10 Sep 2017

"ބޮސް" ގެ ލަވަތައް ވަރަށް ހިތްގައިމު

"ބޮސް" ގައި ހިމެނެނީ އަމިއްލަ ރާގުގެ ހަ ލަވަ.

"ބޮސް" ގެ ލަވަތައް ވަރަށް ހިތްގައިމު

"ބޮސް" ގައި ހިމެނެނީ އަމިއްލަ ރާގުގެ ހަ ލަވަ.

By: Ahmed Adhushan

އަންނަ މަހު ރިލީޒް ކުރާ ފިލްމް "ބޮސް" އަށް އިންތިޒާރު ކުރާ މީހުންނަށް މިއޮތީ ހަދިޔާއެކެވެ. ފިލްމުގެ ލަވަަތައް ހުކުރު ދުވަހުގެ ރޭ މި ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ.

ސައުންޑްކްލައުޑާއި ދިރާގް މައި ޓޯންސް އިން ވެސް މި ލަވަތައް އަޑު އަހައިލެވޭނެ އެވެ.

ޖުމްލަ ހަ ލަވަ ހިމެނޭ "ބޮސް" ގެ ޓްރެކް ލިސްޓަށް ބަލާ އިރު "މި ހިތް އެދޭ ގޮތް މި ވަނީ"، "ވޭންތަކުން ދިން ހިތި މާޒީ"، "ބޮސްދޭހާ ލޯބިވޭ"، "މީ ވާވަރު"، "ލޯބިން ގޮސް ބޮސް ދޭނަން" އަދި "ހިތް އަވަސްވާ ގޮތްވެވޭ" ހިމެނެ އެވެ. މިއީ މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.

ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ)، މިސްޓީ އަދި މުނާޒްގެ އިތުރުން ހުސައިން ސޮބާހެވެ.

ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ އާދަމް ހަލީމް އަދުދާނާއި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމްތަކަށް އާންމުކޮށް އެންމެ ގިނައިން ޅެންތައް ހަދައިދޭ މައުސޫމް ޝާކިރެވެ. "ބޮސް" ގެ ލަވަތައް އަޑު އަހާލުމުން، މި ލަވަތަކުގައި ކިޔައިދޭ ވާހަކަތަކުން ވެސް ފިލްމުގެ ޖަޒުބާތުތަކާއި އަސަރުތައް އިހުސާސްކޮށްލެވެ އެވެ. ސައުންޑްކްލައުންޑުން އަޑު އަހާލަމާ ހިނގާށެވެ.

"ބޮސް" ގެ ސައުންޑްކްލައުޑް ޓްރެކް ލިސްޓް.

ހިތްގައިމު މި ޅެންތަކުގެ އަންހެން އަޑުތަކަކަކީ ރާއްޖޭގައި މިހާރު އެންމެ ވިދާ އަންހެން އަޑުގެ ތެރޭގައި ހިމެނޭ ރާފިޔަތު ރަމީޒާ، މާއިން ރަޝީދު އަދި މަރިޔަމް އަޝްފާ އެވެ. ފިރިހެން އަޑުތަކަށް ބަލާ އިރު، ވަރަށް ޒުވާން ފަންނާނުންތަކެއްގެ އަޑު ވެސް "ބޮސް" ގެ ލަވަތަކުން އިވިގެން ދާނެ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ދެވަނަ ޝަލަބީ އިބްރާހީމާއި އައިޑޮލް ދޭއްގެ ދެވަނަ ހަމޫދު އަހުމަދު ފާހަގަކޮށްލެވެ އެވެ.

އަދި އައިޑޮލް ދޭކުން ފެނިގެން ދިޔަ މުހައްމަދު ނަބީލް ވެސް ހިމެނެ އެވެ. ނަބީލަކީ ކުރީގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ފާތުމަތު ޒޫނާގެ ދަރިއެކެވެ. ނަބީލް ވަރަށް ކުޑައިރު ވެސް ނަހުލާގެ ބައެއް ފިލްމްތަކަށް ލަވަ ކިޔައި ދީފައިވެ އެވެ.

"ބޮސް" ވެގެން ދާނީ ހަމޫދުގެ އަޑުން ކިޔާފައިވާ ލަވައެއް ފިލްމަކުން އިވޭ ފުރަތަމަ ފަހަރަށެވެ.

"ބޮސް" ގެ ޓްރެއިލާ.

ނަހުލާގެ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ބޮސް" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަޔު ޔުނާން އާއި މިހާރުގެ އެންމެ ވިދާ ބަތަލާ މަރިޔަމް އައްޒަ އެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި އަލީ އާޒިމް (ދޮންއައްޔަ) ވެސް ހިމެނެ އެވެ.

މިހާރު ޓްރެއިލާ ވެސް ދައްކާލައިފައިވާ "ބޮސް" ޑައިރެކްޓްކޮށްފައި ވަނީ ބަތަލާ އައިޝަތު ރިޝްމީ އެވެ. މި ފިލްމް ސިނަމާ އަށް އަންނާނީ އަންނަ މަހުގެ 24 ގަ އެވެ.

ފާތިމަތު ނަހުލާ ދިވެހި ފިލްމް އިންޑަސްޓްރީ އައިޝަތު ރިޝްމީ އެކްޓްރެސް މަރިޔަމް އައްޒަ ފިލްމު ބޮސް

Popular