16 Nov 2026

By: Maaidha Mohamed Rashad

ކުޑައިރު ވެސް އުޅުނީ މޭކަޕްކުރާ ހިތުންނެވެ. އެ މަސައްކަތަށް ބޭނުންވާ ސާމާނު ގަނެދޭވެނެ ފެންވަރެއް އާއިލާގައި އެ ވަގުތު ނެތުމުން އައިމިނަތު ސަޖުވާ އުޅުނީ ފެންކުލަ ފޮށި ހިފައިގެންނެވެ. 

ސ. މީދުއަށް އުފަން ސަޖުވާ އޭރު އުޅުނީ ފެންކުލައިން މޫނާއި ލޮލުގައި ވެސް ކުލަ ޖައްސައި އޭނާގެ އެ ހުރި ޝައުގުވެރިކަމުގައި ކުރިއަށް ދެވޭތޯ އެވެ.

އެހެން އުޅެމުން ގޮސް މޭކަޕް ސާމާނު ގަނެވޭ ގޮތްވީ ސްކޫލު ނިންމައި ފުރަތަމަ ވަޒީފާއާ ހިސާބުންނެވެ. އެ ވަޒީފާގައި ފުރަތަމަ ލިބުނު ފައިސާއިން މޭކަޕް ސާމާނު ހޯދި އެވެ.  ކޮއްކޮ އާއި ރައްޓެހިންނާއި ގާތް މީހުންނަށް މޭކަޕް ކޮށްދޭން ފެށި އެވެ. ނަމަވެސް 2018 ވަނަ އަހަރު ރިސޯޓު ވަޒީފާއަކާ ގުޅުނު ހިސާބުން އެކަން އަނެއްކާވެސް ހުއްޓުނީ އެވެ.

އެކަމަކު ފަސް އަހަރު ވަންދެން ރިސޯޓު ލައިފެއްގައި އުޅުމަށްފަހު، ސަޖުވާގެ މޭކަޕުގެ ހުނަރު އަހަރެމެންނަށް މި ފެންނަން ފެށީ މި އަހަރު އޭނާ ޓިކްޓޮކަށް ލާން ފެށި މޭކަޕް ވީޑިއޯތަކުންނެވެ. ދަރިއަކު ލިބުމާ އެކު ކުއްޖާއަށް ހުސްކުރި ވަގުތުގެ ތެރެއިން ކުރީގެ ހުނަރު އަލުން ދައްކާލަން ވަގުތު ހޯދަނީ އެވެ.

"މޭކަޕް ޕްރޮޑަކްޓްސްއާ އެއްޗެހި އަމިއްލައަށް ގަނެގެން ފުރަތަމަ ކޮއްކޮއަށް ކޮށްދޭން ފެށީ. އެއީ 2016 ހިސާބުގައި. އާއިލާ މީހުންނާއި ރައްޓެހިންނަށް ވެސް. ދެން ފަހުން ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ޖޮއިންކުރި ފަހުން މެދުކެނޑުނީ. ދެން އަނެއްކާ ވެސް މިހާރު ވެސް ޕެޝަންއެއްވީމަ އާއި ފޫހިފިލުވާލަން ފެށީ،" ސްކިންކެއާ އާ ގުޅޭ ކޮންޓެންޓުތައް ހެދުމުގައި އުޅޭ ސަޖުވާ ބުންޏެވެ.

އޭނާގެ އުމުރުން ތިން އަހަރުގެ ދަރިފުޅު ނިންދެވުމަށް ފަހު ރޭގަނޑު އެ ލިބޭ ހުސް ވަގުތުގައި މޭކަޕްތައް ކުރަން ފަށަ އެވެ. ބޮޑު މޭކަޕެއް ނަމަ، އެކަމަށް ދެ ގަޑިއިރު ވެސް ހޭދަވެ އެވެ. އާދައިގެ މޭކަޕެއް ނަމަ، ގަޑިއިރެއްހާއިރުގެ މަަސައްކަތުން ނިންމާލެވެ އެވެ. 

ސަޖުވާކޮށްފައިވާ ތަފާތު ދެ މޭކަޕެއް.

ސަޖުވާ ބުނީ އޭނާ މޭކަޕް ކުރަން ދަސްކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ކަމަށެވެ. މިހާތަނަށް އެއްވެސް ކޯހެއް ހަދާފައި ނެތް ނަމަވެސް ސަޖުވާގެ މޭކަޕުތަކުން އެކަމަށް އޭނާގެ އޮތް ލޯތްބާއި ބުރަ މަސައްކަތް ސާފުކޮށް ފެނެ އެވެ. 

ކޮންޓެންޓް ހެދުމުގެ ނިޔަތުގައި މި މަސައްކަތް ފެށިޔަސް މިހާރު އޭނާގެ ވިސްނުމުގައި ހުރީ އެކަމުގައި ކުރިއަށް ދިއުމަށެވެ. އެކަމަކު ހިތްގައިމު ރީތި މޭކަޕުތަކެއް ކުރި ނަމަވެސް ސަޖުވާ ބުނީ ޕްރޮފެޝަނަލް ލެވެލްއަކަށް ދިއުމަށް އަދިވެސް ޕްރެކްޓިސް ބޭނުންވާ ކަމަށެވެ.

ރަށުގައި ދިރިއުޅެމުންދާތީ އެ ދާއިރާ އިން މާގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް ރަށުން ލިބޭނެ ފުރުސަތުތައް ހޯދައި އެކަމުގައި ކުރިއަށް ދިއުމަކީ އޭނާގެ މިހާރުގެ އެންމެ ބޮޑު އެއް އުއްމީދެވެ.

ގަވާއިދުން މޭކަޕް ވީޑިއޯތައް ޕޯސްޓު ކުރަމުން އެ ދަނީ އޭނާގެ މިހާރުގެ ލެވެލް އާއި އެކަމުގައި ހޯދަމުންދާ ކުރިއެރުން ވެސް މީހުންނަށް ފެންނާނެ ގޮތަށް ބެހެއްޓުމަށެވެ. 

ސަޖުވާ.

"ޓިކްޓޮލަށް ވީޑިއޯ ލާން ފެށީ، ފުރަތަމަ އަސްލު ކޮންޓެންޓް ކްރިއޭޓްކުރަންވެގެން. ފަހުން ހިތަށް އެރީ ގޭގައި އިދެގެން އާމްދަނީއެއް ހޯދަން ވެސް މީތި ބޭނުންކުރެވިދާނެއޭ. ޕްރޮޕެޝަނަލް ލެވެލްއަކަށް ޕްރެކްޓިސްކޮށްގެން. އެހެންވެ ޕޯސްޓްކުރީމަ މީހުންނަށް ފެންނާނެތޯ މިހާރު ހުރި ލެވެލް އާއި ޕްރޮގްރެސް،" 

ސަޖުވާ ބުނި ގޮތުގައި ބައެއް ފަހަރު ފޯނުން ވީޑިއޯ ބަލަމުންދާއިރު އެހެން މީހުން ހަދާފައި ހުންނަ ވީޑިއޯއެއް ކަމުގޮސްފި ނަމަ، އޭނާ އިންސްޕިރޭޝަން ވެސް ނަގަ އެެވެ. އަމިއްލަ ކްރިއޭޝަނެއް ނޫނީ ޓްރެންޑިން މޭކަޕްތަކަށް ވެސް އޭނާ ފޯކަސް ކުރެ އެވެ.

 

ސަޖުވާ ކޮށްފައިވާ މޭކަޕެއް.

ތަފާތު އެކި ކެރެކްޓާތަކުގެ ވީޑިއޯތަކާއި ޓްރެންޑުތައް ފޮލޯކުރަން ފެށުމުން، ފުރަތަމަ އޭނާއަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެކަމަކު އޭނާ ހުރީ މީހުން ޖޯކު ޖަހަން ފުރުސަތުދޭކަށް ނޫނެވެ. އަދި އެ މަސައްކަތުގައި ފަހަތަށް ޖެހުގެ ވިސްނުމެއް ވެސް ނެތެވެ. 

"އަބަދުވެސް އުޅޭނެ ރުހޭ މީހުންނާއި ނުރުހޭ މީހުން ޖޯކު ޖަހާ މީހުންނާއި ނުޖަހާ މީހުން. ކޮންމެ މީހަކު ވެސް ކަމެއް ފަށާއިރު އެންމެ ޕާފެކްޓްކޮށް އެކަމެއް ނުވާނެ ދޯ. ޕްރެކްޓިސް ކުރި ވަރަކަށް ރީތިވާނެ. ފުރަތަމަ ކޮޅުގައި އައި ޖޯކު ޖަހާފައި ކޮމެންޓް. އެކަމަކު ޑިލީޓްކޮށްފައި ހަމަ ކުރިއަށް ދަނީ." 

މޭކަޕްކުރުން

Popular