By: Asima Nizar
އައިޝަތު ސޮފާ ހަނދާން ހުންނަން ފެށީއްސުރެ އާޓުގެ އެކި ކަންކަމަށް ޝައުގުވެރިކަން ހުރެ އެވެ. ހާއްސަކޮށް ކުރެހުމާއި ކުލަ ޖެއްސުމަށް އޮތް ލޯބި ބޮޑެވެ. އެކަމަކު، އިސްކަންދަރު ސްކޫލުގައި ގްރޭޑު 1 ގައި ކުރެހި ނީމޯ އަކީ މިހާރު 28 އަހަރުގެ އެ ޒުވާނާ އާޓުގެ ދުނިޔެއަށް ވަދެވުނު ރަސްމީ ދޮރެވެ.
އޭގެ ފަހުން، އެއްމާބަނޑު ދައްތައާ އެކު އަހަރުތަކެއް ވަންދެން އާޓު ކްލާހަކަށް ދިޔަ އެވެ. އެ ހިސާބުން، އުފަން ރަށް، ލ. މާމެންދުއަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން އެ ހުނަރުވެރި މަސައްކަތަށް ހުއްޓުމެއް އަ އެވެ.
ކެންވަސްގައި އެކި އެއްޗެހި ކުރަހައި ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް "ބެކީސް ގެލެރީ"ގެ ނަމުގައި އެކައުންޓު ހިންގާ ސޮފާ ބުނީ ބޮޑު ބްރޭކަކަށް ފަހު ކުރެހުން ފަށައިގަނެވުނީ ކޮވިޑުގެ ތެރޭގައި ގޭގައި ބަންދުވި ހިސާބުން ކަމަށެވެ.
އޭރު އޭނާ އުޅުނީ މާލޭގައި ވަޒީފާއެއްގަ އެވެ. ނަމަވެސް، ވަޒީފާއިން ވަކިވެ، އެ ދުވަސްކޮޅު އޭނާ ރަށަށް ބަދަލުވެ، އަލުން ކުލަ ފިހި ނަގައި އޭނާގެ ހިތް ދޫވި އާޓުގެ މަސައްކަތް ކުލަކުރަން ފެށި އެވެ.
މި ފަހަރު ބެކީ އާޓު ފުޅާކުރީ އަނެއްކާ ވެސް މާލެއަށް ދިރިއުޅުން ބަދަލުކޮށް، ދައްތަގެ ހިޔާލަށް މިދިޔަ އަހަރުގެ ތެރޭގަ އެވެ. ކުރަހަން ފަށައި ލިބެން ފެށި އޯޑަރުތަކާ އެކު ވަޒީފާއިން ވެސް ވަކިވެ, ރަސްމީކޮށް ކުރެހުމުގެ ތެރެއަށް މީގެ ތިން މަސް ކުރިން އޭނާ ވަދެފި އެވެ.
ސޮފާ ބުނީ އޭނާ ގިނައިން ކުރަހަނީ ޕޯޓްރެއިޓް ކަމަށެވެ. އޭގެ އިތުރަށް އާއިލާ މީހެއްގެ ސުވެނިއާ ފިހާރައަކަށް ވެސް ދޭތެރެއަކުން ކުދި ކެންވާގައި ކުރަހާފައި އެއްޗެހި ލަ އެވެ.
އޭނާ މިހާތަނަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ކުރަހާފައިވަނީ ވެޑިން ޕޯޓްރެއިޓެކެވެ. އަދި އެއް ފަހަރާ ތިން ކުރެހުމުގެ މަސައްކަތް ފަށައި 18 ގަޑިއިރުން ނިންމާލި ކުރެހުމާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
"އަބަދު ވެސް ބަލަނީ ކަސްޓަމަރުން ބުނާ ގޮތަށް ކުރަހަން. އަދި އިތުރަށް ރީތިވާނެ ގޮތްތައް ވެސް ކިޔައިދެން." އޭނާ ބުންޏެވެ.
އޭނާ ޕޯޓްރެއިޓް އޯޑަރެއް ނިންމާލަނީ އާއްމުކޮށް 10-15 ދުވަހުގެ ތެރޭގަ އެވެ. އެ ނޫން އެއްޗެހި އެއަށްވުރެ އަވަހަށް ނިންމާލެވޭ ކަމަށް ބުންޏެވެ.
"މި މަސައްކަތުގައި އެންމެ ބޮޑު ސަޕޯޓު ލިބެނީ ދައްތަ އާއި ރަހުމަތްތެރިންގެ ފަރާތުން." އޭނާ ބުންޏެވެ.