14 Aug 2017

ނުޒޫ ބުނަނީ "ވަކިން ލޯބިން" ގެ ކެރެކްޓާ މާ ތަފާތު ވާނެ ކަމަށް

ނުޒޫ އަށް ޑާކްރެއިންގެ "މީ ލޯތްބަކީ" އިން ވެސް ފުރުސަތު ލިބުނު. އެކަމަކު އޭރު އެ ފިލްމަށް ވަގުތު ދެވޭ ގޮތެއް ނުވި.

ނުޒޫ އަށް ޑާކްރެއިންގެ "މީ ލޯތްބަކީ" އިން ވެސް ފުރުސަތު ލިބުނު. އެކަމަކު އޭރު އެ ފިލްމަށް ވަގުތު ދެވޭ ގޮތެއް ނުވި.

By: Ahmed Adhushan

"މަލިކާ" އިން މި އަހަރު ތައާރަފުވި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އަކީ އުންމީދީ ބަތަލާއެކޭ ބުނަނީ މި ސަބަބާ ހުރެ އެވެ؛ އޭނާ އަށް ލިބޭ އޮފާތައް ގިނަ އެވެ. ވަރުގަދަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ލިބޭ ފުރުސަތުތައް އަންނަނީ އިތުރުވަމުންނެވެ. ބެލުންތެރިން ވެސް ވަރަށް ބޮޑަށް އޭނާ ބަލައިގެންފި އެވެ.

މިހާރު ސިނަމާގައި އޮތް ފިލްމް "ނޯޓީ 40" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ބަތަލާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާ އިރު ވެސް، ހުރީ އާދައިގެ ފިލްމްތަކެއް ނޫނެވެ. ނުޒޫ ދެން އެންމެ އަވަހަށް ފެނިގެން ދާނި އަންނަ މަހު ރިލީޒް ކުރާ އަބްދުލް ފައްތާހްގެ "ހައްދު" ގެ އައިޓަމް ލަވަ "ގިރިޓީ ލޯބި"ންނެވެ.

"ހައްދު" ގެ ޓްރެއިލާއެއް.

"ލަވަ އަށް ކުރެވިފައި ހުރި މަސައްކަތް ފެނުނީމަ އަމިއްލަ އަށް ވެސް ހިތަށް އެރި ހަމަ ނުޒޫބާއޭ އެ ފެންނަނީ. ހަމަ ގައިން ހީބިހި ނަގާ ކަހަލަ ލަވައެއް އެއީ. ލަވަ ވަރަށް ވަރަށް ސަޅި ވާނެ،" އިސްމާއިލް ޖުމައިހް (ޖުމާ) ކޮރިއޯ ހެދި ލަވައާ ބެހޭ ގޮތުން ނުޒޫ ބުންޏެވެ.

ޒުވާން ބަތަލާ މިހާރު އަންނަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމް "ވަކިން ލޯބިން" ގެ މަސައްކަތް ވެސް ކުރަމުންނެވެ. ޑާކް ރެއިނުން މި އަހަރު ރިލީޒް ކުރި "މީ ލޯތްބަކީ" އިން ވެސް ނުޒޫ އަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭރު އެ ފިލްމަށް ވަގުތު ދެވެން ނެތިގެން ފިލްމް ދޫކޮށްލަން ޖެހުނީ އެވެ.

ނުޒޫ އާއި ޖުމަލް: "ވަކިން ލޯބިން" އަކީ ދެ މީހުން އެކުގައި ކުޅޭ ދެވަނަ ފިލްމް.

"އެކަމަކު އަލުން އަނެއްކާ ވެސް އެ ސްޓޫޑިއޯގެ ފިލްމަކުން ފުރުސަތު ލިބުނީމަ ވަރަށް ޕްރައުޑްވެފައި މި ހުންނަނީ. ޑާކް ރެއިންގެ ޓީމާ އެކު މަސައްކަތްކޮށްލުމަކީ ވަރަށް މަޖާ ކަމެއް،" އޭނާ ބުންޏެވެ.

"ވަކިން ލޯބިން" ގައި ނުޒޫ ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކުގަ އެވެ. މިއީ ޖުމަލްއާ އެކު ނުޒޫ ކުޅޭ ދެވަނަ ފިލްމެވެ. "މަލިކާ" ގައު ވެސް ދެ މީހުން ވަނީ ސްކްރިން ހިއްސާކޮށްފަ އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "ވަކިން ލޯބިން" ގައި ނުޒޫ ކުޅެނީ ރޫނާ ކިޔާ ކެރެކްޓާއެކެވެ.

"ކުރިން ކުޅުނު ކެރެކްޓާތަކާ ހަމަ މުޅިން ތަފާތު ކެރެކްޓާއެއް މީގައި މި ކުޅެނީ. ވަރަށް ތަފާތު ވާނެއޭ ބުނާނީ. އެއީ މި ވަގުތަށް ރޯލާ ބެހޭ ގޮތުން ބުނެވެން އޮތް ވަރަކީ،" އޭނާ ބުންޏެވެ. "މަސައްކަތް ދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ޗިއްޕެއަކީ ވަރަށް ރަނގަޅަށް ކިޔައިދޭ ޑައިރެކްޓަރެއް. އެހެންވެ ވަރަށް ފަސޭހަ."

ނުޒޫ ޑައިރެކްޓަރު ޗިއްޕެއާ އެކު.

"ވަކިން ލޯބިން" ސިނަމާ އަށް އަންނާނީ އަންނަ އަހަރުގެ މާޗް 5 ގަ އެވެ.

ނުޒޫ ބުނީ މިހާރު ވެސް އިތުރު ޕްރޮޖެކްޓްތަކަކަށް ސްޓޫޑިއޯތަކާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާ މިހާރު ހުރީ ސީދާ "ވަކިން ލޯބިން" އަށް ވަގުތު ހުސްވެގެންނެވެ.

"މި ފިލްމް ނިންމާފައި އަނެއްކާ ވެސް އާ ޕްރޮޖެކްޓެއް ފަށާނަން. ހަމަ ފުރުސަތު ލިބޭ ވަރަކުން މި ދާއިރާ އިން ކުރިއަށް ދާން ނިންމައިގެން މި ހުރީ،" ކުރިން ނެށުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ބަތަލާ ބުންޏެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް ޑައިރެކްޓަރު އަލީ ޝިފާއު މޮގާ

Popular