19 Nov 2026

By: Maaidha Mohamed Rashad

މުޅިން އަލަށް ދިވެހި ފިލްމެއް އުފައްދާ "މޫވީބަފް ޕްރޮޑަކްޝަންސް" އިން މީގެ ދެތިން ދުވަހެއް ކުރިން އާންމުކުރީ ފިލްމީ ތަރި އައިޝަތު ރިޝްމީ މީގެ ކުރިން ނުފެންނަ ގޮތަކަށެވެ. މަގެއްގައި އެކަނިމާއެކަނި ބޯހާވަލައިގެން ހުރީ ފައިވާނަށް ވެސް ނާރަ އެވެ. މުޅި ގައިގައި އޮތީ ހުސް ކިލަ އެވެ. ބާވެފައިވާ ހެދުމެއްގައި ހުރި އިރު ރިޝްމީ މި ކުޅެނީ ކޮން ކަހަލަ ރޯލެއްތޯ ސުވާލު އުފެދެ އެވެ. 

މިއީ މީގެ ކުރިން އެއްވެސް ފިލްމެއްގައި ރިޝްމީ ނުފެންނަ ކަހަލަ ކެރެކްޓާއެކެވެ. 

"އިމްރާ" ނަމަކަށް ކިޔާ މީހެއްގެ ރޯލުން ރިޝްމީ ފެންނަ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ. މިހާތަނަށް ފިލްމުގެ ނަން ވެސް އާންމުކޮށްފައެއް ނުވެ އެވެ. ހަމައެކަނި ބޭނުންކޮށްފައި ވަނީ "ވފތ" މި އަކުރުތަކެވެ. 

އެ ފިލްމަކީ 2019 ގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު "ވިޝްކާ" ގެ ލިޔުންތެރިޔާ އަބްދުﷲ ވިޝާމް ގެނެސްދޭ އޭނާގެ ފުރަތަމަ ފިލްމެވެ. މި ފިލްމު ލިޔެ، ޑައިރެކްޓްކުރާނީ ވެސް ވިޝާމް އެވެ. 

ވިޝާމް ބުނީ އޭނާއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ފިލްމުތަކާ ހެދީ މޮޔަވެފައި ހުންނަ މީހެއް ކަމަށާއި އެހެންވެ، އަމިއްލަ ޕްރޮޑަކްޝަން ހައުސެއް އުފައްދައިގެން އެކަމުގެ ތެރެއަށް ވަންނަން ނިންމީ އެ މަސައްކަތަށް އޮތް ޝައުގުގެ ސަބަބުން ކަމަށެވެ. 

"އަސްލު އަމިއްލައަށް ފިލްމެއް ޑައިރެކްޓްކުރަން ނިންމި ހިސާބުން ވެސް ހިތަށް އެރީ، މުޅި ޕްރޮޖެކްޓްގައި އުޅެ ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނޭ، އެހެންވީމާ ހަމައެކަނި ޑައިރެކްޓުކޮށް ލިޔާނީއެއް ނޫނޭ، ޕްރޮޑިއުސް ވެސް ކުރާނަމޭ، އެހެންވެ ދެތިން ރައްޓެހިންނާ އަދި އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ވެސް ހިމަނައިގެން ފިލްމު ޕްރޮޑިއުސްކުރަން ނިންމީ. ދެން ވިސްނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ރަޖިސްޓާ ކުރާނީއޭ. އެންމެ ކުރިންސުރެ ވެސް ފިލްމުތަކާ ހެދި މޮޔަވެފަ ހުންނަ ވަރުން، ބައެއް މީހުން އަޅުގަނޑާ ދިމާލަށް ކިޔާއެއްޗެއް "މޫވީބަފް" އަކީ. އެހެންވެ އެގޮތަށް ނިންމާފައި އެ ނަން ދޭން ނިންމީ،" ވިޝާމް ބުންޏެވެ. 

ވިޝާމް ބުނި ގޮތުގައި ރިޝްމީ ހިމަނައިގެން ހަދާ އާ ފިލްމަކީ 2014 ވަނަ އަހަރު ލިޔެފައިވާ ސްކްރިޕްޓެކެވެ. އެކަމަކު އޭގެ އެތައް އަހަރެއް ފަހުން މި ސްކްރިޕްޓަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފެށުނީ ވިޝާމް ބުނި ގޮތުގައި 2024 ވަނަ އަހަރު ފިލްމު ހަދަން ބޭނުންވާ ރައްޓެހިންތަކަކާ ދިމާވި ހިސާބުންނެވެ. އެއާ އެކު ކުރިން ލިޔެފައި އޮތް އެ ފިލްމުގެ ސްކްރިޕްޓް ނަގައި އަލުން ރީތިކުރަން ފެށީ އެވެ. 

ދ. ރިނބުދޫ އާއި ކުޑަހުވަދޫ އަދި މާލޭގައި ޝޫޓްކޮށްފައިވާ އެ ފިލްމުގެ ޝޫޓިންއަށް ގާތްގަނޑަކަށް 58 ދުވަސް ހޭދަވި އެވެ. މިހާރު މި ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގައި ނިމި، ފުރަތަމަ އެޑިޓިން ވެސް ނިމިފައިވާ ކަމަށާއި މިހާރު ހަމައެކަނި ޝޫޓް ނުކުރެވި އޮތީ ލަވައެއްކަމަށް އޭނާ ބުންޏެވެ.

ވިޝާމް ބުނި ގޮތުގައި ސާކް ފިލްމު ފެސްޓިވަލްގައި ވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުނު ރިޝްމީއަށް އާދައިގެ ރޯލެއް ދޭކަށް ބޭނުމެއް ނުވެ އެވެ. މިއީ ރިޝްމީގެ ފޭނުންނަށް ބޮޑު ޓްރީޓަކަށް އަދި ސަޕްރައިޒްއަކަށްވާނެ ޕަފޯމެންސެއް ކަމަށް ވިޝާމް ބުންޏެވެ.

ފިލްމުގައި ދެން ހިމެނޭ ތަރިން ވެސް ވަރަށް އަވަހަށް ރިވީލްކުރާނެ އެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. 

ފިލްމު ދިވެހި ފިލްމް

Popular