By: Asima Nizar
ހަމައެކަނި ލިޔުންތައް ހުންނަ ވާހަކަތަކަށް ވުރެ ބޮޑަށް އައިޝަތު ނަފްހާގެ ހިތް އެންމެ ކުޑައިރު ވެސް ދަމައިގަތީ ކޮމިކްސް އަށެވެ. އެހެންވެ، ދުވާލުގެ ގިނަ ވަގުތު ހޭދަކުރީ ކާޓޫނު ޒާތުގެ ކުރެހުންތަކާ އެކު ހުންނަ ފޮތްތައް ކިޔުމުގަ އެވެ. ހާއްސަކޮށް މާވެލް އަދި އާޗީގެ ކޮމިކްސްތަކަށް ހާއްސަ ޝައުގެއް އުފެދުނެވެ.
އެ ކޮމިކްސްތަކުގައި ހުންނަ ކުރެހުންތަކާ އެކު، ނަފްހާ ކުޑައިރު ކުރަހަން ވެސް ފެށި އެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ވުމުން އެ މަސައްކަތް ވެސް ފުޅާވި އެވެ.
މެލޭޝިޔާގައި ކާޑިއޮވެސްކިއުލާ ޓެކްނޮލޮޖީގެ ދާއިރާ އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ޒުވާނާ ބުނީ ފުރަތަމަ ކުރަހަން ފެށީ ބުޅަލާ ގުޅުން ހުރި އެއްޗެހި ކަމަށެވެ. އޭގެ ތެރެއިން، ބުޅަލުގެ އުޅުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރި ކުރުވަން ފުރަތަމަ ހެދި ކަލަންޑަރަށް ބޮޑު ޑިމާންޑެއް އުފެދުނު ކަމަށް އޭނާ ބުންޏެވެ.
ނަފްހާ ސްކެޗްކުރަނީ.-
އޭގެ ފަހުން، ދިމާވާ މަޖާކަންތައްތައް ކުރަހާލައި ކުރު ލިޔުންކޮޅަކާ އެކު ކޮމިކްސް ހަދަން ފެށީ މިދިޔަ އަހަރު އެވެ. އެއީ ކްލިނިކްގައި ހެދި ތިން މަސް ދުވަހުގެ އިންޓާންޝިޕްގެ ޝިފްޓު ނިންމާފައި ގެއަށް ދިއުމުގެ ކުރިން ލިބުނު 30-40 މިނިޓުގެ ހުސްވަގުތު ތެރޭގައި ކުރަން ފެށި ކަމެކެވެ.
"އެ އިން ދުވަހެއްގައި ޑަސްބިނުން ގަނޑެއް ނަގައި ފަންސޫރަކުން ކުރަހަން ފެށީ. އެ ދުވަހު ކުރަހާފައި ހިތަށް އެރީ މި ގޮތަށް ކުރަހާނީއޭ. އެހެންވެ، ކޮންމެ ދުވަހަކު ވެސް ނިމޭ ގަޑިއަށް ކުރަހަން ފެށީ ދިމާވާ މަޖާ ކަންތައްތައް،" ނަފްހާ ބުންޏެވެ.
"އިންޓާންޝިޕް ނިމުނުއިރު ގަނޑުގައި 60-70 ކޮމިކްސް އެއްކުރެވިފައި ހުރީ."
ނަފްހާ އެންމެ ހިތްހަމަޖެހިގެން ކުރި މަސައްކަތް.
ގަނޑުގައި ކުރެހި ކޮމިކްސްތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވި ބައެއް އެއްޗެހި ފަހުން ވަނީ އައިޕެޑުގައި ސްކެޗުކޮށް، ކުރެހުމުގައި ކުލަ ޖައްސައިދީފަ އެވެ.
ނަފްހާ ބުނީ ކޮމިކްސް ކުރަހާއިރު އާއްމުންނަށް ވީހާ ވެސް ބޭނުންތެރި ވާހަކަތައް ގެނެސްދެވޭތޯ މިހާރު އިސްކަންދޭ ކަމަށެވެ. ހާއްސަކޮށް ނަފްސާނީ ބަލިމަޑުކަމާއި ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވަން މި ފަހުން ވަނީ ގިނަ ކޮމިކްސްތައް ހަދައިފަ އެވެ.
ނަފްހާ
"މެންޓަލް ހެލްތު އަދި ކުޑަކުދިންނަށް ހާއްސަ ފޮތެއް ނެރެން ބޭނުންވޭ. ދެ ކަމަކަށް މަސައްކަތް ކުރަން އެބަ. އޭގައި ދާއިމީ ބޮޑު ބައްޔެއް ހުންނަ މީހެއްގެ ދިރިއުޅުން ހިނގާނެ ގޮތް ވެސް ކިޔައިދޭން ބޭނުންވޭ،" ނަފްހާ ބުންޏެވެ.