2 Feb 2020

By: Ifraz Ali

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސެލެބްރިޓީ ކަޕުލް، އަބްދުﷲ މުއާޒް (މުއާ) އާއި މަރިޔަމް އައްޒަގެ ކައިވެންޏަށް އެ ތަރިންގެ ފޭނުން އިންތިޒާރު ކުރަމުން އަންނަތާ މިހާރު ލައްކަ ދުވަސް ވެއްޖެ އެވެ. އެންމެފަހުން، މިއަދު އައްޒަ ކައިވެންޏަށް ރަން ކިޔައިފި އެވެ.

ދެ ތަރިންގެ ކައިވެނީގެ ރަނަކީ 30ރ. އެވެ. ކައިވެނި ކުރަނީ މި މަހު 20 ގަ އެވެ.

ރަން ކިޔުން އޮތީ މިއަދު އެ ދެ ތަރިންގެ އާއިލާ އާއި ރައްޓެހިންނާ އެކު ވިލިމާލެ ބީޗުގައި ބޭއްވި ހަފުލާއެއްގަ އެވެ. މި ދެ ތަރިން ރަން ކިޔައިފިކަން ކަށަވަރުވީ، އައްޒަގެ ދައްތަ އަދި ފިލްމީ ތަރި، އައިޝަތު ރިޝްމީ އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓުތަކަކުންނެވެ.

އައްޒަ އާއި މުއާގެ ރަން ކިޔުން؛ ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ ފޮޓޯއެއް.

ރަން ކީ ހަފުލާ ބޭއްވީ، މިހާރު ރަން ކިޔުމުގައި ގިނަ ބަޔަކު ގެންގުޅޭ ސްޓައިލެއް ކަމަށްވާ، ދިވެހިވަންތަކަން ދައްކުވައިދޭ ކަހަލަ ގޮތަކަށެވެ. އައްޒަ ހުރީ ބޯވަޅުއެޅި، ހުދު ކުލައިގެ ލިބާހެއްގަ އެވެ. ކަރުގައި ރަން ފައްޓަރު ބައެއް ވެސް އޮތެވެ. މުއާ ހުރީ ހުދު ގަމީހާއި މުންޑުގަ އެވެ.

"ޕިޔާރީ ބެހެނާގެ ބިގް ޑޭ"، ރަން ކީ ހަފުލާ އަށް، ބޯވަޅުއެޅި، ރަތް ލިބާހެއް ލައިގެން ގޮސް ހުރި ރިޝްމީގެ ޕޯސްޓުތަކުގައި ލިޔެފައި އޮތެވެ. ރިޝްމީ އާއި އައްޒަގެ ކުދިން ތިބީ ހުދު ޓީޝާޓާއި ފޭލީގަ އެވެ.

މީގެ ދެ ދުވަސް ކުރިން މުއާ އާއި އައްޒަ ވަނީ އެމީހުންގެ ގުޅުމަށް 2.2 ފުރުން ވެސް ފާހަގަކޮށްފަ އެވެ.

އައްޒަ އާއި މުއާގެ ރަން ކިޔުން؛ މުއާ އަދި އައްޒައާ އެކު އައްޒަގެ އެންމެ ބޮޑު ފޭން ހަސަން ސާއިމް. -- ފޮޓޯ: ހަސަން ސާއިމް

މުއާ އާއި އައްޒައާ ދެމެދު ލޯބީގެ ގުޅުމެއް އުފެދިއްޖެ ކަމަށް ބުނެ އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަށް އޭރު ދެ ތަރިން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެކަން ދޮގެއް ވެސް ނުކުރެ އެވެ. ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ހިއްސާއެއް ނުކުރެ އެވެ. އައްޒަ މުއާއާ ޑޭޓުކުރަން ފަށާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިންގަލްކޮށް ހުރުމަށް ފަހު އެވެ.

ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދެ ތަރިންގެ ލޯބި ފޮޓޯތަކާއި ވީޑިއޯކޮޅުތައް އަދި އެކަކު އަނެކަކަށް ފޮނުވާ ކުރުކުރު ލޯބީގެ މެސެޖުތައް ސޯޝަލް މީޑިއާ އިން އަންނަނީ ފެންނަމުންނެވެ. އައްޒަ ލީޑް ރޯލު ކުޅުނު މުއާގެ "ލީނާ"ގެ ޕްރިމިއާ ހަފުލާގައި ވެސް މުއާ ވަނީ އައްޒަ ދެކެ ވަރަށް ލޯބިވާކަން އިއުލާނުކޮށްފަ އެވެ. ދެ ތަރިންގެ ފޭނުން މިހާރު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މި ދެތަރިން ކައިވެނިކުރާނޭ ދުވަހެކެވެ.

ސެލެބްރިޓީން އެކްޓްރެސް މަރިޔަމް އައްޒަ

Popular