15 Jun 2025

"ލޯބިން" ގެ ފުރަތަމަ ފެނިލުމުގައި އެތައް އިހުސާސްތަކެއް!

By: Aishath Jazlee

އިޖުތިމާއީ އެކި މައްސަލަތަކާ ގުޅޭ ރީތި ފިލްމުތަކެއް އަހަރުމެންނާ ހަމައަށް ގެނެސްދޭ އައިފިލްމްސްއިން މިއަހަރު އޮގަސްޓު މަހު ނެރެން ހަމަޖެހިފައިވާ "ލޯބިން"ގެ ފުރަތަމަ ފެނިލުން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.

އައިފިލްމްސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޕޯސްޓުކުރި އެއް މިނެޓުގެ ކުޑަ ޓީޒާއިން ތާތި އާއި ޝާރިފްގެ ލޯބި މަންޒަރުތަކުން ފަށާ މި ޓީޒާގައި އިފްނާޒް އާއި ތާތިގެ ލޯބި މަންޒަރުތަކެއް ވެސް ފެނެ އެވެ. އަދި ކުއްލިއަކަށް ލޯބި މަންޒަރުތައް އުދާސްކަމަށް ބަދަލުވެ, އަނިޔާކުރާ މަންޒަރުތަކާއި ހިތްދަތިވެ ރޯ އެތައް މަންޒަރުތަކެއް ފެނެ އެވެ. "ލޯބިން"ގެ ފުރަތަމަ ފެނިލުމުން ވެސް, މި ފިލްމަކީ ބެލުންތެރިންގެ އިހުސާސްތަކާ ކުޅެލާނެ ފިލްމެއްކަން މި މަންޒަރުތަކުން ހާމަވެ އެވެ.

ލޯބިންގެ ފަސްޓް ލުކް.

މި ފިލްމަކީ "ބަވަތި" އަދި "ނީނާ" ފަދަ ކާމިޔާބު ފިލްމުތަކެއް އަހަރުމެންނާ ހަމައަށް ގެނެސްދިން އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިޔެ, ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް އިއްލެ ބުންޏެވެ.

"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ އިޖުތިމާއީ މައްސަލަތައް ގެނެސްދޭން. މި ވާހަކަ އަކީ ވެސް މި މުޖުތަމައުގައި ހިނގާފައިވާ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔުނު ވާހަކައެއް. ގާތްގަނޑަކަށް ދެތިން މީހުންގެ ވާހަކަ އެއްކޮށްލައިގެން ލިޔުނީ،" އިއްލެ ބުންޏެވެ.

އިއްލެ ބުނީ މި ފިލްމުން ފެންނާނީ ހަށިވިއްކަން މަޖުބޫރުވާ އަންހެން ކުއްޖެއްގެ ވާހަކަ ކަމަށެވެ. އޭނާއަށް މީހަކު ދެކެ ލޯބިވެވި އެ ދިރިއުޅުން ދޫކޮށް ނުކުތުމަށް ކުރާ މަސައްކަތްތައް ފިލްމުން ގެނެސްދޭނެ އެވެ. އަދި އެކަމުގައި އޭނާއަށް ކުރިމަތިވާ އެކި ދަތިތަކާއި އަނިޔާ ފިލްމުން ފެނިގެން ދާނެ ކަމަށް ބުންޏެވެ. އިއްލެ ބުނީ މި ފިލްމުން ފެނިގެންދަނީ މުޖުތަމައުގައި މިހާރު ހިނގަމުންދާ ބައެއް ހިތާމެވެރި ކަންތައްތައް ކަމަށާއި އުއްމީދަކީ މި ފިލްމުން އެފަދަ މައްސަލަތަކާއި މެދު މީހުންގެ މެދުގައި އެވެނާސް ލިބިގެން ދިއުން ކަމަށް ބުންޏެވެ.

މި ފިލްމުގެ ލީޑުގައި އުޅޭނީ ތާތި އާދަމް، އަހުމަދު އިފްނާޒް ފިރާގު، ނުޒުހަތު ޝުއައިބް، އަހުމަދު ޝާރިފް އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މި ފިލްމުގެ މަންޒަރުތައް ކުޅެފައި ވަނީ މާލޭގެ އިތުރުން އދ. ދަނގެތި އަދި ނ. ކެނދިކުޅުދޫގަ އެވެ. ކެނދިކުޅުދޫގައި ފިލްމުގެ މަންޒަރުތައް ޝޫޓްކުރުމަށް އެ ރަށުގެ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބުނުކަން އިއްލެ ފާހަގަކުރެ އެވެ. މި ފިލްމުގެ ޝޫޓިން ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.

މި ފިލްމަކީ އައިފިލްމްސް އާއި އިންޖީނިއަސް ވިޝުއަލް ފެކްޓްރީ އަދި ލައިޓްސްއައުޓް ޕްރޮޑަކްޝަންއިން ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހު އެވެ.

Popular