8 Dec 2019

އެސްކޮބާގެ ބޭބެ އެޕަލްއާ ވާދަޔަށް ފޯނު ހަދަނީ

އެސްކޮބާގެ ބޭބެ އެޕަލްއާ ވާދަޔަށް ފޯނު ހަދަނީ

By: Ifraz Ali

ކޮލަމްބިއާގެ މަޝްހޫރު ޑްރަގް ޑީލަރު ޕަބްލޯ އެސްކޯބާގެ ބޭބެ، ރޮބާޓް ޑި ޖީސަސް އެސްކޯބާ ގެވީރިއާ ބުނަނީ އޭނާގެ އާ ސްމާޓްޕޯން ވާދަކުރަނީ އެޕަލް ކުންފުނީގެ މޮޅު ޕްރޮޑަކްޓުތަކާ ކަމަށެވެ. އެހެން ސްމާޓްފޯން ކުންފުނިތައް ކަމަށްވާ ސެމްސަންގް، ވާވޭ އަދި މޮޓޮރޯލާގެ ފަހުގެ ފޯނުތަކާ ވެސް ވާދަކުރާނެ ކަމަށް ބުނެ އޭނާ ނެރުނު ފޯނަކީ، އެސްކޯބާ ފޯލްޑް ވަން ކިޔާ ފޯނެކެވެ.

އެ ހުރިހާ ފޯނަކަށް ވުރެ މި ފޯނު މާބޮޑަށް ވެސް އަގު ކުޑަ އެވެ. މީގެ އަގަކީ އެންމެ 350 ޑޮލަރެވެ. މި ގޮތަށް ހުރި އެހެން ފޯނުތަކުގެ އަގު އުޅެނީ ހާހުން މަތީގަ އެވެ.

އެސްކޯބާ ފޯލްޑް ވަން ސްމާޓްފޯން؛ މީގެ އަގަކީ އެންމެ 350 ޑޮލަރު.

"އަހަރެން ވަރަށް ގިނަ މީހުން ގާތުގައި ބުނިން އެޕަލް ކުންފުނި ބަލިކޮށްލާނަމޭ، އެކަން އަހަރެން ކުރާނަން،" އެސްކޯބާ ޑިޖިޓަލް ޓްރެންޑްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އަންނަ އަހަރު އެޕަލް ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެސްކޯބާ ބުނީ އެޕަލް އިން މަކަރު ހަދައިގެން ވަރަށް އަގުހެޔޮކޮށް ވިއްކޭނެ ފޯނު އަގުބޮޑުކޮށް ވިއްކާ ކަމަށެވެ. އެޕަލްއާ ދެކޮޅަށް ކޯޓަށް ހުށަހަޅާ މައްސަލާގައި އެސްކޯބާގެ ފަރާތުން ވަކާލާތުކުރާ ވަކީލުންނަށް އެއް މިލިއަން ޑޮލަރު ވެސް ވަނީ ދީފަ އެވެ.

އެސްކޯބާ ފޯލްޑް ވަންގެ ޓީޒާއެއް.

މި ފޯނު ލޯންޗުކުރީ ޕަބްލޯ އެކްސޯބާ މަރުވިތާ 22 އަހަރު ފުރުން ފާހަގަކުރުމަށް މި މަހު ތިން ވަނަ ދުވަހު އެވެ. އޭނާ ބުނީ އަލިފާނުން ނޫން ގޮތަކަށް މި ފޯނު ހަލާކުކޮށް ނުލެވޭނެ ކަމަށެވެ. އެހާ ވެސް މި ފޯނު ވަރުގަދަވާނެ ކަމަށް ބުންޏެވެ.

އެސްކޯބާގެ ކުންފުނީގެ ސީއީއޯ އޯލޯފް ގަސްޓަފްސަން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފޯނުގެ ސްކްރީން ހަދަން ބޭނުންކޮށްފައިވާ ޕްލާސްޓިކް މެޓީރިއަލަކީ އެހެން އެއްވެސް ސްމާޓްފޯނެއްގައި ނެތްވަރުގެ މޮޅު މެޓީރިއަލެއް ކަމަށެވެ. އަދި ސެމްސަންގުގެ ފަތްޖެހޭ ފޯނަށް ވުރެ ވެސް ވަރުގަދަ ވާނެ ކަމަށް ބުންޏެވެ.

ސެމްސަންގް ފޯލްޑާ އެއްގޮތަށް މި ފޯނު ވެސް ހުޅުވާލުމުން ޓެބްލެޓެއް ގޮތަށް ބޭނުންކުރުވެ އެވެ. އޮޕަރޭޓިން ސިސްޓަމެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އެންޑްރޮއިޑް ޕައި އެވެ.

އެޕަލް ސްމާޓް ފޯން

Popular