19 May 2026

އީދަށް ކޮން ރަށަކަށް؟

އީދަށް ކޮން ރަށަކަށް؟

By: Asima Nizar

އަނެއްކާ އަނެއް އީދު ބޯމަތިވީ އެވެ. އެއްބަޔަކު މި ތިބީ އަޟްހާ އީދުގެ ޗުއްޓީއަށް ދާނެ ރަށެއް ފައިނަލް ނުކުރެވިގެންނެވެ. ސޯޝަލް މީޑިއާއިން ފެންނަ ގޮތުގައި ވަރަށް ގިނަ ރަށްތަކުން އަންނަނީ އީދަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. 

އަންނަ ހަފުތާގައި ފަށާ ބޮޑު އީދު  ބަންދަށް ހަފުތާއެއް ލިބެ އެވެ. އާއިލާއާ އެކު ރަނގަޅު ޗުއްޓީއެއް ހަދާލަން އެކަށީގެންވާހާ ދުވަހެވެ. 

ސަރުކާރުން މީގެ ކުރީ އަހަރުތަކުގައި ރަސްމީކޮށް އީދު ފާހަގަކޮށްފައި އެބަހުއްޓެވެ. މި ފަހަރު، އެހެން ނެތަސް، ބައެއް ރަށްތަކުން އަންނަނީ އީދަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

އެ ލިސްޓުގެ އެންމެ ކުރިއަށް މި ފަހަރު އަރާނެ އެއް ރަށަކީ ނ. ކެނދިކުޅުދޫ އެވެ. 

"ދަ މެންގްރޫވް އައިލެންޑު"ގެ ނަމުގައި މަޝްހޫރުކުރަމުން އަންނަ ކެނދިކުޅުދޫގެ ދެ އަވަށް، ކެނދިކޮޅު އަދި ކުޅުދޫގައި އީދުގެ ވަރަށް ގިނަ ހަރަކާތްތައް ހިންގަ އެވެ.

އެ ކުޅިވަރުތަކުގައި ވެދުމާ ދިއުން، އީދު ސައި، ހުޅުޖެހުމާއި ކުލަ ކުޅުން، މަންޑި ކުޅުން، ނަމުރާއި ވާ ދެމުން، އަންހެނުންގެ ކެއްކުމުގެ މުބާރާތަކާއި ފިރިހެނުންނާއި އަންހެނުންގެ ކޯޑި ނެރުން އޮންނާނެ އެވެ. 

މާލެއިން ކެނދިކުޅުދުއަށް ދާން ބޭނުންވާނަމަ އޮތް އެންމެ ފަސޭހަ މަގަކީ އެ ރަށް ކައިރީގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި، ލޯންޗުން ކެނދިކުޅުދުއަށް ދިއުމެވެ. ނޫނީ ލޯންޗުގައި ސީދާ އެ ރަށަށް ދިއުމަށް އޮޑިއެޕުން ފަސޭހައިން ޓިކެޓު ނެގޭނެ އެވެ. 

ހާއްސަ ކެއުމެއް ކަމަށްވާ "ކުނބުސް" ކޮންމެ ބޮޑުއީދަކަށް ވެސް ހަދަމުން އަންނަ ތ. ކިނބިދޫގައި މިފަހަރު ވެސް މިކަން އޮންނާނެ އެވެ. މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތަކާ އެކު އެހެން އަހަރުތަކަށް ވުރެ އެ ރަށުގައި ފޯރި ގަދަވާނެ ކަމަށް، ފެންނަމުންދާ ތައްޔާރީތަކުން އެނގެ އެވެ.   

އީދު ފާހަގަކުރުމުގައި އަބަދު ވެސް ފޯރި ނަގާ އަނެއް ތަނަކީ ރ. މީދޫ އެވެ. 

އަވަށު ވާދަވެރިކަމާ ހެދި އެއް އަވަށަށް ވުރެ އަނެއް އަވަށުގެ އީދުގެ އިންތިޒާމްތައް ވަރުގަަދަ ކުރަން އަބަދު ވެސް މަސައްކަތްކުރެ އެވެ. އެހެންވެ، އެއީ ރަށުން ބޭރުން ދާ މީހުން ވެސް ޝައުގުވެރިކަމާއެކު ބަލާ މަންޒަރުތަކެވެ.

މީދޫގައި ވެސް އެންމެ ކުރިއްސުރެ ކުޅެމުންދިޔަ ކުޅިވަރުތަކަށް ޒަމާނީ ކުލަވަރު ވަނީ ވައްދައިފަ އެވެ. 

މީދުއަށް އެންމެ ފަސޭހައިން ދެވޭނެ ގޮތަކީ ލޯންޗުގަ އެވެ. ކޮންމެ ދުވަހަކު އެ ރަށާއި މާލެއާ ދެމެދު ދަތުރުތައް އޮވެ އެވެ. 

ދެކުނުގެ ރަށްތަކުގެ ތެރެއިން، ގދ. ވާދޫއަކީ އީދު ފާހަގަކުރުމުގައި ނަގާކިޔާ ރަށެކެވެ. 

ފާއިތުވި ދެތިން އަހަރު ތަންކޮޅެއް ލޮނުމަޑުކޮށް އޮތަސް، މި އަހަރަށް ފަހު އީދު ފޯރި ގަދަވާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. 

މި އަހަރު ކޯޑިއާ އެކު ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހަރަކާތްތައް ވެސް ބާއްވާނެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ސަޅިވާނީ އިހުޒަމާނުގެ ކުޅިވަރުތައް ކަމަށް، މިކަން އިންތިޒާމުކުރާ މީހުން ބުނެ އެވެ. 

ވާދޫއާ އެންމެ ކައިރީގައި އޮންނަނީ އެ އަތޮޅު ފަރެސްމާތޮޑާ އެއާޕޯޓެވެ. މި ވަގުތު އެ ރަށަށް އޮންނަނީ ހަފުތާއަކު ދެ ދަތުރެވެ. ނަމަވެސް، އީދާއެކު ދަތުރުތައް އިތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

ފަރެސްމާތޮޑާއިން ވާދުއަށް ލޯންޗުގައި 10 މިނެޓުން ދެވޭނެ އެވެ. 

މި ނޫނަސް އެތައް ރަށެއްގައި އީދުގެ އުފާ ގަދަޔަކަށް ފާހަގަކުރެ އެވެ. އެކަމަކު މި އީދުގައި މޫސުން އެހާ ރަނގަޅު ނުވެދާނެތީ ދަތުރުފަތުރުގައި ސަމާލުވާންޖެހެ އެވެ. 

އީދު އަޟްހާ އީދު ނ. ކެނދިކުޅުދޫ

Popular