13 Aug 2020

އެހެނަސް؛ އޮތީ ކޮން ދިފާއެއް؟

"ކަމެއްގެ ގޯސް ސައިޑް ނުދައްކައެއް، އެކަމެއް ރަނގަޅު ކުރާނެ ގޮތެއް ވެސް ނުދެއްކޭނެ...މި ސީރީޒަކީ އެވެއާނެސް ކްރިއޭޓްކުރަން އުފެއްދި އެއްޗެއް ވީމަ ވީހާ ވެސް ރިއަލިސްޓިކްކޮށް ގެނެސްދެވޭތޯ މަސައްކަތްކުރީ: އުފެއްދުންތެރިޔާ

"ކަމެއްގެ ގޯސް ސައިޑް ނުދައްކައެއް، އެކަމެއް ރަނގަޅު ކުރާނެ ގޮތެއް ވެސް ނުދެއްކޭނެ...މި ސީރީޒަކީ އެވެއާނެސް ކްރިއޭޓްކުރަން އުފެއްދި އެއްޗެއް ވީމަ ވީހާ ވެސް ރިއަލިސްޓިކްކޮށް ގެނެސްދެވޭތޯ މަސައްކަތްކުރީ: އުފެއްދުންތެރިޔާ

By: Ifraz Ali

ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ބައިސްކޯފުގެ ޑްރާމާ ސީރީޒް "އެހެނަސް" ގެ މިހާރު ދައްކަމުން އަންނަ ދެ ވަނަ ސީޒަންގެ، ހަ ވަނަ އެޕިސޯޑުގައި "ހުތުރު" ޑައިލޮގެއް ހިމެނޭ މަންޒަރަކުން ތަންކޮޅެއް ސްކްރީން ރިކޯޑްކޮށް، ސޯޝަލް މީޑިއާގައި އާންމުކުރުމުން ފާޑުކިޔުންތަކާ އެކު ސުވާލުކުރަމުން ދަނީ ފިޔަވަޅު ނާޅަނީ ކީއްވެތޯ އެވެ.

އެ މަންޒަރުން ފެންނަ އެކްޓްރެސް އައިޝަތު ރިޝްމީ އަށް އަމާޒުވި ފާޑުކިޔުމަށް އޭނާ ވަނީ ރައްދު ވެސް ދީފަ އެވެ. ރިޝްމީ ބުނީ އޭނާ އަކީ އަބަދު ވެސް އެކްޓަރެއްގެ ހައިސިއްޔަތުން އަހުލާގު ހިފެހެއްޓުމަށް ވަރަށް މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާ ކުޅޭ ކެރެކްޓާއަކީ ހަމަ ކެރެކްޓާއެއް ކަމަށާއި، އޭނާގެ އަހުލާގާއި އެއާ ގުޅުމެއް ނޯންނާނެ ކަމަށެވެ.

މިހާރު އާންމުވެގެން އުޅޭ "އެހެނަސް" ގެ މަންޒަރާ ގުޅޭގޮތުން ރިޝްމީ "ދޯ" އަށް ބުނީ، އެހެނަސް އަކީ 18 އަހަރުން މަތީގެ މީހުނަށް ބެލޭނެ ގޮތަށް ރޭޓްކޮށް، އަދި މި ކަހަލަ މަންޒަރުތައް ހުންނާނެތީ، ކޮންމެ އެޕިސޯޑެއް ފަށާއިރު ވެސް "ޓްރިގާ ވޯނިން" ތައް ދީގެން ނެރެމުން އަންނަ ބައިސްކޯފްގެ ޕްރިމިއަމް ކޮންޓެންޓެއް ކަމަށެވެ. މި މަންޒަރުތައް ހަމައެކަނި ބެލޭނީ ވެސް ބައިސްކޯފަށް ސަބްސްކްރައިބްކޮށްގެން ކަމަށެވެ. ސީރީޒްގެ ޕްރޮމޯޝަންތަކުގައި ވެސް އެ މީހުން މި މަންޒަރުތައް ބޭނުން ނުކުރާ ކަމަށާއި އެކަމަކު އާންމުންގެ މީހަކު ޕްރިމިއަމް ޕްލެޓްފޯމަކުން މި މަންޒަރުތައް ރިކޯޑްކޮށްގެން، ހުރިހާ އެންމެނަށް ފެންނާނެ ގޮތަށް ސޯޝަލް މީޑިއާގައި އާންމުކުރުމުން އަސްލު މައްސަލައަކަށް ވަނީ ކޮންބައެއްތޯ ރިޝްމީ ސުވާލު އުފެއްދި އެވެ.

އެކްޓްރެސް އައިޝަތު ރިޝްމީ: "އެހެނަސް" ދެ ވަނަ ސީޒަންގެ މުހިންމު ރޯލެއް ރިޝްމީ ކުޅޭ. -- ފޮޓޯ: ޕިކްސެލެންސް

"ސަބަބެއް އޮވެގެން އެހެނަސް 18 އަހަރުން މައްޗަށް ރޭޓްކޮށްފައި މި އޮތީ. ޓީވީ ޗެނަލަކުން ދެއްކުމުގެ ބަދަލުގައި ބައިސްކޯފުން މި ދައްކަނީ ވެސް ސަބަބެއް އޮވެގެން. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ގޮތަށް މި މަންޒަރުތައް އާންމުކުރާ ނަމަ، ކުޑަކުދިންނަށް ވެސް ފެންނާނެ، އެހިސާބުން ކޮބައިތޯ އަމިއްލަ މީހާގެ ޒިންމާ؟ ނުވަތަ އަހަރެމެންތޯ ގޯހީ؟،" އަދި އެހެނަސް އަކީ ރާއްޖޭގައި އާންމުކޮށް ވާހަކަދައްކާ ނޫޅޭ ވަރަށް ސީރިއަސް މައްސަލައެއް ކަމަށްވާ، ފިރިހެން ކުދިންނަށް ލިބޭ ޖިންސީ އަނިޔާތަކުގެ ވާހަކަތަކަށް މީހުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ގެނެސްދޭ ސީރީޒެއްކަން ރިޝްމީ ފާހަގަކުރި އެވެ.

ރިޝްމީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވެސް ބުނެފައި ވަނީ މިއީ މިހާތަނަށް އޭނާ އަށް ކުޅެން ލިބުނު އެންމެ އުނދަގޫ ރޯލު ކަމަށާއި އަދި މީގެ އަސްލު މެސެޖު ބެލުންތެރިންނަށް ފޯރުކޮށްދިނުމަށް، ވީހާ ވެސް އަސްލާ އެއްގޮތަށް އެ ރޯލު ދައްކައިދިނުމަށް އޭނާ އަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.

މައްސަލަ އޮތީ މުޖުތަމައުގައި: ޑައިރެކްޓަރު

"އެހެނަސް" ގެ ޑައިރެކްޓަރު، ރިޝްމީގެ ފިރިމީހާ ރަވީ ފާރޫގް ބުނީ އަސްލު މި ފެންނަނީ މުޖުތަމައުގައި އޮތް މައްސަލަ ކަމަށެވެ.

"މިސާލަކަށް ބުނަންޏާ ކޮންމެ މީހަކަށް ވެސް މި ފެންނަނީ އަވަގުރާނައެއް ގޮވީމަ އެތަން. އެކަމަކު އެއީ ކިހިނެއްވެގެންވީ ކަމެއްކަން ނޭނގޭ. ކޮންމެ ކަމެއް ވެސް މި އިންނަނީ އެމީހެއްގެ ޕާސްޕެކްޓީވްއަކުން ބެލީމަ، އެކި މީހުނަށް ދޭހަވާނީ ތަފާތު އެއްޗެއް. އާޓަކީ އެ ކަހަލަ އެއްޗެއް،" އެކަމަކު މީގެ އަސްލު މައްސަލަ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ވާ ކުދިންގެ ވާހަކަދައްކަން މީހުން ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

އެހެނަސްގެ ޑައިރެކްޓަރު ރަވީ ފާރޫގް: ދެ ސީޒަން ވެސް ޑައިރެކްޓުކުރީ ރަވީ. -- ފޮޓޯ: ހުސެން ވަހީދު / ދޯ

"ދެމަފިރިންގެ ދޭތެރޭގައި އޮންނަ އެ ގުޅުން، މީހަކު ކުޑަދޮރުން ވީޑިއޯކޮށްފައި އޭތި ގެންގޮސްފައި އާންމުންގެ ތެރެއަށް ދޫކޮށްލީމަ، ކާކުގެ މައްސަލައެއްހޭ މިއީ އަސްލު؟ ދެމަފިރިންގެ މައްސަލައެއްހޭ ނުވަތަ ސޯޝަލް މީޑިއާއަށް އޭތި ލީ މީހާގެ މައްސަލައެއްހޭ؟ ނުވަތަ ސޯޝަލް މީޑއާއަށް އޭތި ލައިގެން އޭތި ބެލި މީހުންގެ މައްސަލައެއްތޯ؟،" ރަވީ ވެސް ހަމަ މި ސުވާލުތައް އުފެއްދި އެވެ.

ރަވީ ބުނީ 18 އަހަރުން މަތީގެ މީހުންނަށް ބެލޭ ގޮތަށް ފިލްމާއި ޑްރާމާ އުފެއްދި ނަމަވެސް، އަދިވެސް ބައެއް މީހުން މި އިންޒާރުތަކަށް ބޯ ނުލަނބައި، ހަމަ ކުޑަކުދިން ގޮވައިގެން އެއްޗެހި ބަލާ ކަމަށެވެ. މައްސަލަ ފެށެނީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ.

އެހެނަސް ޕްރިމިއާ ހަފްލާގައި އެކްޓްރެސް އައިޝަތު ރިޝްމީ އާއި ޑައިރެކްޓަރު ރަވީ ފާރޫގް. -- ފޮޓޯ: ހުސެން ވަހީދު / ދޯ

"މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މީހާ އަކީ އެހާ ކޮންސާންޑް ސިޓިޒަންއަކަށްވާ ނަމަ، ކީވެގެންހޭ އެހެނަސް ނުވަތަ ބައިސްކޯފް ޓެގްކޮށްފައި މިކަން ސަމާލުކަމަކަށް ނުގެނައީ؟،" ރަވީ ބުންޏެވެ. "މަގޭ އަސްލު ސްޓޭޓްމަންޓަކީ އައިމް ނޮޓް ޓްރައިން ޓު ޕްލީޒް އެވްރީވަން. އިފް ދަ ސީން އިޒް ޑިސްޓާބިން، އިޓް އިޒް މެންޓް ޓު ބީ ޑިސްޓާބިން. އެހެންވީމަ، މި އިންނަނީ އެއަށް ޑިސްކްލޭމާއެއް އަރުވާފައި، ޕްލަސް ޑިސްޓާބް ވަންޏާމުން އެހެން އެއްޗެއް ބަލާ، މީތި ނުބަލާށޭ. މިއީ ޑިސްޓާބްވާ މީހާ ބަލަން މަޖުބޫރު އެއްޗެއް ނޫން."

ޕްރޮޑިއުސަރު ބުނަނީ ކީކޭ؟

"އެހެނަސް" ގެ ވާހަކަލިޔުންތެރިޔާ އަދި އުފެއްދުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު) ބުނީ ފުރަތަމަ މި ސީރީޒްގެ މަސައްކަތް ފެށުނީއްސުރެ، މީގެ މާކެޓިންގައި ވެސް މި ސީރީޒްގައި ގެނެސްދޭ އަސްލު މައްސަލައާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށް ވަރަށް ގިނަ ޑޮކިއުމެންޓްރީތައް އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ގެނެސްދެމުން އަންނަ ކަމަށެވެ. އަދި މިއީ ކޮން ކަހަލަ ސީރީޒެއް ކަމާއި ކޮން އުމުރު ފުރާއަކަށް ފެތޭ އެއްޗެއް ކަމާއި ދޭނެ މެސެޖުތައް ވެސް ދެއްކުމުގެ ކުރިން ބުނެދީފައި އޮންނާނެ ކަމަށް ބުންޏެވެ.

(ކ-ވ) އެހެނަސްގެ ޑައިރެކްޓަރު ރަވީ ފާރޫގް އާއި އެކްޓްރެސް އައިޝަތު ރިޝްމީ އަދި ވާހަކަލިޔުންތެރިޔާ/އުފެއްދުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު). -- ފޮޓޯ: އެހެނަސް ފޭސްބުކް

"ކަމެއްގެ ގޯސް ސައިޑް ނުދައްކައެއް، އެކަމެއް ރަނގަޅު ކުރާނެ ގޮތެއް ވެސް ނުދެއްކޭނެ ދޯ... މި ސީރީޒަކީ އެވެއާނެސް ކްރިއޭޓްކުރަން އުފެއްދި އެއްޗެއް ވީމަ ވީހާ ވެސް ރިއަލިސްޓިކްކޮށް ގެނެސްދެވޭތޯ މަސައްކަތްކުރީ،" މިހާރު އާންމުންވެގެން އުޅޭ މަންޒަރާ ބެހޭ ގޮތުން އިގްބާލް ބުނީ މި ސީޒަން ދައްކަން ފެށުމުގެ ކުރިން ރިޝްމީ ދިން އިންޓަވިއުތަކުގައި ވެސް އެއީ މި ކަހަލަ ރޯލެއް ކަމަށާއި އަދި 18 އަހަރު ދަށުގެ ކުދިންނާ ނުގުޅޭ ވާހަކަތައް ހުންނާނެކަން ރަނގަޅަށް ކިޔައިދީފައި ވާނެ ކަމަށެވެ.

"އަނިޔާ ލިބޭ ފިރިހެނެއް މި ދައްކުވައިދެނީ. ދައްކަދޭއިރުގައި އަސްލު އެ އަނިޔާ އޭނާ އަށް އެ ލިބި، އޭތި ގޯ ތުރޫ ކުރަނީ ކިހާވަރެއްގެ ކަމެއްވެގެންކަން އެބަޖެހޭ ބަލަން. މީހަކު އަދި ރީތި ބަހުން ދެތިން އެއްޗެއް ބުނެލާއިރަށް ހިތުގައި ޖެހިއްޖެއްޔާ ބުނާނެ ތިއީ ހާދަ ފިނޑި މީހެކޭ. އަސްލު ކިހާވަރެއްގެ އެއްޗެހިކަން މީހުން ކިޔަނީ، މީހުން މި ލެވަލްއަށް ޑިޕްރެޝަނަށާ އެއްޗެއްސަށް ދަނީ ކިހިނެއް ޓްރީޓްކޮށްގެންތޯ ދައްކަންވެގެން މީގެ ލޭންގުއޭޖް އެހެން އެ ހުރީ،" އިގްބާލް ބުންޏެވެ.

އެހެނަސްގެ ލީޑު ރޯލު ކުޅޭ އެކްޓަރު އަހްމަދު ވިޝާލް (ރޯމަން).-- ފޮޓޯ: ޕިކްސެލެންސް

އިގްބާލް ބުނީ "އެހެނަސް" ގެ ވާހަކަ ފުރަތަމަ 2012 އަހަރު ޗާޕުކޮށް ނެރުނުއިރު، އެއްވެސް ވަރަށް ނެގެޓީވް ކޮމެންޓެއް ނުލިބޭ ކަމަށެވެ. އެކަމަކު ސީރީޒް ލޯންޗުކުރި އިރު ވަރަށް ގިނަ ނެގެޓިވް ކޮމެންޓްތައް އައި ކަމަށާއި ނަމަވެސް، ފުރަތަމަ ސީޒަން ދެއްކުމުން މީހުންގެ ހިޔާލު ވަރަށް ބޮޑަށް ބަދަލުވި ކަމަށެވެ. އަދި ސީރީޒް ލޯންޗުކުރި ފަހުން މިފަދަ އަނިޔާތައް ލިބުނު ކުދިންގެ ވަރަށް ގިނަ ވާހަކަތައް މެސެޖުތަކުން އެ މީހުނަށް ލިބޭ ކަމަށް ވެސް ބުންޏެވެ.

އާ ސީޒަން ދެއްކުމުގެ ކުރިން އެހެނަސްގެ ފޭސްބުކްގައި އާންމުކުރި "ޔުއާ ސްޓޯރީ" ކިޔާ ހަތަރު އެޕިސޯޑްގެ ޑޮކިއުމެންޓްރީއެއްގައި، މިފަދަ އަނިޔާތައް ލިބުނު 18 ކުއްޖަކު ފޮނުވި ސިޓީއެއް ކިޔައިދީފައިވެ އެވެ.

"އަސްލު އެމީހުން އެ ހެނީ ރިޝްމީ އާއި ރޯމަންއަކަށް ނޫން. އެ މީހުން އެ ހެނީ އެކަން ގޯ ތުރޫކުރާ އެންމެންނަށް. ދެން އެހެންވީމަ އެމީހުންނަކަށް ނުކެރޭނެ ދޯ މި ވާހަކަތައް ދައްކާކަށެއް. ދެން ވެސް މިކަން އޮންނަނީ ހަމަ މި ގޮތަށް އަބަދުވެސް،" އިގްބާލް ބުންޏެވެ.

އެހެނަސް، ފާޑުކިޔާ މީހުން ބުނަނީ "މި ފެންވަރަށް ނުވެއްޓުނަސް" މެސެޖު ދެވޭނެ ކަމަށެވެ. ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނަނީ ނެޓްފްލިކްސް އާއި އެކި ޕްލެޓްފޯމްތަކުން ކޮންމެ ފަދަ އެއްޗެއް ބަލާފައި ވެސް ފަހުރުވެރިކަމާ އެކު، އެ ބެލި ވާހަކަ ދައްކައި ޕްރޮމޯޓްކުރާއިރު މައްސަލައަކަށް ނުވާ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ ސިނަމާތަކުގައި ވެސް މި ފާޑުގެ ޑައިލޮގް ހުރި ދިވެހި ފިލްމުތައް ދައްކާފައި އެބަހުރި ކަމަށާއި އޭރު މައްސަލައަކަށް ނުވީ ކީއްވެތޯ ވެސް ސުވާލުކުރެ އެވެ. އެކަމަކު މި ބަހުސް އާންމުންނަށެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ރަވީ ފާރޫގު ޓީވީ ސިލްސިލާ އައިޝަތު ރިޝްމީ

Popular