep 2019

By: Ifraz Ali

ޕަބްޖީ އިންޓެނޭޝަނަލް ޓޯނަމެންޓެއްގައި ރާއްޖޭގެ ޓީމަކުން އިންޑިއާއާ ވާދަކޮށް މޮޅުވި ވާހަކަ ކުރިން ގެނެސްދިނީމެވެ. މިފަހަރު މިއޮތީ އެ ޓީމުގެ ފަހަތުގައި އޮތް އިލެކްޓްރޯނިކް އެންޓަޓެއިންމަންޓް ސްޕޯޓްސް ނުވަތަ އީޓޫއެސްގެ ވާހަކަ އެވެ. އިލެކްޓްރޯނިކް އެންޓަޓެއިންމަންޓަށް ހާއްސަކޮށް ރާއްޖޭގައި އުފެއްދި ފުރަތަމަ ކުންފުންޏެވެ.

އެމީހުން ފެށިގެން އައިގޮތް މި ކިޔައިދެނީ ކުންފުނީގެ ފައުންޑާ، އެންމެ 22 އަހަރުގެ ހުސެން ހަމީސް އަލީ އެވެ.

2018 ވަނަ އަހަރު ވިއެޓްނާމުގައި ބޭއްވި އޭޝިއަން ގޭމް ކޮލިފަޔާސްގައި ހަމީސް، މެސާގެ ޓީމާއި އެހެން ގައުމުތަކުގެ ޓީމާއެކު.-- ފޮޓޯ: މެސާ

ރާއްޖޭގެ އީސްޕޯޓްސް އަދި ގޭމިންގެ ދާއިރާގައި ވަރަށް ގިނަ ޓެލެންޓެޑް މީހުން އުޅޭތަން ފެނި، ހަމީސް މި ކުންފުނި އުފެއްދީ އެ މީހުނަށް އިތުރު ފުރަސަތުތައް ހޯދައިދިނުމަށެވެ. އީސްޕޯޓްސް އަދި ހާއްސަކޮށް އިލެކްޓްރޯނިކް އެންޓަޓެއިންމަންޓް ހިމެނޭ ގޮތަށް، މި ދެ ބަޔަށް ފުރުސަތުތައް ހޯދުމަށް ފަސޭހަކޮށްދިނުމަށެވެ.

އީސްޕޯޓްސް އެސޯސިއޭޝަނެއް (މެސާ) 2008 ވަނަ އަހަރު ރާއްޖޭގައި އުފައްދައި، އޭގެފަހުން އެ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ލިބެން ފެށި އެވެ. ވަރަށް ގިނަ ކާމިޔާބީތައް ވެސް ލިބުނެވެ. ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ވެސް ހޯދި އެވެ. ޒުވާނުންނަށް މިކަމުން އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ހިޔާލު ހަމީސް އަށް ފުރަތަމަ ލިބުނީ މި މަންޒަރު ފެނިގެންނެވެ.

"އެގޮތުގެ މަތިން ފުރަތަމަ ގުޅުނީ މެސާއާ. އެ ތަނާ ގުޅިގެން ފުރަތަމަ ބޭއްވީ ކޯލް އޮފް ޑިއުޓީ މުބާރާތްތަކެއް. އަދި ހަމައެއާއެކު 2015 އާއި 2018 އާ ހަމައަށް އެތައް ބައިވަރު މުބާރާތްތަކެއް ބޭއްވުނު މެސާއާ ގުޅިގެން،" ހަމީސް ބުނީ އެސޯސިއޭޝަނުންގެ ފަރާތުން ދެވެނީ ގައުމު ތަމްސީލުކުރާ މުބާރާތްތަކަށެވެ.

2018 ވަނަ އަހަރު ވިއެޓްނާމުގައި ބޭއްވި އޭޝިއަން ގޭމް ކޮލިފަޔާސްގައި ހަމީސް، މެސާގެ ޓީމާ އާއި އެހެން ގައުމުތަކުގެ ޓީމާއެކު.-- ފޮޓޯ: މެސާ

ކްލަބް ލެވެލްގައި ވެސް ބައިވަރު އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެވެން ހުރުމާއެކު ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ފެންވަރުގެ އީސްޕޯޓްސް ޓީމެއް ބައިވެރިކުރުމަށް، ހަމީސް އީޓޫއެސްގެ ޓީމެއް ހެދި އެވެ. އެ ޓީމަކީ ވީޑިއޯ ގޭމް 'ކޯލް އޮފް ޑިއުޓީ' ގެ ޓީމެކެވެ. ފަހުން އޭނާ ބޭނުންވީ އެ ޓީމު އިތުރަށް ބޮޑުކޮށްލާށެވެ.

އީޓޫއެސް ގޭމިން އުފެދުނީ އެ ހިސާބުންނެވެ. އެއަށް ފަހު އިތުރު ގޭމްތަކަށް ވެސް ޓީމްތައް ހޯދައިފި އެވެ. އެ ގޭމްތަކަކީ "ފީފާ" އަދި "ޕަބްޖީ" އެވެ.

މިހާރު އީޓޫއެސްގައި "ފީފާ" ގެ ދެ ޕްލޭޔާސް އެބަ ތިއްބެވެ. އަދި "ފަބްޖީ" އާއި "ކޯލް އޮފް ޑިއުޓީ" ގެ ދެ ޓީމު އެބަ އޮތެވެ. "ކޯލް އޮފް ޑިއުޓީ" ގެ ދެ ޓީމުގެ ތެރެއިން އެއް ޓީމުގައި ރާއްޖޭގެ ޕްލޭޔަރުންނާ އެކު ސައުތު އީސްޓް އޭޝިއާގެ ގައުމުތައް ކަމަށްވާ، ސިންގަފޯ، ފިލިޕިންސް އަދި މެލޭޝިއާގެ ޕްލޭޔަރުން ވެސް ހިމެނެ އެވެ. ދެ ވަނަ ޓީމުގައި އުޅެނީ މުޅިން ދިވެހިންނެވެ.

މި ހުރިހާ ގޭމެއްގެ ތެރެއިން ވެސް މިހާރު ދިވެހިންގެ މެދުގައި އެންމެ މަގުބޫލީ "ފަބްޖީ" އެވެ.

ކޯލް އޮފް ޑިއުޓީ ޓީމްގެ ޕްލޭޔާސް.-- ފޮޓޯ: އީޓޫއެސް

"ޕަބްޖީ ވާގޮތަކީ މިއީ ފޯނަށް އަޅާލައިގެން އެންމެނަށް ވެސް ކުޅެވޭ ގޭމެއް،" އެ ފަސޭހަ އޮތުމާއެކު މި ގޭމަށް އޮތް ތަރުހީބު ބޮޑީ ކަމަށް ހަމީސް ދެކެ އެވެ.

އީޓޫއެސް އިން އޮންނަނީ ޕަބްޖީ މޯބައިލް ޑިވެލޮޕާ، ޓެންސެންޓްއާއެކު ޕާޓްނާޝިޕް ހަދައިފަ އެވެ. ހަމީސް ދެކޭ ގޮތުގައި އެއީ މި ކުންފުނި އުފެއްދި ފަހުން އަދި މިވީ އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައި އެމީހުނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ޓެންސެންޓަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އީސްޕޯޓްސް ގޭމް ޕަބްލިޝާ އެވެ.

ފީފާގެ ވީޑިއޯ ގޭމް ޑިވެލޮޕާ، އީއޭ ސްޕޯޓްސްގެ ލައިސެންސް ވެސް އެމީހުނަށް ލިބިފައި އެބަ އޮތެވެ.

މިދިޔަ މާޗު މަހު މެލޭޝިއާގައި ބޭއްވި އޭޝިއަން ކެމްޕިއަންޝިޕް ލީގުގައި ރާއްޖޭގެ ކޯލް އޮފް ޑިއުޓީ ޓީމްގެ ޕްލޭޔާސް ދެ ވަނަ ރަނަރަޕްގެ ޗެކާ އެކު.-- ފޮޓޯ: އީޓޫއެސް

"ޕާޓްނާޝިޕްއާއެކު ވަރަށް ގިނަ ފުރުސަތުތައް ލިބިގެން ގޮސްފި. ގޭމް ޕަބްލިޝާއާއެކު ޕާޓްނާޝިޕް ހެދުމުގެ ބޭނުމަކީ ރާއްޖޭން ބޭރުން މި ލިބޭ ކޮންޓެންޓް، ރާއްޖޭގައި ހަމަ އެއް އަގެއްގައި ލިބޭނެ ގޮތް ހެދުން،" މި ޕާޓްނާޝިޕްތައް ލިބުމުގެ ފައިދާ ހަމީސް ކިޔައިދިނެވެ.

މިކަމަށް އޮތް ތަރުހީބު ވެސް ބޮޑެވެ. މިހާރު ވެސް އެމީހުން އަންނަނީ އުރީދޫ އާއި ގުޅިގެން ކޮންމެ ހަފްތާ ބަންދަކު ދިވެހިންނަށް ހާއްސަ ޕަބްޖީ ޓޯނަމެންޓުތައް ބާއްވަމުންނެވެ. ފުރަތަމަ މިކަން ފަށައިގަތްއިރު، ތިބީ އެންމެ 20 ޓީމެވެ. މިހާރު 175 ޓީމު އެބަ އޮތެވެ. އެއީ 875 ޕްލޭޔާސް އެވެ.

މިދިޔަ އަހަރު ބޭއްވި ލީގް އޮފް ލެޖެންޑްސްގެ މުބާރާތުގައި ރާއްޖެއާއެކު ބައިވެރިވި އިތުރު ގައުމުތަކުގެ ޓީމްތައް.-- ފޮޓޯ: މެސާ

މާދަމާ ފީފާގެ އިވެންޓެއް ވެސް ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި "ބިގަލޯސް" އާ ގުޅިގެން އެމީހުން ބާއްވާނެ އެވެ. ހަމީސް ބުނީ އެމީހުން އުއްމީދު ކުރަނީ މި އިވެންޓުގައި 500 ވަރަކަށް އެތުލީޓުން ހަރަކާތްތެރިވާނެ ކަމަށެވެ.

"ފުރަތަމަ ފަހަރަށް އީޓޫއެސްގެ ފަރާތުން ޓީމެއް ބޭރަށް ދިޔައީ މިދިޔަ މާޗް މަހުގައި އޮތް 'ކޯލް އޮފް ޑިއުޓީ' ގެ އޭޝިއަން ލީގަށް. އެއީ މެލޭޝިއާގެ ބަޔަކު އޭޝިއާ ރީޖަން އަށް ހިންގާ ލީގެއް. އެމީހުން ދިޔައީ އޮންލައިން ކޮލިފަޔާޒް ކުޅެފައި، އަދި ހަމަ އެއާއިއެކު ފީފާ ދެ އެތުލީޓުން ވެސް ވަނީ ޖޫން މަހު ގޮސްފައި،" އެ ޓީމަށް އެފަހަރު ތިން ވަނަ ލިބުނުއިރު، ފީފާ އިން އީޓޫއެސްގެ ޒަމީލް ވަނީ ހަތަރު ވަނަ ހޯދާފައި ކަމަށް ހަމީސް ބުންޏެވެ.

މިހާރު ރާއްޖޭން ބޭރުގައި އޮންނަ ތިން އިވެންޓަކަށް ޓީމުތައް ފޮނުވަން އަންނަނީ ރެޑީވަމުންނެވެ. އެއީ މެލޭޝިއާގައި އޮންނަ "ކޯލް އޮފް ޑިއުޓީ" ލީގް ގްރޭންޑް ފިނާލޭ އަދި "ފީފާ" އޭޝިއާ ފުޓްބޯލް ގޭމް ޗެމްޕިއަންޝިޕާއި "އެކްސިސް ޕަބްޖީ" ލީގަށެވެ.

މިދިޔަ މާޗު މަހު މެލޭޝިއާގައި ބޭއްވި އޭޝިއަން ކެމްޕިއަންޝިޕް ލީގުގައި ރާއްޖޭގެ ކޯލް އޮފް ޑިއުޓީ ޓީމްގެ ޕްލޭޔާސް ދެ ވަނަ ރަނަރަޕްގެ ޗެކާ ހަވާލުވަނީ.-- ފޮޓޯ: އީޓޫއެސް

"އީސްޕޯޓްސްއަކީ ކޮންމެތާކު ހުރެގެން ވެސް ބައިވެރިވެވޭ ކުޅިވަރެއް. ކުރިއަށް ދެވޭނެ ކުޅިވަރެއް،" މިހާރު މި ދާއިރާ ރާއްޖޭގައި ކުރިއަށް ދާ ކަމަށާއި އަދި މިިކަމުން ވަރަށް ރަނގަޅު މަންފާއެއް ވެސް މިކަން ކުރަން ބޭނުންވާ މީހުނަށް ލިބޭ ކަމަށް ހަމީސް ބުންޏެވެ.

"ބޭނުމީ އިލެކްޓްރޯނިކް އެންޓަޓެއިންމަންޓް ދާއިރާގައި ރާއްޖޭގައި ފުޅާކުރުން. އޭގެން ބްރާންޗް އައުޓް މި ވަނީ ގޭމް ޑިވެލޮޕްމަންޓް ވެސް. އެކަމަށް ކުންފުނިތައް ރާއްޖޭގައި މިހާރު އެބަ މަޑުމަޑުން އުފެދޭ،" ހަމީސް ބުނީ އެމީހުނަށް ދެވެން އޮތް ސަޕޯޓެއް އީޓޫއެސް އިން ދޭނެ ކަމަށާއި އެކީގައި މި ދާއިރާ ކުރިއަރުވަން ބޭނުންވެ އެވެ.

"އީޓޫއެސް ޗެލެންޖާޒްކަޕް" ބައިވެރިވުމަށް ހަދަންޖެހޭނެ ގޮތް.

ހަމަ އެއާއެކު އަންނަ މަހު 18 ގައި ޕަބްޖީ ޕްލޭޔާސް އަށް ހާއްސަ ކޮށްގެން ބާއްވަން ހަމަޖެހިފައިވާ "އީޓޫއެސް ޗެލެންޖާޒްކަޕް" ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މުބާރާތުގެ އިތުރު މައުލޫމާތު އީޓޫއެސްގެ ފޭސްބުކް ޕޭޖުންނާއި ވެބްސައިޓުން ލިބޭނެ އެވެ.

އީސްޕޯޓްސް އެސޯސިއޭޝަނާއި ސްޕޯޓްސް ކުލަބްތައް އަދި ޒުވާނުންގެ ކުލަބްތަކުން ބޮޑު ސަޕޯޓެއް އެމީހުނަށް ލިބެ އެވެ. އެކަމަކު ސްޓާޓްއަޕް ކުންފުނިތަކަށް ސަރުކާރުގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަކަން ފާހަގަކުރި އެވެ.

ޒުވާނުން ވީޑިއޯ ގޭމް މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން ޕަބްޖީ ގޭމް

Popular