10 Nov 2026

By: Asima Nizar

އަމިއްލަ ހިތްވަރާއި މަސައްކަތުން ކުޑަ ވިޔަފާރިއެއް ފެށޭނެކަން އަންގައިދިން އެކަކަކީ އާމިނަތު އިނާފާ (އިނާ) އެވެ. ޔޫޓިއުބް ވީޑިއޯތައް ބަލައިގެން އަމިއްލައަށް ކުރި ތަޖުރިބާތަކުން އޭނާ ވަނީ ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ރަނގަޅަށް ވެސް ދަސްކޮށްފަ އެވެ.

އާއިލާގެ ހިތްވަރާ އެކު ސޯޝަލް މީޑިއާގައި މީގެ ހަ އަހަރު ކުރިން ހުޅުވި "ޝުގަ ކްރަންޗު" ވަރަށް ވަރުގަދައަށް ހިންގާލި އެވެ. ފުރަތަމަ ވިއްކީ ކުކީސް އާއި ޑޯނަޓެވެ. ނަމަވެސް، ކޭކަށް ހުއްޓުނު ޝައުގުން ރަސްމީކޮށް އެކަމުގެ ތެރެއަށް ވަންނަން މާލެއިން ކުރު ކޯހެއް ހެދި އެވެ.

އިނާ ބުނީ ކޭކު އަޅަން ފެށިއިރު އޭނާގެ ރަސްމީ ވަޒީފާ އޮތީ ސެލޫނެއްގައި ކަމަށެވެ. އެ ތަނުގައި ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެފައި ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވިއަސް، 26 އަހަރުގެ ޒުވާނާއަށް ހިތްހަމަޖެހުން ލިބެނީ ކޭކު އަޅައިގެންނެވެ. 

ޖެހިގެން އަންނަ ދުވަހުގެ އޯޑަރުތައް ގިނައިން ނިންމީ ރޭގަނޑުގެ ނިދި ނަގާލައިފަ އެވެ. ބައެއް ފަހަރު ދެ ތިން ގަޑިއިރު ނިދައިގެން ވެސް ހައެއްކަ ކޭކު އަޅާފައި އެބަހުއްޓެވެ. މަދުން އޯޑަރު ލިބޭ ދުވަސްތަކަށް ތިން ކޭކެވެ.

އެކަމަކު، ލޯބިން ބިނާކުރި ވިޔަފާރިއަށް ދެ ތިން އަހަރު ފަހުން ބްރޭކެއް ނަގަން ޖެހުނީ އަލަތު ދަރިފުޅާއެކުގަ އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޭކު ކޭން ފެސްޓިވަލަށް އިނާ ތައްޔާރުކުރި ކޭކު. މިއީ، މި ފަހުން އޭނާ އެންމެ ހިތްހަމަޖެހިގެން އެޅި ކޭކު.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އިނާ ވަނީ މީގެ ދެ ތިން މަސް ކުރިން "ޝުގަ ކްރަންޗު"އަށް އެނބުރި އައިސްފަ އެވެ. ހާއްސަ ހަފުލާތަކާއި އުފަން ދުވަހުގެ މުނާސަބަތުގެ ރަހަ ހެޔޮވަރުކޮށްދިނުމަށް ތައްޔާރުވެފަ އެވެ. ނަމަވެސް، ދިގު ބްރޭކަކަށްފަހު އަލުން ކޭކު އަޅަން ފެށުމުން އޯޑަރު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް އިނާ ބުންޏެވެ.

"މި ދާއިރާގައި މިހާރު ވާދަވެރިކަން ބޮޑުވިއަސް ކަސްޓަމަރުން އެދޭ ޑިޒައިން އެންމެ ފުރިހަމައަށް ތައްޔާރުކޮށްދިނުމާއި ލާސްޓް މިނިޓް އޯޑަރުތައް ވެސް ދޫކޮށްނުލައި ނެގުމަކީ ކަސްޓަމަރުންގެ އިތުބާރު ލިބޭ ސަބަބުކަމަށް ގަބޫލުކުރަނީ،" އިނާ ބުންޏެވެ. 

މިހާރު ގޭގައި އިނދެގެން އަދި ދަރިފުޅުގެ ކަންކަން ކުރަމުން އީނާ އެންމެ އާންމުކޮށް އަޅަނީ ޗޮކްލެޓް އަދި ބަޓަ ކޭކުގެ އެކި ފްލޭވާތަކެވެ. އޭގެ ތެރޭގައި އެއް ޕައުންޑާއި ދެ ޕައުންޑު، ކުޑަކުދިންގެ  މަންތުވާސަރީ އަދި އުފަންދުވަހުގެ ކޭކުތައް ހިމެނެ އެވެ.

އިނާގެ މި އެނބުރި އައުން ގުޅިފައިވަނީ ބޮޑު އުންމީދަކާ އެވެ. އަމިއްލަ ކުޑަ ބޭކަރީއެއް ހުޅުވައި ތަފާތު ޑިޒައިންތަކުގެ ކޭކާ އެކު މާކެޓުގައި ކުރިއަށްޖެހިލުމަކީ އޭނާގެ ހުވަފެނެވެ. 

ކޭކް ޑެކޮރޭޝަން އަންހެނުން

Popular