ދިގު އިންތިޒާރަކަށްފަހު ދާއިން އަބްދުލްއަލީމްގެ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ.
ދިގު އިންތިޒާރަކަށްފަހު ދާއިން އަބްދުލްއަލީމްގެ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު އަލީ ރަމީޒާ އެކު ރިކޯޑުކުރި "ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ" މަދަހަ، މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އުފަން ރަށް، ފ. ފީއަލީގައި ދިރިއުޅޭ ދާއިން މި މަދަހަ ރިކޯޑުކުރީ މާލެއަށް ކުރި ދަތުރެއްގައި މި މަހުގެ 1 ވަނަ ދުވަހު އެވެ.
ގޭގައި މަންމަ މަދަހަ ކިޔާ އަޑުއިވޭތީ އެކަމަށް ހިތްޖެހި ދާއިން ވެސް، ފަހުން ވަނީ ރަށުގައި ބޭއްވި މުބާރާތްތަކުގައި ވާދަކޮށް ވަނަ ހޯދައިފަ އެވެ.
އެކަމުން ކުރިއަށް ދިއުމަށް ފެނުނު އެއް މަގަކީ ފޯނުން މަދަހަ ރިކޯޑުކޮށް ސޯޝަލް މީޑިއާއަށް އަޕްލޯޑުކުރުމެވެ. އަދި އަލީ ރަމީޒު ކިޔާފައިވާ މަދަހަތައް ޓެގްކުރުމުން އޭނާ ވެސް ވަނީ ދާއިންއާ އެކު ޑުއެޓުކޮށް މަދަހައެއް ކިޔާލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ބާވީސް އަހަރުގެ ޒުވާނާ ބުނީ އަލީ ރަމީޒާއެކު އެ މަދަހަ ރިކޯޑު ކުރެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
"އެއީ އެންމެ ބޮޑު ކާމިޔާބީ،" އޭނާ ބުންޏެވެ.
ދާއިން ބުނިގޮތުގައި އެންމެ ފުރަތަމަ އަލީ ރަމީޒުގެ ފަހަތުން ކިޔައި އެ މަދަހަ ފަރިތަކުރީ އެވެ. ކުޑަ އިއްބެގެ ޓޮނިކް ސްޓޫޑިއޯގައި ރިކޯޑުކުރީ އޭގެ ފަހުންނެވެ.
"އަޅުގަނޑަށް ސަޕޯޓުދިނުމުގައި އަލީ ރަމީޒުގެ މަސައްކަތް ފުރިހަމަކޮށްފި. ވަރަށް ހިތްހަމަޖެހިފައި މިހުރީ،" ދާއިން ބުންޏެވެ.
އޭނާއަށް މިއޮތް ހުރިހާ ދުވަހު އަލީ ރަމީޒުގެ އަޑު އިވުނީ ޓީވީންނާއި ސޯޝަލް މީޑިއާއިންނެވެ. އެކަމަކު، މަދަހަ ކިޔުމުގައި ދާއިން ރޯލް މޮޑެލްގެ ގޮތުގައި ބަލާ 'ތަރި' ލައިވްކޮށް މަދަހަ ކިޔައި އަޑު އިވުމުން އެ ޒުވާނާއަށް ކުރެވުނު އިހުސާސް ވެސް ބުނެދޭކަށް ނޭނގެ އެވެ.
"ވަރަށް ތަފާތު ތަޖުރިބާއެއް މި ކުރެވުނީ،" އޭނާ ބުންޏެވެ.