16 Nov 2026

By: Asima Nizar

ރަން ކިޔާ ހަފްލާތަކުގެ ކުލަ ގަދަވެ ތަފާތުކަން ފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އާންމުކޮށް ފެންނަނީ ކައިވެނިކުރާ ދެ މީހުން ނަލަވެގެން ތިބޭ ތަނެވެ. އަންހެނުން ރަތް ނޫނީ ހުދު ކުލައިގެ ލިބާހުގައި އަދި ފިރިހެނުން ހުދު ގަމީހަކާއި ފޭލީގަ އެވެ. 

ވީޑިއޯގްރާފަރު މުހައްމަދު ޝާރިގު މި ދައްކާލީ އެކަން އަދި މާ ތަފާތު ގޮތަކަށެވެ.

ތަހޫ އަދި ހުސެއިންގެ ރަންކިޔުމުގައި ނެގި ފޮޓޯއެއް.-- ފޮޓޯ: އިމްކާން

ޅ. ނައިފަރުގައި ދެ ޒުވާނުން ކަމަށްވާ ތަހޫ އާއި ހުސެއިން މުފީދުގެ ރަންކިޔުން ދައްކައިދިނީ އިހު ޒަމާނުގައި ލޯބީގެ ގުޅުންތައް އުފެދި ކައިވެންޏާ ހިސާބަށް ދާ ގޮތް ދައްކައިދޭ ވީޑިއޯއަކުންނެވެ. 

އެ ވީޑިއޯގައި ފުރަތަމަ ފެންނަނީ އިހުގެ ހެދުން ލައިގެން ތިބި ތިން އަންހެނުން، ކޮރާ ކުޅެނިކޮށެވެ. ކުޅެން ތިބެފައި ދުއްވައިގަންނަ ވަގުތު، އެ ތަނުން އެއް އަންހެނަކު، ފިރިހެނެއްގެ ގައިގައި އަޅައިގަނެ އެވެ. އަދި ފިރިހެން މީހާ ބިންމައްޗަށް ވެއްޓެ އެވެ. އެއަށްފަހު ގުޅުން އުފެދި ތިންގަނޑެތި ހަވާލުކޮށް، ދެ މީހުންގެ ލޯބި ފައްކާވެގެންދެ އެވެ.

ޝާރިގު ބުނީ ތަފާތު ކޮންސެޕްޓަކަށް ރަންކިޔުން ގެނައީ ކުރީގެ ޓްރެންޑު ގެއްލޭތީ ކަމަށެވެ. 

ތިން ދުވަހުގެ މަސައްކަތުން ނެގި ވީޑިއޯއާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. 

ތަހޫ އަދި ހުސެއިންގެ ރަން ކިޔުމުގައި.-- ފޮޓޯ: އިމްކާން

ޓީޗަރެއް ކަމަށްވާ ތަހޫ އާއި ކެބިން ކްރޫއެއްގެ ވަޒީފާ އަދާކުރާ ހުސެން ވަރަށް ބިޒީކޮށް އުޅެމުން ވެސް މި ވީޑިއޯއަށް ވަގުތު ހޯދައި ނިންމާލެވުނީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށް ޝާރިގު ބުންޏެވެ. 

ތަހޫ އަދި ހުސެއިންގެ ރަން ކިޔުމުގައި.-- ފޮޓޯ: އިމްކާން

"ދެ މީހުން ވެސް ވަރަށް ބިޒީކޮށް އުޅެމުން ޝޫޓިންކޮށް ނިންމާލެވުނީ. މިއީ ވަރަށް އުއްމީދުކޮށްގެން ހުރި ކޮންސެޕްޓެއްގެ މަސައްކަތެއް،" ނައިފަރާއި ހިންނަވަރުގައި ޝޫޓްކޮށްފައިވާ ވީޑިއޯއާ ބެހޭ ގޮތުން އޭނާ ބުންޏެވެ. 


ރަންކިޔުމުގެ ތަފާތު ހަފުލާއަކަށް ފަހު، ދެ މީހުންގެ ކައިވެނި ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. 

ކައިވެނި ޅ. ނައިފަރު

Popular