9 Jun 2020

ނަމާދު ވަގުތު އަންގައިދޭ، ދިވެހި ތަފާތު އެޕެއް

ނަމާދު ވަގުތު އަންގައިދޭ، ދިވެހި ތަފާތު އެޕެއް

By: Ifraz Ali

ނަމާދު ވަގުތު އަންގައިދޭ އަދި ކީރިތި ގުރުއާން ކިޔެވޭ ވަރަށް ގިނަ ދިވެހި އެޕްތައް މިހާރު އެބަހުއްޓެވެ. އެކަމަކު މީގެ ފަސް ވަރަކަށް ދުވަސްކުރިން ރިލީޒްކުރި "ނަމާދު ގަޑި" އެޕްގައި ހުރި ތަފާތު ފީޗާތަކާ އެކު އެއަށް ވަނީ ސަމާލުކަން ލިބިފަ އެވެ.

މި އެޕް އެހާ ހާއްސަވީ ބޭނުންކުރަން ފަސޭހަވެފައި އަދި މީގައި ހިމެނޭ ބައެއް ފީޗާތައް ވެސް މީހުނަށް މާ ކަމުގޮސްގެންނެވެ.

މި އެޕްގެ އުފެއްދުންތެރިޔާ، ވެބްޑިވެލޮޕާ އިސްމާއިލް ޒާހީ ބުނީ ގިނަ މީހުނަށް އެންމެ ކަމުދާ ފީޗާއަކަށް ވީ ޑާކް މޯޑް ކަމަށެވެ. ހާއްސަކޮށް ފޯނުން ގުރުއާން ކިޔަވާ މީހުންނަށެވެ. މި އެޕްގައި ކީރިތި ގުރުއާންއާ އެކު ދިވެހި ތަރުޖަމާ ވެސް ހިމަނާފައިވެ އެވެ.

"ނަމާދު ގަޑި" އެޕްގެ ސްކްރީންޝޮޓްތަކެއް.

"މިއީ އަސްލު މިދިޔަ ރޯދަ މަހު ހެދި އެޕެއް. ފުރަތަމަ ބޭނުންކުރީ ވެސް ފޯނަށް އަޅައިގެން އަމިއްލަ އަށް،" މިހާރު ވެސް ބައިވަރު ނަމާދު އެޕްތައް ހުރުމާ އެކު، އާންމުންނަށް މި ދޫކޮށްލުމުން މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފުރަތަމަ ހީނުކުރާ ކަމަށް ޒާހީ ބުންޏެވެ.

މި ވަގުތު މި އެޕް ލިބެނީ އައިއޯއެސް ބޭނުންކުރާ މީހުންނަށް އެކަނި.

"އާންމުންނަށް ދޫކޮށްލަން ނިންމީ އަސްލު މިހާރު ހުރި ގިނަ ނަމާދު އެޕްތަކުގެ ޑޭޓާއި އެއްޗެހި އަޕްޑޭޓް ނުވެ ހުރީމަ. އަދި ބައެއް އެޕްތައް ބޭނުންކުރަން ވެސް އެހާ ފަސޭހަ ނޫން ވީމަ،" އެހެންވެ ވާގޮތެއް ބަލައިލަން ޓެސްޓަކަށް މި އެޕް އާންމުންނަށް ދޫކޮށްލީ ކަމަށް ޒާހީ ބުންޏެވެ.

މި އެޕްގައި ވެސް ރާއްޖޭގެ އެކި ރަށްރަށުގެ ނަމާދު ވަގުތުތައް ބެލެން ހުރެ އެވެ. އަދި އެލާމަށް ލުމުން ނަމާދު ވަގުތު ޖެހުނީމާ އެކަން ހަނދާން ކޮށްދެ އެވެ.

މި ވަގުތު މި އެޕް ހަމައެކަނި ލިބެނީ އެޕް ސްޓޯރުންނެވެ. ޒާހީ ބުނީ އަދި އެންޑްރޮއިޑް ފޯނުތަކަށް ވެސް މި އެޕް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Popular