28 Sep 2020

By: Ahmed Nadym

މި އިންޓަވިއުގެ ސުރުހީއަކަށް އެންމެ ފުރަތަމަ ޖަހައިގެން އުޅުނީ "އެހެނަސް އިން ރަވީ އަށް ދަސްވި ދެތިން ކަމެއް" މިހެންނެވެ. ލިޔަން ގަސްދުކުރީ ރަވީ އަށް، "އެހެނަސް" ގެ ތަޖުރިބާ ދަސްކޮށްދިން ދެތިން ކަމެއްގެ ވާހަކައެވެ. އެކަމަކު ގަޑިއިރަކަށް ދެމިގެން ދިޔަ މި އިންޓަވިއު ނިމުނުއިރު އެއަށް ލިބުނު ސުރުހީ އެ އޮތީ ބަދަލުވެ ސާފުވެފަ އެވެ. ކާމިޔާބުކަމާ އެކު ބައިސްކޯފުން މިދިޔަ ހަފުތާގައި ނިންމާލި "އެހެނަސް" ސިލްސިލާގެ ތަޖުރިބާ، އޭގެ ޑައިރެކްޓަރު ރަވީ ފާރޫގް ސިފަކުރާ ގޮތަކީ މިއީ އެވެ. -- އޭނާ ބުނަނީ އެއީ ހިތާއި ނަފުސު ދޮވެލަދިން އާދަޔާހިލާފު ތަޖުރިބާއެއް ކަމަށެވެ. އިލްމާއި ޚިލްމާއި ދުނިޔަވީ ދިރިއުޅުމުގެ އެތައް، އެތައް ފިލާވަޅެއް ޚުދު އޭނާ އަށް ވެސް ނަގައިދިން ތަޖުރިބާއެއް ކަމަށެވެ.

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު) މީގެ 13 އަހަރު ކުރިން ނެރެ، ކިޔުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދި ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ރަވީ ޑައިރެކްޓްކުރި 22 އެޕިސޯޑްގެ ޑްރާމާ އަކީ ޖިންސީގޯނާ އާއި ފުރައްސާރަ އާއި ހަނގާކުރުމުގެ ސަގާފަތާއި މުޖުތަމައެއްގައި ބަންދުވެ ޝިކާރަވަމުންދާ ޒުވާން ފިރިހެނެއްގެ ހަޔާތް ދައްކުވައިދޭ އަސަރުން ފުރިގެންވާ ސިލްސިލާއެކެވެ. ރާއްޖޭގެ މުޖުތަމައުގައި އޮތް ވަރަށް ބޮޑު މައްސަލައަކަށް ގެނެސްދިން ޑްރާމާ އިން އެތައް ބަޔަކު ހޭލުންތެރިކުރުވި އެވެ. މި ޑްރާމާ އަކީ ރަވީ ބުނާ ގޮތުން ނަމަ އޭނާގެ ހަޔާތުގައި ވެސް އެޅުނު ކަތި ފިޔަވަޅުތައް ސީދާކުރުމަށް ފަހަތަށް ފިޔަވަޅު އަޅައި ހަޔާތުގައި ހެދުނު ބައެއް ގޯސްތަކަށް މައާފަށް އެދެން މަޖުބޫރުކުރުވި ތަޖުރިބާއެކެވެ.

"ވަރަށް ޕެޝަނޭޓްކޮށް ގޮސް ކުރެވުނު މަސައްކަތެއް މިއީ. އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި ވެސް ވަރަށް ބައިވަރު ކަންތަކެއް ދަސްވި. މިސާލަކަށް، ސްކޫލް ދައުރުގައި އަހަރެންނަށް ވެސް އެބަހުރިކަން އެހެން ކުދިންނަށް ބުލީކުރެވިފަ،" އެހެނަސްގެ ތަޖުރިބާ ކިޔައިދެމުން ރަވީ ބުންޏެވެ.

"އޭރުގަ އެކަމެއް މަޖާ ކަމަކަށް ހަދައިގެން ގޮސް. އެފަދަ ކަންކަން އަމިއްލަ އަށް އިހުސާސުވާން ލިބުނު ފުރުސަތެއް އެހެނަސްގެ ތަޖުރިބާއަކީ. އަދި އެކަން ރިއަލައިޒްވެގެން ގޮސް ހުންނާނެ ބުލީކުރެވުނު ބައެއް މީހުންގެ ކިބައިން މިހާރު މާފަށް އެދިފަވެސް. މިއީ ވަރަށް ބޮޑު ރިޑެމްޕްޝަނެއް."

ތިރީގައި މި އޮތީ މި ހާއްސަ އިންޓަވިއުގެ ސުވާލާއި ޖަވާބެވެ.

ރިޝްމީ އާއި ރަވީ އަދި އިގްބާލް: ރަވީ ބުނަނީ އެހެނަސްގެ ކާމިޔާބީ އަކީ ޓީމަށް ލިބުނު މޮޅެއް ކަމަށް.

1- އެހެނަސްގެ ބޮޑު ދެ ސީޒަން ނިންމާލެވުމުން ކޮން ކަހަލަ އިހުސާސްތަކެއްތަ ސިކުނޑީގަ މިހާރު ދައުރުވަނީ؟

ރަވީ: ދޮޅުއަހަރެއްހާ ދުވަސް މި ދިޔައީ އެ މަސައްކަތުގައި. މަސައްކަތްދިޔަ ގޮތަކީ ފުރަތަމަ ޑްރާފްޓް ކަޓްކޮށްފަ ޝޯރަނާ، އިގްބާލަށް ދެއްކީމަ އޭނަގެ ޓީމުން ބުނާ ކަންކަން އިތުރަށް ރަނގަޅުކޮށް އެންމެން ވެސް ހިތްހަމަޖެހޭ ފަދަ ކަމެއްކުރަން ކުރި މަސައްކަތް މިއީ. މިއުޒިކަށް ބެއްޔަސް އެއް ރޭ ހަތަރުދަމު އެކަމުގައި ވެސް އެ އުޅުނީ އޯޑިއަންސެއް ބޮލުތެރޭގައި ބައިންދައިގެން އަބަދުވެސް. ފިނާލޭ ބަލައިގެން އެ އެންމެނަށް އެ ލިބުނު ހިތްހަމަޖެހުމަށްވުރެ ޑަބަލް ހިތްހަމަޖެހުން އަހަންނަށް ލިބުނު. އެމީހުން މިސްވެސްވޭ. އެކުގައި ވޯކްކުރި ޓީމު ވެސް މިސްވޭ. އެ ހުރިހާ ގޮތަކަށް ބަލާއިރު ވަރަށް ބިޓާ ސްވީޓް ފީލިންއެއް މިހާރު މި ކުރެވެނީ.

2- އެހެނަސްގެ ކާސްޓަށް ބަލާއިރު ގާތްގަނޑަކަށް 98 ޕަސެންޓަކީ މުޅިން އާ މޫނުތައް. ފިލްމު އުފެއްދުމާއި އެކްޓްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް މިވަރުގެ އާ ތަރިންތަކެއް ގޮވައިގެން އުޅެން ޖެހުނު ގޮތާއި އެމީހުންނާ އެކު ކުރެވުނު ތަޖުރިބާ ޖުމްލަ ގޮތެއްގަ ކިޔާލަދީބަލަ؟

ރަވީ: މީގެ ކާސްޓުންގެ އިތުރުން ސްކްރީންޕްލޭ ލިޔުނު އިގްބާލް ވެސް އަލަށް އެ ލިޔުނީ ސްކްރިޕްޓެއް. އޭނަ އަލަށް އާޓް ޑިރެކްޝަން ވެސް ހެދީ. ޕްރޮޑިއުސް ވެސް އެ ކުރީ އަލަށް. ދެން ސިނެމެޓޯގްރެފީ ބެލެހެއްޓި ޓީމަކީ ކުރިން އިޝްތިހާރު އެއްޗެހި ހަދަން އުޅުނު ކުދިންތަކެއް. އެމީހުންނަށް ވެސް މުޅިން އާ ތަޖުރިބާއެއް މިއީ. ޝީލާ އާއި މަނިކާއި ރިޝްމީ އާއި އަހަރެން މި ތިބީ ކުރިން މިކަހަލަ ކަމެއް ކޮށްފަ ތިބި ބަޔަކަށް. ދެން މުޅިން ވެސް އާ މީހުންނާ އެކީގަ މި އުޅެވުނީ. އޭގެ ސަބަބުން މިކަން ވެގެން ދިޔައީ އަހަރެންނަށް ވެސް ވަރަށް ގިނަ ތަޖުރިބާތަކެއް މި އާ ޓީމުގެ ފަރާތުން ލިބިގެން ދިޔަ ކަމަކަށް.

މަސައްކަތްމި ކުރީ މުޅިން އެހެން ޖެނެރޭޝަނެއްގެ ކުދިބަޔަކާ އެކު. އެމީހުންނަށް އެއްޗެހިތައް ކިޔައިދިނުމާއި ވިސްނައިދޭން ޖެހޭ ގޮތްތައް ވެސް ތަފާތު. އެމީހުންނަށް ވެސް ލައިފް ލެސަންސް ނަގައިދިނުމާއި ކަންކަން ބުނެދިނުން ވެސް ކުރިއަށް ދިޔަ. އެއް ބަޔަކު އަނެއް ބަޔަކަށް ބައިވަރު ކަންތައްތަކެއް ދަސްކުރަން ލިބުނު ފުރުސަތެއް މިއީ. ދަސްވި ތަޖުރިބާއެއް މިއީ.

އެންމެން ވެސް ތިބީ ދަސްކުރަން ފެންބޮވައިގެންފައި. ކިހިނެތްތޯއޭ މިވެނި އެވެނި ކަމެއް ކުރާނީ ، އެގޮތަށް ދަސްކުރަން ބޭނުންވެފައި. މުޅި ޓީމު ވެސް އެގޮތަށް ވަރަށް ޕެޝަނޭޓް.

3- މަޝްހޫރު ވާހަކައެއްގެ މައްޗަށް އެހެނަސް އުފެއްދުމަކީ ރިސްކެއްތާ. ކިޔުންތެރިންގެ އެކްސްޕެކްޓޭޝަނާ ދިމާކުރަން ޖެހޭނެ. އަނެއްކޮޅުން މުޅިން އާ ކާސްޓެއް ނަގައިގެން މަސައްކަތްކުރުމަކީ ވެސް ރިސްކެއް. އަދި އާންމުކޮށް ނުދައްކާ ވާހަކައެއް ޑްރާމާގައި މި ކިޔައިދެނީ. އެ ވެސް ރިސްކެއް. ރަވީއާ ރިސްކާ އޮންނަ މި ގާތް ގުޅުން އަހަރެމެންނަށް ކިޔާލަދީބަލަ؟

ރަވީ: އެންމެ ބޮޑު އެއް ކަމަކަށް ވާނީ، ފާޑުކިޔުންތަކާ އެއްޗެހި އައުން. އެއް ކަމަކީ އެ ކަންތައްތަކާ ޑީލް ކުރަން އެނގުން. މީގަ ވީ ގޮތަކީ އަޑުފެތުރުނީ އެހެނަސް އަކީ ހިޑެން އެޖެންޑާއެއް އޭގައި އޮތް ޕްރޮޖެކްޓެކޭ. މީގެ ވާހަކަ ކިޔާލުމުން ވެސް ހިތަށް އެރީ މިއީ ހިޔާލުތަފާތުވާ މައްސަލަބޮޑު ކޮންސެޕްޓެކޭ. އެކަމަކު އެކަން ކުރުން އެއީ އަމިއްލަ ސެލްފަށް ލިބޭ ޗެލެންޖެއް. އެއީއޭ އަހަރެން ކުރާ ކަމަކީ. ރިސްކެއް ނަގަނީ އަމިއްލަ ނަފުސަށް އެކަނި. އެހެން ބަޔަކަށް ނޫން.

އަހަރެންގެ އަމިއްލަ ތޮބީއަތުގައި ވެސް ހުންނަ ކަމެއް އެއީ އަމިއްލަ މީހާއާ ޗެލެންޖުކުރުން އަބަދުވެސް. މިސާލަކަށް އެކަތި ނިންމާފަ އަނެކައްޗަށް ދާއިރުގަ އެބަ ޖެހެއޭ އެއަށް ވުރެ ތަފާތު ކަމެއް ކުރަން މީގަ. އެހެންވީމަ އެގޮތަށް ވިސްނައިގެން މަސައްކަތްކޮށްފައި އެހެރީ.

ރިސްކު ނެގުމަކީ އަހަރެން ހަމަ ވަރަށް ކުރާހިތުން ކުރާ ކަމެއް. އެކަމަކު މީގަ މަސައްކަތްކުރި ޓީމާއެކު ރިސްކުވެގެން ދިޔައީ ފަސޭހަ އެއްޗަކަށް.

4- ރަވީގެ ނުފޫޒާއި ހުނަރުވެރިކަމުގެ ބާރުން ފިލްމީ ދާއިރާ އަށް ރަނގަޅު ބަދަލުތަކެއް އަންނަ ކަމަށާއި ޒުވާން ހުނަރުވެރިން އުފެދޭ ކަމަށް ގަބޫލުކުރަންތަ؟

ރަވީ: އިންފްލުއެންޝަލް މީހަކަށް ވުމަށް ވުރެ ބޮޑަށް މަސައްކަތްކުރަނީ އެހެން މީހުންނަށް އެހީތެރިވެދެވޭ ކަހަލަ މީހަކަށް ވާން. މިސާލަކަށް، މިވެނި އެވެނި ކަމެއްކުރާނެ ގޮތަކާ މެދު ހިޔާލު ހޯދަން އަންނަ މީހާ އަށް އަހަރެން އަބަދުވެސް އެހީވަނީ. މިސާލަކަށް ލަވައެއް ފިލްމެއް ހަދަން ބޭނުންވެގެން އަންނަ ކުދިންނަށް ވެސް އެމީހުން ފުރަތަމަ ޑްރާފްޓް ކިޔާލާފަ މިސްޓޭކެއް އުޅޭ ނަމަ ރަނގަޅުކޮށްލަން ބުނެދެނީ. ފިލްމު މޭކިންގެ ބޭސިކް އެނގެން އަންނަ މީހާ އަށް ވެސް އެކަންކަން ކިޔައިދެނީ އަހަރެން. އެގޮތަށް ކޮންމެ މީހަކު އަޔަސް އެހީވެދެން.

އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ލަފާކުރެވޭ. ފިލްމީ ދާއިރާ ވެސް އޮތް ގޮތާއި އެ ދާއިރާގައި މަސައްކަގތްކުރަން ޖެހޭ ގޮތް ވެސް މި އާ އެކްޓަރުންނަށް ވެސް ކިޔައި މިދެނީ. އެއީ މި ދާއިރާގެ ހާލަތު ރަނގަޅަށް އެނގޭތީ އެހެން ބަޔަކަށް ދައުވަތު ދީގެން ގެނެސް ދޫކޮށްލާއިރު އެމީހުންނަށް ވެސް އެބަ އެނގެން ޖެހޭތާ ކޮބައިކަން އުޅެން ޖެހޭ ގޮތަކީ. އަހަރެންނަށް ހީވަނީ މިކަހަލަ މިކަހަލަ ކަންކަން އަލަށް އަންނަ ކޮންމެ މީހަކަށް ކިޔައިދިނުމަކީ އަހަރެންގެ ޑިއުޓީއެއްހެން.

ޑްރާމާ ސީރީޒް "އެހެނަސް" ޕްރިިމިއާކުރުމަށް އޮލިމްޕަހުގައި ބޭއްވި ހަފުލާގެ ރެޑް ކާޕެޓް އިވެންޓުގައި ލީޑް އެކްޓަރު ރޯމަން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

5- އެހެނަސްގެ ދެ ސީޒަނަށް ބަލާއިރު، ރަވީ އެންމެ ހިތްހަމަޖެހުނު އެޕިސޯޑާއި ސަބަބު ކިޔައިދީބަލަ؟

ރަވީ: އެންމެ ހިތްހަމަޖެހޭ އެޕިސޯޑަކީ ފިނާލޭ. އެންމެ ފަހު އެޕިސޯޑާ ހަމަ އަށް އައިއިރު ހުރީ ފުދޭވަރަކަށް ބިރުގެންފައ. އެއީ، 21 އެޕިސޯޑް ނިމިގެންދިޔައިރު އެންމެންގެ ފަރާތުން ވެސް އައި ޕޮޒިޓިވް ކޮމެންޓްސް އާއި މެސެޖުތައް، އެހެންވީމަ އެންމެފަހު އެޕިސޯޑްގެ ކަޓު ހަދަން އެންމެ ބޮޑަށް ޖެހިލުންވީ.

ކޮންމެ ގޮތެއްވިޔަސް އެއްޗެއް ނިންމާލާ ނަމަ ވަރަށް ފޮނި މީރުކޮށްތާ ނިންމާލަން ޖެހޭނީ. އެހެންވީމަ ވަރަށް ބިރުން ހުރެ އެހެރީ ޢެންމެ ފަހު ކަޓު ހަދާފަ.

6- އެހެނަސްގެ އެޕިސޯޑެއްގައި ދައްކާ ވާހަކާތަކެއްގެ މައްސަލައެއް ހިލިގެން އުޅުނުތާ މިދޭތެރެއަކުން. ދެން ރަވީ ޑައިރެކްޓްކުރި ވިޝްކާ އަކީ ވެސް ވަރަށް އަވަގުރާނަ ގިނަ ފިލްމެއް. ރަވީގެ ގިނަ މަސައްކަތްތައް ހަގީގަތުގައި ވަރަށް ޑާކް. އިނގިލި އާއި މިކޮއެ ބައްޕަ އަކީ ވެސް ޑާކް ތީމްސް. އެހެންވީމަ ރަވީގެ މަސައްކަތުން ދެވެނީ ނުބައި މެސެޖެއް ކަމަށް ނުވަތަ ފޯރުކޮށްދެވެނީ ނުބައި ނުފޫޒެއް ކަމަށް ގަބޫލުކުރަންތަ؟

ރަވީ: ކޮންމެ މީހަކަށް ވެސް ލިބޭނީ އެމީހަކު ބަލައިގަންނަން ބޭނުންވާ ގޮތަކަށް މެސެޖު. މިސާލަކަށް އެހެނަސް އިން މީހަކު ވަގަށް ނަގައިގެން ލީކުކޮށްލި ސީން އެކަނި ބަލައިގެން ބުނެވިދާނެ އެއިން ނުބައި މެސެޖެއް ދެނީއޭ. އެކަމަކު މުޅި ސީރީޒް އެއްކޮށް ބަލައިލީމަ އެނގޭނެ އޭގެ މި ބުނެދެނީ މުޅިން އެހެން އެއްޗެއްކަން.

ބައެއް ނުވަތަ މުޖުތަމައެއްގެ ތެރޭގައި އޮތް ހަގީގަތެއް ހާމަވުމުން އެއީ ރަނގަޅުގޮތެއްހެން އަހަންނަށް ހީވަނީ. ޓްރުތު ހާޓްސް އޭ އެ ބުނަނީ އެހެންވެގެން. ގައުމުގައި އޮތް ހާލަތެއް ބަޔަކު ކިޔައިދިނީމާ އެކަން މި ވަނީ ވަރަށް ގޯސް ކަމަކަށް. މީގަ ވިސްނައިދޭން މި މަސައްކަތްކުރެވެނީ ގައުމުގައި ހިނގާ މިފަދަ މައްސަލަތަކާ މެދު އަހަރެމެން ވެސް ވިސްނާކަން.

އެކަމަކު ވަރަށް ގިނަ މީހުންނަށް ހީވަނީ މިއީ އޮތް ގޮތް ކަމަށް ހީކޮށް ލައިފް ކޮމްޕްރޮމައިޒްކޮށްގެން ތިބުން ނޫން އެހެން ގޮތެއް އަހަރެމެންނަކަށް ނެތޭ. އަހަރެން މަސައްކަތްކޮށްފައި އެ އޮތީ މި ސޮސައިޓީގެ ހާލަތު ކިޔައިދޭން. އެންމެ ފުރަތަމަ މި ދާއިރާ އަށް އައިސް ވަދެވުނު ހިސާބުން ވެސް ވިސްނީ ބްލެންޑް އިން ވާކަށެއް ނޫން. އައި އޭމް ޓްރައިން ޓު ސްޓޭންޑް އައުޓް. ސްޓޭންޑް އައުޓް ވާން ބޭނުން ނަމަ އެބަޖެހޭ އިމްޕެކްޓް އަންނަ ކަހަލަ ކަމެއް ކުރަން. އެހެންވީމަ މި ކުރާ މަސައްކަތުން އިމްޕެކްޓެއް އުފެއްދޭނީ އެތަނެއްގައި އޮތް މައްސަލައެއްގެ ވާހަކަ ދައްކައިގެން. އެ ވާހަކަ ނުދައްކާ ނަމަ އަހަރެން ވެސް ވާނީ އެ ކުށުގެ ވެށީގައި އުޅޭ މީހަކަށް ކަމަށް ގަބޫލުކުރެވެނީ. އެކަމަކު އަހަރެން މި ކުރާ މަސައްކަތުން ރަނގަޅު މެސެޖެއް އެބަދޭ.

ފިލްމުތައް މެދުވެރިކޮށް އަހަރެން ނުބައި މެސެޖެއް ދޭން މަސައްކަތްކުރާ ކަމަކަށް ގަބޫލެއް ނުކުރެވޭ އަހަންނަކަށް. ފިލްމުތަކުގައި އަވަގުރާނަ ގޮވުމާއި ރިއާލިޓީ ދައްކަން ހަދައިގެން މާ ބޮޑުވަރުކޮށްލެވޭ ކަމަކަށް ވެސް ގަބޫލެއް ނުކުރަން އަދި.

7- މީހުން އަބަދުވެސް ބުނޭ ރަވީ އަކީ މަސައްކަތަށް ފަރުވާކުޑަ، ހަވާލުކުރާ މަސައްކަތް ނުނިންމޭ މީހެކޭ. "އެހެނަސް" އަކީ އެ ފާޑުކިޔުންތަކަށް ދެވުނު ރައްދެއް ކަމަށް ގަބޫލުކުރަންތަ؟

ރަވީ: ފަރުވާކުޑައޭ ނުބުނެވޭނެ. އެންމެ މުހިންމު އެއް ކަމަކަށް އޮންނާނީ ކޮންމެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރިޔަސް އެ އޮންނަ ޓީމެއް. މަސައްކަތަށް ކިހާ ޝައުގުވެރިވަނިވި ޓީމެއްތޯ ޓީމަކީ. ނުވަތަ ދެން ހުންނަ މީހާގެ ބޮލަށް ފައިން އަރާފަ ތިމާ މީހާ ކުރިއަށް ދާ ކަހަލަ ޓީމެއްތޯ. އެގޮތަށް މަސައްކަތްކުރާ ބަޔަކާ އެކީގައެއް ނުކުރެވޭނެ މަސައްކަތެއް.

އެހެނަސްގަ މި އޮތީ އެގޮތަށް ބަލާއިރު ވަރަށް ރަނގަޅު ޓީމެއް ފެށިގެން ގޮސް ނިމެންދެން ވެސް. ދެން ކޮންމެ ޕްރޮޖެކްޓެއްގަ ވެސް ވަރަށް މުހިންމު މީހެއް ޕްރޮޑަކްޝަން މެނޭޖަރަކީ. އެއީ އަހަރެންގެ ކިބައިގައި ހުންނަ ޓެލެންޓެއް ނޫން. ކޮންމެ ބަޔަކާ އެކު މަސައްކަތްކުރިޔަސް ބުނަން އަހަންނަކަށް ނުވާނެއޭ އެކަހަލަ އެއްވެސް ކަމެއް.

ދެން އަބަދުވެސް ބުނަން އަހަރެން މަސައްކަތްކުރާނީ މަޑުމަޑުން ދަސްކުރަމުންނޭ. އަހަރެންނަކީ މިވެނި އެވެނި ގޮތަކަށް މަސައްކަތްކުރާ މީހެކޭ ބުނެވިދާނެ. ކޮންމެ މީހަކަށް ކޮންމެ އެއްޗެކޭ ވެސް ބުނެވިދާނެ. އަހަރެން ކޮންމެހެން ބޭނުމެއް ނޫން އެހެން ބުނާ ބަޔަކަށް ރައްދެއް ދޭކަށް ވެސް. އަހަރެން މި މަސައްކަތްކުރަނީ އަހަރެންގެ ހިތްހަމަޖެހުމަށް. އިތުރު އެއްވެސް މީހަކު ރުއްސާކަށް ނޫން. އަހަންނަކަށް ބޭނުމެއް ނުވެއޭ އެމީހުންގެ ރުހުމެއް. އަދި ބަލާބަލާށޭ މަ މިހިރީ މަސައްކަތް ނިންމާފައޭ ކަލޭމެންނަކަށް ނުވިއެއް ނޫން ހެއްޔޭ ބުނާކަށް ވެސް.

8- ރިޝްމީ އަކީ ކިހާ ވަރެއްގެ ބާރެއްތަ ރަވީގެ ފިލްމީ ހަޔާތް މިހާރު ކުރިއަށް މިދާ ސްޕީޑުގައި ކުރިއަށް ގެންދަން ބަލާއިރު؟ އެއީ ރަވީ ބުނި ވިޝްކާ ވެސް އެގޮތުގަ ފުރިހަމަކުރެވުނީ ރިޝްމީގެ ވަރަށް ބުރަ މަސައްކަތުންނޭ. އެހެނަސްގަ ވެސް ރިޝްމީ ފެނިގެންދިޔަ ރަވީއާ އެކު އަބަދުވެސް.

ރަވީ: ރިޝްމީ އަކީ ވިޝްކާއިން ފެށިގެން އެޒް އަ ކޮލީގް ކިޔަމާ ހިނގާ، އެޒް އަ ކޮލީގް ކޮންމެ ޕްރޮޖެކްޓަކަށް އޭނަ ހަޔާކުރިޔަސް އޭނަ އަކީ ފުދޭވަރަކަށް އިންފްލުއެންޝަލް މީހެއް. އޭނަ މި ހަޔާކުރަނީ ހަމައެކަނި އެކްޓްކުރާކަށެއް ނޫން. މިސާލަކަށް އޭނަ އުޅޭ ނަމަ އޭނަ އަކީ ޕްރޮޑަކްޝަން މެނޭޖަރު. ވަރަށް ރުޅިގަދަވާން ޖެހޭ ފަހަރުތައް އަންނާނެ. އެކަމަކު އެއީ ވެސް އޭނަގެ ޖޮބް. ކަނޑައެޅިފައި އޮންނަ ގޮތަކަށް ކަންކަން ގެންދިއުމަށް ބާރު އެޅުމަކީ އެންމެ މުހިންމު ކަންތައް. އެހެންވީމަ މިއީކީ ހަމައެކަނި ހަޒްބަންޑް ވައިފްގެ ރިލޭޝަންޝިޕެއް ނޫން. މެރީކޮށްގެން ވެސް މިދިޔަ ދޮޅު އަހަރު މި ދިޔައީ އެހެނަސްގެ މަސައްކަތުގައި. ދެން ކޮންމެއް އެއްޗެއްގަ ވެސް ފީމޭލް ޓަޗެއް އެބަ ބޭނުންވޭ، ވަކިން ހާއްސަކޮށް އިމޯޝަންސްތައް ނެރުމުގައި.

ފިލްމެއް، ޑްރާމާއެއް އެޑިޓްކޮށްފަ އޮންނަ ގޮތަކުން އަންހެނަކަށް އެ އެއްޗަކުން ކުރާ އަސަރު އެބަ ތަފާތުވޭ. އެހެންވީމަ ފުރަތަމަ އެޑިޓް ބަލާފައި ރިޝްމީ އެ ދޭ ހިޔާލުތައް ވެސް އަހަންނަށް ވަރަށް މުހިންމުވޭ. ދެ މީހުން ޒުވާބުކުރަން ޖެހޭ ފަހަރުތައް ވެސް ދޭ. އެކަމަކު ދެމަފިރިންގެ ގޮތުގައި ޒުވާބުކުރަނީކީ ނޫން. ޕެޝަނޭޓްކޮށް މަސައްކަތްކުރާ ދެ މީހުންގެ ގޮތުގައި.

ޕްރޮޖެކްޓެއް ނިމިގެންދާއިރު ރިޝްމީ އަހަރެންގެ ގާތުގައި ހުރުމުން އެ ޕްރޮޖެކްޓަކަށް ލިބިގެންދާ ފުރިހަމަކަން ވަރަށް ބޮޑު. އެހެންވީމަ ބުނެވިދާނެ ޝީ އިޒް މައި މިއުސްއޭ ހަމަ.

ޖުލައި 16، 2019 ގައި ޑްރާމާ ސީރީޒް "އެހެނަސް" ޕްރިިމިއާކުރުމަށް އޮލިމްޕަހުގައި ބޭއްވި ހަފުލާގެ ރެޑް ކާޕެޓްގައި ރަވީ އާއި ރިޝްމީ. -- ފޮޓޯ: މިހާރު

9- ރިޝްމީގެ އިތުރުން، ތިގޮތުގައި ކުރިއަށް ދާން ރަވީ އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮބާ؟ އަނެއް ޑްރައިވިން ފޯސް؟

ރަވީ: ރިޝްމީ ނޫން ނަމަ މަހުދީ އަހުމަދު (ސްކްރީންރައިޓަރު) ފިލްމީ ދާއިރާއިން ނަމަ. ވަރަށް ސަޕޯޓިވް މީހެއް މަހުދީ އަކީ. އެހެނަސް ނޫން މިހާތަނަށް ޑައިރެކްޓްކުރި ހުރިހާ އެއްޗެއް ލިޔެދިން މީހަކީ ވެސް މަހުދީ. ދެން ކުރިއަށް ދާން ބަލާއިރު އެންމެ ބޮޑު ޑްރައިވަކީ ތިމާ މީހާ އަބަދުވެސް. އަމިއްލަ މީހާއާ އެ އޮންނަ ވާދަވެރިކަން. މިކަން ކުރެވިއްޖެއޭ. ދެން ހިނގާބަލާށޭ މިވެނި ކަމެއް ކުރަން. މާދަމާ ވެސް މަރުވެދާނެ. އެކަމަކު ދެން އަންނަ ޖެނެރޭޝަނަކަށް ވެސް އެނގޭ ވަރުކޮށްދޭން ބޭނުންވަނީ މި މީހާ މަސައްކަތްކުރިކަން ތަފާތަކަށް. އެ ވިސްނުން އިންނަނީ ބޮލުތެރޭގައި.

10- ދެން ވެސް ރަވީ ގެނެސްދޭނީ "އިނގިލި" "ވިޝްކާ" އަދި "އެހެނަސް" ހާ ޑާކް ސްޓޯރީލައިންތަކެއްތަ ބެލުންތެރިންނާ ހަމަ އަށް؟

ރަވީ: މިހާރު ވެސް އެބަ މަސައްކަތް ކުރަން ލައިޓް ހާޓެޑް ކޮމެޑީއަކަށް. ކުރިއަށް ވެސް އެބަހުރި، ކަމިން އޮފް އޭޖު ޑްރާމާ ވެސް. ސޯޝަލް އެވެއާނެސް މަސައްކަތްތަކަށް ލިޔެފައި ހުރި އެއްޗެހި ވެސް އެބަހުރި. އޭގެ ތެރޭގައި ބިރުވެރި އަދި އިޖުތިމާއީ މައްސަލަތައް ވެސް ހިމެނޭނެ. އެހެންވީމަ ހަމައެކަނި ޑާކް އެއްޗެހިތަކެއްގަ ވެސް ނޫން މި އުޅެވެނީކީ. އެކަމަކު ރިއަލިޓީގަ ޓަޗްކުރުން އެންމެ މުހިންމީ. ރިއަލިސްޓިކް މަންޒަރެއް ގެނެސްދޭން އެންމެ ބޮޑަށް މަސައްކަތްކުރެވެނީ. އަބަދު ޑާކް ތީމްތަކެއްގައި އުޅޭކަށް މަސައްކަތްކުރަނީކީއެއް ނޫން.

Popular