16 Sep 2017

އައްޒަ ގައިގައި ހައްދު ޖެހުނު ވަރެއް ވެސް ނޭނގޭ!

"އަސްލަށް މި އޮންނަނީ 100 އެތިފަހަރު ޖަހަން. އެކަމަކު އެ މަންޒަރު ޝޫޓްކުރިއިރު އެއަށް ވުރެ ގިނަ ފަހަރު ޖެހި ޔަގީނަށްވެސް"

"އަސްލަށް މި އޮންނަނީ 100 އެތިފަހަރު ޖަހަން. އެކަމަކު އެ މަންޒަރު ޝޫޓްކުރިއިރު އެއަށް ވުރެ ގިނަ ފަހަރު ޖެހި ޔަގީނަށްވެސް"

By: Ahmed Nadym

މާލެ އާއި އެހެން ބައެއް ރަށްތަކުގައި ވެސް މިހާރު ދައްކަމުން އަންނަ އަބްދުލް ފައްތާހުގެ އާ ފިލްމުގައި އެންމެ ގިނަ ބަޔަކު ހައިރާންކޮށްލި މަންޒަރަކަށް ވެފައި ވަނީ ހައްދު ޖަހާ މަންޒަރެވެ. "ހައްދު" ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ އެންމެ ވަރުގަދަ މަންޒަރުގައި ހައްދު ޖަހަނީ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ ގައިގަ އެވެ. ފިލްމުގެ ޝޫޓިންގައި ކުރެވުނު އެ ތަޖުރިބާގެ އިހްސާސް އައްޒަ އެންމެފަހުން "ދޯ" އަށް ކިޔައިދިންއިރު އޭނާ ބުނަނީ "ހައްދު ޖެހުނު ވަރެއް ވެސް ނޭނގޭ" ކަމަށެވެ.

އައްޒަ ބުނީ "ހައްދު ޖަހާ މަންޒަރަކީ" އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަށް ތަޖުރިބާކުރެވުނު އެންމެ އާދަޔާހިލާފު އަދި ހަނދާން ނައްތާލަން އެންމެ އުނދަގޫވާނެ އެއް ކައްތައް ކަމަށެވެ.

"ހައްދު ޖަހާ ސީން އެއީ އަންފޮގެޓަބްލް ސީންއެއް. އަސްލަށް ހައްދު ޖެހީ،" އައްޒަ ކިޔައިދިނެވެ.

"އަސްލަށް މި އޮންނަނީ 100 އެތިފަހަރު ޖަހަން. އެކަމަކު އެ މަންޒަރު ޝޫޓްކުރިއިރު އެއަށް ވުރެ ގިނަ ފަހަރު ޖެހި ޔަގީނަށްވެސް. އެކި އޭންގަލްތަކުން އެތައް ފަހަރަކު ޝޫޓްކުރާއިރު 100 އަށް ވުރެ ގިނަ ފަހަރު ޖެހިފައިތާ ހުންނާނީ."

ސަތޭކަ ފަހަރަށް ވުރެ ގިނައިން އެމީހުން ޝޫޓިންގައި ޖެހިޔަސް ވޭނެއްގެ ވާހަކައެއް އައްޒަ ކިޔައެއް ނުދެ އެވެ. އެކަމަކު އޭނާ ބުނީ ހައްދު ޖަހާއިރު މީހަކަށް އަސްލަށް ކުރެވޭނެ އިހްސާސް އެ މަންޒަރު ނެގި މާހައުލުން އޭނާ އަށް ކުރެވުނު ކަމަށެވެ.

"މުޅި ރަށު އެންމެން ގޮތަށް އެތަނަށް އެއްވެތިބި އެ މަންޒަރު ނެގިއިރު. އެހެންވުމާ އެކު ހީވީ ހަމަ އަސްލަށް ހައްދު ޖެހިހެން. އަސްލަށް ހައްދު ޖަހާއިރު މީހަކަށް ކުރެވޭނެ އިހްސާސްތައް ވަރަށް ރަނގަޅަށް ކުރެވުނު އެ ގަޑީގައި،" އައްޒަ ބުންޏެވެ.

ރިކޯޑްތައް މުގުރަމުން އަންނަ މި ފިލްމުގައި އައްޒަ އަށް ދެން އެންމެ ކަމުދާ މަންޒަރެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވަނީ ފިލްމުގެ ކޯއެކްޓަރު ދޮން އައްޔައާ އެކު ކެލާގެ ފުއްޓަރުފަރާތުގައި ޝޫޓްކޮށްފައިވާ ހިތްގައިމު މަންޒަރެވެ. އައްޒަ ބުނީ އެ މަންޒަރުގައި އޭނާގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ.

"ދޮން އައްޔައާ އެކުގައި ފުއްޓަރު ފަރާތަށް އެރިގެން ޝޫޓުކުރަން ޖެހުނު މަންޒަރަކީ ވަރަށް ބިރުގަންނަވާލި އެކްސްޕީރިއަންސެއް. އެއީ ކެލާގައި އެންމެ ގަދަ އަށް ރާޅު ނަގާ ހިސާބުގައި ޝޫޓްކޮށްފައިވާ މަންޒަރެއް،" އައްޒަ ބުންޏެވެ.

އައްޒަ އާއި ޝިބާން "ހައްދު" ގެ މަންޒަރެއްގައި.

"އެތަނުގައި ޝޫޓްކުރަނިކޮށް އެއް ފަހަރަކު އައި ބޮޑު ރާޅެއްގައި ޖެހި އަޑިއަށް ގަންބާލިގޮތަށް ގޮސް ގާތަކުގައި ޖެހި މައްޗަށް އަރަން އުނދަގޫވެ ފަހުން އެންމެން އައިސްގެން އަހަރެން ނަގަން ޖެހުނީ. އެއީ ހަމަ ކިރިޔަކިރިޔާ މަރުނުވެ ދިޔަ ފަހަރެއް. އެ މަންޒަރުގައި ބޭނުންކުރި ގޯޕްރޯ ވެސް ރާޅާއެކު ގޮސް ގެއްލުނީ."

"ހައްދު" ގެ މި ތަޖުރިބާކިޔައިދެމުން އައްޒަގެ ހުރިހާ ތައުރީފެއް ދެން އޮއްސާލީ ޑައިރެކްޓަރު ފައްތާހަށެވެ. މިއީ ކުޅަދާނަ މި ޑައިރެކްޓަރާ އެކު އައްޒަ މިހާތަނަށް ކުރި ފުރަތަމަ ތަޖުރިބާއެވެ.

"ފައްތާހު އަކީ ވަރަށް ސަޅި މީހެއް. ކުރާ ކަމެއް ކުރާނީ އެންމެ މޮޅުކޮށް. ރަށަކަށް ޝޫޓިން އަށް ދިޔަޔަސް އެ ރަށެއްގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ހިދުމަތެއް އޭނާ ހޯދައިދޭނެ. ވަރަށް ލޯބިން ބޭނުން ހުރިހާ ކަމެއް ވަރަށް ސަޅިކޮށްކުރާ މީހެއް ފައްތާހަކީ،" އައްޒަ ބުންޏެވެ.

ފައްތާހުއާ އެކު "ހައްދު" ނިންމައި ކާމިޔާބު ޝޯތަކެއް އެކި ހިސާބުތަކުގައި ދައްކަމުން އަންނައިރު އައްޒަ މިހާރު އަވަދިނެތި އުޅެނީ އޭނާގެ ދައްތަ އިއިޝަތު ރިޝްމީ ޑައިރެކްޓްކުރާ ފާތުމަތު ނަހުލާގެ "ބޮސް" ގެ މަސައްކަތުގަ އެވެ. އައްޒަ ބުނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ފަރާތްތަކާ އެކު އެއްފަހަރާ މިގޮތަށް މަސައްކަތްކޮށްލަން ލިބުމަކީ އޭނާގެ ހުވަފެން ހަގީގަތަށް ވުން ކަހަލަ ކަމެއް ކަމަށެވެ.

"ނަހުލާ އާއި ފައްތާހުއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެން ހަގީގަތަށްވުން ކަހަލަ ކަމެއް. އެއީ އެ ދެ މީހުންނަކީ އެކުގައި މަސައްކަތްކޮށްލަން އެންމެ ބޭނުންވެފައި ހުރި ދެ މީހުން. އެހެންވީމަ މިއީ ވަރަށް ބޮޑު އެޗީވްމަންޓެއް،" މި ދެ ފިލްމަށް ވެސް ބެސްޓް ދީފައިވާނެ ކަމަށް ބުނެ ވާހަކަ ދައްކަމުން އައްޒަ ބުންޏެވެ.

މި ދެ ފިލްމަށް ބަލާއިރު އައްޒަ ކުޅެފައި ވަނީ މުޅިން ތަފާތު ދެ ރޯލެކެވެ. ފަތާހުގެ ފިލްމުގައި އޭނާ ކުޅެފައި ވަނީ ވަރަށް "ހައިޕާކޮށް އުޅުމަށް ފަހު ދިރިއުޅުން ހަލާކުވެގެންދާ" މީހެއްގެ ރޯލެވެ. "ބޮސް" ގައި ކުޅެފައި ވަނީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ރޯލެކެވެ. އައްޒަ ބުނީ މި ރޯލަކީ އޭނާ "4426" ގައި ކުޅުނު ރޯލަށް ވުރެން ވެސް އުނދަގޫ ރޯލެއް ކަމަށެވެ.

"އައްޒައަކީ އަސްލު މިހާ މަޑުން ހުންނަ މީހެއް ނޫން. އައްޒައަކީ އަސްލު ދިރިއުޅުމުގައި ހިފެނުހެއްޓިގެން އުޅޭ މީހެއްތާ. އެހެންވީމަ ބޮސްގައި މި ކުޅެން ޖެހެނީ މުޅިން ތަފާތު ރޯލެއް،" އައްޒަ ބުންޏެވެ.

"ބޮސް އަކީ 4426 އަށް ވުރެން ވެސް އުނދަގޫ ފިލްމެއް އައްޒަ އަށް ކުޅެން. އެކަމަކު ފިލްމު ބަލާއިރު ބެލުންތެރިންނަށް ހީނުވެދާނެ މިހާ އުނދަގުލުން ކޮށްފައިވާ މަސައްކަތެކޭ މިއީ."

ދިވެހި ޑައިރެކްޓަރުން އެކްޓްރެސް މަރިޔަމް އައްޒަ

Popular