"މޯލްޑިވްސް އެކްސްޕޯ 2026" ގައި ބޭއްވި "ސަގާފީ ވާދަ" އިން އެންމެ ވިދާލީ ކ. ކާށިދޫން އެ މުބާރާތުގައި ވާދަކުރި 'އޮމަލަ" ޓީމެވެ. ޒުވާން އަންހެން ކުދިންތަކެއް ހިމެނޭ އެ ޓީމުން "ޖެހި ލަކި" ވަރަށް ގަދަ އެވެ. ހުރިހާ ހިތެއްގައި އެ ލަކި ޖެހެނީ އެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގައި ބޭއްވި "ސަގާފީ ވާދަ" އިން އެންމެ ވިދާލީ ކ. ކާށިދޫން އެ މުބާރާތުގައި ވާދަކުރި 'އޮމަލަ" ޓީމެވެ. ޒުވާން އަންހެން ކުދިންތަކެއް ހިމެނޭ އެ ޓީމުން "ޖެހި ލަކި" ވަރަށް ގަދަ އެވެ. ހުރިހާ ހިތެއްގައި އެ ލަކި ޖެހެނީ އެވެ.
"ލަކި ލަކި ޖެހެނީ ހިތޭ" އަކީ މީގެ 17 އަހަރު ކުރިން 2009 ވަނަ އަހަރު ނުކުތް ކޮމެޑީ ކުރު ފިލްމެއް ކަމަށްވާ "ދެކެދެކެވެސް 5" ގައި ހިމެނޭ ލަވައެކެވެ. ކުރީގެ ދެ ފިލްމީ ތަރިން ކަމަށްވާ، މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ސިތޫ އުޅޭ މި ލަވައަކީ ހަސަން އިލްހާމާއި އައިމިނަތު ޝައުފާ ކިޔާފައިވާ ލަވައެކެވެ.
އެކަމަކު އެތައް އަހަރެއްވީ އެ ލަވައަށް އަހަރެމެންގެ ހިތްތައް ގެނބުނީ އޮމަލައިގެ ހުށަހެޅުމަކުންނެވެ. މި ލަވަ މުޅިން އަލަށް އެއް ބަޔަކަށް އަޑު އިވުނީ ޓިކްޓޮކުގައި އެ ޕާފޯމަންސް ވައިރަލްވެގެންނެވެ.
އޮމަލައިގެ އެއް ފައުންޑަރު އަދި ނެށުންތެރިޔާ، މަރިޔަމް މަނާލް "ދޯ" އަށް ބުނީ މުބާރާތުގެ ފައިނަލް ރައުންޑުގައި އެ ލަވައަށް ސަގާފީ ނެށުމެއް ތައްޔާރުކުރީ އެއީ އެފަދަ މުބާރާތަކަށް އެންމެ އެކަށިގެންވާ ލަވައަށް ވެދާނެތޯ ސުވާލު ވެސް އުފައްދަމުން ކަމަށެވެ.
"އެކަހަލަ ލަވައެއްވީމަ އަދި ދެ އަޑުން ކިޔާފައި އިން ލަވައެއްވީމަ މުބާރާތަށް އެ ލަވަ ނަގާނަންބާއޭ ހިތައް އެރީ. އެކަމަކު އެއީ ކުރިން ވެސް ގިނަ ބަޔަކަށް ވަރަށް ރީތި އަދި އަޅުގަނޑަށް ވެސް ވަރަށް ރީތި ލަވައެއްވީމަ ހިތަށް އެރީ އެ ލަވައަށް ހަމަ މިފަހަރު ނަށާނީއޭ،" މަނާލް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ލަވައަކީ މީގެ ދެ އަހަރެއް ކުރިން ރަށުގައި އޮތް އިވެންޓެއްގައި ވެސް އެ ގްރޫޕުން ނެށި ލަވައެކެވެ. އެކަމަކު މުބާރާތުން ވަނައެއް ނުލިބުނަސް އޮމަލައިގެ ޖާދޫގައި ލަކި ނުޖެހޭ ހިތެއް މިފަހަރުގެ ހަމަ އަސްލު ވެސް ނެތެވެ.
އެއަށް ފަހު ލަވައިގެ އެކި ކަޑިތަކަށް މީހުން ނަށަން ފަށައިފި އެވެ. ޕިކްނިކް ގޮސް ވެސް ރައްޓެހިންނާ އެކު ނަށަނީ އެވެ. ފުޓްސެލް އާއި ހޭންޑްބޯލް މުބާރާތްތަކުގައި ވެސް މި ސްޓެޕް ވައިރަލްވެއްޖެ އެވެ.
މި ލަވައާ ނުލައި އިވެންޓެއް ފުރިހަމަ ނުވާ ވަރަށް ލަވަ ވައިގައި ހިފައިފި އެވެ.
އެ ލަވައާ އެކު ލިބުނު މަގްބޫލުކަމުގެ ސަބަބުން މި ޒުވާން ގްރޫޕަށް އޮތް ޑިމާންޑު ވެސް ބޮޑުވެއްޖެ އެވެ. އާދިއްތަ ދުވަހު އެއާޕޯޓުގައި އޮތް ހަރަކާތެއް އަދި އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިޒްގެ ރަމަޒާން ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނަށަން ލިބުނީ މި ގްރޫޕަށެވެ.
"ދުވާލަކު ހަތަރު ފަސް ކޯލު މިހާރު ލިބޭ އެކި ތަންތަނުން. އިއްޔެގައި އައީ އެއާޕޯޓުން. މިއަދު އެސްޓީއޯ. މުބާރާތުން މޮޅު ނުވިޔަސް މީހުންގެ ހިތްތަކުން ޖާގަ ލިބިއްޖެ. ވަރަށް ގިނަ މީހުން އަޅުގަނޑުމެން ބަލައިގަނެފި،"
މަނާލް ބުނީ ކާށިދޫ ފަސް ކުދިންގެ އިތުރުން އެހެން ރަށެއްގެ ކުދިން ވެސް ހިމެނޭ އެ ގްރޫޕަކީ އޭނާ އާއި އޭނާގެ ދައްތަގެ ހިޔާލެއްގެ ތެރެއިން އުފެދިގެން އައި ގްރޫޕެއް ކަމަށެވެ. އޮމަލައިގެ ނަން ދީގެން ހަގީގީ ގްރޫޕެއްގެ ސިފައިގައި ނެށުމުގެ ހަރަކާތްތައް ހިންގަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ.
ޒުވާން މި ގްރޫޕުގެ އަޒުމަކީ މިފަދަ ރީތި ހުށަހެޅުންތަކާ އެކު ކުރިއަށް ދިއުމެވެ.