ޖެހިޖެހިން ތިން ފިލްމެއް ކާމިޔާބުކުރި ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މި އަހަރު އަނެއްކާ ވެސް އިތުރު ފިލްމެއް ސިނަމާއަށް ގެންނަން އަމާޒު ހިފައިފި އެވެ.
ޖެހިޖެހިން ތިން ފިލްމެއް ކާމިޔާބުކުރި ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) މި އަހަރު އަނެއްކާ ވެސް އިތުރު ފިލްމެއް ސިނަމާއަށް ގެންނަން އަމާޒު ހިފައިފި އެވެ.
މިދިޔަ އެޕްރީލް މަހު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އަށް ފަހު، ޗިއްޕެ އަލަށް ޑައިރެކްޓްކުރާ ފިލްމަކީ ފެމިލީ ޑްރާމާއެކެވެ.
ޗިއްޕެ ބުނީ މިއީ އޭނާ އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އަދި ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގުގެ ކޮންސެޕްޓަކަށް ޑިވެލޮޕްކުރާ ވާހަކައެއް ކަމަށެވެ.
އޭނާ ބުނީ މި ފަހަރު ފެމިލީ ޑްރާމާއެއް ހަދަން ނިންމި މައިގަނޑު ސަބަބަކީ އަބަދުވެސް އެއް ޖޯންރާއެއްގެ ފިލްމް ނަހަދަން ކަމަށެވެ.
"އޭގެ ޑިސްކަޝަންސް ތެރޭގައި މިހާރު މި އުޅެނީ. މުޖުތަމައަށް ވަރަށް މުހިއްމު ރަނގަޅު މެސެޖްތަކެއް ގެނެސް ދެވޭ ކަހަލަ ގޮތަކަށް މީގެ ސްޓޯރީ ގެންނަން ބޭނުން ވަނީ. އެކަމަކު ފިލްމް ވާނީ ކޮމާޝަލް ފިލްމަކަށް،" މީ ލޯތްބަކީ ސްކްރީޕްލޭ އައިޝަތު ފުއާދާ އެކު ލިޔުނު ޗިއްޕެ ބުންޏެވެ. "އެންމެ ފަހުން މި ގެނެސްދިނީ ރޮމޭންޓިކް ކޮމެޑީތަކެއް. އެހެންވެ ބޭނުންވީ ދެން ހަދާ ފިލްމު މުޅިން ތަފާތު ޖޯންރާއަކަށް ހަދަން."
"މުޖުތަމައަށް ވަރަށް މުހިއްމު ރަނގަޅު މެސެޖްތަކެއް ގެނެސް ދެވޭ ކަހަލަ ގޮތަކަށް މީގެ ސްޓޯރީ ގެންނަން ބޭނުން ވަނީ. އެކަމަކު ފިލްމް ވާނީ ކޮމާޝަލް ފިލްމަކަށް،"
ޗިއްޕެ ބުނީ ފިލްމުގެ ސްކްރީންޕްލޭ އެކުލަވާލުމަށް ފަހު، ރޯދައިގެ ފަހުން ޝޫޓިން ފަށާނެ ކަމަށެވެ.
"ޓާގެޓަކީ އަންނަ ސެޕްޓެމްބަރު ނޫނީ އޮކްޓޯބަރު ހިސާބުގައި ފިލްމް ސްކްރީނަށް ގެނައުން،" މިދިޔަ އަހަރު "ވާށޭ މަށާއެކީ" ގެެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.
އޭނާ ބުނީ އަލަށް ފަށާ ފިލްމުން ވެސް މަޝްހޫރު ތަރިންނާ އެކު އާ، އެކްޓަރުންތަކެއް ފިލްމީ ދާއިރާ އަށް ތައާރަފު ކުރާނެ ކަމަށެވެ.
"ކާސްޓުން ނަގާނީ ސްކްރިޕްޓް އެއްކޮށް ފައިނަލް ކުރެވުނީމަ. މިހާރު ވެސް އެބަ ތިބި އެކްޓް ކުރަން ބޭނުންވެގެން އަހަރެމެންނަށް އެޕްރޯޗްކޮށްފައި ތިބި ކުދިން،" ޗިއްޕެ ބުންޏެވެ. "އެހެންވެ އަނެއްކާ ވެސް އާ ކުދިންތަކެއް ސްކްރީނުން ފެނިގެން ހިނގައި ދާނެ."
ޗިއްޕެ ޑައިރެކްޓް ކުރާ ފިލްމުގެ އިތުރުން ޑާކް ރެއިނުން މިހާރު އަންނަނީ އިތުރު އެހެން ފިލްމެއްގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާ ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.
އޭގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް "4426" ޑައިރެކްޓް ކުރި އަހުމަދު ޝިނާނެވެ.