ދެމީހަކު އިންނަން ވިސްނާއިރު އެންމެ ގަދައަށް މަޝްވަރާކުރާ އެއް ކަމަކީ ޕާޓީގެ ކުލަ އެވެ. ދެމީހުންނަށް ރީތި ކުލައެއް ނޫނީ އެ ދުވަސްވަރެއްގައި އެންމެ ޓްރެންޑުކޮށް އުޅޭ ކުލައެއް ނަގައި ޕާޓީގެ މެއިން ކުލައަށް ހަދަ އެވެ.
ދެމީހަކު އިންނަން ވިސްނާއިރު އެންމެ ގަދައަށް މަޝްވަރާކުރާ އެއް ކަމަކީ ޕާޓީގެ ކުލަ އެވެ. ދެމީހުންނަށް ރީތި ކުލައެއް ނޫނީ އެ ދުވަސްވަރެއްގައި އެންމެ ޓްރެންޑުކޮށް އުޅޭ ކުލައެއް ނަގައި ޕާޓީގެ މެއިން ކުލައަށް ހަދަ އެވެ.
ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ކައިވެނީގެ ކާޑު ފޮނުވާއިރު އޭގައި ވެސް ޕާޓީއަށް ދާއިރު ލާންޖެހޭ ކުލަ ލިޔެފައި އޮވެ އެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ވެސް ލާންޖެހޭ ވަކި ކުލައެކެވެ.
މި ފަހުން ކޮންމެ ކައިވެންޏެއްގައި ވެސް މި މަންޒަރު ފެނެ އެވެ. ގެސްޓުން ލާންޖެހޭ ވަކި ހާއްސަ ޑްރެސް ކޯޑު އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ވަނީ ވައިގައި ހިފައިފަ އެވެ. ބްރެއިޑްސްމެއިޑުންނަށް ވަކި ކުލައެކެވެ. އާއިލާއަށް ވަކި ކުލައެއް ނުވަތަ ދެފަރާތުގެ އާއިލާއަށް ދެކުލަ އެވެ. އަދި ދެން ޕާޓީއަށް ދާ މީހުން ވެސް ލާންޖެހޭ ވަކި ކުލަ އެކެވެ.
ޕާޓީގެ ފޮޓޯތައް ރީތިކޮށްލުމަށް ނުވަތަ އޯގަނައިޒްކޮށް ކުރިއަށް ގެންދިޔުމަށް ބައެއް ދެމަފިރިން މިކަންކުރާއިރު އަނެއް ބަޔަކަށް މިއީ މާގަޔާވާ ކަމެއް ނޫނެވެ.
ކައިވެނީގެ ޕާޓީއެއްގައި އެއް ކުލައިގެން ހެދުން ލައިގެން.
އެކަމަކު އެހާ ބޮޑު ހަރަދެއްކޮށްގެން އަދި އެތައް މަހެއްގެ ޕްލޭންތަކާ އެކު ކައިވެނި ޕާޓީގެ ކަންކަން ރާވާއިރު ފޮޓޯތައް ރީތިވުމަށް އެންމެން ވެސް އެދޭނެ އެވެ. ޕާޓީއަށްދާ އެންމެން ވެސް ތީމާ ގުޅޭ ކުލައަކުން ހެދުން އަޅާ ނަމަ، ފޮޓޯތައް ވެސް ބަލައިލަން ހިތްގައިމުވާނެ އެވެ.
އެކަމަކު ޕާޓީއަށް ދާ އެންމެން ވެސް ހަމަ އެ ގޮތަށް ހެދުން އަޅަންޖެހޭ ހެއްޔެވެ؟
ބައެއް މީހުންނަށް ސީދާ އެ ކުލައިން ހެދުން ހޯދުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. ޕާޓީއަަކަށްދާށޭ ކިޔާފައި އަގުބޮޑުކޮށް ހެދުން ފެހުމަކީ އެންމެނަށް ކުޅަދާނަ ކަމަކަށް ނުވެ އެވެ. އަދި ވަކި ކުލައެއް މިގޮތަށް ކަނޑައެޅުމަކީ އެމީހުންނަށް ގަޔަށް ފަސޭހަ އަދި ބޭނުންވާ ހެދުމެއް ލައިގެން ދިއުމަށް ފުރުސަތު ހަނިވާ ކަމެކެވެ.
އަނެއްކަމަކީ މިގޮތަށް ޕާޓީއަށް ދާން ބުނާ ބައެއް ކުލަތަކަކީ ފަސޭހައިން ލިބޭ ކުލައަކަށް ނުވުމެވެ. އެއް ފިހާރައިން އަނެއް ފިހާރައަށް ދުވެ، މުޅި ރަށް ކުޑަކުރާއިރު ވެސް ބައެެއް ފަހަރު މިބުނާ ކުލައެއް ނުލިބެ އެވެ. ދެން އެންމެ ގާތްކުރާ ކުލައަކަށް ހީވާ ކުލައެއް ލައިގެންދާއިރު މި ފެންނަނީ ޕާޓީގައި ތިބޭ މީހުންގެ ހެދުމާ ކުލަ ދިމާނުވާ މަންޒަރެވެ. މިކަހަލަ ލަދާ ވެސް ކުރިމަތިވެ އެވެ.
ކައިވެނީގެ ޕާޓީއެއްގައި ބްރައިޑްސްމެއިޑުން އެއް ކުލައެއްގެ ހެދުން ލައިގެން.
ނޫނީ ޕާޓީއަށް ދާންޖެހޭ ކުލަ ނުލިބިގެން ޕާޓީތަކަށް ނުގޮސް ވެސް އެބަ ތިބެ އެވެ. އެހެންވީމަ މިއީ ތިމާގެ ގާތް މީހާއަށް ވުރެ ވެސް މުހިއްމުކަމެއް ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ކޮންމެ ކުލައެއްގައި ވިޔަސް ޕާޓީއަށް އެމީހަކު ދިއުމުން އެ ލިބޭ އުފާ މާބޮޑުވާނެ އެވެ.
މިހެން ބުންޏަސް އެ ބަޔަކު ބޭނުންވާ ކުލައަކުން ޕާޓީ ބާއްވަންވީ އެވެ. އެއީ އެމީހުންގެ ހާއްސަ ދުވަހެވެ. އެމީހުންގެ ފައިސާ ހަރަދުކޮށްގެން ބާއްވާއިރު އެމީހަކު ހިތް ގަޔާވާނެ ގޮތަކަށް ބާއްވަންވީ އެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ލުޔެއްދީގެން ކުރިއަށް ގެންދާ ނަމަ، އެންމެ އާދައިގެ ގެސްޓުންނަށް ވެސް އެ ދުވަހުގެ އުފަލުގައި ފުރިހަމައަށް ބައިވެރިވުމަށް ފުރުސަތު ލިބޭނެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ކައިވެނީގެ ހަފްލާއަށް މީހުން ދަނީ ދެމަފިރިންގެ ގުޅުމާއި އެމީހުންގެ ހާއްސަ ދުވަހުގައި ބައިވެރިވެ، އެކަން ފާހަގަކުރުމަށެވެ. އެހެންވީމަ، ވަކި ކުލައެއް ލައިގެން ދިއުމަކީ އެ މަގުސަދު ގެއްލިދާނެ ސަބަބަކަށް ހަދައިގެން ނުވާނެ އެވެ. އެމީހުން ވަގުތު ހޯދައިގެން، ދެމަފިރިންގެ ގުޅުން ފާހަގަކުރުމަށް ޕާޓީއަށްދާ ދިއުން ބަލައިގަންނާށެވެ.