30 May 2017

By: Ahmed Adhushan

އޭނާ ކުރިން ޓީވީން ހަބަރު ކިޔާ ތަން ފެންނާނެ އެވެ. ފަހުން އައިސް ބައެއް ފޯރަމްތަކުގައި މޮޑެރޭޓަރެއްގެ ދައުރު އަދާކުރާ ތަން ވެސް ފެނެ އެވެ.

އަލީ ޝާމިން ގިނަ ބަޔަކަށް އެނގޭނީ ޓީވީއެމްގެ ކުރީގެ ނިއުސްކާސްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާއަކީ ހަމައެކަނި ނޫސްވެރިއެއްގެ "ޓެގް" އަޅުވާފައި ދޫކޮށްލެވޭ ވަރަށް ވުރެ ގިނަ ކަންކަން ކުރާ ޒުވާނެކެވެ.

ޝާމިންގެ ހުނަރުގެ ލިސްޓަށް މި ފަހަރު އިތުރު ވަނީ ޑައިރެކްޝަނެވެ. ޓީވީއެމުން ރޯދަ މަހު ގެނެސްދޭ އޮފީސް ޓެލެޑްރާމާ މުބާރާތުގައި މި ފަހަރު ޝާމިން ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑްރާމާއެއް ފެނިގެން ދާނެ އެވެ.

އެއީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑްރާމާ "ގޮނޑުދޮށް" އެވެ. ޑްރާމާއެއްގެ މަސައްކަތަށް އޭނާ އާ ވިޔަސް، މިކަހަލަ މަސައްކަތްތަކަށް ހަގީގަތުގައި ޝާމިިން އަލެއް ނޫނެވެ.

"ގޮނޑުދޮށް" ޑްރާމާގެ ޓީޒާއެއް.

އޭނާ ބުނީ "ގޮނޑުދޮށް" ޑްރާމާއަކީ ލޯބީގެ ވާހަކައެއްގެ ތެރެއިން އިޖުތިމާއީ ވަރަށް މުހިއްމު މެސެޖެއް ފޯރުކޮށް ދޭނެ އެއްޗެއް ކަމަށެވެ. މީގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ބ. މާޅޮހުގަ އެވެ. މުޅި ޑްރާމާއަކީ ގާތްގަނޑަކަށް މަސް ދުވަހުގެ މަސައްކަތެވެ.

"ގޮނޑުދޮށު" ގެ މައިގަނޑު ކޮންސެޕްޓު ވަނީ ރާއްޖޭގެ ނާޒުކު ވެއްޓާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އެކަމަކު ޑްރާމާގެ ކުރިމަރާލެވިދާނެތީ "ގޮނޑުދޮށު" ގެ ބޮޑު މަންޒަރު ކުރުކޮށް ވެސް ކިޔައިދޭކަށް ޝާމިން ބޭނުމެއް ނޫނެވެ. އެހެންވެ ޑްރާމާ ދޫކޮށްލަން ބޭނުން ވަނީ ޓީވީ ބެލުންތެރިންނަށެވެ.

"ގޮނޑުދޮށް" ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ރެ އެވެ.

"މީގެ ކުރިން ވެސް ހުންނާނެ ޝޯޓް ފިލްމް ހަދާފައި. އެކަމަކު އެއިން އެއްވެސް އެއްޗެއް ޕަބްލިކާ ހަމައަށް އަދި އައިސްފައެއް ނުހުންނާނެ. އެހެންވެ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑްރާމާ ގޮނޑުދޮށަކީ ޑްރާމާއެއް ޑައިރެކްޓްކޮށް އާންމުންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ފަހަރު،" މިނިސްޓްރީން ހިންގާ ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓެއްގެ ކޮންސަލްޓަންޓެއްގެ ޒިންމާ މިހާރު އަދާކުރަމުން އަންނަ ޝާމިން ބުންޏެވެ. "މީގެ ތަފާތަކީ އެކްޓް ކުރަން ބަޔަކު ގޮވައިގެން ނިކުމެ ޓެލެޑްރާމާއެއް ހެދުން."

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑްރާމާ "ގޮނޑުދޮށް" ގެ ޕޯސްޓަރެއް.

މީގެ ކުރިން ބައެއް ޑޮކިއުމަންޓްރީ އާއި އެމްއެންޑީއެފްގައި އުޅުނު ދުވަސްވަރުގެ އެތަނުގެ ބައެއް ޑްރާމާތައް ލިޔެ، ޑައިރެކްޓަރު އަޝްހަރު ވަހީދުގެ ފޮތުން ޝާމިން ވަނީ ވަރަށް ރަނގަޅަށް ކިޔަވައިފަ އެވެ.

"އޭރު އަޝްހަރުމެންނާ އެކު ސިފައިންގޭގައި މަސައްކަތް ކުރި ދުވަސްވަރު ވަރަށް ގިނަ އެއްޗެހި ދަސްވެފައި ހުރީ. އަނެއްކާ ފަހުން ލަންކާގައި ވީޑިއޯގްރަފީ ކޯހެއް ވެސް ހެދިން. އެހެންވެ އަސްލު ވަރަށް ބޮޑަށް މި މަސައްކަތް ކުރާ ގޮތް ދަސްވެފައި އޮތީ،" އޭނާ ބުންޏެވެ.

ޝާމިން ބުނީ "ގޮނޑުދޮށް" ޑްރާމާ އަށް ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިގޮތަށް ކުރެވުނު ފުރަތަމަ މަސައްކަތާ ބަލާފައި ވަރަށް ހިތްހަމަޖެހޭ ޑްރާމާއާ ދޭތެރޭ. ދެން މި ދާއިރާގެ ތެރޭގައި އުޅޭ ފުންނާބު އުސް ބައެއް މީހުންނަށް ވެސް ޑްރާމާ ދައްކާލީމަ ވަރަށް ޕޮޒިޓިވްކޮށް ކޮމެންޓްސް އައިސްފައި ހުރީ،" އޭނާ ބުންޏެވެ. "އެހެންވެ ބެލުންތެރިންނަށް ޑްރާމާ ވަރަށް ކަމުދާނެ ކަމަށް އުންމީދުކޮށްގެން މި ހުންނަނީ."

"ގޮނޑުދޮށް" ޑްރާމާގެ ޓްރެއިލާއެއް.

މި ފަހަކަށް އައިސް އޮފީސް ޓެލެޑްރާމާ މުބާރާތުގައި ވާދަކުރާ ގިނަ އޮފީސްތަކުގެ ޑްރާމާތަކުގެ ފަހަތުގައި ތިބެނީ ފިލްމީ ދާއިރާގެ މަޝްހޫރު އަދި ތަޖުރިކާރު ފަންނާނުންނެވެ. އެކަމަކު އެންވަޔަރަމަންޓް މިނިސްޓްރީގެ "ޑްރާމާ" ގެ ސިނަމޮޓޯގްރީ ފިޔަވައި، ޑްރާމާގެ އެއްވެސް ޑިޕާޓްމަންޓެއްގައި މަޝްހޫރު ނަމެއް ނެތެވެ.

"މި ޑްރާމާގެ އެއް ތަފާތަކަށް ވާނެ އެކަން. މިއީ އަހަރެން މިގޮތަށް އަލަށް ހެދި ޑްރާމާ އަށް ވިޔަސް، ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ހުންނާނެ ބެލުންތެރިން ފޫހި ކަމެއް ނެތި ބަލާނެ ކަހަލަ ގޮތަކަށް އަދި އެއާއެކު ވަރަށް މުހިއްމު ސޯޝަލް މެސެޖެއް ދޭން މަސައްކަތްކޮށްފައި،" ޝާމިން ބުންޏެވެ. "އެހެންވީމާ އެންވަޔަރަމަންޓް މިނިސްޓްރީގެ މި ޑްރާމާ ވާނެ ބެލުންތެރިންނަށް މި އަހަރު އެންމެ ކަމުދާނެ އެއް ޑްރާމާ އަށް."

ޝާމިން އަދި ބުނީ "ގޮނޑުދޮށް" ހެދި އިރު، ސިކުނޑީގައި އެންމެ މޮޅު ޑްރާމާގެ އެވޯޑް ހޯދުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.

"ގޮނޑުދޮށް" ޑްރާމާގެ ޓްރެއިލާއެއް.

"މިއިން ހާސިލް ކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ ދޭން ބޭނުންވާ މެސެޖް ވީހާ ވެސް އިފެކްޓިވްކޮށް ފޯރުކޮށް ދިނުން. ދެން ކޮންމެ ގޮތެއް ވިޔަސް މުބާރާތެއްވީމަ، އެވޯޑަކަށް ވެސް އުންމީދު ކުރަން ވާނެ ކަންނޭނގޭ،" އޭނާ ބުންޏެވެ. "އެވޯޑް ލިބިއްޖެއްޔާ އެ ވާނީ ބޯނަސް ޕޮއިންޓަކަށް."

ޓީވީ މޯލްޑިވްސް އެންވަޔަރްމެންޓް މިނިސްޓްރީ އެންސީއޭ ޕީއެސްއެމް

Popular