7 Jun 2026

By: Asima Nizar

އަލަތު ދަރިފުޅު ވިހައިގެން ހަށިގަނޑަށް އައި ބަދަލުތަކާ އެކު އުނދަގޫވި އެވެ. ކަސްރަތުކުރަން ބޭނުންވިއަސް ފާތިމަތު އުހުދާ (އުހޫ) އޭރު ދިޔައީ ޕްރައިމަރީ ޓީޗިންގެ ޑިޕްލޮމާއަށް ކިޔަވަމުންނެވެ. އެހެންވެ، ކޯސް ނިންމައިގެން އޭނާ ފުރަތަމަ ވެސް ދިޔައީ ޖިމަށެވެ. އަމިއްލަ ދުޅަހެޔޮކަމަށް ކަސްރަތުކުރަމުން ގޮސް އެކަމަށް ޖެހުނު ލޯބީގައި ދެން ފެށީ އެހެން މީހުން ފިޓުކޮށްދޭށެވެ.

ދެ ވަނަ ދަރިފުޅު ވިހައިގެން ޓީޗިން ދާއިރާ ދޫކޮށްލިގޮތަށް މީގެ ނުވަ އަހަރު ކުރިން ދެން އުފަންވީ "ފިޓްލައިފް ވިތު އުހޫ" އެވެ.

އުހޫ، 42، ބުނީ، ގްރޫޕް ފިޓްނެސްގެ ސެޓްފިކެޓް ހޯދައިގެން އޭނާ ފެށީ މޫދު ކަސްރަތާއި ބޫޓްކޭމްޕު ކަމަށެވެ. އަންހެނުންނަށް ހާއްސަކޮށްގެން ފެށި އެ ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބެ އެވެ. 

އުހޫ، އޭނާގެ ކްލައިންޓުންނާއެކު.

އެއް އަހަރުން އަނެއް އަހަރަށް، އުހޫގެ ކްލާސްތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. މިހާރު ވެސް، ހުޅުމާލޭގައި ހިންގާ ދެ ކްލާހުގައި ފަސްދޮޅަހެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

ފިޓްނެސް ކްލާސްތަކަށް އަބަދުވެސް ހުޅުވާލަނީ މަހަކު އެއް ފަހަރު އެވެ. އެއް ބަޔަކު ހަމައެކަނި މޫދު ކަސްރަތު ނުވަތަ ބޫޓުކޭމްޕުގަ އެވެ. 

ތިން ކުދިންގެ މަންމަ ބުނި މޫދު ކްލާސްތަކުގައި، އުމުރުން ދުވަސްވީ މީހުން ގިނަ ކަމަށެވެ. އެންމެ ދުވަސްވީ 70 އަހަރުގެ އަންހެނެކެވެ. އޭގެ އިތުރުން ހުޅުތަކުގައި ރިއްސާތީ އެކަމުގެ ފަރުވާއަކަށް މޫދަށް އެރެން ޑޮކްޓަރުން ރިކޮމެންޑުކުރި މީހުން ހިމެނެ އެވެ. ނަމަވެސް، ކަކުލުގައި ރިއްސުމާއި ބަރުދަން ލުއިކުރަން މޫދަށް އެރޭ ޒުވާނުން ވެސް ގިނަވަމުންދާ ކަމަށް އޭނާ ބުންޏެވެ. 

މި މަސައްކަތުގައި އެންމެ ބޮޑު ބަދަލެއް ގެނެވުނު އެކަކަކީ ވެސް އުހޫގެ މަންމައަށެވެ.

ކަކުލުގެ މައްސަލަ ބޮޑުވެގެން ސިޑިން ނޭރުމަށާއި ނުހިނގުމަށް ޑޮކްޓަރުން އޭރު އޮތީ އަންގައިފަ އެވެ. ގޮނޑީގައި އިނދެގެން ނަމާދުކުރާތާ ވެސް ހަތް އަހަރުވެއްޖެ އެވެ. ސެޓްފިކެޓު ނުހޯދިއަސް، އުހޫއާ އެކު، އޭނާ ކުރިން ދިޔަ ޖިމަށް މަންމަ ގެންދިޔަ އެވެ. އަދި ކަސްރަތުކުރަން ފަށައި އެއް މަސް ދުވަހުގެ ތެރޭގައި ބޮޑު ލުއެއް ވަނީ ލިބިފަ އެވެ. 

މިހާރު ވެސް އުހޫގެ މޫދު ކްލާހަށް ގޮސްގެން ކަސްރަތުކުރެ އެވެ. 

"ކުރިން ސިޑިން އަރައިފިއްޔާ ރޭގަނޑު ތަދުވާތީ ނުނިދިގެން އުޅޭތީ. އެކަމަކު، މިހާރު ހަމަ ކޮޅަށް ހުރެގެން ނަމާދުކުރެވޭ،" މަންމައަށް ބަދަލުތަކާ ގުޅޭގޮތުން އުހޫ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި އާއިލާގެ ޒިންމާތަކާ އެކު ވެސް އެ މަސައްކަތުގައި ދެމި ހުރެވުނީ މީހުންގެ ފަރާތުން ލިބުނު ހިތްވަރުންނެވެ. 

އުހޫ. އޭނާގެ ކްލާސްތައް ހިންގަނީ ހެނދުނާއި ހަވީރު އަދި ރޭގަނޑު.

އަނެއް ސަބަބަކީ ފިރިމީހާގެ ފަރާތުން ލިބޭ އެހީތެރިކަމެވެ. 

"ވަރަށް ބޮޑު ރިޒަލްޓު ނެރެފައި އެބަހުރި. އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. މީހުންގެ އިތުބާރު ލިބިފައި ހުންނާތީ ވަރަށް އުފާވޭ." އުހޫ ބުންޏެވެ.

އޭނާ މި މަސައްކަތަށް އޮންނަ ލޯބި އެނގޭ ހެއްކަކީ، މިކަމުގައި ހޭދަވި މި މުއްދަތުގައި ދިގު ޗުއްޓީއެއް ނެގީ އެންމެ ފަހަރަކު ކަމަށް ވާތީ އެވެ. އެއީ ވެސް ހަގު ދަރިފުޅު ވިހަން އެއް އަހަރުގެ ބަންދެކެވެ. އެ ޗުއްޓީއަށްފަހު މަސައްކަތުގެ ސްޕީޑު ކުރިއަށް ވުރެ ބާރުކުރި އެވެ.

އެ ފިޓްނެސް ކްލާސްތަކަށް މީހުންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރުކުރަން އެކި ޗެލެންޖުތައް ހިންގަ އެވެ. އޭގައި، މަހެއްގެ ތެރޭގައި އެންމެ ބޮޑަށް ބަރުދަން ލުއިކުރި މީހުންގެ އަގުވަޒަންކޮށް ސެޓްފިކެޓު ދީފައިވެ އެވެ.

މާލޭގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި އިދާރާތަކާ ގުޅިގެން ވެސް އޭނާގެ ޕްރޮގްރާމްތައް ހިންގަ އެވެ. މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުންނަށް ތަމްރީނު ދެވިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

މި މުއްދަތުގެ ތެރޭގައި އޭނާ ކައިރިން އެހީ ހޯދި މީހުން ވަރަށް ގިނަ އެވެ. ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ އެކަން ވަކި ހިސާބަކުން ހުއްޓެނީ އެވެ. ބައެއް ފަހަރު، ގާތް މީހަކަށް ކްލާހަށް ނުދެވޭތީ އެވެ. ނޫނީ ވަޒީފާގައި ބިޒީވެގެންނެވެ. އެކަމަކު، ކަސްރަތަކީ އަމިއްލަ މީހާއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ބަލައިފިނަމަ ބަދަލެއް ގެނެވޭނެ ކަމަށް އުހޫ ގަބޫލުކުރެ އެވެ. 

އެ ކްލާސްތަކުގައި، އެތައް ޑޮކްޓަރުންނަކަށް ދައްކައި އަދި ނުވިތާކަށް ދިވެހި ބޭސް ކޮށްގެން ވެސް ފަރުވާ ނުލިބުނު އެތައް ބަޔަކަށް ލުއެއް ގެނެސްދީފި އެވެ. އެކަމުގައި އޭނާގެ ހިތްވަރު ބައްޔެއް ނުކުރެވޭނެ އެވެ.

ފިޓްނެސް

Popular