By: Asima Nizar
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަސް ހާއްސަކޮށްފައިވަނީ މަސައްކަތުގެ މާހައުލާއި އާއިލާ ބެލެހެއްޓުމުގައި ފިރިހެނުން އަދާކުރާ މުހިއްމު ދައުރު ބަލައިގަނެ، އެ މީހުންނަށް ޝުކުރު އަދާކުރުމުގެ ދުވަހުގެ ގޮތުގަ އެވެ. މިއީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެވެ.
ފިރިހެނުންގެ ދުވަހާ ގުޅިގެން މިއަދު އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ އެއް މައުޟޫއަކީ ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެކަށީގެންވާ މިންވަރަކަށް ވާހަކަ ނުދެކެވޭ މައުޟޫއެކެވެ. ދިރިއުޅުމުގެ ބުރަކަމާއި މާލީ ދަތިތަކުގެ ސަބަބުން ކުރިމަތިވާ ހާސްކަމާއި ފިކުރުތައް އެހެން މީހުންނާ ހިއްސާނުކޮށް، ހިތުތެރޭގައި ފޮރުވައިގެން އުޅުމުގެ ސަބަބުން ނަފްސާނީ ބަލިތަކަށް ހުށަހެޅޭ ފިރިހެނުންގެ އަދަދު މަދެއް ނޫނެވެ.
ދިރާސާތަކާއި ތަފާސްހިސާބުތައް
އާސިއާންގެ 10 ގައުމެއް ހިމަނައިގެން 2000 އިން 2019 އަށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ފިލިޕީންސާއި މިޔަންމާ ފިޔަވައި އެ ސަރަހައްދުގެ ގިނަ ގައުމުތަކުގައި 2010 ގެ ފަހު އަހަރުތަކުގައި ފިރިހެނުން އަމިއްލައަށް މަރުވާ ނިސްބަތް ވަނީ އިތުރުވެފައި ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މި ބަދަލުތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމާ ކަމަށް އެ ދިރާސާ ބުނެ އެވެ.
އަންހެނުންނާ އަޅާބަލާއިރު، 2019 ވަނަ އަހަރު ފިރިހެނުން އަމިއްލައަށް މަރުވި ނިސްބަތް ސިންގަޕޫރުގައި 2:1 ގައި ހުރިއިރު، ތައިލެންޑުގައި އެ އަދަދު ހުރީ 6:1 ގަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން މިދިޔަ އަހަރު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނަފްސާނީ ބަލިތަކާ ގުޅުން ހުރި އެކި ކަންކަމުގައި ގާތްގަނޑަކަށް 289 މިލިއަން މީހުން ދިރިއުޅެމުންދާ ކަމަށް އަންދާޒާކުރެވެ އެވެ. އަދި ކޮންމެ އަހަރަކު ގާތްގަނޑަކަށް 208,000 މީހުން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ހިނގާ ކަމަށް ބުނެފައި ވިޔަސް، އެ ރިޕޯޓުގައި ވަކި ޖިންސެއް ވަކިން ބަޔާނެއް ނުކުރެ އެވެ.
ކޮންމެ އަހަރެއްގެ މާޗް 8 ވަނަ ދުވަހު ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމަކަށް ވަނަސް، އެ ދުވަހު ފީޑުތަކުން ފެންނަ އެއް ކަމެއް ޔަގީނެވެ؛ އެއީ ފިރިހެނުންގެ ޝަކުވާތަކެވެ.
ގިނަ ފިރިހެނުންގެ މައިގަނޑު ސުވާލަކަށް ވެފައި އޮންނަނީ ފިރިހެނުންގެ ދުވަހެއް ފާހަގަނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ގައުމުގެ ކުރިމަގަށް މުހިއްމީ ހަމައެކަނި އަންހެނުން ހެއްޔޭ އަހައި އުފައްދާ ސުވާލުތައް ވެސް މަދެއް ނޫނެވެ.
އެހެންވެ މިއީ ހަމައެކަނި ފިރިހެނުންގެ ދުވަހު އިއްވާލާ ޝިއާރަކަށް ވުރެ ބޮޑަށް، ގައުމީ ފެންވަރުގައި ހުޅުވާލެވިގެން ދައްކަންޖެހޭ މުހިއްމު ވާހަކައެކެވެ. ހަގީގީ ބަދަލެއް ގެނެވޭނީ ފިރިހެނުން ހުރި މިފަދަ މައްސަލަތަކުގެ ވާހަކަ މިއަށްވުރެ ބޮޑަށް ދައްކައިގެންނެވެ.