By: Ifraz Ali
އެކްޓަރު/ޑިރެކްޓަރު އަލީ ސީޒަންގެ "އަނދިރިކަން" އެޅުވިތަނާހެން، އޮލިމްޕަހުގައި ތަޅު އަޅުވައި ބަންދުކުރި ގޮތަށް އަދިވެސް އެހުރީ ނުހުޅުވި، އެ އަނދިރިކަމުގެ ތެރޭގަ އެވެ. އެކަމަކު ބަންދުކުރި ސިނަމާގެ ފަޅުކަން ނިމިދިޔަ 2020 ގައި ފިލުވައިދިނީ ބައިސްކޯފާއި ޔޫޓިއުބް ފަދަ ސްޓްރީމިން ޕްލެޓްފޯމުތަކުންނެވެ. ދިވެހި ފަންނުވެރިންގެ ވަރަށް ރީތި ފިލްމާއި ސީރީޒާއި އަދި ޓީވީ ޝޯތައް ވެސް ބަލައިލަން ލިބުނެވެ. މިދިޔަ އަހަރު އެންމެ ގިނައީ ސީރީޒާއި ޓީވީ ޝޯތަކެވެ.
މިއީ އޭގެ ތެރެއިން އަހަރެން ބަލައި، ހޮވި އެންމެ ފުރިހަމަ 5 މަސައްކަތެވެ.
ބައިލައިފި މީހަކަށް "ތަދު" އިހުސާސްކުރެވޭނެ އެވެ. އެއީ ހިތަށްވާ ތަދާއި ދިރިއުޅުމުގެ ތަދުކަމެވެ. ޖުމްލަ ތިން ޕާޓެއް، ނުވަ ޗެޕްޓަރަކަށް ބަހާލައިގެން ގެނެސްދިން މި ލިމިޓެޑް ސީރީޒްގައި ދައްކަނީ ކޮވިޑްގެ ސަބަބުން އައި ލޮކްޑައުންއާ އެކު މާލޭގައި ދިރިއުޅޭ އާއިލާއަކާއި ދެމަފިރިއެއްގެ ދިރިއުޅުން ބަދަލުވަމުންދާ ގޮތެވެ. އަދި 50 މިނެޓުގެ މި ސީރީޒްގައި، ސިއްހީ ގޮތުންނާއި އަމިއްލަ ދިިރިއުޅުމާއި އަދި މާލީ ގޮތުން އެ އާއިލާގެ މެމްބަރުންނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ތަފާތު ނަޒަރަކުން ދައްކައިދެ އެވެ.
"ތަދު" ގެ ޓްރެއިލާ.
ދިވެހި ފިލްމު އެވޯޑް ކާމިޔާބުކުރި ޝާމިން ނިޒާމް ޑައިރެކްޓުކުރި ސީރީޒަކަށް ވުމުގެ އިތުރުން، ދިވެހި ސިނަމާގެ އެންމެ ކުޅަދާނަ، މޮޅު ދެ އެކްޓަރުން ކަމަށްވާ ރަވީ ފާރޫގު އާއި އައިޝަތު ރިޝްމީ ލީޑުން ފެނުންވީ މި ސީރީޒް އިތުރަށް ވަރުގަދަވި ސަބަބަކަށެވެ. ވަރިފަށަށް އަރައިފައި ތިބި އަދި ކޮވިޑްގައި ކިރިޔާ ފުއްދާލައިގެން ދިރިއުޅޭ ދެމަފިރިންގެ ރޯލެއް ކުޅުނު ރަވީ އާއި ރިޝްމީގެ އިތުރުން، ނަތާޝާ ޖަލީލު ކުޅުނު ޑޮކްޓަރެއްގެ ރޯލު އެއީ އެންމެ ސަޅި ކެރެކްޓާސްތަކެވެ.
އެންމެ ބޮޑަށް ހިތްދެވުނީ މި ސީރީޒްގެ މާހައުލާ ގުޅޭ ގޮތަށް ދައްކައިދިން ސިނެމަޓޯގްރެފީ އާއި އަޑުއަހާލަން އަރާމު މިއުޒިކަށެވެ.
މި ސީރީޒް އަތުރާލައިފައި އޮތީ ހަތަރު މީހެއްގެ/ބައެއްގެ ވާހަކަ ނިމޭއިރު ގުޅިގެންދާ ގޮތަށް، ވަރަށް ތަރުތީބުން ރީއްޗަށެވެ. އައިޝަތު އަލީ ކުޅުނު، ޑިޕްރެޝަން ހުންނަ އަންހެން ކުއްޖެއްގެ ރޯލުގައި އޭނާގެ ޑައިލޮގުތަކުގައި އިނގިރޭސި އާއި ދިވެހި ބަސްތައް އެއްކޮށްގެން ދެއްކި ވާހަކަތައް އަޑުއަހަން ތަންކޮޅެއް އުނދަގޫވުން ފިޔަވާ މާ ބޮޑު މައްސަލަތަކެއް ފާހަގައެއްނުވި އެވެ. އެކަމަކު އެ ރޯލަށް އޭނާ ވަރަށް ފިޓުވެފައި، މޮޅެވެ. ޝާމިންގެ "މަދޮޝިޕް" އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ޔުނިސެފް ގުޅިގެން ގެނެސްދިން މި ސީރީޒަކީ އަހަރުގެ އެންމެ ސަޅި އެއް މަސައްކަތެވެ.
މިއީ އަހަރުގެ އެންމެ ތަފާތު އެއް މަސައްކަތެވެ. ބައިސްކޯފުން އުފެއްދި ވަރަށް ރަނގަޅު ޕްރޮޑަކްޝަން މަސައްކަތެކެވެ. މޫމިން ފުއާދު ޑައިރެކްޓުކޮށް ގެނެސްދިން މި ކްރައިމް ތުރިލާ އެންމެ ހާއްސަވީ މީގައި 80ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ދައްކައިދީފައިވާ ގޮތުންނާއި އަދި މީގެ ވަރުގަދަ ކާސްޓެވެ. ޔޫސުފް ރަފީއު (ޔޫސޭ) އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފަދަ ސީނިއާ ތަރިންނެވެ. އަދި ހުސެއިން އަދުދާންގެ ސިނެމަޓޯގްރެފީން، މަޒީގެ އެ ދުވަސްތައް ވަރަށް ފުރިހަމަށް ދައްކައިދެ އެވެ.
އެޕިސޯޑުތައް މާ ކުރުވުމާއި ބައެއް ޑައިލޮގުތަކުގައި ހުރި މައްސަލަތައް ފިޔަވައި، މި ސީރީޒް ވަރަށް ރީއްޗެވެ. ބޮޑަށް ބެލެވުނީ އެޕިސޯޑުތަކުގެ ސްކްރީންޕްލޭ މޫމިން އަސްލު ލިޔެފައި ވަނީ ގަޑިއިރަކަށް ކަމަށެވެ. އެއީ ދެން އަންނަ އެޕިސޯޑަކަށް މީހާ ކައްކުވާލާ ކަހަލަ މަންޒަރެއް އަންނަނީ ކޮންމެ ތިން އެޕިސޯޑަކުން ކަމަށް ފާހަގަވާތީ އެވެ. އަދި އެންމެފަހު އެޕިސޯޑު މާ އަވަހަށް ނިންމާލިހެން ހީވި ނަމަވެސް، ސީރީޒްގެ އަސްލު ވާހަކަ ވަށާ ޖައްސަ އެވެ.
ކެރެކްޓާސްތަކަށް ބަލާއިރު ޔޫސޭ އާއި އިއްސެގެ އިތުރުން އެންމެ ވަރުގަދަ ކެރެކްޓާސްތަކެއްގެ ގޮތުގައި ފެނުނީ އަހުމަދު އާސިމް ކުޅުނު ސީރާޖުގެ ރޯލާއި ސޫޒަން އިބްރާހިމް ކުޅުނު ދަލޭކާދީ އެވެ. އެއް ޒަމާނުން، އަނެއް ޒަމާނަށް ބައެއް ކެރެކްޓާސްތަކުގެ ބަދަލު ދެއްކިއިރު، އައިމިނަތު ނިޝާ އާއި މަރިޔަމް ޝަކީލާ ކުޅުނު ސޮބީހާގެ ރޯލު ވަކިން ހާއްސަވެ އެވެ. ނިޝާ ކުޅުނީ ސޮބީހާގެ ޒުވާން ދުވަސްވަރުގެ ބައެވެ. އަދި ޝަކީލާ ކުޅުނީ ސޮބީހާ މެދުއުމުރުގެ ދުވަސްތަކެވެ. މިދެމީހުންގެ ވައްތަރު ކަން އެއީ އެންމެ އަޅައިގަތް އެއް ކަމެވެ.
މި ސީރީޒްގެ މަންޒަރުތައް ނެގި ގިނަ ރަށްތަކުގެ ތެރެއިން ފ.ނިލަންދޫ ވަކިން ހާއްސަވެ އެވެ. މި ފިލްމުގެ ކާސްޓުގައި އެކްސްޓްރާސްގެ ގޮތުގައާ އަދި ބައެއް މުހިންމު ރޯލުތައް ވެސް އެ ރަށުގެ މީހުން ކުޅުނެވެ. ގަމިނި ޕްރިމިއާ ކުރި ދުވަހު އާސިމް ބުނިހެން "ނިލަންދޫގެ ކޮންމެ މީހަކީ ވެސް މޮޅު އެކްޓަރެއް" އެވެ. އެއީ ހަމަ ތެދެކެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ރިޕޯޓްކުރާ މިންވަރު އިންތިހާއަށް އިތުރުވެގެން ދިޔަ އަހަރަކަށް ވުމާއި އަދި އެ ކަހަލަ ވާހަކަތަކެއް ކިޔައިދޭ ބައިސްކޯފުގެ ޑްރާމާ ސީރީޒް "އެހެނަސް" ގެ ދެ ވަނަ ސީޒަން ދައްކަން ފެށި ދުވަސްވަރާ ދިމާވުމުން، މިއަހަރު އެންމެ އަޑުގަދަކޮށްލި ސީރީޒަކަށްވީ މި އެވެ. އެންމެ ފުރަތަމަ ވެސް، މުޖުތަމައުގައި އޮތް ވަރަށް ނުރައްކާތެރި އަދި އާންމުކޮށް މީހުން "ނުދައްކާ" ވާހަކައެއްގެ ގޮތުގައި އޮންނަ މިކަމަކީ، ވަރަށް ދެރަކަމެއްކަން އެންމެނަށް އަންގައިދިނުމަށްޓަކައި، ވާހަކަލިޔުންތެރިޔާ އަހްމަދު އިގުބާލާއި އޭނާގެ ޓީމުން ކުރި މަސައްކަތަށް ސާބަސް ދެމެވެ.
މިފަހުން ގެނެސްދިން ވެބް ސީރީޒްތަކުގެ ތެރެއިން ކޮންމެ އެޕިސޯޑަކަށް ވެސް ދީފައިވާ ވަގުތުގެ ދިގުމިނަށް، އެންމެ ރީއްޗަށް އެޕިސޯޑުތައް އަތުރާލައިފައި އޮތީ "އެހެނަސް" ގަ އެވެ. އަދި ކޮންމެ އެޕިސޯޑަކަށް ނަމެއްދީ، އާންމުކޮށް ބޭރުގެ ސީރީޒްތަކުގައި ކޮންމެ އެޕިސޯޑެއް ވަށާ ޖައްސާ ގޮތަށް، ރަވީ ފާރޫގު މި ސީރީޒް ޑައިރެކްޓުކުރީ ވަރަށް ފަރުވާތެރިކަމާ އެކު އެވެ. އަދި ފަތުހުﷲ ޝަކީލް (ފަޗޫ) ތައްޔާރުކޮށްފައިވާ މި ސީރީޒްގެ ތީމް މިއުޒިކަކީ ތައުރީފު ހައްގު، ސަޅި މަސައްކަތެކެވެ.
އެކަމަކު ވަރަށް ސަޅިކޮށް، ވަރުގަދަ ސަސްޕެންސްތަކަކާ އެކު ގެނެސްދިން ފުރަތަމަ ސީޒަނަށް ފަހު، ދެ ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑްތަކުން އެކަމެއް އެހާ ބޮޑަކަށް ނުފެނުނެވެ.
މާ ބޮޑަށް ދިގުދެމިގެންދާ ކަހަލަ ގޮތެއް ހީވަމުން ގޮސް، ފަހު ސީޒަންގެ މަރުވެފައި އޮތް "ސަސްޕެންސް" އަލުން ހިފަހަށްޓާލަ ދިނީ، ހާއްސަ ފެނިލުމަކުން ފެނުނު ނަތާޝާ ޖަލީލެވެ. މިހެން ބުނަމާ ހެއްޔެވެ؟ "އަނދަމުންދިޔަ އަލިފާންގަނޑަކަށް ޕެޓްރޯލް އަޅާ ހުޅުގަނޑު ރޯކޮށްލީ" އޭނާ ކުޅުނު ކެރެކްޓާ އެވެ. އަސްލު ފަހު ސީޒަންގެ ފޫހިކަން ކަނޑުވާލަ ދިނީ ނަތާޝާ އެވެ. އެ ރޯލަކީ އާންމުކޮށް ދިވެހި ފިލްމުތަކުން ނުފެންނަ، އެކަމަކު އާންމު މުޖުތަމައުގައި މިހާރު ވަރަށް އާންމު ކެރެކްޓާއެކެވެ.
ދެ ސީޒަންގައި ވެސް އެންމެ ގަޔާވި، އެންމެ ރީތީ ވެސް ޝަރާ އާދަމް އާއި ޝީލާ ނަޖީބް އަދި އަހްމަދު ވިޝާލްގެ ރޯލެވެ. އަދި ރިޝްމީ ކުޅުނު ކެރެކްޓާއަކީ ވެސް ވަރަށް ބުރަ، އުނދަގޫ މަސައްކަތެއް ކަން ފާހަގަވާ ވަރަށް އިނގެ އެވެ. އެކަމަކު ރިޝްމީގެ ބައެއް ޑައިލޮގުތަށް އަބަދު ރިޕީޓުވުންވީ އެ ކެރެކްޓާ އިތުރަށް ފުރިހަމަ ނުވި ސަބަބަކަށެވެ. ހަމަ އެގޮތަށް ވިޝާލްގެ ބައެއް ޑައިލޮގުތަކާއި މަންޒަރުތައް ވެސް ރިޕީޓުވެ އެވެ. އަދި އަސްލު ވާހަކައިގައި ނެތް، ދެ ވަނަ ސީޒަނަށް އިތުރުކުރި ބައެއް ކެރެސްޓާތައް ފާހަގަކުރެވުނީ ބޭކާރު ކަމަށެވެ.
ކޮވިޑް ފެތުރި، އިގުތިސާދު އިނދަޖެހި، މީހުންގެ ވަޒީފާތައް ގެއްލި، ވަރަށް ދަތި ހާލުގައި އުޅެމުން އަންނަ މީހުން އިތުރުވުމާ އެކު ބައިސްކޯފާއި ވީޑިއޯގްރެފާ ވިޝާލް ޒަކީ ގުޅިގެން އުފެއްދީ، މިހެން ހާލުގައި އުޅެމުން އަންނަ މީހުންނަށް ކުޑަ ނަމަވެސް، ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ ޝޯއެކެވެ. "ލަކީ" އަކީ އެ ޝޯ އެވެ. އާންމުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި ޝޯގައި ހަމަ ކޮންމެ މީހަކު ވެސް "ލަކީ" ވެދާނެ އެވެ.
ކޮންމެ އެޕިސޯޑެއްގައި ވެސް މަގުމަތިން މީހުން ހޯދައިގެން އެމީހުންނަށް "ގޭމެއް" ހަވާލުކުރެ އެވެ. އެމީހުންނަށް ދެނީ މާލޭގެ ފިހާރައަކުން ވިޔަފާރީކުރުމުގެ ފުރުސަތެވެ. އެއީ ވަކި ހާއްސަ ބަޖެޓަކަށެވެ. ވަކި ވަގުތެއްގެ ތެރޭގައި ބަޖެޓަށް ދީފައިވާ އަދަދަށް ވުރެ ގިނަ ނުވަތަ މަދު ވެސް ނުވާނެ ވަރަށް، އެ ފިހާރައަކުން މުދާ ގަންނަން ޖެހެ އެވެ. އެކަން ހާސިލު ވެއްޖެ ނަމަ، އެ ހުރިހާ އެއްޗެއް އެމީހަކަށް ހިލޭ ލިބެ އެވެ.
މި ކަހަލަ ކްރިއޭޓީވް ދިވެހި ގޭމް ޝޯތައް މިހާރު ވަރަށް މަދެވެ. ދިވެހި ޓީވީ ގޭމް ޝޯތަކުގައި މުޅިންހެން މިހާރު އޮންނަނީ ފޯނުން މީހުނަށް ގުޅައިގެން ގޭމް ކުޅުވުމެވެ. ހޮސްޓުން އަރާމުގައި ގޮނޑީގައި ތިބެގެން، ގުޅާ ކޮންމެ މީހެއްގެ ހާލު ބަލައިފައި، ގޭމު ކުޅުވައިފައި، އިނާމު ރައްދުކޮށްދޭނަމޭ ބުނުމުގެ "ކަންނެތް" ސަގާފަތެކެވެ. އެކަމަކު މި ޝޯ ގެނެސްދިނީ ޒަމާންވީ، މިހާރު "ފޫހި" އެ ސަގާފަތަށް ފަސްދީގެންނެވެ. މި ޝޯ އަހަންނަށް ހާއްސަވީ އެހެންވެ އެވެ.
މި ޝޯ ހާއްސަވާ އިތުރު ސަބަބަކީ މީގެ ހޮސްޓް، "ލަކީ" އެވެ. އެއީ ސީދާ ކާކު ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސިޔާސީ ކާޓޫން ޓޯކް ޝޯތައް ކަމުދާ މީހުނަށް، ޗޮޕާޓްގެ ފިކްޝަނަލް ޓޯކް ޝޯ "އެއްކަލަ ޝޯ" އަކީ ރަނގަޅު އިހުތިޔާރަކަށް ވާނެ އެވެ. އަދި ސިޔާސީ ކަންކަމުގެ އިތުރުން، އެ ދުވަސްވަރެއްގެ އެންމެ ޓްރެންޑުވާ ކަންކަމާއި މީހުންގެ މި ޝޯއަށް މެހުމާނުންގެ ގޮތުގައި ގެނެ އެވެ. ޖާބީރާއި މަސިމޯ އަދި އަންނި ވެސް އައިސްފި އެވެ.
ރާއްޖޭގައި މި ކަހަލަ ޝޯއެއްގެ ގޮތުގައި މިހާތަނަށް ހަމައެކަނި ގެނެސްދިނީ "މާކަނާ ޝޯ" އެވެ. އެކަމަކު "އެއްކަލަ ޝޯ" އާ އެކު ތަފާތެއް ބަލައިލަމުގެ ފުރުސަތު ލިބިއްޖެ އެވެ.