12 Nov 2026

By: Asima Nizar

މިއީ ލަވައިގެ ދުނިޔެ އާއި ޓީވީ ޝޯ ހުށަހެޅުންތަކުން ދިވެހިންގެ ލޯބި ހޯދީ މުނީފާ އަހުމަދެވެ. ފަހުން އިވެންޓު ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު މުނީފާ މިއަދު ހުރީ އެ ހުރިހާ ކަމަކުން ދުރުވެ، ދަރިފުޅަށް ހުރިހާ ވަގުތެއް ހުސްކޮށްގެންނެވެ. 

އެއީ އުފަން ދަރިއެއްގެ އިންތިޒާރުގައި އެތައް އަހަރެއް ހޭދަކުރުމަށް ފަހު، އުމުރުން 39 އަހަރުގައި ލިބުނު އޭނާގެ ދުނިޔެ އެވެ. މުޅި ދިރިއުޅުން ބަދަލުވެއްޖެ އެވެ.

ދަރިފުޅަށް ކުރިމަތިވާ އެލާޖީ އާއި ސިއްހީ އެކި މައްސަލަތަކާ ހެދި، ގޭތެރޭގެ ކަންކަން ބަލަހައްޓަން އެހެން މީހަކާ ހަވާލުކުރުމުގެ ބަދަލުގައި އޭނާ ހުރިހާ ވަގުތެއް ހުސްކުރީ އަލަތު ދަރިފުޅަށެވެ.

"ދިރިއުޅުމަށް އާ މާނައެއް ލިބިގެން މި ދިޔައީ ހަގީގަތުގައި،" މިހާރު ހަތަރު އަހަރު ފުރިފައިވާ ދަރިފުޅާ އެކު ދިރިއުޅުމަށް އައި ބަދަލުތައް ކިޔައިދެމުން މުނީފާ ބުންޏެވެ.

ކުޅިވަރާ އެކު ކިޔަވައިދިނުން

ދަރިފުޅު ބޮޑުވަމުން އައި ވަރަކަށް އަވަހަށް ކަންކަން ދަސްކުރުމުގެ ހާއްސަ ގާބިލްކަން ހުރިކަން މުނީފާއަށް ގަބޫލުކުރެވުނެވެ. ހާއްސަކޮށް، ނިދާއިރު ކިޔައިދޭ އެއްޗެހި ހަނދާނުގައި ހަރުލާ މިންވަރު ބޮޑެވެ. 

ކިޔަވައިދިނުމަކީ ހަމައެކަނި ފޮތެއް ހިފައިގެން މޭޒުދޮށުގައި އިނދެގެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާތީ، މުނީފާއަށް ވިސްނުނީ ޕްލޭ-ބޭސްޑް ކޮންސެޕްޓަކަށް ދަރިފުޅަށް އެކި އެއްޗެހި ދަސްކޮށްދޭށެވެ. 

ގޭގެ ފާރުތަކުގައި އެކި މައުލޫމާތުތައް ލިބޭ ޕޯސްޓަރު ހަރުކޮށް، ކައްކަން ގެންގުޅޭ ހަނޑުލާއި އޮށް ފަދަ އާދައިގެ ތަކެތި ބޭނުންކޮށްގެން އަކުރު އަޅަން ކިޔައިދީފި ނަމަ ދަރިފުޅު މާ ފަސޭހައިން ނަގައިގަންނާނެ ކަމަށް މުނީފާއަށް ވެސް ވިސްނުނެވެ. އެހެންވެ، ސިޓިންރޫމް ބަދަލުކޮށްލީ އަލާޔާއަށް ރައްކާތެރިކަމާ އެކު ކުޅެވޭނެ 'ޕްލޭ އޭރިއާ' އަކަށެވެ. 

އެލާޖީ އަދި އެކްޒީމާގެ ސަބަބުން ދަރިފުޅު ބޭރަށް ނެރުމަކީ އެންމެ ރައްކާތެރި ގޮތަށް ނުވާތީ، ސްކޫލަށް ފަހު ވެސް ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ އެ ޕްލޭ އޭރިޔާގަ އެވެ. 

"ދަރިފުޅަށް ކަމެއް ކުރުވަން ބޭނުންނަމަ، އެންމެ ފުރަތަމަ ޖެހެނީ އެކަމަކަށް އޭނާގެ ހިތުގައި ޝައުގުވެރިކަން އުފައްދަން. މިސާލަކަށް ފޮތުގައި ލިޔަން ދަސްކޮށްދޭން ބޭނުންވިޔަސް، ދަރިފުޅު ގޮވައިގެން ގަދަކަމުން އިށީނުމުގެ ބަދަލުގައި ފުރަތަމަ އަޅުގަނޑު އަމިއްލައަށް އިނދެ ލިޔަން ފަށަނީ. އޭރުން އޭނާ އަމިއްލައަށް އެދިގެން އައިސް އެކަމުގައި ބައިވެރިވޭ،" 

ހަރުދަނާ އުސޫލު

ކުޅިވަރުގެ ތެރެއިން ދަރިފުޅު ތަރުބިއްޔަތު ކުރިއަސް، މުނީފާ ގަބޫލުކުރަނީ އެންމެ ކުޑައިރުން ފެށިގެން ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަމިއްލައަށް ރައްކާތެރިވާނެ ގޮތްތަކާއި ގަޑިއަށް ނިދުމުގެ އާދަ އަކީ ފަރުވާ ކުޑަކުރެވޭނެ ކަންތަކެއް ނޫންކަން ކިޔައިދެ އެވެ. 

"އަމިއްލަ އެއްޗެހި ދޮންނަން އެޅުމާއި ތަށި ނެގުމާއި ހެދުން ފަތްޖެހުން ފަދަ ގޭތެރޭގެ ކުދިކުދި މަސައްކަތްތަކުގައި ދަރިފުޅު ބައިވެރިކޮށް ޒިންމާދާރުވުމާއި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ސިފަ އަށަގަންނުވަން ފެށީ،" އޭނާ ބުންޏެވެ. 

މުނީފާ، އޭނާގެ ދަރިފުޅު އުރާލައިގެން. ސިއްހީ ގިނަ މައްސަލަތަކެއް ހުންނާތީ މުނީފާގެ ހުރިހާ ވަގުތެއް ހުސްކުރީ ދަރިފުޅަށް.

އޭނާ ބުނީ އަދަބު އަހުލާގު ދަސްކޮށްދިނުމަކީ ކުއްޖާގެ އުފާވެރިކަން ނަގާލުމެއް ނޫނެވެ. 

"ހުރިހާ ކަމެއް ކުދިންނަށް ކޮށްދިނުމުގެ ބަދަލުގައި، ދިރިއުޅުމުގެ އާންމު ކަންކަމުގައި އެ ކުދިން ބައިވެރިކުރުވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. އެންމެ މުހިންމު ކަމަކީ، ކޮންމެ ކުއްޖަކީ ވެސް އެހެން ކުދިންނަށް އެހީތެރިވެވޭނެ ގާބިލު ކުއްޖެއްކަމުގެ އިހުސާސް ދަރިފުޅަށް ކޮށްދިނުން."

ގުރުއާން، މަދަހަ، ގައުމީ ލަވަ

ނިންނަވާއިރު ކޮންމެ ރެއަކު ކިޔައިދޭ ޝަހާދަތާއި ކުރުސި އަދި ފަލަގި، ނާސި ސޫރަތްތައް ވެސް އިސާހިތަކު އަލާޔާ ހިތުދަސްކޮށްފި އެވެ. އަދި މަންމަ ކިޔައިދޭން ފެށުމުން ވަކި ހިސާބަކުން އެ އެއްޗެހި ކިޔައި ނިންމަނީ އަމިއްލައަށެވެ. 

އެ ބަދަލުތައް މުނީފާއަށް ފެނުނީ ދަރިފުޅަށް އިތުރު ހުނަރުތައް ދަސްކޮށްދެވިދާނެ ކަމެއްގެ ގޮތުގަ އެވެ. 

"...ދަސްކޮށްލީމަ ދެން ހިތަށް އެރީ އެބަ ދަސްކުރޭ ދެން އެއާ ޖެހިގެން ހުރި އެއްޗެހި ކިޔައިދީ އެވެސް ދަސްކޮށްފި. ދެން މުނީ ހިތަށް އެރީ މަހުރަޖަކަށް ނޫނޭ އަދި މި ކިޔަވައިދެވެނީ. އަލާޔާ ކިޔާތޯ ބަލަން ދެން ޖެހީ ގާރީއެއްގެ ރިކޯޑިން. ކޮންމެ ދުވަހަކު ވަކި އިރަކަށް އޭތި ޖަހާލާފައި ބެހެއްޓީމަ ދަސްކޮށްފި އެ ގާރީ ކިޔާ ރާގު. ރާގު ދަސްކުރީމަ އެނގިއްޖެ ގައުމީ ލަވަ ވެސް ކިޔާނެކަން. ސްކޫލަށް ދިއުމުގެ ކުރިން ބޭނުންވި ގައުމީ ލަވަ އެނގެން. އިލާހި މި ބިން ކަހަލަ ގައުމީ ލަވަ މި ދަސްކޮށްދިނީ،" މުނީފާ ބުންޏެވެ. 

އޭގެ ފަހުން މުނީފާ އަންނަނީ ޓީޗަރެއްގެ އެހީގައި އަލާޔާއަށް ގުރުއާނާއި އަރަބި ބަސް ދަސްކޮށްދެމުންނެވެ. 

"އަޅުގަނޑު ކުޑައިރު އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ކިޔައިދިން އެއްޗެހި އަޅުގަނޑު މި ކިޔައިދެނީ ދަރިފުޅަށް. ހަމަ ގާތްގަނޑަކަށް ހަތް މަހުގައި ނިދާއިރު ރޮކްކުރާ އިރު ލަވަ ނުކިޔޭނެ، އަލާޔާ ކިޔާނީ. ގުރުއާން ވެސް މުނީ ކިޔައިދިނުމުގެ ކުރިން އަލާޔާ ކިޔާނީ،"

"ދަރިފުޅު ތަންކޮޅެއް ޑިވެލޮޕްވާ ގޮތަކަށް ގެންދަން ޝެޑިއުލެއް ހެދީ. މި ލަވަތަކޭ ކިޔައިދޭނީ. މި ސޫރަތްތަކޭ ކިޔައިދޭނީ. މިގޮތަށޭ ކުރިއަށް ގެންދަނީ. ނިދާ ގަޑި ނިންދަވާ ގަޑީގައި ނިންދަވާނީ. ކާންދޭއިރު ކޮންމެ އެ ގަޑިއެއްގަ އިޓް ވޯޒް އަ ލާނިން އެންޑް ޕްލެއިން ތިން އިޓް ވޯޒް ލާނިން ޝީ ވޯޒް އެކްޗުއަލީ ލާނިން." މުނީފާ ބުންޏެވެ.

ބެލެނިވެރިންނަށް ހާއްސަ މެސެޖެއް

ކުޑައިރު ދަސްކުރި ހުނަރުތަކާއި ބަލި މީހަކަށް ކައިރިން ދޭން ޖެހުނު އެހީތެރިކަން އަދި އަމިއްލައަށް ތަޖުރިބާކުރި ބައްޔަކީ މުނީފާ، މިއަދު މި ފެންނަ މަންމައަކަށް ވުމުގެ 'ތަމްރީނު' ތަކެވެ. އަލާޔާއަށް ދިމާވެދާނެ ހުރިހާ ކަމަކަށް، މީގެ އަހަރުތަކެއް ކުރިން ފެށިގެން ނޭނގި ނަމަވެސް ދިޔައީ ތައްޔާރުވަމުންނެވެ.

މުނީފާ، އޭނާގެ ދަރިފުޅު އަލާޔާއެކު.

"ސިއްސައިގެން ނުގޮސް، ބިރުނުގަނެ، ހަދާނެގޮތް ހުސްނުވެ ދާންވީ ތަނާ ދާންވީ ޑޮކްޓަރަކާ ދޭންވީ ފަރުވާއެއް މިއިން ކޮންމެ ކަމަކަށް މިސާލަކަށް ދަރިފުޅަށް ކަމެއް ވިޔަސް މިއިން ކޮންމެ ކަމަކަށް ހުރީ ފުރިހަމައަށް ތައްޔާރުވެފައި،" އޭނާ ބުންޏެވެ. 

ނަމަވެސް، އެ ހާލަތުގައި ކޮންމެ މީހަކު ނުހުރެދާނެ އެވެ. ކުޅެމުން ދަރިފުޅަށް ކިޔަވައިދޭނެ ގޮތްތައް، މުނީފާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށީ އެހެންވެގެންނެވެ. 

"ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ ބެލެނިވެރިންނަށް ބުނެލަން ބޭނުންވަނީ މާޔޫސްނުވެ، މާތްﷲ އަށް ވަކީލުކޮށްގެން ހިތްވަރާ އެކު ކުރިއަށްދާށޭ. އުނގެނުމަކީ ހަމައެކަނި ފޮތްތަކަކަށް ބަރޯސާވެގެން ކުރާ ކަމަކަށް ނަހަދައި ގޭތެރޭގެ ކޮންމެ ވަގުތަކީ ވެސް ކުއްޖާއަށް ކަންކަން ދަސްކޮށްދެވޭނެ އަގުހުރި ފުރުސަތަކަށް ހަދާށޭ،" މުނީފާ ބުންޏެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅަންޖެހޭ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމީ އަގީދާ އާއި ދަރިފުޅާ އެކު އޮންނަ ލޯބި ގުޅުން،" އޭނާ ބުންޏެވެ. 

ދަރިން ތަރުބިއްޔަތުކުރުން ކުޑަކުދިން

Popular