11 Nov 2026

By: Maaidha Mohamed Rashad

މިހާރު އަވީގައި ޖެހިލުމަކީ ބިރެއް ކަހަލަ ކަމެކެވެ. ހެނދުނާ ބޭރަށްދާ ނަމަ، މުޅި ގައިގައި ސަންސްކްރީން އުނގުޅައިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުމެވެ އެވެ. އެކަމަކު އަރައިގެން އަންނަ އިރާއެކު ހަށިގަނޑުގައި މި ޖެހޭ އަތްވަކީ ކިހާ ރަނގަޅު އެއްޗެއްކަން އެނގޭ ހެއްޔެވެ؟ އެއީ ހަށިގަނޑަށް ދިމާވާ އެކި މައްސަލަތަކަށް ވެސް އޮތް ހައްލެކެވެ. 

އަހަރެމެންގެ ހަންގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފެއްދުމަށް އަވި އެހީތެރިވެދެ އެވެ. އަވީގެ ސަބަބުން ހަށިގަނޑަށް ކެލްސިއަމް ނަގައިދީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ބެހެއްޓުމަށް ވެސް އެހީއަކަށްވެ އެވެ. މިއީ ދިފާއީ ނިޒާމު ރަނގަޅަށް ރެގިއުލޭޓްކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. 

ދުވާލުގެ އަތްވާއި މީހާގެ މޫޑާ ވެސް ގުޅެ އެވެ. އަތްވަކީ ސިކުނޑީގެ ކެމިކަލްތައް ރެގިއުލޭޓްކުރުމަށް އެހީތެރިވެ، މީހާގެ މޫޑު ރަނގަޅުކޮށް ބެހެއްޓުމަށް ވެސް މުހިއްމު އެއްޗެކެވެ. އެކަށީގެންވާ މިންވަރަކަށް ދުވާލުގެ އަވި ލިބުމަކީ މޫޑަށް މި އަންނަ ބަދަލުތައް ކުޑަކުރުމަށް ވެސް އެހީވެދޭނެ ކަމެކެވެ. އަދި މީހާ ހެލިފެލިވެ އުޅޭ މިންވަރަށް ވެސް އެކަމުގެ ސަބަބުން އަސަރުކުރެ އެވެ. 

ދުވާލުގެ އައްޔަށް ނިކުމެ އުޅުމަކީ މީހާއަށް ނިދުމަށް ކުރިމަތިވާ އުނދަގޫތަކަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދޭ ކަމެކެވެ. އެހެންވެ، ދުވާލުގެ ވަގުތުތަކުގައި ބޭރަށް ނިކުމެލުމަކީ މުހިއްމު ކަމެކެވެ.

 

އަންހެނަކު އަވީގައި މަޑުކޮށްލައިގެން.

އަނެއް ކަމަކީ ހަށިގަނޑުގައި ވިޓަމިން ޑީ މަދުވެ ކުރިމަތިވާ އުނދަގޫތަކެވެ. އެކަމަކު ދުވާލުގެ "ބޭސް އަތްވަށް" ގަވާއިދުން ނިކުމެލާ ނަމަ، ހަށިތައް ފީވުމާއި މަސުލްސްގެ މައްސަލަތައް ހިމެނޭ ގޮތަށް ސިއްހީ އެކި އުނދަގޫތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. 

އަތްވަށް ނިކުމެލުމަކީ އަހަރެމެން ދިވެހިންނަށް މާ އުނދަގޫ ކަމަކަށްވެގެން ނުވާނެ އެވެ. ފަސޭހައިން ނިކުމެލެވޭ ހިސާބެއް ނުވަތަ ގޭ ތެރެއަށް ވިޔަސް އަވީގެ އަސަރުކުރާ ނަމަ، އެތަނެއްގައި އިށީންދެލައިގެން 30-20 މިނެޓު ހޭދަކޮށްލާށެވެ. މިގޮތަށް ގަވާއިދުން އަމަލުކުރާ ނަމަ، ހަށިގަނޑަށް ތިޔަ ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ އެވެ.

އެހެންވީމަ ދުޅަހެޔޮ ދިރިއުޅުމަކަށް ކާނާ އާއި ކަސްރަތުކުރުން ފަދަ ކަންކަން މުހިއްމުވާ ގޮތަށް ދުވާލުގެ އަތްވަކީ ވެސް ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރުމަށް މުހިއްމު އެއްޗެކެވެ. ދުވާލުގެ ބޭރަށް ނިކުމެލުކަމީ އާދައަކަށް ހަދައިގެން ވިޓަމިން ޑީ މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދަން ހިނގާށެވެ. 

ދުޅަހެޔޮ ދިރިއުޅުން

Popular