10 Jan 2021

ދިވެހި ސިނަމާ އިން މިއަހަރު ބަލައިލަން ލިބޭނީ ކޯއްޗެއް؟

ދިވެހި ސިނަމާ އިން މިއަހަރު ބަލައިލަން ލިބޭނީ ކޯއްޗެއް؟

By: Ifraz Ali

އޮލިމްޕަސް ބަންދުކުރުމުން، ދިވެހި ފިލްމީ ފަންނާނުންގެ މަސައްކަތްތަކަށް އަރާ ލޮޅުންގަނޑު އެންމެ ބޮޑަށް ފެނުނީ، 2012 ހިސާބުގަ އެވެ. ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްގީކުރުމުގެ ނަމުގައި އޭރުގެ ސަރުކާރުން ސިނަމާ ބަންދުކޮށް، އެ މަސައްކަތް އަހަރަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެންދިޔަ އެވެ. އެވީ މުއްދަތުގައި ދިވެހި ސިނަމާ "އެއްކޮށް" ހުއްޓުނެވެ. އޭރު ދިވެހި ފަންނާނުންގެ މަސައްކަތްތަކެއް ދައްކާނެ އިތުރު ޕްލެޓްފޯމެއް ވެސް ނެތެވެ. ޖެހިގެން އައި އަހަރު އޮލިމްޕަސް އަލުން ހުޅުވެންދެން ޝަކުވާކޮށްލަކޮށްލައި ފަންނާނުން ތިބީ އެވެ. އެ ނޫން އިތުރު ގޮތެއް އޭރަކު ނުވެސް ނެތެވެ.

މި ނިމުނީ ވެސް ހަމަ އެ ކަހަލަ ދަތި އަހަރެކެވެ. ކޮވިޑް ފެތުރޭތީ އޮލިމްޕަސް ބަންދުކުރި ފަހުން އަހަރެއްވާން އަނެއްކާ ވެސް ކައިރި ވަނީ އެވެ. އެކަމަކު މިފަހަރު ހާލަތާއި ވާހަކަތައް ވެސް ވަރަށް ތަފާތެވެ.

މިދިޔަ އަހަރު ދިވެހި ސިނަމާ "އެއްކޮށް" ނުހުއްޓެވެ. ހަމައެކަނި މަދުވީ އޮލިމްޕަހުގައި ފިލްމު އެޅުވުމުގެ ފުރުސަތެވެ. ނަމަވެސް، މަސައްކަތްތައް ވަރަށް ގިނަ އެވެ. ފަންނާނުންނަށް ބާރުބޮޑެވެ. ފިލްމުތައް ޝޫޓް ވެސް ކުރި އެވެ. ކުރިން ޝޫޓްކޮށްފައި ހުރި ފިލްމުތަކުގެ މަސައްކަތް ނިމުނެވެ. އަދި ކުރިން އެކި ސަބަބުތަކާ ހެދި ނޭޅުވި ހުރި ބައެއް ފިލްމުތައް ވެސް، އޮލިމްޕަހުގައި ނޭޅުވުނު ނަމަވެސް، ބަލައިލުގެ ފުރުސަތު ލިބުނެވެ. އޭގެ އެންމެ ބޮޑު މެދުވެރިއަކަށްވީ ސްޓްރީމިން ޕްލެޓްފޯމުތަކެވެ؛ އޮލިމްޕަސް ނޫން އިތުރު ގޮތެއް ފެނުނީ އެވެ.

ނަމަވެސް، ބޮޑެތި ފީޗާ ފިލްމުތައް އުފައްދާ ފަންނުވެރިންނަށް، އޮލިމްޕަސް ނުހުޅުވޭހާ ހިނދަކު އެއްވެސް ހަމަޖެހުމެއް ނެތެވެ. އެހެންވެ އެ ކަންބޮޑުވުން އެބަ އޮތެވެ.

އެންސީއޭ އިން ބުނެފައި ވަނީ އޮލިމްޕަސް އަލުން ހުޅުވާނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށެވެ. އެއީ އަލުން އެ ސިނަމާ މަރާމާތު ކުރަން ޖެހިފައިވުމާއި އެޗްޕީއޭގެ ގައިޑްލައިނަށް އެތަން ނުފެތޭތީ، އަލުން ހުޅުވާއިރު ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކަ އެވެ.

މި ކަހަލަ ގިނަ ސަބަބުތަކެއް ހުރި ނަމަވެސް، 2021 އަކީ ފަންނާނުންނަށް ވަރަށް ބާރުބޮޑު އަހަރެކޭ ބުނެވިދާނެ އެވެ. އެއީ ސިނަމާ ބަންދުކޮށްފައި ހުރުމުން، މި ދުވަސްވަރު ފަންނާނުން ބޮޑަށް އަމާޒު ހިފައިފައި ހުރީ ސްޓްރީމިން ޕްލެޓްފޯމުތަކަށް ސީރީޒާއި ފިލްމުތައް އުފެއްދުމަށް ކަމަށް ވާތީ އެވެ. މިއަހަރު ދެ ވެބް ސީޒެއް ވެސް ދައްކަން ފަށައިފި އެވެ. އަދި އެއް ކުރު ފިލްމު ވެސް ބަލައިލަން ލިބިއްޖެ އެވެ. އަދި އާ ސްޓްރީމިން ޕެލްޓްފޯމުތައް ވެސް އަންނަމުންދާތީ، ވާދަވެރިކަން ވެސް އިތުރާވާނެހެން ހީވެ އެވެ.

އިއުލާންކޮށްފައި މަސައްކަތްތަކުގެ ތެރޭގައި 18 ފީޗާ ފިލްމާއި 9 ވެބް ސީރީޒެއް ހިމެނެ އެވެ؛ މިތަނުން މިއަހަރު ބަލައިލަން ލިބޭނީ ކޮން ފިލްމުތަކެއް ކަން އެނގޭނީ އޮލިމްޕަސް ހުޅުވުމުންނެވެ.

ފަސްކުރި ފިލްމުތަކާއި އާ ފިލްމުތައް

މިއަހަރުގެ ފުރަތަމަ ފިލްމަކަށްވީ ބައިސްކޯފުން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ލިޔެ ޑައިރެކްޓުކުރި ކުރު ފިލްމު "ފީހާލި" އެވެ. މިއީ ތުރިލާއެކެވެ. އާ އަހަރު ފެށުނު ދުވަހު ސްޓްރީމިންނަށް ދޫކޮށްލި މި ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މުހައްމަދު ޒުހުރީ، އަހްމަދު އިޝާރު، އަލީ ފިޒާމް، ވާޝިއާ މުހައްމަދު، އައިޝަތު ނަތާޝާ ޖަލީލް އަދި އަނޫފް އަލީ މުސްތަފާ އެވެ.

މިއިން އެއްވެސް ފިލްމެއް އަޅުވާ ތާރީޚު އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އިއުލާންކޮށްފައި ހުރި އެކަމަކު އަދި މަސައްކަތް ނުފެށޭ ބައެއް ފިލްމުތައް ވެސް މި ލިސްޓުގައި ހިމަނައިފައި ހުންނާނެ އެވެ.

މަދޮށިޕް ސްޓޫޑިއޯ

މަދޮށިޕް ސްޓޫޑިއޯ އިން މީގެ ތިން އަހަރު ކުރިން އިއުލާންކުރި ފެމެލީ ޑްރާމާ ފިލްމު "ފަރީ" މިދިޔަ އަހަރު ފެބްރުއަރީ 2 ގައި އަޅުވަން ރޭވި އެވެ. މިއީ އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރާ އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ "ފަރީ" ގައި ލީޑު ކުޅެނީ ނުޒުހަތު ޝުއައިބު އާއި ރަވީ ފާރޫގެވެ.

View this post on Instagram

A post shared by Faree - The Movie (@faree_themovie)

ޑާކްރެއިން އެންޓަޓެއިންމަންޓް

އެންމެ ބޮޑު ދިވެހި ޕްރޮޑަކްޝަން ހައުސް، ޑާކްރެއިންގެ ފިލްމުތައް ވަރަށް ގިނަ އެވެ. ނިމުނު އަހަރު އެންމެ ގިނަ ބައެއް އިންތިޒާރުކުރީ އެމީހުންގެ އެންމެ އަގުބޮޑު ޕްރޮޖެކްޓް، ސިންގަޕޫރުގައި މަންޒަރުތައް ނެގި، ލޯބީގެ ފިލްމު "ނޮވެމްބަރ" އެވެ. އެކަމަކު އެ ފިލްމުގެ ލީޑު އެކްޓަރު ޖުމައްޔިލް ނިމާލަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުމުން އެ ފިލްމަށް ދެން ވާނެ ގޮތެއް އަދިވެސް އޮތީ ޔަގީންނުވެ އެވެ.

View this post on Instagram

A post shared by Darkrainentertainment (@darkrainentertainment)

ޑާކްރެއިންގެ އިތުރު ފިލްމުތައް ބަލާ ނަމަ، ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އަލަތު ފީޗާ ފިލްމު "ބީވީމާ" ހިމެނެ އެވެ. މި ފިލްމު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފުވާނެ އެވެ. އަދި ޑާކްރެއިންގެ ބިރުބެރި ފިލްމު "ބަޅިނދު" އެވެ. މިއީ އަހްމަދު ޝިނާންގެ ޑައިރެކްޝަކެވެ. އަދި ތާރީޚީ ފިލްމު "ރެހެނދި ހަދީޖާ"، "ކައިވެނީގެ އަމާޒު"، "ފުރޭތަ" އަދި "ބައިސާ" ކިޔާ ފިލްމެއް ވެސް މި ލިސްޓުގަ ހިމެނެ އެވެ.

އައިފިލްމްސް

އަހްމަދު އިލްޔާސް (އިއްލެ) މިދިޔަ އަހަރު ގެނެސްދޭން ނީންމީ، އެކްޝަން ތުރިލާ "ނީނާ" އެވެ.

View this post on Instagram

A post shared by I Films (@ifilmsmv)

ޔޫއްޕެގެ ދެ ފިލްމެއް

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ދެ ފިލްމެއްގެ މަސައްކަތް އޮތީ ނިމިފަ އެވެ. އެއީ ޔޫއްޕެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އާއި ކުރީގެ އެކްޓްރެސް ނިއުމާ މުހައްމަދުގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ސްޓޫޑިއޯ" ގެ ބިރުވެރި ފިލްމު "ކަޅަކި" އެވެ.

އަދިވެސް އިތުރު ފިލްމުތައް

- ނިއުމާ ޕްރޮޑިއުސްކޮށް، ރަވީ ޑައިރެކްޓުކުރާ "ގޯނާ"

- ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް"

- އަލީ ސީޒަންގެ "ލޯބިވެވިއްޖެ"

- އަހުމަދު ނިމާލުގެ ލޯބީގެ ފިލްމު "ހެހެސް"

- ޔާރާ ޕްރޮޑަކްޝަންގެ ފިލްމެއް

- މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ދެވަނަ ޑައިރެކްޝަން "ލަސްވިޔަސް"

View this post on Instagram

A post shared by Tedry Niyaz (@tedryniyaz)

މިއަހަރު ދައްކާނެ ކަމަށް ބެލެވޭ ސީރީޒްތައް

މިހާރު ދެ ސީޒެއް ދައްކަން ފަށައިފި އެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު ދައްކަން ފެށި، އަދި ނުނިމޭ ބައިސްކޯފުގެ "ހުވާކޮށްފައި ބުނަން" އެވެ. އެއީ ޔޫއްޕެ ޑައިރެކްޓުކުރާ ލޯބީގެ ކޮމެޑީ ސީރީޒެކެވެ. ދެ ވަނަ ސީރީޒަކީ ޑާކްރެއިން އެންޓަޓެއިންމަންޓުން ޖެނުއަރީ އެކެއްގައި ގެނެސްދޭން ފެށި ސިޓްކޮމް ސީރީޒް "ރޫމީ އާއި ޖަންނަތު" އެވެ. މި ސިޓްކޮމް ގެނެސްދެނީ މުޅިން އާ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މީޑިއާނެޓްގެ "މަލްޓި ސްކްރީން" އިން އެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

ބައިސްކޯފުގެ ސިޓްކޮމް ސީރީޒް "ކަރުހަކުރު" ސީޒަން ތިނެއް މިދިޔަ އަހަރު ފެށި ގޮތަށް އަދިވެސް އަންނަނީ ދައްކަމުންނެވެ.

އެހެން ސީރީޒްތައް

- ދެ ވަނަ ސީޒަންގެ މެދުން ސީޒަން ބްރޭކަކަށް ގޮސްފައި އޮތް ފާތިމަތު ނަހުލާގެ ޑްރާމާ "ހުވާ" ވަރަށް އަވަހަށް އަލުން ފަށާނެ

View this post on Instagram

A post shared by Baiskoafu (@baiskoafu)

- މިހާރު މަންޒަރުތައް ނަގަމުން އަންނަ އައިފިލްމްސްގެ "ބިރުވެރި ވާހަކަ"

- ޑާކްރެއިންގެ މިނީ ވެބް ސީރީޒް "ހަށިވާ" އާއި "ފައްކަލޭ"

- ޑާކްރެއިންގެ ކްރޮނިކަލްސް އަދި އެންތޮލޮޖީ ސީރީޒް

މޫމިން ފުއާދު ދިރާގު ފާތިމަތު ނަހުލާ އަލީ ސީޒަން ދިވެހި ފިލްމް އިންޑަސްޓްރީ ދިވެހި ޑައިރެކްޓަރުން މީޑިއާ ނެޓް ރަވީ ފާރޫގު ޔޫސުފު ޝަފީއު (ޔޫއްޕެ) އޮލިމްޕަސް ސިނަމާ ޑާކް ރެއިން އެންޓަޓެއިންމެންޓް ޓީވީ ސިލްސިލާ ފިލްމު އައިޝަތު ރިޝްމީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރު އެންޑް ހެރިޓޭޖް

Popular