24 Aug 2020

މޫމިންގެ "ގަމިނި" ފެށެނީ: ދެން ހުރިހާ ވާހަކައެއް

"އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ"

"އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ"

By: Ifraz Ali

މޫމިން ފުއާދު އަމިއްލަ އަށް ލިޔެ، ޑައިރެކްޓުކޮށް ގެނެސްދޭ ބައިސްކޯފުގެ "ގަމިނި" ގައި ދައްކާނީ ތިން ޒަމާނެއްގައި ހިނގާ ކަންތައްތަކެކެވެ. ޕްރޮޑަކްޝަން ސައިޑުން ވަރަށް ތަފާތު ތަޖުރިބާއެއް ކުރަންޖެހުނު މި ޑްރާމާގައި ދައްކަނީ މިހާރާއި 2000ގެ ކުރީކޮޅާއި އަދި 80ގެ އަހަރުތަކުގައި ހިނގާފައިވާ ކަންތައްތަކެކެވެ. އޭރާއި މިހާރާއި އެކަން ގުޅިފައި އޮންނަ ގޮތެވެ. -- ކްރައިމް ތުރިލާ ޖޯންރާގެ މަސައްކަތްތަކުގައި ދިވެހި ސަނަމާގައި މިހާރު އެންމެ އިތުބާރުކުރެވޭ ޑައިރެކްޓަރަކަށް މޫމިން ވާތީ ވެސް މި ޑްރާމާއަށް ކުރެވޭ އިންތިޒާރު ވަރަށް ބޮޑެވެ.

އަންނަ މަހު 25 އިން ފަށައިގެން މި ސީރީޒް ސްޓްރީމް ކުރާނެ ކަން ބައިސްކޯފުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu) on

"ގަމިނި" ގެ ޓްރެއިލާއެއް.

މިއީ ކިހިނެއްވާ ޑްރާމާއެއް؟

"އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،" ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ޑްރާމާ އަށް މޫމިން ދިން ކުރު ހުލާސާ އަކީ މި އެވެ.

މިދިޔަ އަހަރު ފަހުކޮޅު މަސައްކަތް ފެށި މި ޑްރާމާގެ ޕްރީ ޕްރޮޑަކްޝަނަށް ވެސް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. އެއީ 80 ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު ދައްކަންޖެހޭތީ މީގެ ކާސްޓުންގެ ކޮސްޓިއުމާއި އެ މީހުން ބޭނުންކުރާ މެޓީރިއަލްސް ތައްޔާރުކުރަން ގިނަ ވަގުތު ހޭދަކުރަންޖެހުމުންނެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

މި ފިލްމުގެ މަންޒަރުތައް ހަ ރަށެއްގައި ނަގާފައިވެ އެވެ. އެއީ ތ.ކިނބިދޫ އާއި ހަމަ އެ އަތޮޅު ވޭމަންޑޫ، އއ.މަތިވެރި އާއި ހަމަ އެ އަތޮޅު މަޑޫގަލި، ފެރިދޫ އަދި ފ.ނިލަންދޫގަ އެވެ. މަންޒަރުތައް ނަގަން ތިން މަސް ދުވަސް ހޭދަވި އެވެ.

"ތެލި ތަށިން ފަށައިގެން ގޮސް، ލައިފައި ހުންނަ އެއްޗިއްސަށް ދަންދެން ވެސް. އެ ޒަމާނުގައި އެއްޗެއްސާއި، އޭރުގެ ގަމީހާއި، އޭރުގެ ފަޓުލޫނާއި، އެގޮތަށް ގޮސް އެ ހުރިހާ އެއްޗެއް ފަށައިގެން ތައްޔާރުކޮށްގެން ޝޫޓިންއަށް ދިޔައީ،" މޫމިން ބުނެފައިވެ އެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

ޑްރާމާ ދައްކަން ފަށާ ތާރީހު އިއުލާންކޮށް، ބައިސްކޯފުން ނެރެފައިވާ ޑްރާމާގެ އިތުރު ޓްރެއިލާއަކުން ވެސް ކުރީ ޒަމާން ދެއްކުމަށް ކޮށްފައި ހުރި މަސައްކަތް ފެނެ އެވެ.

ކާމިޔާބު މަސައްކަތަކަށް ވާނެކަން ޔަގީން: މޫމިން

މޫމިން ބުނީ ކުރެވިފައި އޮތް މަސައްކަތާއި މެދުގައި ޕްރޮޑިއުސަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށާއި އެއީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އެހެންވެ، މިއީ ވަރަށް ކާމިޔާބު ވާނެ ޕްރޮޖެކްޓަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މޫމިން ގަބޫލުކުރެ އެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

"ވަރަށް މަސައްކަތް ކުރެވިއްޖެ. ޝޫޓިންނަށް ވެސް ހަ ރަށަކަށް ދިޔައިން. ގޮއްސަ އެ ބޭނުންވާ ކަންތައްތައް ނުވެގެން އަނެއްކާ ވެސް އަނބުރާލަފައި ދާންޖެހުނު ދެ ތިން ރަށަކަށް ގޮސްފައި،" އެހެން ވެސް އެކަން ކުރީ ވީހާވެސް ރަނގަޅަށް މި މަސައްކަތް ކުރަން ބޭނުންވެގެން ކަމަށް ބުންޏެވެ.

"މަސައްކަތުގެ 75 ފަސެންޓް ކާމިޔާބު ކުރެވިއްޖެ ކަމަށް ގަބޫލުކުރަން. އެކަމަކު ކަމެއް ފަށައިގަންނައިރު ހިތުލާ ގިނަ އާޓިސްޓިކް ކަންކަން ގިނަ ފަހަރަށް ނުވާނެ، ކޮންމެސް ކަމެއްގައި މަދުވުމެއް، ހުރަހެއް އަންނާނެތާ ދޯ،" ކުރި މަސައްކަތް ކާމިޔާބު ކަމަށް މޫމިން ދެކެ އެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

މޫމިން ބުނީ ބެލުންތެރިންނަށް ކަމުދާނެތޯ ޔަގީންކުރުމަށް، އެކި މިޒާޖުގެ، ތަފާތު ވިސްނުން ހުންނަ ބައެއް މީހުނަށް ޑްރާމާގެ ބައެއް ބައިތައް މިހާރު ދައްކާލާފައި ވާނެ ކަމަށާއި އެމީހުންގެ ފަރާތުން ވަރަށް ޕޮޒިޓީވް ޕީޑްބެކްސްތައް ލިބިފައިވާ ކަމަށެވެ.

ކާސްޓާއި ކްރޫގެ ތަޖުރިބާ

ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ މި ޑްރާމާގެ މުހިންމު ރޯލުތަކުން ފެންނާނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހްމަދު ޝާކިރު ފަދަ އެކްޓަރުންނެވެ. މުޅިން އާ އެކްޓަރުންތަކެއް ވެސް ފެންނާނެ އެވެ. އަދި ހާއްސަ ރޯލަކުން ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު (ޔޫސޭ) ވެސް ފެންނާނެ އެވެ.

"ގަމިނި" ގެ މަންޒަރެއްގައި ޔޫސުފް ރަފީއު (ޔޫސޭ): މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

"އަބަދުވެސް ފާހަގަކުރަން މޫމިންގެ މަސައްކަތެއް ކޮށްލަން ލިބުމަކީ ވަރަށް އުފާވާ ކަމެއްކަން. ކޮންމެ މަސައްކަތެއް ވެސް ކުރީގެ މަސައްކަތަށް ވުރެ ތަފާތު، އިތުރު އެކްސްޕީރިއެންސްތަކެއް ލިބިގެން މި ދަނީ. އެގޮތުން މި މަސައްކަތަކީ މިހާތަނަށް އާސިމް އަށް ކުރެވުނު އެންމެ ރަނގަޅު އަދި އެންމެ ހިތްހަމަޖެހޭ މަސައްކަތް،" މޫމިންގެ ތިން ޑައިރެކްޝަނެއްގައި މީގެ ކުރިން އެކްޓުކުރި އަހްމަދު އާސިމް ބުންޏެވެ.

"އާންމުކޮށް ގިނަ ފިލްމުތަކާއި ޑްރާމާތައް މި ހުންނަނީ ހަތަރު ފާރު ތެރޭގައި ނިމިފައި. މި ޑްރާމާ އަކީ ވަރަށް އެޑްވެންޗަރަސް ގޮތަކަށް ގެންނަ އެއްޗެއް. ދިވެހި ފިލްމެއްގައި ވެސް ނުކުރާހާ ގިނަ މަސައްކަތް ކުރެވިއްޖެ،" އާސިމް ބުންޏެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ތިން ދުވަސްވަރެއް ވަންދެން ހިނގާ ކަންތައްތަކެއް ދައްކާނެ.

މި ޑްރާމާގެ މަންޒަރުތަކެއް ނަގަން އއ.ފެރިދޫ އިން ފުރައިގެން އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ މަޑޫގަލިއަށް ދަތުރުކުރަނިކޮށް، އެ ރަށުގެ ކަނޑުއޮޅިން އެމީހުން ދަތުރުކުރި ދޯނި ބިޔަ ރާޅުތަކެއްގައި ޖެހި ފަރާތަކަށް ފުރޮޅާލި ގަޑީގައި މި ޑްރާމާގެ މޭކަޕް އާޓިސްޓް، ފާތިމަތު ޝިޒްނާ (ޝިޒޫ) މޫދަށް ވެއްޓި ގެނބުނެވެ. އޭނާ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

"މިއީ ލައިފް ޗޭންޖިން އެކްސްޕީރިއެންސެއް. އެހެން މި ބުނީ ޝޫޓިންގެ ތެރޭގައި ބޮޑު އެކްސިޑެންޓަކާ ކުރިމަތިލާންޖެހުނީމަ. އެހެންވެ ޕާސަނަލީ، ފަހުން މިއީ ވަރަށް އުނދަގޫ ޖޮބްއަކަށްވީ. އެ އެކްސިޑެންޓަށް ފަހު މަހެއް ވަންދެން އެޑްމިޓްކޮށްފައި ބޭއްވި،" އެހެން އެކަންވި ނަމަވެސް ވަރަށް ރަނގަޅު މަސައްކަތެއް ކުރެވުނީމަ ވަރަށް އުފާވާ ކަމަށް ޝިޒޫ ބުންޏެވެ.

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

"އެ ޒަމާނަކީ އެހާ މޭކަޕްކޮށް އުޅުނު ދުވަސްވަރެއް ނޫން. އެހެންވެ ބެލީ ބޮޑަށް ނެޗުރަލް ލުކްސްތަކެއް ދައްކާދެވޭތޯ. މިސާލަކަށް 'ނޯ މޭކަޕް މޭކަޕް ލުކްސް'ގައި 1980 ގައި. ފުދޭވަރަކަށް އޭޖް ޑިފަރެންސް ދައްކާތީ، އޭޖް ޑިފަރެންސް ދައްކާ މޭކަޕްތައް ވެސް ވަރަށް ގިނައިން ކޮށްފައި ހުންނާނެ،" މޫމިންއާ އެކު ކުރިން ވެސް ބައެއް މަސައްކަތްތައް ކުރި ޝިޒޫ ބުންޏެވެ.

"ގަމިނި"ގެ ކެމެރާމަން އަދި ސިނެމަޓޯގްރެފާ ހުސެން އަދުނާން ބުނީ މިހާ ބުރަބޮޑު މަސައްކަތެއްގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ މޫމިންގެ ފަރާތުން ކަމަށެވެ. މިއީ މޫމިންއާ އެކު އޭނާ ކުރި ތިން ވަނަ މަސައްކަތެވެ.

ގަމިނި

"ހުރިހާ ސީނެއް ކްރިއޭޓްކުރަން މި ދެނީ މިކޮޅަށް. އެހެންވެ ވަރަށް ބޮޑު ޖާގައެއް އެ ދެނީ ކެމެރާމަނަށާއި ސިނެމަޓޯގްރެފާއަށް. އެހެން ބައެއް މަސައްކަތަކުގައި ވަރަށް ކުޑަ ޖާގައެއް ލިބެނީ، މިތަނުން މިހެން ނަގާށޭ، އެހެން ނަގާށޭ ބުނެލާނީ. އެކަމަކު މޫމިން މި އިންނަނީ އަހަރެމެންނަށް ވަރަށް ބޮޑު ސްޕޭސެއް ދީފައި. ސްޓްރޯ ކިޔާފައި އެކަން ކުރަންވީމަ ވަރަށް ފަސޭހަ،" ހުސެން ބުންޏެވެ.

"މީގައި ތިން ދުވަސްވަރެއް ދައްކާތީ، ވަރަށް އިންޓްރެސްޓިން އެއްޗެއް ވީމަ ވަރަށް ހާޑްވޯކެއް އެއީ."

"ގަމިނި" ގެ މަންޒަރެއް: މި ޑްރާމާގައި ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ.

ކުރީ ޒަމަނާއި މި ޒަމަނާއި ދައްކާތީވެ، ކުރީގެ ޒަމާނުގެ ބައެއް ޝޮޓްތަކުގައި ހުންނާނެ ވިޝުއަލް އިފެކްޓްސް ހަދާފައި. އެކަމަކު ހަދާފައި ހުރިކަމެއް ނޭނގޭނެ މަންޒަރުތައް ގިނަވާނެ،" މި ޑްރާމާގެ ކެޕްޝަންތައް އެކަނި ވެސް އެއީ ވަރަށް ބޮޑަށް ދިރާސާކޮށް، އެކްސްޕެރިމެންޓަލް އެއްޗެހި ކަމަށް 'ގަމިނި' ގެ ވިޝުއަލްސް އާޓިސްޓް މުހައްމަދު ވިޝާލް ޒަކީ ބުންޏެވެ.

މޫމިން ފުއާދު ދިވެހި ފިލްމް އިންޑަސްޓްރީ ޓީވީ ސިލްސިލާ

Popular