25 Aug 2019

By: Ifraz Ali

އެންމެންގެ ލޯބި ލިބުނު ވަގުތު ސްޕައިޑަމޭނަށް މި ޖެހުނީ މާވެލް ސިނެމަޓިކް ޔުނިވާސް، އެމްސީޔޫ އިން ނިކުންނާށެވެ. ސްޕައިޑަމޭންގެ ކެރެކްޓާ ރައިޓްސް އޮންނަ ކުންފުނި ސޮނީ އަދި މާވެލް ސްޓޫޑިއޯސްގެ ދެމެދުގައި އުފެދުނު ދެބަސްވުން ވަކި ކޮޅެއްގައި ނުޖެހި، އެންމެފަހުން ދެބައި މީހުން ވަކިވާން ނިންމީ އެވެ. ދެބަސްވުން އުފެދުނީ ކުރިއަށް އޮތް ތަނުގައި ސްޕައިޑަމޭން ފިލްމުތަކުގެ ފައިދާ ދެބައި މީހުންނަށް ބަހާނެ ގޮތަކާ މެދުގަ އެވެ.

ސްޕައިޑަމޭންގެ ރައިޓްސް ދެބައި މީހުނަށް ބަހަން ފުރަތަމަ ނިންމީ 2014 ގަ އެވެ. އެންޑްރިއު ގާފިލްޑް ސްޕައިޑަމޭންއަކަށް ހަދައިގެން ސޮނީން ގެނެސްދިން ދެ ފިލްމު ވެސް ނާކާމިޔާބުވުމުންނެވެ. އޭގެފަހުން މާވެލް ސްޓޫޑިއޯސް އިން ޓޮމް ހޮލެންޑް ސްޕައިޑަމޭނަކަށް ހަދައިގެން ވަރަށް ކާމިޔާބު ދެ ފިލްމު ގެނެސްދީފި އެވެ.

ސޮނީ އަށް މިހާރު މާވެލް ސްޓޫޑިއޯސްގެ ބޭނުން ކެނޑުނީހެން ހީވެ އެވެ. އެންމެފަހުން ގެނެސްދިން ސްޕައިޑަމޭން ފިލްމު "ފާ ފްރޮމް ހޯމް" އަށް މިދިޔަ މަހު، 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެއީ މިހާތަނަށް ސޮނީގެ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ. ކުރިން މި މަގާމުގައި އޮތީ ޖޭމްސް ބޮންޑުގެ "ސްކައިފޯލް" އަށެވެ.

"ސްޕައިޑަމޭން: ފާ ފުރޮމް ހޯމް"ގެ މަންޒަރެއް.

ސްޕައިޑަމޭން އަށް ލިބުނު މި މަޝްހޫރުކަމާ އެކު ސޮނީން އެމީހުންގެ އަމިއްލަ ޔުނިވާސްއެއް ހަދަން ބޭނުންވަނީ ކަމަށް ވެސް ވެދާނެ އެވެ. ވެނޮމް އާއި މޯބިއަސް އާ އެކު "ސްޕައިޑަ-ވާސް" އެކެވެ. ހަމަގައިމު ވެސް އެ ފިލްމުތަކުން ލިބޭ ފައިދާ ޑިޒްނީ އާއި ހިއްސާކުރާކަށް ސޮނީއަކުން ބޭނުމެއް ނުވާނެ އެވެ. -- ޑިޒްނީއަކީ މާވެލް ސްޓޫޑިއޯސްގެ މައި ކުންފުންޏެވެ.

ޓޮމް ހޮލެންޑާއެކު ސްޕައިޑަމޭންގެ އިތުރު ދެ ފިލްމެއް ވެސް ގެނެސްދިނުމުގެ މަސައްކަތް ފަށާފައި އޮތް ކަމަށްވެ އެވެ. އެއީ ހަމަ ކުރީގެ ފިލްމުތައް ވެސް ޑައިރެކްޓުކުރި ޖޮން ވަޓްސާއެކު އެވެ. ޓޮމް ހޮލެންޑްގެ ސްޕައިޑަމޭން ކެރެކްޓާ މިހާރު އޮތީ އެމްސީޔޫގެ ހުރިހާ ކެރެކްޓާސްތަކަކާއި ވެސް ގުޅުވައި ފައްކާކޮށްފަ އެވެ. ކުއްލިއަކަށް އެތަނުން އޭނާ ނެރެލަން އެމީހުނަށް އަދި އުނދަގޫވާނެ އެވެ.

މާވެލް އަތުން ސްޕައިޑަމޭން މި ދޫވީ ދެ ވަނަ ފަހަރަށް

ނުވަދިހައިގެ ފަހުކޮޅު މާވެލް ކޮމިކްސްގެ ވިޔަފާރީ ދަށަށް ދާން ފެށުމުން، އެމީހުންގެ ބައެއް ކެރެކްޓާސްތަކުގެ ރައިޓްސް ވިއްކާލި އެވެ؛ ސްޕައިޑަމޭން ސޮނީ އަށް އަދި އެކްސް-މޭން އާއި ފެންޓާސްޓިކް ފޯ ދިނީ ފޮކްސް އަށެވެ. ސޮނީން ސްޕައިޑަމޭންގެ ވަރަށް ކާމިޔާބު ޓްރިއޮލޮޖީއެއް ހެދި އެވެ. ސޭމް ރައިމީ ޑައިރެކްޓުކުރި އެ ފިލްމުތަކުގައި ސްޕައިޑަމޭނަކީ ޓޮބީ މެގުއަޔާ އެވެ. އެކަމަކު ފަހުން އެންޑްރިއު ގާފީލް ލައިގެން އެމީހުން ސްޕައިޑަމޭން ރީބޫޓް ކުރީމާ ހީކުރި ވަރެއް ނުވި އެވެ.

މާވެލް ސްޓޫޑިއޯސް އިން އެމީހުންގެ ބްރޭންޑް އަނެއްކާ ވެސް ނަގާ ކޮޅަށްޖެހުމަށް ކުރި މަސައްކަތުން، އެންމެ ފުރަތަމަ ފިލްމެއް ގެނެސްދިނީ 2008 ގަ އެވެ. މާވެލްގެ އެންމެ މަޝްހޫރު ނޫން އެއް ކެރެކްޓާ "އަޔަން މޭން" ގެ ފިލްމެކެވެ. އެ ފިލްމު ބޮޑު ކާމިޔާބީއަކަށް ވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޑިޒްނީން، މާވެލް ސްޓޫޑިއޯސް ގަނެފި އެވެ. އެމްސީޔޫ އުފެއްދުމަށް އެހީވީ ޑިޒްނީންނެވެ.

"ކެޕްޓަން އެމެރިކާ: ސިވިލް ވޯ" - އެމްސީޔޫ އިން ސްޕައިޑަމޭން ފުރަތަމަ ފެނުނު މަންޒަރު.

އޭގެފަހުން ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން ނަމަވެސް މާވެލްއަށް އެމީހުންގެ ޔުނިވާސް އިން އެންމެ މަގުބޫލު އެއް ކެރެކްޓާ މަދުވާކަން ފާހަގަވާން ފެށި އެވެ. މާވެލް ސްޓޫޑިއޯސްގެ ވެރިޔާ ކެވިން ފިޖް، ސޮނީ އާއެކު 2015 ވަނަ އަހަރު ޑީލްއެއް ހަދައި ސްޕައިޑަމޭން އަނބުރާ ގެނަ އެވެ. އެމީހުންގެ ޑީލަކީ މާވެލްގެ ފިލްމުތަކުގައި ސްޕައިޑަމޭން ކެރެކްޓާ ދެއްކުމުގެ ފުރުސަތު ދީފި ނަމަ، އެ ސްޓޫޑިއޯ އިން ސްޕައިޑަމޭންގެ ރީބޫޓް ފިލްމުތައް ހެދުމަށް ސޮނީއަށް އެހީވުމެވެ.

ޕީޓާ ޕާކާގެ ގޮތުގައި، މާވެލްގެ މުޅިން އާ ސްޕައިޑަމޭންއެއް ފުރަތަމަ ފެނުނީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ. އޭގެފަހުން "އެވެންޖާސް: އިންފިނިޓީ ވޯ" އަދި "އެވެންޖާސް: އެންޑްގޭމް" އިންނެވެ. އެ ފިލްމުތަކުގައި ޕީޓާ އާއި ޓޮނީ ސްޓާކް (އަޔަން މޭން) ދެމެދުގައި ބައްޕައަކާއި ދަރިއެއްގެ އޮންނަހާ ގާތް ގުޅުމެއް އުފެދުނެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" - އެ ފިލްމުގައި ސްޕައިޑަމޭން ފެންނަ މަންޒަރެއް.

ޑިޒްނީން ފަހުން ޓުވެންޓީ ފަސްޓް ސެންޗުރީ ފޮކްސް ވެސް ގަނެލި އެވެ. އެއާއެކު މާވެލްގެ މުހިންމު ކެރެކްޓާސްތައް އަނެއްކާ ވެސް އެމީހުނަށް އަނބުރާ ލިބެނީހެން ހީވާން ފެށި އެވެ. އެކްސް-މޭން އާއި ފެންޓާސްޓިކް ފޯ މާވެލްއަށް އަނބުރާ ލިބުނެވެ. އެ ދަނޑިވަޅުގައި އަނެއްކާ ވެސް އެމީހުނަށް މިޖެހުނީ ސްޕައިޑަމޭން ނުލައި ކުރިއަށް ގެންދާށެވެ. މިދިޔަ މަހު ބޭއްވި ކޮމިކް ކޮންގައި މާވެލްގެ ފޭސް ހަތަރެއް އިއުލާނުކުރި އިރު ވެސް ސްޕައިޑަމޭންގެ ފިލްމެއް ނެތެވެ.

*** ސްޕައިޑަމޭން: ފާ ފްރޮމް ހޯމް ނުބަލާ މީހުނަށް ސްޕޮއިލާ އެލާޓް ***

އެވެންޖާސް އަށް މަދުވަނީ ސްޕައިޑަމޭން

މާވެލްއަށް ސްޕައިޑަމޭން ބޭނުންވަނީ ކީއްވެކަން ސާފުކޮށް އެނގެ އެވެ. ސްޕައިޑަމޭންއަކީ އެމީހުންގެ ކޮމިކް ބުކް ކެރެކްޓާސްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ކެރެކްޓާ އެވެ. އެވެންޖާސްގެ މެދުގައި ފަޅުކަން ފިލުވައިދޭ އެކައްޗަކަށް އޭނާގެ ސަކަ މިޖާޒު ވާނެ އެވެ. އަދި އޭނާއަކީ އެވެންޖާސްގެ ތެރޭގައި ހުރި އެންމެ ކުޑަ ހީރޯއަށް ވާއިރު، އެންޑްގޭމްއާއެކު ބައެއް ކެރެކްޓާސްތައް މަރުވެ އަދި ރިޓަޔާކުރުމުން މި ފްރެންޗައިޒްގެ މުސްތަގުބަލަކީ އޭނާ ކަމަށް ހީވި އެވެ.

"ސްޕައިޑަމޭން: ހޯމް ކަމިން" ގެ ޓްރެއިލާ.

އެވެންޖާސްގެ ލެގަސީ ހިފެހެއްޓުމަށް މިހާރު ތިބި އަދި ކުރިއަށް އަންނަ ތިބި ހީރޯސްތަކާއެކު ސްޕައިޑަމޭން ވެސް މާވެލްގެ ކުރިއަށް ހުރި ޕްލޭންތަކުގައި އޮންނާނެކަން ޔަގީނެވެ. މިކަން ޔަގީން ވަނީ "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް" ގެ މުޅި ވާހަކަ ބިނާކޮށްފައި އޮތީ އަޔަން މޭން މަރުވުމުން އޭނާގެ ހުރިހާ ޒިންމާތަކަކާއި އޭނާގެ ލެގަސީ ހިފެއްޓުން ޕީޓާ ޕާކާއަށް ވާރުތަވާތީ އެވެ.

ސްޕައިޑަމޭން އަތުލީމަ އެމްސީޔޫ އަށް ބޮޑު ބަދަލެއް ގެންނަޖެހޭނެ

"ހޯމްކަމިން" ގައި އެމްސީޔޫ އަށް މައިލްސް މޯރަލްސް ވެސް އައިސްދާނެ ކަމުގެ އިޝާރާތެއް ދިނެވެ. އެ ކަހަލަ އިޝާރާތެއް އެ ފިލްމުގައި ދިނީ މައިލްސްގެ ބޮޑުބެ އޭރޯން އެވެ. އެކަމަކު މައިލްސްގެ ކެރެކްޓާ ރައިޓް ވެސް ސޮނީގެ އަތުގައި އޮތުމުން އެމްސީޔޫ އިން އޭނާ ފެނުން ދެން ގާތެއް ނޫނެވެ. އެ ފިލްމު ނިމުނުއިރު ސްޕައިޑަމޭންގެ އައިކޮނިކް ވިލަންސް، ސިނިސްޓާ ސިކްސް ވެސް ކުރިއަށް އޮތް ފިލްމުތަކުގައި އަންނާނެ ކަމުގެ އިޝާރާތެއް ދިނެވެ.

"ސްޕައިޑަމޭން: ފާ ފްރޮމް ހޯމް" ގެ ޓްރެއިލާ.

ޖޫން މަހު ގެނެސްދިން "ފާ ފްރޮމް ހޯމް" ވެސް ނިމުނީ ހިތް ތަޅުވާލައިފަ އެވެ. ސްޕައިޑަމޭންއަކީ އަސްލު ކާކުކަން މިސްޓީރިއޯ ފަޅާއަރުވާލި ހިސާބުންނެވެ. ޑިޒްނީ އާއި ނުލައި މި ވާހަކަ މިހާ ހިސާބުން ވެސް ސޮނީއަށް ކުރިއަށް ގެންދެވިދާނެ އެވެ. އެކަމަކު ވަރަށް ގިނަ ބަދަލުތައް ގެންނަން ޖެހޭނެ އެވެ. ޕީޓާއަށް އޭނާގެ އެންމެ ގާތް އެހީތެރިން ކަމުގައިވާ ނިކް ފިއުރީ އަދި އޭނާގެ ބޮޑުދައިތަގެ ލޯބިވެރިޔާ ހެޕީ ހޯގަން ވެސް ގެއްލޭނެ އެވެ. އެއީ މާވެލް ސްޓޫޑިއޯސްގެ ކެރެކްޓާސްތަކެކެވެ.

Popular