By: Asima Nizar
މަރިޔަމް ޝިފްޒާ (ޝިފޫ) ބޮޑުވަމުން އައިއިރު، އޭނާގެ ހިތް އެންމެ ބޮޑަށް ދެވިފައި އޮތީ ބައްޕަ މުހައްމަދު ދީދީގެ ފަހާފޮއްޓަށެވެ. ބަލައި ބެލުމަށް އެއީ އާދައި ފޮއްޓެކެވެ. ނަމަވެސް، މަންމަ އާއި ފަސް ކުދިންގެ ޒިންމާތަކާއި ގޭތެރޭގެ ހުރިހާ ހަރަދެއް ބައްޕަ އޭރު ހަމަޖެއްސީ އެ ފަހާފޮށިން ނެރެދިން އާމްދަނީންނެވެ.
ފެހުމަށް އޮތް ޝައުގަކުން، ބައްޕަ ފަހާފޮށިން ދުރަށް ޖެހިލާއިރަށް، އުމުރުން އެންމެ 12-13 އަހަރުގައި ވެސް ޝިފޫ އެ ތަނުގައި އިށީނދެ ފެހޭތޯ އުޅެ އެވެ.
ފުވައްމުލަކަށް އުފަން، މިހާރު އުމުރުން 38 އަހަރުގެ ޝިފޫ ބުނި ގޮތުގައި، އޭނާ އެންމެ ފުރަތަމަ ހެދުން ފަހައިދޭން ފެށީ އާއިލާ އާއި ރައްޓެހިންނަށެވެ. އަދި ރައްޓެއްސެއްގެ ކައިވެނި ހެދުމެއް ވެސް 16 އަހަރުގައި ސްކޫލުގައި އުޅެމުން ފެއްސެވެ.
ކިޔެވުން ނިންމުމަށްފަހު ރަށުގައި ވަޒީފާ އަދާކުރަމުން ލިބުނު ހުސްވަގުތުގައި ވެސް އޭނާ ކުރި ކަމަކީ އެއީ އެވެ.
ނަމަވެސް، 2014 ވަނަ އަހަރު މާލެއަށް ބަދަލުވެ، "ބްރައިޑް ފެއާ" ގައި ބައިވެރިވުމަކީ ފެހުމުގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.
މިއަދު މަގުބޫލު "ޝިފޫ ކަލެކްޝަން" ގެ ފެށުމަކީ ވެސް އެއީ އެވެ.
އޭނާ ބުނީ ޑިމާންޑު ބޮޑުވެ، މިހާރު ފަހަން މަހެއް ނުވަތަ ދެމަހެއް ކުރިން އޯޑަރުތައް ލިބޭ ކަމަށެވެ. މި މަހުގެ ޖާގަ އެއްކޮށް ފުރިފައިވާއިރު، އަންނަ މަހުގެ ޝެޑިއުލް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ.
"މިހާރު ވެސް މަދުވެގެން ދުވާލަކު ދެ ހެދުން ނިންމަން. މިހާރު އޯޑަރު ނަގަމުން މި ދަނީ އަންނަ ޖެނުއަރީ މަހަށް. އޭގެ ދެމެދުގައި ގާތްތިމާގެ މީހުންގެ ހެދުންތައް ވެސް ފަހަން،" ތިން ކުދިންގެ މަންމަ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި، މި މަހު ނެގުނު އޯޑަރުތަކަށް ވުރެ ޖާގަ ނެތުމުގެ ސަބަބުން ދޫކޮށްލަން ޖެހުނު އޯޑަރުތައް މާ ގިނަ އެވެ.
ޝިފޫ ހެދުން ފަހަނީ. އޭނާ މި މަސައްކަތް ކުރަނީ ތިން ކުދިންނާއި ގޭތެރޭގެ ހުރިހާ ކަމެއް ވެސް ކުރަމުން.
"މި މަހު ނެގި އޯޑަރުތަކަށް ވުރެ، ނޫނެކޭ ބުނަން ޖެހުނު އޯޑަރުތައް ގިނަ. މިހާރު ވިސްނުން ހުރީ އަމިއްލަ ފަހާ ތަނެއް ހުޅުވަން. ވީ އެންމެ އަވަހަކަށް އެކަން ވިސްނުމާ އެއްގޮތަށް ކުރިއަށް ގެންދާނަން،" ޝިފޫ ބުންޏެވެ.
އޭނާއަށް އެންމެ ގިނައިން އޯޑަރު ލިބެނީ އެ ދުވަސްވަރެއްގައި އޮންނަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެންނެވެ. ގްރެޖުއޭޝަން ދުވަސްވަރެއް ނަމަ އެފަދަ ހެދުންތަކަށެވެ. އަދި ކައިވެނިތައް ގިނަ ސީޒަނެއް ނަމަ، އެއްކޮށް ހުސްވާން ޖެހެނީ ވެޑިން ޑްރެސް އަދި އެ ހަފުލާތަކަށް ދާ މެހެމާނުންގެ ހެދުންތަކަށެވެ.
ޝިފޫ ބުނީ އޭނާ ގިނައިން ފަހަނީ އަމިއްލަ ޑިޒައިން ކަމަށެވެ. އަދި ކަސްޓަމަރުން އެންމެ ބޭނުން ގޮތަކަށް މަސައްކަތް ނިންމަން އިސްކަންދެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އާއްމުންގެ މެދުގައި މަގުބޫލުވި އެއް ސަބަބު ކަމަށް އޭނާ ގަބޫލުކުރަނީ ވެސް ބުނާ ވަގުތަށް ހެދުން ނިންމުމެވެ.
"މީހުންގެ ފަރާތުން ލިބޭ ތަރުހީބާއި ކޮމެންޓުތައް ވަރަށް ރަނގަޅު،" އުފަލާ އެކު ޝިފޫ ފާހަގަކުރި އެވެ.
އޭނާ ބުނި ގޮތުގައި، ބައެއް ފަހަރު ކަސްޓަމަރުން ގެންނަ ފޮއްޗާއި ބޭނުންވާ ޑިޒައިން ނުގުޅޭތީ ހެދުން ފަހަނީ އަމިއްލަ ފޮތީގަ އެވެ. އެކަމަކު، ކަސްޓަމަރު ހިތްހަމަޖެހޭ ޑިޒައިނަށް ވެސް ކުދި ބަދަލުތައް ގެނެސް އެ ފޮތީގައި ފެހުމުން ނުކުންނަ ނަތީޖާއާ މެދު އެ މީހުން ވަރަށް ހިތްހަމަޖެހެ އެވެ.
ގޭގައި ކުރާ މި ކުޑަ ވިޔަފާރި ފުޅާކުރަން ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 10:00 އަށް، ކުދި ބްރޭކްތައް ނަގަމުން ކުދިންނާއި ގޭތެރޭގެ ހުރިހާ ކަމެއް ޝިފޫ ކުރެ އެވެ.
ދެ އަހަރު ނުފުރޭ ތުއްތު ދަރިފުޅާ އެކު ގޭގައި މަސައްކަތްކުރާ ޝިފޫ ދެކޭގޮތުގައި، ކޭކު އެޅުމާއި ފެހުން ފަދަ މަސައްކަތްތަކަކީ ދަރިން ކައިރީގައި ތިބެގެން އަންހެނުންނަށް ކުރުމަށް ވަރަށް އެކަށީގެންވާ ކަންކަމެވެ.
"ކުދިންނާ ދުރުގައި ވަޒީފާއެއްގައި އަށް ގަޑިއިރު ހޭދަކުރުމަށް ވުރެ، މިފަދަ މަސައްކަތެއް ކުރުން މާ ފައިދާ ބޮޑު. ކުދިންނަށް ވަގުތު ދެވުމުގެ އިތުރުން މަސައްކަތަށް ވެސް ވަގުތު ދެވި، ރަނގަޅު އާމްދަނީއެއް ވެސް ހޯދޭނެ،" އޭނާ ބުންޏެވެ.
ހެދުން ފެހުމުގެ އިތުރުން ޝިފޫ މިހާރު އަންނަނީ ބޭސިކް އަދި އެޑްވާންސް ފެންވަރުގެ ކޯސްތައް ހިންގައި، ފަހަން ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާ އެކު ކުރަމުންނެވެ. ދަރިފުޅު ބޮޑުވުމުން ކުރީގެ ސްޕީޑުގައި އޭނާގެ މަސައްކަތް ފެންނާނެ އެވެ. އަދި ބައްޕަގެ ލެގަސީ، އެ އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިފުޅު ކުރިއަށް ގެންދާނެ އެވެ.