By: Asima Nizar
ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ބެލެނިވެރިންނަށް ގިނަ ފަހަރަށް އޮންނަނީ ދަރިން މަސަލަސްކުރަން ފޯނު ނުވަތަ ޓެބްލެޓް ކަހަލަ އެއްޗެއް ދޭން ޖެހިފަ އެވެ. ކިޔެވުމަށާއި މުނިފޫހިފިލުވުމަށް މިފަދަ ވަސީލަތްތައް ކިތަންމެ މުހިންމަސް އެ ކުދިން އިންޓަނެޓުގެ ނުރައްކާތަކުން ދުރުކޮށް، ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ މުހިއްމު ކަމެކެވެ.
މިއީ އެކި ބާވަތުގެ ޑިވައިސްތައް ބޭނުންކުރާއިރު ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކެވެ.
އެޕަލް ޑިވައިސްތައް (އައިފޯން، އައިޕެޑް، މެކް)
އެޕަލްގެ ޑިވައިސްތަކުގައި ކުދިންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އެންމެ ފަސޭހައީ ސްކްރީން ޓައިމް އަދި ފެމިލީ ޝެއަރިން ބޭނުންކުރުމެވެ.
1. ދަރިފުޅަށް ވަކި އެކައުންޓެއް ހެދުން
މަންމަ ނުވަތަ ބައްޕަގެ އަމިއްލަ އެޕަލް ޑިވައިސްގެ ސެޓިން އިން، އަމިއްލަ ނަމަށް ފިއްތާލައި ފެމިލީ ޝެއަރިން މެދުވެރިކޮށް ކުއްޖާއަށް ހާއްސަ އެކައުންޓެއް ހަދާށެވެ. އެކަމުގައި މައިންބަފައިންގެ އަމިއްލަ އެކައުންޓު ކުދިންނާ ހިއްސާނުކުރުން މުހިންމެވެ.
2. ސްކްރީން ޓައިމް އެކްޓިވްކުރުން
ކުއްޖާގެ ޑިވައިސް އިން ނުވަތަ ފެމިލީ ޝެއަރިން މެދުވެރިކޮށް ސްކްރީން ޓައިމް < ސެޓިންސް އަށް ގޮސް މަރުހަލާތައް ފުރިހަމަކުރާށެވެ.
- އާސްކު ޓު ބައި: މި ސެޓިން އޮންކޮށްފައި ހުރުމުން ކުއްޖާ އެޕެއް ޑައުންލޯޑް ކުރާއިރު އެކަމުގައި މައިންބަފައިންގެ ހުއްދައަށް އެދޭނެ އެވެ.
• ކޮންޓެންޓު އަދި ޕްރައިވަސީ ރެސްޓްރިކްޝަންސް: ބޭއަދަބީ އަދި އުމުރާ ނުގުޅޭ ކޮންޓެންޓް ބްލޮކްކޮށް، ފޯނުގެ ޕާސްކޯޑް ބަދަލުނުކުރެވޭ ގޮތް ހެދިދާނެ އެވެ.
• ޑައުންޓައިމް އަދި އެޕް ލިމިޓް: މިއީ ނިދާ ގަޑިތަކުގައި ފޯނު ލޮކްވާގޮތް ހެދުމާއި ގޭމް ކުޅޭނެ ވަގުތު ލިމިޓްކުރުމަށް ބޭނުންތެރި ފީޗާއެކެވެ.
އެންޑްރޮއިޑް ފޯނުތަކާއި ކްރޯމް ބުކް
ގޫގުލް އިން ކުދިންގެ ޑިވައިސްތައް މޮނިޓާކުރަން ހާއްސަ ކޮށްފައިވަނީ ގޫގުލް ފެމިލީ ލިންކެވެ.
1. ގޫގުލް އެކައުންޓް ސެޓަޕް
ކުއްޖާގެ އާ ފޯނު ހުޅުވާއިރު، ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައިވާ ގޫގުލް އެކައުންޓަކުން ސައިންއިން ކުރާށެވެ.
2. ފެމިލީ ލިންކް އެޕް ބޭނުންކުރުން
މަންމަ ނުވަތަ ބައްޕަގެ އަމިއްލަ ފޯނަށް ގޫގުލް ފެމިލީ ލިންކު އެޕް އަޅާށެވެ.
3. ރައްކާތެރިކަމުގެ ސެޓިންސް
ސޭފްސާފު އަދި ޔޫޓިއުބު ކިޑްސް
ކުއްޖާގެ އުމުރާ ގުޅޭގޮތަށް ގޫގުލް ސާޗް އަދި ޔޫޓިއުބްގައި ހުންނަ ސާޗް ހިސްޓްރީ އަދި ރިކޮމެންޑޭޝަންތައް ހެދުމަށް މިއީ ބޭނުންތެރި ބަދަލެކެވެ.
4. އެޕް އުޕްރޫވްކުރާ ގޮތް ހެދުން
މި ފީޗާއިން ޕްލޭ ސްޓޯރުން ޑައުންލޯޑްކުރާ އެޕްތައް ބްލޮކް ނުވަތަ އެޕްރޫވް ކުރުމުގެ ބާރު ބެލެނިވެރިންނަށް ލިބެ އެވެ.
ދަރިފުޅު ހުންނަ ތަން ލައިވް މެޕުން ބެލުމަށް މި ސެޓިން އޮންކުރުން މުހިއްމެވެ.
ވިންޑޯސް ކޮމްޕިއުޓަރު
މައިކްރޯސޮފްޓް ކޮމްޕިއުޓަރުތަކުގައި މައިކްރޮސޮފްޓު ފެމިލީ ސޭފްޓީ މެދުވެރިކޮށް ރައްކާތެރިކަން އިތުރުކުރެވޭނެ އެވެ.
ކޮމްޕިއުޓަރުގެ ސެޓިންސް > އެކައުންޓްސް > ފެމިލީ އެންޑް އަދަ ޔޫސާސް އަށް ގޮސް ކުއްޖާގެ މައިކްރޮސޮފްޓް އެކައުންޓް އިތުރުކުރާށެވެ.
މައިކްރޮސޮފްޓު ފެމިލީ ސޭފްޓީ ޕޯޓަލްއިން ލޮގިންވެގެން ކޮމްޕިއުޓަރާއި އެކްސްބޮކްސް ބޭނުންކުރާ ވަގުތު ކަނޑައަޅައި، ވަކި ވެބްސައިޓްތަކެއް ބްލޮކް ކުރެވޭނެ އެވެ.
ކޮންމެ ޑިވައިސަކަށް ވިއަސް މުހިއްމު ސެޓިންސް
ކޮންމެ ބްރޭންޑެއްގެ ޑިވައިސަކަށް ވިއަސް އިން-އެޕް ޕާޗޭސާއި އެޕް ޕާމިޝަންތައް ބެލުން މުހިއްމެެ.
1. އިން-އެޕް ޕާޗޭސް ބަންދުކުރުން
ގޭމްތަކާއި އެޕްތަކުގެ ތެރެއިން އެކި އެއްޗެހި ގަންނަން އުޅުމުގެ ތެރޭގައި ބެލެނިވެރިންގެ ބޭންކު ކާޑުން ފައިސާ ނުކެނޑޭނެ ގޮތަށް އިން-އެޕް ޕާޗޭސް ސެޓިންސް ލޮކް ކުރާށެވެ.
2. އެޕް ޕާމިޝަންތައް ބެލުން
ފޯނުގެ ޕްރައިވެސީ ސެޓިންސް އިން ކެމެރާ، މައިކްރޮ ފޯން އަދި ލޮކޭޝަން ފަދަ މައުލޫމާތުތަކަށް އެޕްތަކަށް އެކްސެސް ދެވިފައިވަނީ ކިހާވަރަކަށްތޯ ބަލާށެވެ.
3. ލޮކޭޝަން ޝެއަރިން އޮފްކުރުން
ސޯޝަލް މީޑިއާ އެޕްތަކާއި ގޭމްތަކުން ކުއްޖާ ހުންނަ ތަނުގެ މައުލޫމާތު އާންމުންނަށް ފެންނަން ނުފެންނާނެ ގޮތް ހަދާށެވެ.
ފޯނު ގެއްލިއްޖެ ހާލަތެއްގައި ވެސް އެހެން މީހަކަށް ނުހުޅުވޭނެ ފަދަ ވަރުގަދަ ޕިން ކޯޑެއް ނުވަތަ ޕާސްވޯޑެއް ޖަހާށެވެ.
ކުދިންނަށް ޑިވައިސްއެއް ދިނުމަކީ ހަމައެކަނި އެ ކުދިންގެ އަތަށް ފޯނު ދޫކޮށްލުމެއް ނޫނެވެ. ޑިޖިޓަލް ދުނިޔޭގެ ރައްކާތެރިކަމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ އާއިލާއަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.