24 Sep 2020

By: Ahmed Nadym

"އާސިމް ސްޓާ" އޭ މީހުން އޭނަށް ކިޔަނީ އަސްލު ވެސް ހަމަ ޖޯކަކަށް ހަދައިގެންނެވެ. ނިކަން ބޮޑު ފިލްމު އިސްޓާރަކަށް ވުމުގެ ހުވަފެނުގައި، އަބަދުވެސް ގޮސް ކޮންމެވެސް އަވާމެންދުރެއްގައި ޖެހިފައި ހުރީތީއެވެ. ތިމަންނަ ކުޅޭނީ ފިލްމޭ، ބޮޑުވެގެން ވާން ބޭނުމީ ފިލްމު އިސްޓާރަކަށޭ ބުނީމަ ކުޑައިރުގެ ރައްޓެހިން ވެސް އޭނާ އަށް ޖެހީ ޖޯކެވެ. އެ ހުވަފެނެއް ވާނީ ބިލާހަކަށޭ ބުނެ ޗަކަޗަކަލާފައި ހެމުން ހެމުން ގޮސް އެ އެކުވެރިން ގެއްލުނީ ކޮންމެ ކޮންމެ މީހަކަށް ފިލްމެއް ނުކުޅެވޭނެއޭ ބުނެއެވެ. އެމީހުން ބުނީ ފިލްމު ކުޅެވޭނީ ވަކި ބަޔަކަށޭވެ. -- އެކަމަކު ދެން ވެސް "ފިލްމު އިސްޓާއަކަށް" ވުމުގެ ހުވަފެނުން ހޭލާކަށް އަހުމަދު އާސިމް ބޭނުމެއް ނުވިއެވެ. އަދި އެ ހުވަފެނެއް ދެއްކި މަގަކުން ކުރިއަށް ޖެހި، ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އެންމެފަހުން، އުމުރުން 19 އަހަރުގައި ފިލްމީދާއިރާއާ ހަމަ އަށް ދެވި "އަޖައިބު" ނަމަކަށް ކިޔުނު ފިލްމަކުން ހަމަ ކުއްލިއަކަށް ފުރުސަތު ލިބުން ވެގެންދިޔައީ އާސިމަކަށް ވެސް ގަބޫލުނުކުރެވުނު ބޮޑު އަޖާއިބަކަށެވެ. އެކަމަކު ފިލްމީ ދާއިރާގައި އެހާ ފަސޭހައިން ނުވަތަ ރެއަކާއި ދުވާލަކުން މީހަކު އަދި "ސްޓާރަކަށް" ބަދަލުނުވާނެކަން އަންގައި، ބަލަމުން ދިޔަ ހުވަފެނުން ނަގައި އޭނާ ހޭލައްވާލީ މޫނުމަތީގައި އަޅުވާލި ފިލްމީ ދާއިރާގެ އަސްލު މަންޒަރެވެ. ނުވަތަ އެތިފަހަރެވެ.

އަދިވެސް "ފިލްމު ސްޓާއެއް" ގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައި ނުވާ، އެކަމަކު ހުނަރާއި ބުރަ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ އަހުމަދު އާސިމް އާއި އޭނާ އެންމެ ލޯބިވާ ފިލްމީދާއިރާގެ ވާހަކަ އަކީ، ހަމަ ރަނގަޅަށް ވެސް ދިވެހި މެލޮޑްރާމާ އަކުން އެ ފެންނަ ކަހަލަ ޕްލޮޓަކާއި ސްކްރިޕްޓެއް އޭގައި އޮތް ގުޅުމެކެވެ. އާސިމް އަކީ ބަތަލެވެ. ފިލްމީދާއިރާވީ އޭނާގެ ނުލަފާ ދޮންއަމަޔަށެވެ. މިއަދު މި ފެންނަ އާސިމަކީ އެ ދޮންއަމާގެ ބޯމަތިން އަރައިގެން އާދެވުނު ހިސާބެވެ.

"ގަމިނި" ގެ މަންޒަރެއްގައި އާސިމް

"ކުޑައިރު ވެސް ވަރަށް ބޭނުންވެފައި ހުރި ކަމެއް ފިލްމު ކުޅުމަކީ،" ރަށުގައި ކިޔެވިއިރު ތަމްސީލުތައް ކުޅުނު ހަނދާންތައް އާކުރަމުން އާސިމް ފެށި އެވެ.

"އެކަމަކު ފިލްމީ ހަޔާތް ފަށައިގަތްއިރު ވަރަށް ބައިވަރު ގޮންޖެހުންތަކާ ދިމާވި މި ދާއިރާގައި. ވަކިން ހާއްސަކޮށް ފިލްމީ ދާއިރާގެ އެތެރޭގައި ތިބި ސީނިއާ މީހުންގެ ފަރާތުން. ބުލީކުރުމާއި އާސިމް އާސިމަށްވީމަ ފިލްމުތަކުން ފުރުސަތު ނުދިނުން ފަދަ ވަރަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު އެންމެ ފުރަތަމަ."

ކޮންމެ ކޮންމެ މީހަކަށް ފިލްމީ ދާއިރާގައި ކުރިއަށް ނުދެވޭނެ ކަމާއި "ސްޓާއަކަށް" ނުވެވޭނެކަން އާސިމަށް ވެސް ގަބޫލުކުރެވުނު އެތިފަހަރަކީ އެއީ އެވެ.

އާސިމް ބުނީ އޭނާ އަށް ގަބޫލުކުރެވޭ ގޮތުން ނަމަ "ފިލްމީ ދާއިރާގެ ބޮޑުންގެ ކުރިމަތީގައި" އޭނާ އެއްވެސް މީހަކަށް އޭރު ނުވީ ދާއިރާ އަށް ވަދެވުނު ދޮރާއި ދިމާލުގެ ސަބަބުންނެވެ. އާސިމް އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މަހްމާ ހުސެއިން ރަޝީދުގެ ޕްރޮޑަކްޝަން ބެނާއެއް ކަމުގައިވާ ފަރިވާ ފިލްމްސް އިން 2000 ވަނަ އަހަރު ގެނެސްދިން ޑްރާމާ ފިލްމު "އަޖައިބު" އިންނެވެ.

"އެންމެ ފުރަތަމަ ކުޅުނީ އެމީހުންގެ އެއްޗެހި. އެގޮތުން ފަރިވާގެ އުފެއްދުންތަކުން އާސިމް ފެނުނީމަ ފިލްމީ ދާއިރާގެ ގިނަ ބައެއްގެ މެދުގައި އާސިމްގެ އަގު ވެއްޓިފައި އޮތް ކަމަށް ގަބޫލުކުރެވެނީ. އެއީ އޭރު ވަރަށް ގިނަ މީހުން ބުނާ ގޮތުން ނަމަ ފަރިވާ އަކީ އެއްވެސް ކޮލިޓީއެއް ނެތި އެއްޗެހި އުފައްދަމުން ދިޔަ ބައެއް،" އާސިމް ކިޔައިދިނެވެ.

"އެހެންވިމަ ފިލްމީ ދާއިރާ އަށް ނުކުމެވުނު ދިމާލުގެ ގޮތުންނާއި އެންމެ ފުރަތަމަ ކުޅެފައިހުރި އެއްޗެހިތަކުގެ ސަބަބުންހެން ހީވަނީ މީހުންގެ މެދުގައި އެހާ މަގްބޫލު އެކްޓަރަކަށް ނުވަތަ ދާއިރާގެ މަތީ ފަންތީގެ މީހުންނާ އެކު މަސައްކަތްކުރަން އާންމުކޮށް ފުރުސަތު ނުލިބުނީ".

ނަމަވެސް ފަރިވާ ފިލްމުގެ ކުޑައިގައި ގޮސް ފިލްމީ ދާއިރާ އަށް ވެއްޓި ޖެހުނު ގޮތަކުން ކިތަންމެ ދަތުވިޔަސް، އާސިމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާގެ ހިތުގައި ވަނީ ޝުކުރާއި ސަނާއެވެ.

"އެންމެ ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށް ދޯ ކޮންމެ މީހަކު ވެސް ކަމެއް، މަސައްކަތެއް ފަށައިގަންނާނީ. ފަހުން އެ ފެށުމަކާ މެދު ލަދުގަންނަންވެއްޖެ ނަމަ ނެއްތާ ސަލާމަތެއް. އެހެންވީމަ ކުރިން ކުޅެވުނު ޑްރާމާއަކާ ހެދި ލަދެއް ނުގަނޭ އެއްވެސް ވަރަކަށް،" އާސިމް ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ފަރިވާ އަކީ ކަމަށް އަދިވެސް އަޅުގަނޑުގެ ފެށުމަކީ."

"ގަމިނި" ޑްރާމާގެ މަންޒަރެއްގައި އާސިމް

ބުލީކޮށް ފުރައްސާރަކޮށް ދާއިރާ އިން އޭނާ ފައްސާލި!

އާސިމްގެ "އަޖައިބު" ވީ ބޮޑު ފޮލްޕަކަށެވެ. އެކަމަކު ހުނަރާއި ޖޯޝުން ފުރި ބާރުވެފައި ހުރި ޒުވާން އާސިމް "ފްލޮޕްކޮށްލީ" ފިލްމީ ދާއިރާގެ ބޮޑުންނާއި ނުފޫޒުގަދަ ސްޓާރުންނެވެ. އާސިމްގެ ކިބައިގައި ކިތަންމެ ބޮޑު ހުނަރުވެރިކަމެއް ވިޔަސް އެ ހުނަރު ދައްކާނެ ފުރުސަތު އޭނާ އަށް އޮތީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ހަނިކޮށް ފާޑަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

"މިސާލަކަށް ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރެއް އޭނާގެ ފިލްމަކުން އަޅުގަނޑަށް ރޯލެއް ދޭން ބޭނުންވިޔަސް އެ ދެމެދަށް އިތުރު މީހަކު ވަދެ އެ ފުރުސަތު އެބަހުރި ގަސްދުގައި ގެއްލުވާލާފަވެސް،" އާސިމް ކިޔައިދިނެވެ.

"ވަކި މީހަކަށް އެ މީހަކު ވުމުން ނުވަތަ ވަކި ބަޔަކަށްވީމަ އެ ބަޔަކަށް ފުރުސަތު ނުދިނުން އެއީ ފިލްމީ ދާއިރާގައި އަޅުގަނޑު ފަށައިގަތްއިރު ވަރަށް ބޮޑަށް އޮތް ސަގާފަތެއް. ހާއްސަކޮށް އޭރު އެންމެ އިސްކޮށް މަސައްކަތްކުރި މީހުން ކުރިމަތިކުރި ހުރަސްތައް ވަރަށް ގިނަ".

އާސިމް ބުނީ އެފަދަ ހުރަސްތަކާއި ގޮންޖެހުންތަކާ ހެދި "ފިލްމުކުޅެގެން" ދިރިނޫޅެވިގެން އޭނާ އަށް މަޖުބޫރުވި ދިރިއުޅުމުގައި އަބަދުވެސް ޖެހުނީ އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ދުވެލަ ދުވެލަ އުޅޭށެވެ. ފިލްމީ ދާއިރާގެ ހުވަފެން ދޫކޮށްލާފައި އޭނާ ރިސޯޓެއްގެ ވަޒީފާ އަށް ވެސް ދިޔައެވެ. އެކަމަކު ދެން ވެސް އަލަތު ލޯބި ހަނދާން ނުނެތޭނެއޭ އެ ބުނާ ބީދައިން ގޮސް އާސިމް އޭގެ ކޮންމެ ފަހަރަކު ވެސް ގޮސް ހުއްޓޭ އެންމެ ފަހު މަންޒިލަކަށް އަބަދުވެސް ވީ އޭނާ އަށް ދެރަކޮށް ހިތި ފިލްމީދާއިރާ އެވެ.

"ކުދިކުދި ރޯލުތަކުން ފުރުސަތު ލިބުނީމަ ވެސް ދިޔައީ ބޭނުންކުރަމުން. ވަކި ރޯލެއް ކުޅޭކަށް ނުވިސްނަން އަދި އެކަމަކަށް ނުވެސް އެދެން. އަޅުގަނޑު ގަބޫލުކުރަނީ ކިތަންމެ ކުޑަ ރޯލެއް ވެސް މޮޅަށް ކުޅެފިއްޔާ ބެލުންތެރިން އެ މީހަކު ބަލައިގަންނާނެޔޭ،" އާސިމްގެ ވިސްނުން ބަދަލުކޮށް އާ އެޕްރޯޗަކާ އެކު ފިލްމީދާއިރާގައި ކާމިޔާބުވުމަށް ފެށި ދަތުރު ކިޔައިދެމުން ބުންޏެވެ.

"ޖުހާގެ ބުއްދި" ނަމަކަށް ކިޔާ ކުޑަކުދިންގެ ކުރު ފިލްމު ސިލްސިލާއެއްގައި ޖުހާގެ ސެކްރެޓަރީގެ ރޯލު ކުޅެން އޭނާ އަށް ފުރުސަތު ލިބުނީ މި ވިސްނުމުގައި ގޮސް، ލާސާނީގެ ރޯލު ވިއްކާ ފިހާރައެއްގައި ސޭޓަކަށް އިންދައެވެ. އެ ރޯލާއެކު އެންމެ ފުރަތަމަ އާސިމް ހިޓަކަށް ބަދަލުވީ ކުޑަކުދިންގެ މެދުގައެވެ.

"އޭރު މަގުމަތިން ފެނުނަސް ކުޑަކުދިންތައް ގޮވަން ފަށާނެ ސެކްރެޓަރީއޭ ކިޔާފަ".

ކާމިޔާބީ އަށް ފެންބޮވައިގެންފައި ހުރި އާސިމަށް އެވަރު ވެސް ވީ ވަރަށް ބޮޑުވަރަކަށެވެ. މަސައްކަތުގައި ލިބުނު ކާމިޔާބަކަށެވެ.

ވީޑިއޯ ލަވަ އާއި ފިލްމާއި ޑްރާމާތަކުގައި ކުދިކުދި ރޯލުތައް ކުޅެން ލިބުނަސް ފިލްމީދާއިރާ ދޫކޮށްދާން އޭނާ ދެން ބޭނުމެއް ނުވިއެވެ. އެހެން އުޅެނިކޮށް "ވައިރޯޅިއަށް ވެސް ސިއްރުން" ގޮސް އޭނާގެ އަތުގައި ހިފީ ޓީވީއެމަށް ޑްރާމާ ޕްރޮޑިއުސްކުރަމުން ދިޔަ އެކްޓަރު އަދި ޑައިރެކްޓަރު އާރިފާ އިބްރާހީމެވެ.

"ދެން ޓީވީއެމް އަށް އާރިފާ އިބްރާހިމް އުފެއްދި ޑްރާމާތަކުން ފުރުސަތު ލިބިގެން ކިރިޔާ ވެސް ސަލާމަތްވެވޭ ހިސާބަކަށް ދެވުނީ،" އެކަމަކު ފުރަތަމަ ފިޔަވަޅުގައި ފިލްމީ ދާއިރާއިން އޭނާ އަށް ޖެއްސި ހާލާއި ފުރައްސާރަ އަދިވެސް އިއްޔެ ހިނގި ކަމެއް ފަދައިން އާސިމްގެ ހަނދާނުގައި އެބަހުއްޓެވެ.

"މިސާލަކަށް ޑްރާމާއެއްގައި އާސިމް ލީޑް ރޯލު ކުޅޭތީ ދެން ހުންނަ އެކްޓަރު އެބަހުއްޓޭ އެއަށް ވަގުތު ނުދީ އޭގެ މަސައްކަތް ހުއްޓުވާލާފަ ވެސް. އެއީ އާސިމް ލީޑް ރޯލު ކުޅޭ ޑްރާމާއެއްގައި އެ އެކްޓަރު ސައިޑުރޯލެއް ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހިގެން،" އާސިމް ބުންޏެވެ.

"އަޅުގަނޑާ މެދު އެފަދަ ހަސަދަވެރިކަމެއް ބައެއްގެ މެދުގައި އޮންނަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑަކީ އެއްވެސް މީހަކަށް ހަސަދަލައިގެން އުޅޭ މީހެއް ނޫން."

އާސިމް ބުނަނީ އޭނާ އަށް އަދިވެސް ފިލްމީ ދާއިރާގައި ދެމިހުރެވުމުގެ ސިއްރަކީ ފާޑުކިޔުމާއި ފުރައްސާރަ އަށް ބީރު ކަންފަތެއް ދިނުމެވެ.

"ދުވަހަކުވެސް ފިލްމީ ދާއިރާގެ ތެރެއިން އެގޮތަށް ކުރިމަތިވި ގޮންޖެހުމާއި ފުރައްސާރަ އާއި ބުލީއަކަށް ދުވަހަކުވެސް އަޅުގަނޑު ރައްދެއް ނުދެން. އެހެންވީމަ ކަމަށް ވެދާނެ އަދިވެސް މިގޮތުގައި ކުރިއަށް މި ދެވެނީ،" އާސިމް ބުންޏެވެ.

"އެގޮތަށް އަޅުގަނޑާ ޖައްސާލި މީހުންނަކީ ކޮބައިކަން ވެސް އެނގޭ. އެކަމަކު އެމީހުންގެ ނަންތައް ކިޔަން ބޭނުމެއް ނުވޭ."

އާސިމް "ގަމިނި" ޑްރާމާގެ ކްރޫއާ އެކު ސެޓެއްގައި.

"ގަމިނި" އަކީ އާސިމް ތަރިޖަހާނެ މަސައްކަތެއް!

ފިލްމު ސްޓާރެއްގެ ހުވަފެނަކީ އާސިމްގެ ފެށުމެވެ. އެ ސްޓާރަކަށް އޭނާ ހަދައިދިނީ މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރި "ލޫދިފާ" އެވެ. އަދި ފިލްމީ މަސައްކަތުގައި އާސިމް ތަރިޖަހާނެ މަސައްކަތަކީ މާދަމާ ބައިސްކޯފުން ޕްރިމިއާކުރާ، މޫމިންގެ 13 އެޕިސޯޑްގެ ޑްރާމާ "ގަމިނި" ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. ޑްރާމާގައި އާދަޔާހިލާފު ވަރުގަދަ ރޯލެއް ކުޅެފައިވާ އާސިމަކީ މުޅި ޑްރާމާ މޫމިން ބޭނުންވާ ގޮތަށް ކޮށައިމަށައިދިން ހުނަރުވެރި އެޑިޓަރު ވެސްމެއެވެ.

"މިއީ އަޅުގަނޑުގެ ފިލްމީ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ބޮޑު ތަޖުރިބާ އަދި އެންމެ މުހިންމު މަސައްކަތް. އެކްޓްކުރުމުގެ އިތުރުން މުޅި ޑްރާމާ އެޑިޓްވެސް މި ކުރަނީ އަޅުގަނޑު،" ގަމިނިގެ ވާހަކަތައް ފަށައިގަންނަމުން އާސިމް ބުންޏެވެ.

އޭނާ ބުނީ މޫމިންއާ އެކު މަސައްކަތްކުރުމަކީ އަބަދުވެސް އާ ކަންތައްތަކެއް ދަސްވެ އާ އުސްމިނަކަށް އަރަން ލިބޭ ފުރުސަތެއް ކަމަށެވެ. ފަހަރެއްގައި "ލޫދިފާ" އަށް ފަހު އެހެން ދިވެހި ޑައިރެކްޓަރެއްގެ ދަށުގައި އާސިމް ނުފެންނަނީ މި ސަބަބާ ހެދިއެވެ. ފުރުސަތު މިހާރު ނުލިބޭތީކީއެއް ނޫނެވެ.

"އަޅުގަނޑު ގަބޫލުކުރާ ވަކި މިންގަނޑުތަކަކަށް، ކޮލިޓީއަކަށް ނުފެތޭ އެއްވެސް މަސައްކަތެއް މިހާރު ނުނަގަން. މޫމިން ޑައިރެކްޓްކުރި ފިލްމު ލޫދިފާއާ ހިސާބުން ފެށިގެން އަސްލު އެހެން މީހެއްގެ ފިލްމެއް ނުވެސް ކުޅެން. އެއީ އަޅުގަނޑު ގަބޫލުކުރާ ފެންވަރުގެ ޑައިރެކްޓަރަކަށް ފެނުނީ މޫމިން މިހާތަނަށް. އެންމެ ރަނގަޅަށް ސްކްރިޕްޓް ލިޔެ ފިލްމު އުފައްދާ މީހަކަށ،" އާސިމް ބުންޏެވެ.

"މޫމިންގެ ފިލްމަކަށް ތައްޔާރުވުމަކީ އަސްލު ވަރަށް ބޮޑު ޗެލެންޖެއް އެހެން ދިވެހި ފިލްމުތަކާ އަޅާ ބަލާއިރު. އޭނަގެ ފިލްމެއްގައި މަސައްކަތްކޮށްލުމުން އެކްޓަރެއްގެ ގޮތުގައި އެ ލިބޭ ތަޖުރިބާ ވެސް ވަރަށް ތަފާތުވޭ."

މިސާލަކަށް އޭނާ ނެގީ މޫމިން އެންމެފަހުން ގެނެސްދިން ފިލްމު "ނިވައިރޯޅި" އެވެ.

"އޭތި ކުޅެންވެގެން ދެ އަހަރު ވަންދެން ތުނބުޅި އާއި ބޯ ދިގުކުރީ. މި ޑްރާމާ ކުޅެން އަދި މި ތައްޔާރުވާން ޖެހުނީ މުޅިން އެހެން ގޮތަކަށް،" އާސިމް ކިޔައިދިނެވެ.

އާސިމް ބުނީ "ގަމިނި" އަކީ އޭނާ އެކްޓަރެއްގެ ގޮތުގައި އެންމެ ބޮޑަށް ފިޓްވާން ޖެހުނު މަސައްކަތް ކަމަށެވެ.

"މެންޓަލީ އަދި ފިޒިކަލީ ވެސް ވަރަށް ބޮޑަށް ފިޓްވާން ޖެހުނު. މީގެ އެއް މަންޒަރެއް ނަގަންވެގެން އަޅުގަނޑަށް ޖެހުނު ސީދާ ކަނޑުގައި އެކަނިމާއެކަނި އެއް ގަޑިއިރު ވަންދެން އޮންނަން ވެސް،" އާސިމް ބުންޏެވެ.

"އެއީ އެ މަންޒަރު ނެގީ ޑްރޯންއަކުން ކަމަށްވެފައި އެ ހިސާބުގަނޑުގައި ވެސް ކްރޫއެއް ނެތް ފެންނާކަށް. އަދި ގަދަ އަށް ވާރޭ ވެހުނު ދުވަހެއް އެއީ."

"ގަމިނި" ގެ މަންޒަރެއްގައި އާސިމް

ޑައިރެކްޓަރު މޫމިންގެ ތައުރީފު ވެސް އާސިމަށް!

އާސިމްއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޑައިރެކްޓަރު މޫމިން ބުނަނީ އޭނާ އަކީ ހަމައެކަނި ލިބިފައިވީ ހުނަރެއްގެ ޖާދޫގައި ކުރިއަރަމުން އަންނަ އެކްޓަރެއް ނޫން ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ މަސައްކަތަށް އާސިމް ދޭ ސަމާލުކަމާއި މުހިންމު ކަމުގެ އިތުރުން ބަހައްޓާ ލޯތްބާއި އިހުތިރާމެވެ.

"އާސިމަކީ އޭނަގެ އެންމެ ރަނގަޅު ޝޮޓް ލިބެންދެން މަސައްކަތްކުރާ މީހެއް. އޭނަ ބުނެފަ އޮންނާނީ އެންމެ ރަނގަޅު ޝޮޓް ލިބެންދެން ކުރިއަށް ގެންދައްޗޭ ކިތަންމެ ގިނައިރުވިޔަސް. އަހަންނަށް އެނގެނީ ސަތޭކަ ފަހަރު ޖައްސަން ޖެހުނަސް އާސިމް ނިންމާލާނީ ހިތްހަމަޖެހިގެންހެން،" މޫމިން ބުންޏެވެ.

"އާސިމް އަކީ މުޅި ސްޓޯރީގަ ވާގޮތް ބަލަން ބޭނުންވާ މީހެއް. އެހެންވީމަ އޭނަ ކިޔާނެ މުޅި ސްކްރިޕްޓް ވެސް. އެއީ ވަރަށް މުހިންމު ކަމެއް. އެގޮތަށް ވެސް މި އުޅެނީ ވަރަށް މަދު ބައެއް. މުޅި ސްކްރިޕްޓް ކިޔާފަ އޭގަ ވާ ގޮތް ރަނގަޅަށް އެނގިގެން މަސައްކަތްމި ކުރަނީ މަދުބައެއް. އޭގެ ތެރެއިން އެކަކު އާސިމަކީ"

"އާސިމަކީ ޓެލެންޓަށް ވުރެ ބޮޑަށް އަމިއްލަ ހާޑް ވޯކުން މިހިސާބަށް އައި އެކްޓަރެއް."

އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. އާސިމަކީ ފިލްމީ ދާއިރާ އިން ބަލައިނުގަތް މޫނެކެވެ. އަދި ބެލުންތެރިން ވެސް އެންމެ ފުރަތަމަ ބަލައިނުގަތް އެކްޓަރެކެވެ. ބަލަން ފޫހިވި އެކްޓަރެކެވެ. އެކަމަކު އާސިމް ވަރުގެ ބޮޑު ވަކި ހުނަރުވެރިއެއް ފިލްމީ ދާއިރާގައި މިއަދު ކޮބައި ހެއްޔެވެ؟ އޭނާ އަކީ ހަމަ ރަނގަޅަށް ވެސް ސްޓާރެކެވެ.

Popular