12 Sep 2017

"ވަކިން ލޯބިން" ގައި ޖުލީގެ ބަދަލުގައި ފެންނާނީ ކުޑަ ހައްޖަ

ޖުލީ އަށް ހުށަހެޅި ރޯލުން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ކުޑަހައްޖަ.

"ވަކިން ލޯބިން" ގައި ޖުލީގެ ބަދަލުގައި ފެންނާނީ ކުޑަ ހައްޖަ

ޖުލީ އަށް ހުށަހެޅި ރޯލުން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ކުޑަހައްޖަ.

By: Ahmed Adhushan

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އުފުލައިލި އައިމިނު ޖުލީސާ (ޖުލީ) ވަރަށް އަވަހަށް ބޮޑު ސްކްރީނުން ފެންނާނެ ކަމަށް ކުރިން ބެލެވުނަސް، ނަސީބު ދިމާކުރި ގޮތުން އެކަންވާ ގޮތެއް ނުވި އެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން މިހާރު ހަދަމުން އަންނަ ފިލްމް "ވަކިން ލޯބިން" ގެ ރޯލެއް ޖުލީ އަށް ހުށަހެޅި އެވެ. އެވޯޑް ހަފުލާ ނިންމައިލި ތަނާ އޭނާ އަށް އަށް ޑާކް ރެއިނުން ހުށަހެޅި ހުށަހެޅުން ގަބޫލްކޮށް، ޖުލީ ހއ. ހޯރަފުށްޓަށް ފުރައިގެން ދިޔައީ ޝޫޓިން އަށް މާލެ އަންނަ ގޮތަށެވެ. ޖުލީއަކީ ފެނަކަ ހޯރަފުށީ ބްރާންޗްގައި ވަޒީފާ އަދާ ކުރާ މީހެކެވެ.

ނަމަވެސް މަސައްކަތް ހުރި ގޮތުން އޭނާ އަށް ފިލްމަށް މި ފަހަރު ވަގުތު ހުސްކުރެވޭ ގޮތެއް ނުވި އެވެ.

ޖުލީ އަށް "ވަކިން ލޯބިން" އިން ހުށަހެޅި ރޯލް މިހާރު ކުޅެނީ ކުޑަހައްޖަ.

އަނެއްކޮޅުން "ވަކިން ލޯބިން" ޝޫޓިން މިހާރު ކުރިއަށްދާތީ ޖުލީއަށް ވަގުތު ހުސްކުރެވޭނެ އިރަކަށް ޑާކް ރެއިނަށް މަޑު ކުރެވޭކަށް ނެތެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އެހެން ޕްރޮޖެކްޓެއްގައި ޖުލީއާ އެކު މަސައްކަތް ކުރުމުގެ އުންމީދުގައި، އޭނާ އަށް ހުށަހެޅި ރޯލަށް އެހެން ބަތަލާއަކު ވަނީ ނަގައިފަ އެވެ.

އެއީ ކުރީގެ މަޝްހޫރު ބަތަލާ ހަދީޖާ އިބްރާހީމް (ކުޑަހައްޖަ) އެވެ. އޭނާ ވަނީ 2015 ގައި ޑާކް ރެއިނުން ގެނެސް ދިން ފިލްމް "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ. "ވެހޭ ވާރޭތެރެއިން" އާއި "އޭނާ" ފަދަ ފިލްމްތައް ކުޅެފައިވާ ހައްޖަ ފިލްމްތަކުން ފެންނަލެއް ވެސް މިހާރު މަދެވެ. ކުރިން ލިޑް ބަތަލާއެއްގެ ރޯލް ކުޅުނަސް، މިހާރު ފެނިލާ މަދު ފަހަރެއްގައި ހައްޖަ ފެންނަނީ ސަޕޯޓިން ރޯލްތަކުންނެވެ.

ޖުމައްޔިލް ނިމާލް (ޖުމަލް) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އަދި މަރިޔަމް މަޖުދާ (މަޖޫ) ލީޑް ރޯލް ކުޅޭ "ވަކިން ލޯބިން" ގައި ވެސް ހައްޖަ ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ. މި ފިލްމް އަދި މި ފަހަރު ހައްޖަ އަށް ވަކިން ހާއްސަ ވެސް މެ އެވެ. އޭނާގެ އަންހެން ދަރިފުޅު ވެސް ފިލްމުގެ ރޯލަކުން ފެންނާތީ އެވެ.

ޖުލީ އަށް "ވަކިން ލޯބިން" އިން ހުށަހެޅި ރޯލް މިހާރު ކުޅެނީ ކުޑަހައްޖަ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ޖުލީ އަށް "ވަކިން ލޯބިން" އަށް މަސައްކަތް ނުކުރެވުނަސް، ހުނަރުވެރި އެކަހަލަ އެކްޓަރުންނާ އެކު ޑާކް ރެއިނުން އަބަދު ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

"އެހެންވެ އަހަރެމެންގެ ކޮންމެ ވެސް ޕްރޮޖެކްޓެއްގައި ޖުލީ އަށް މަސައްކަތްކޮށްލެވޭ ކަހަލަ ގޮތެއް ވާނެ ކަމަށް އުންމީދު ކުރަނީ،" އޭނާ ބުންޏެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "ވަކިން ލޯބިން" ރިލީޒް ކުރާނީ މާޗް 5، 2018 ގަ އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ޑާކް ރެއިން އެންޓަޓެއިންމެންޓް މޮގާ

Popular