މާބަނޑުވުމާއެކު މީހާގެ ދިރިއުޅުން އެއްކޮށް ބަދަލުވެ އެވެ. ކުދިކުދި އުނދާގޫތައް އާންމު ކަމަކަށްވެ އެވެ. އެކަމަކު، ބައެއް ފަހަރު މި އާދައިގެ ކަންކަމުގެ ފަހަތުގައި ފުރާނައަށް ނުރައްކާވެދާނެ ސިއްހީ ހާލަތެއް ފޮރުވިފައި އޮވެދާނެ އެވެ.
މާބަނޑުވުމާއެކު މީހާގެ ދިރިއުޅުން އެއްކޮށް ބަދަލުވެ އެވެ. ކުދިކުދި އުނދާގޫތައް އާންމު ކަމަކަށްވެ އެވެ. އެކަމަކު، ބައެއް ފަހަރު މި އާދައިގެ ކަންކަމުގެ ފަހަތުގައި ފުރާނައަށް ނުރައްކާވެދާނެ ސިއްހީ ހާލަތެއް ފޮރުވިފައި އޮވެދާނެ އެވެ.
ތިން ވަނަ ދަރިފުޅަށް ބަލިވެއިންއިރު 36 އަހަރުގެ އައިޝަތަށް ވެސް ކުއްލިއަކަށް ކުރިމަތިވީ މިފަދަ ބިރުވެރި ތަޖުރިބާއެކެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާތީ ލިބިފައި ހުރި ތައުލީމާއި ތަޖުރިބާއިން އޭނާއަށް މި ވަނީ ކީއްކަން ވިސްނައިގަނެވުނެވެ. ބަނޑަށް 32 ހަފުތާގައި ހުއްޓުމެއް ނެތި ބޮލުގައި ރިއްސަން ފެށުމަކީ އާދައިގެ ކަމެއް ނޫންކަން އެނގުނެވެ. ގޭގައި ލޭގެ ޕްރެޝަރު ބެލިއިރު، ހުންނަންޖެހޭ ރޭންޖަށް ވުރެ އެތައް ގުނައެއް މަތީގައި ހުރުމުން އޭނާ އަވަހަށް ހޮސްޕިޓަލަށް ދިޔަ އެވެ.
އައިޝަތު ބުނީ ޕްރެޝަރު މޮނިޓާކުރިއަސް ޑޮކްޓަރުން ބޭސް ދޭން އެންމެ ފުރަތަމަ ބޭނުން ނުވި ކަމަށެވެ. ނަމަވެސް ތުއްތު ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރަށް ޖެހި އިންޖެކްޝަނެއް ޖަހަން މަޖުބޫރުވި އެވެ. އެކަމަކު އެ އިންޖެކްޝަނާ އެކު މީހާ މާ ބޮޑަށް ވަރުބަލިކޮށްލި އެވެ.
"މާ ބޮޑަށް ލޭ މަތިވެގެން ބޭބީއަށް ފިޓު ޖެހިދާނެތީ އިންޖެކްޝަން ޖެހީ. އެކަމަކު އެ ޖެހީމާ އިތުރަށް ގޯސްވީ. އެއްގޮތަކަށް ވެސް އެނދުން ނުތެދުވެވި، ބޮލަށް އެނބުރުން އަރާފައި ހުންނަނީ،" އަހަރުގެ އައިޝަތު ކިޔައިދިނެވެ.
އިމަޖެންސީ ސިޒޭރިއަން އަދި ވިހެއުމަށް ފަހު ކުރިމަތިވި އުނދަގޫ
ޑޮކްޓަރުންގެ ލަފާއާ އެކު އިތުރު ފަރުވާއަށް މާލެއަށް ދިއުމުން ހާލަތު ސްޓޭބަލް ކުރަން އެތައް މަސައްކަތެއް ހޮސްޕިޓަލްގައި ކުރި އެވެ. އެކަމަކު ތުއްތު ދަރިފުޅުގެ ވިންދު ދަށްވަމުން ދިއުމާ އެކު، މާޗު މަހު ޖެހުނީ ބަނޑަށް 34 ހަފުތާގައި އިމަޖެންސީގައި ސިޒޭރިއަން ހަދައި ދަރިފުޅު ނަގާށެވެ.
ލޭގެ ޕްރެޝަރު މަތިވުމަކީ ކުއްޖާ ދުވަސްނުފުރާ ވިހަން ޖެހުމާއި ވިހެއުމަށްފަހު ވެސް މައިމީހާއަށް އެތައް ހަފްތާއެއް ވަންދެން ނުރައްކާ އޮންނަ މައްސަލައެއް ކަމަށް ސިއްހީ މައުލޫމާތުތައް ގެނެސްދޭ ވެބްއެމްޑީ ގައި ބުނެފައިވެ އެވެ.
ސިއްހީ މި އިންޒާރަކީ ހަގީގަތެއްކަން އައިޝަތަށް ދިމާވި ކަންކަމުން ވެސް އެނގެ އެވެ. ސިޒޭރިއަން ހަދައި، ދަރިފުޅު ވަގުތުން އެންއައިސީޔޫއަށް ގެންދިޔައިރު ވެސް އައިޝަތު އޮތީ ބޮލުގެ ރިހުމާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވެގެން އެޗުޑީޔޫގަ އެވެ.
"ދަރިފުޅު އެއްގޮތަކަށް ވެސް ނުފެނި ހަފުތާއެއް ދިޔަ. އެހެންވެގެން ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކުރި،" މާބަނޑު ދުވަސްވަރުގެ ހައިޕާޓެންޝަންގެ ސަބަބުން ކުރިމަތިވި ނަފްސާނީ އަސަރުތައް ކިޔައިދެމުން އޭނާ ބުންޏެވެ. "އެއްގޮތަކަށް ވެސް ނުނިދި ދުވަސްތަކެއް ދިޔަ. އެހެންވެގެން ވެސް ލޭގެ ޕްރެޝަރާއި ބޮލުގެ ރިހުމަށް ލުއެއް ނުލިބުނު. ފަހުން ޖެހުނީ ބޭސް ދީގެން ނިންދަވަން."
އެ ވޭނާއި ހިތްދަތި ދުވަސްތަކަށް ފަހު މިހާރު ހަތް މަސް ފުރެނީ އެވެ. ދުވަސްނުފުރާ އުފަންވާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މި މަހު، އައިޝަތަށް އެ އިހުސާސްތައް އާވެ އެވެ. ސިޒޭރިއަންގެ ތަދުގަނޑު ފަސޭހަވިއަސް އޭނާގެ ހަޔާތުގައި ދިމާވި އެންމެ ހިތްދަތި އެ ދުވަސްތައް ސިފަވަނީ އިއްޔެ ދިމާވި ކަމެންހެންނެވެ.
މިއީ މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކަލާއި އެކަމުގެ ސަބަބުން މައިންނާއި ކުދިންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ބޮޑު ތަކުލީފުގެ ހަގީގީ މިސާލެކެވެ.
މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް، މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު ގަވާއިދުން މޮނިޓާކުރުމާއި ކުއްލިއަކަށް ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފާހަގަވުމާ އެކު ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.