By: Ifraz Ali
ނުވަދިހައިގެ ފަހުކޮޅު ގެނެސްދިން "ކައްތިރި" ޑްރާމާ އަށް ފަހު، ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ގުޅިގެން މަސައްކަތެއް ގެނެސްދޭނެ މިއީ ފުރަތަމަ ފަހަރެވެ. ބައިސްކޯފަށް ނަހުލާ އަލަށް ތައްޔާރުކުރާ ސީރީޒް "ދަޅަ" ގެ ވާހަކަ ލިޔުނީ ބިންމާ އެވެ.
ހަމަ ނަހުލާގެ ސްޓައިލްގައި ގެނެސްދޭ މި ސީރީޒްގެ މަސައްކަތް ފަށަނީ އަންނަ އަހަރު ކުރީކޮޅު އެވެ. ސީރީޒްގެ މަސައްކަތްތައް ފެށުމަށް މިހާރު ބިންމާއެކު އެގްރީމެންޓުގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ. ނަހުލާ މިއަދު ކުރި އިންސްޓަގްރާމް ޕޯސްޓަކުން މިކަން ކަށަވަރުކޮށްދިނެވެ.
ނަހުލާ މިހާރު ވެސް އަންނަނީ ބައިސްކޯފަށް އޭނާ ތައްޔާރުކޮށްދިން ފުރަތަމަ ސީރީޒް "ހުވާ" ގެ ކާމިޔާބީއާއެކު، އެ ސީރީޒްގެ ދެ ވަނަ ސީޒަނެއްގެ ގެނެސްދިނުމަށް، މިއަހަރު ފަހުކޮޅަށް މަސައްކަތްތައް ރާވަމުންނެވެ.
ނަހުލާ އަށް ގުޅާލުމުން ބުނީ "ދަޅަ" ވާނީ އޭނާގެ ސީރީޒްތަކަށް ލޯބިކުރާ މީހުންނަށް އަނެއްކާ ވެސް ވަރަށް ކަމުދާނެ އެއްޗަކަށް ކަމަށެވެ. ލޯތްބާއި ޖަރުބާތާއި ހިތާމަ އަދި މިހެން ގޮސް އޭނާގެ ފިލްމާއި ސީރީޒްތަކުގައި އަބަދު ވެސް ހުންނަ ހުރިހާ ރަހަތަކެއް މީގައި ވެސް ހުންނާނެ އެވެ. މީގެ ކާސްޓު މިއަހަރު ފަހުކޮޅު ހާމަކުރާނެ އެވެ.
ނަހުލާގެ އިންސްޓަގްރާމް ޕޯސްޓް.
"މިއީ ހަމަ 'ހުވާ' ކަހަލަ ސީރީޒެއް،" އެ ހުރިހާ އިހުސާސްތަކެއް މީގައި ވެސް ހުންނާނެ ކަމަށް ނަހުލާ ބުންޏެވެ. މީގައި 56 އެޕިސޯޑު ހިމެނޭއިރު، އެޕިސޯޑެއްގައި 20 މިނެޓުގެ ދިގުމިން ހުންނާނެ އެވެ.
ނަހުލާ ބުނި ގޮތުގައި "ދަޅަ"ގެ މަސައްކަތް މި ފެށުނީ "ކައްތިރި" ޑްރާމާ އަށް ފަހުން ވެސް، ބިންމާއާއެކު މަސައްކަތްކޮށްލަން ވަރަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއްވީ ފަހުންނެވެ.
މި ކަހަލަ ބޮޑު ސީރީޒަކަށް ސްކްރިޕްޓް ލިޔެވޭނެ މީހުން ރާއްޖޭގައި ވަރަށް މަދު ކަމަށް ފާހަގަކޮށް ނަހުލާ ބުނީ ބިންމާ އަކީ އޭގެ ތެރެއިން އެކަކު ކަމަށެވެ. އަދި ބިންމާ އަކީ މަސައްކަތުގައި ވަރަށް އިތުބާރު ކުރެވޭ މީހެއް ކަމަށް ވެސް ބުންޏެވެ.
"އަހަރެންގެ ސްޓައިލްގެ ވާހަކަ ލިޔާ އަދި އަހަންނަށް ވުރެ މޮޅު މީހެއް ބިންމާ އަކީ،" ބިންމާ ފަދަ މޮޅެތި ވާހަކަ ލިޔުންތެރިންގެ މަސައްކަތައް ފެންނަ ފެށުމާއެކު ބައިސްކޯފަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ނަހުލާ ދެކެ އެވެ.
ނަހުލާ ބުނީ މި ސީރީޒްގެ ގެނެސްދޭވަރު ވަނީ އަންނަ އަހަރު މާޗު ނުވަތަ އޭޕްރީލް ހިސާބުގައި ކަމަށެވެ.