By: Ifraz Ali
މިއީ އަހްމަދު އިގްބާލް (އައިކިޔު) ގެ ވާހަކައަކަށް، ރަވީ ފާރޫގް ޑައިރެކްޓުކޮށް ގެނެސްދޭ ޑްރާމާ ސިލްސިލާ، "އެހެނަސް" ގަވާއިދުން ބަލާ ބައެއް މީހުން ގާތު އަހައިގެން އަހަރެމެން ތައްޔާރުކޮށްލި ލިސްޓެކެވެ. ބައިސްކޯފުން މިދިޔަ އަހަރު ގެނެސްދޭން ފެށި މި ސިލްސިލާގެ ކާމިޔާބު ސީޒަނަކަށް ފަހު، މިހާރު އާ ސީޒަނަކަށް ތައްޔާރުވެއްޖެ އެވެ. އާ ސީޒަންގެ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އަދި ދައްކަން ފަށާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ނިޔާޒް އާއި ޝާއިރާގެ ކުއްލި ކައިވެނި
ފުރަތަމަ ސީޒަން ނިމުނުއިރު، ނިޔާޒް (މުހައްމަދު ވިޝާލް) އާއި ޝާއިރާ (އައިޝަތު ރިޝްމީ) އުޅެނީ ކައިވެނިކޮށްގެންނެވެ. އެކަމަކު އެ ދެމީހުން ދިމާވެ، ކައިވެންޏަކާ ހަމަ އަށް ދިޔައީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ.
ރިޝްމީ ކުޅޭ މި ރޯލުގެ ހަގީގަތް ވެސް އަދި އެނގެން އޮތީ އެވެ. ރިޝްމީ މިދިޔަ އަހަރު އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ލީ ޕޯސްޓެއްގައި ބުނީ މިއީ މިހާތަނަށް އޭނާ އަށް ކުޅެން ޖެހުނު އެންމެ ޗެލެންޖިން އެއް ރޯލު ކަމަށެވެ.
ނިޔާޒަށް ޖިންސީ ގޯނާކުރި މީހާ ފަޅާއެރުން
ނިޔާޒަށް ޖިންސީ ގޯނާކުރަނީ ކާކުން އޭނާގެ މަންމަ (ޝީލާ ނަޖީބް) އަށް ފުރަތަމަ ސީޒަންގައި ފަޅާ އަރަ އެވެ. އެކަމަކު އެއީ ކާކު ކަމެއް ބެލުންތެރިންނަށް ދައްކާފައެއް ނުވެ އެވެ. މި ސިލްސިލާ ބަލާ މީހުން އެންމެ އެނގެން ބޭނުންވަނީ އެއީ ކާކުކަން އެނގުމަށެވެ.
ނިޔާޒަށް އިންސާފު ލިބޭނެތޯ؟
އެތައް ދުވަހެއް ވަންދެން ނިޔާޒް ތަހައްމަލު ކުރި އެ އަނިޔާތަކަށް، އޭނާ އަށް އިންސާފު ލިބޭނެތޯ ވެސް ބެލުންތެރިން ބަލަން ބޭނުންވެ އެވެ.
ސިލްސިލާގެ ނިމުން އަންނަ ގޮތް، އަސްލު ވާހަކާގައި އޮތް ގޮތާ ތަފާތުވުން ވެސް އެކަށީގެންވެ އެވެ. އެއީ މި ސިލްސިލާ ގެނެސްދެނީ ބައެއް ބަދަލުތަކާ ވެސް އެކުގައި ކަމަށް ވާތީ އެވެ. އެކަމަކު މައިގަނޑު ސްޓޯރީލައިން އޮތީ ހަމަ އެއްގޮތަކަށެވެ. އެއީ އިތުރު ކެރެކްޓާސްތައް ލައިގެންނެވެ. އެހެންވީމާ ވާހަކަ ކީ މީހުން ވެސް ލުކް ފޯވާޑް ކުރާނެ ކަންކަން އަންނަ ސީޒަންގައި ހުންނާނެ އެވެ.
ޓެކްނިކަލް މައްސަލަތަކަށް ހައްލު
ފުރަތަމަ ސީޒަންގެ އެންމެ ކަމެއް ފިޔަވާ، ހުރިހާ ބައެއް ބެލުންތެރިންނަށް ކަމުދިޔަ އެވެ. ހަމައެކަނި މައްސަލައަކަށް މީހުނަށް ފާހަގަވީ ސައުންޑުގައި ހުރި ބައެއް މައްސަލަތަކެވެ. އާ ސީޒަންގައި އެ ބައި ރަނގަޅުވާނެ ކަމަށް ބެލުންތެރިން ތިބީ އުއްމީދުކޮށްގެންނެވެ.