14 Jun 2017

By: Ahmed Adhushan

އެކްޓަރު އަލީ ޝަޒްލީމް މިހާރު ބެލުންތެރިންނަށް އަލެއް ނުވާނެ އެވެ. ފިލްމީ ދާއިރާގައި އަދި އެހާ މަޝްހޫރު ނަމަކަށް ނުވިޔަސް ޝަޒްލީމަކީ މި ދާއިރާ އިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ޒުވާނެކެވެ. އެހެންވެ އޭނާ ހުރީ ދިރިއުޅުމަށް މިހާރު ކުރާ މަސައްކަތުގެ އިތުރުން ހޮބީއެއްގެ ގޮތުން އަބަދު ވެސް ބެލުންތެރިން މުނިފޫހިފިލުވައި ދޭން ތައްޔާރަށެވެ.

ޝަޒްލީ ބޮޑަށް ފާހަގަކުރެވެނީ ޑާން ރެއިން އެންޓަޓައިންމަންޓް ސްޓޫޑިއޯގެ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާ މިހާތަނަށް ފެނިފައި ހުރީ ވެސް އެތަނުގެ ފިލްމުތަކުންނެވެ. އޭގެ ތެރޭގައި ހުޅުދާން (2014)، އެންމެ ފަހު ވިންދާ ޖެހެންދެން (2015)، ވާށޭ މަށާއެކީ (2016) އަދި މި އަހަރު ރިލިޒް ކުރި "މީ ލޯތްބަކީ" ހިމެނެ އެވެ.

ޝަޒްލީމް ބަތަލާ މަޖޫ އާއި ނޫރާއާ އެކު.

އެކަމަކު ފިލްމީ ދާއިރާ އަށް ޝަޒްލީމް އެންމެ ފުރަތަމަ ނިކުތީ ޑާކް ރެއިންގެ ފިލްމަކުންނެއް ނޫނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ މުހައްމަދުގެ ފުއާދު (ފޯޑް) ގެ އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" އެވެ. އެ ފިލްމުގައި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ސެގްމަންޓް "ފޮށި" ގައި ޝަޒްލީމް ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ.

"އެއީ ކެމެރާ ކުރިމަތީގައި އެންމެ ފުރަތަމަ އެކްޓް ކުރި ފިލްމަކީ. އަސްލު މި ދާއިރާ އަށް ވަދެވުނީ ވެސް ފޯޑްގެ ސަބަބުން. ދެން އޭނަ ތުރޫކޮށް ޑާކް ރެއިންގެ ތެރެއަށް ވަދެވުނީ،" ކުޑައިރުއްސުރެ އެކްޓް ކުރަން ޝައުގުވެރިކަން ހުންނަ ޝަޒްލީމް ބުންޏެވެ.

ދެހާސް ތޭރައިގައި މަސައްކަތް ފެށި "ހަތަރު ހަޅަ" ސިނަމާ އަށް ނައިސް އޮއްވައި، އޭނާގެ ފުރަތަމަ ފެނިލުމަކަށްވީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން ލިޔެ، ޑައިރެކްޓް ކުރި "ހުޅުދާން" އެވެ.

"ހުޅުދާން" ގެ ޓްރެއިލާއެއް: މިއީ ޝަޒްލީމް ފެނިގެން ދިޔަ ފުރަތަމަ ފިލްމް.

"އެ ފިލްމަށް ފަހު ޑާކް ރެއިނުން މިހާތަނަށް ހެދި ހުރިހާ ފިލްމެއްގައި އެކްޓްކޮށްފައި ވާނެ. އެކަމަކު ބުނެލަން ބޭނުން ވަނީ އަހަންނަކީ ހަމައެކަނި ޑާކް ރެއިންގެ ފިލްމްތައް އެކަނި ކުޅެން ނިކުމެ ހުރި މީހެއް ނޫނޭ،" ވާށޭ މަށާއެކީގައި ބެލުންތެރިންނަަށް ވަރަށް މަޖާވި ރޯލެއް ކުޅުނު އެކްޓަރު ބުންޏެވެ.

އޭނާ ބުނީ އަބަދު ޑާކް ރެއިންގެ ފިލްމްތަކުން ފެންނާތީ އެގޮތަށް ލޭބަލް ވެސް ވެފައިވާ ކަމަށެވެ. އޭނާގެ ކުރިއަށް އަދި ހުރީ ވެސް ހަމަ ޑާކް ރެއިންގެ ފިލްމްތަކެވެ. އޭގެ ތެރެއިން އެއް ފިލްމަކީ މި އަހަރު ފަހުކޮޅު ޗިއްޕެ ގެނެސްދޭ ފެމިލީ ޑްރާމާ އެވެ.

"އޮފާއެއް ހުށަހަޅާ ކޮންމެ ބަޔަކާ އެކު މަސައްކަތް ކުރަން ހަމަ ތައްޔާރަށް މިހިރީ. ހިތްހަމަޖެހޭ ކަހަލަ ރޯލްތަކެއް ލިބޭ ކަމަށް ވަންޏާ ކޮންމެ ސްޓޫޑިއޯއެއްގެ ފިލްމެއް ވެސް ކުޅޭނަން،" އާމްދަނީ ހޯދަން ލޮޖިސްޓިކް މަސައްކަތް ކުރަމުން އަންނަ މާލެ އަށް އުފަން ޝަޒްލީމް ބުންޏެވެ.

ޝަޒްލީމް ބަތަލާ ނޫރާ އާ އެކު: އެކުގައި ދެ ފިލްމެއްގައި މަސައްކަތް ކުރި.

އޭނާ ބުނީ ފިލްމީ ދާއިރާގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށެވެ. އެެހެންވެ ބައެއް ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑެވެ.

"އޭގެ ތެރޭގައި ނަހުލާ، ރަވީ އަދި ޔޫއްޕެ ވެސް ހިމެނޭ. އެ މީހުންގެ ފިލްމްތަކެއްގައި ވަރަށް ބޭނުން މަސައްކަތްކޮށްލަން،" ޝަޒްލީމް ބުންޏެވެ. "މިހާތަނަށް ޗިއްޕެއާ އެކު ވަރަށް ބައިވަރު މަސައްކަތް ކުރެވިއްޖެ. އޭނައަކީ ވަރަށް ވަރުގަދަ ޑައިރެކްޓަރެއް. ޗިއްޕެ އާއި ޑާކް ރެއިނާ އެކު ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިފައި ހުރީ."

"މީ ލޯތްބަކީ" ގެ ޕްރޮމޯ ލަވަ: މި ލަވައިން ޝަޒްލީމް ވެސް ފެންނާނެ.

ޝަޒްލީމް ހުރީ ފުރުސަތުތައް ލިބޭ ވަރަކުން ހަމަ ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެންނެވެ. އޭނާގެ ދެ ފިރިހެން ދަރިން ވެސް ފިލްމްތަކުން ފެންނަނީ، މި ދާއިރާ އަށް ހަމަ އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ޝަޒްލީމް ބުނީ ދެ ކުދިން ވެސް މި ތިބީ އެކްޓްކުރަން ވަރަށް ބޮޑަށް ލޯބި ޖެހިފަ އެވެ.

"އަބަދު ވެސް ފެންނާނޭ ބުނަން ބޭނުން ވަނީ. ހިތަކު ނެތް އެކްޓް ކުރަން ހުއްޓާލާކަށް. ދެން ވަރަށް ގިނަ ރައްޓެހިން ވެސް އަސްލު ހިތްވަރުދޭ ކުރިއަށް ދާން. ބައެއް މީހުން ސަޖެސްޓް ވެސް ކުރާނެ ވަކި ކަހަލަ ރޯލްތަކެއް ކުޅެން،" ވަރަށް ވަރުގަދަ ނެގެޓިވް ރޯލެއް ކުޅެން ބޭނުންވާކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ތަފާތު ރޯލްތަކުން ހަމަ ކުރިއަށް އޮތް ތަނުގައި ނުގެއްލި ފެންނާނެ."

މިދިޔަ އަހަރު އެޅުވި "ވާށޭ މަށާއެކީ" ގެ ޕޯސްޓަރެއްގައި ޝަޒްލީމާއި އޭނާގެ ދެ ކުދިން.

ފިލްމީ ދާއިރާގައި ޝަޒްލީމަށް މި ވަގުތު ހާއްސައީ އެކްޓް ކުރުން ކަމަށް ވިޔަސް، ޑައިރެކްޓް ކުރުމަކީ ވެސް އޭނާގެ ސިކުނޑީގައި އިން ހިޔާލެކެވެ.

"ކޮންމެވެސް ހިސާބަކުން ޑައިރެކްޝަނެއް ވެސް ހަދާލަން ބޭނުން،" އެކްޓިން ހުނަރު ތަރައްގީކުރަން އާންމުކޮށް ހިންދީ އަދި އިނގިރޭސި ފިލްމްތައް ބަލާ އެކްޓަރު ބުންޏެވެ. "އެކަމަކު އަދި ހަމަ އެކްޓިން އަށް ފޯކަސް ހުރީ."

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular