17 Jun 2025

ބައްޕައިންގެ ދުވަހަށް ނަމޫނާ ދޮންބައްޕައެއް

ބައްޕައިންގެ ދުވަހަށް ނަމޫނާ ދޮންބައްޕައެއް

By: Asima Nizar

މީހުން ބުނާތީ އަބަދު ވެސް އަޑުއިވެ އެވެ. ދޮންމަންމަ ނުވަތަ ދޮންބައްޕައެއް ދަރިންނަކަށް ރަނގަޅެއް ނުވާނެ އެވެ. އަމިއްލަ ދަރިން ތިބި ނަމަ ތަފާތުކުރުން އިންތިހާއަށް އޮންނާނެ އެވެ. އެއީ އެންމެ ކުރީ ޒަމާނުއްސުރެ ކޮންމެ ދިވެއްސެއްގެ ކަންފަތުގައި ވެސް ވެސް ހަރުލާފައި ހުންނަ ވާހަކައެކެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި ބައްޕައިންގެ ދުވަހު ސޯޝަލް މީޑިއާއިން ފެނުނީ އެހެން މަންޒަރެކެވެ.

މަޝްހޫރު ޓީވީ ޕްރެޒެންޓަރު، ޝިފްލާ އިބްރާހިމް ފޭސްބުކްގައި ހިއްސާކުރި ވާހަކަތަކުން އެނގުނީ އޭނާގެ ހަޔާތަށް ދޮން ބައްޕައިންގެ މުހިއްމު ކަމެވެ. ކުޑައިރު މަންމަ އާއި ބައްޕަ ވަކިވެ، މަންމައާ އެކު ދޮންބައްޕަގެ ރަށަށް ބަދަލުވެ، ދިރިއުޅުމަށް އައި ބަދަލުތަކެވެ.

އަމިއްލަ ދަރިންނާ ތަފާތު ކުރުމެއް ނެތި، ހުރިހާ ކުދިންނާ އެއް ހަމައަކުން ކަންކަން ކޮށްދީގެން އަންގައިދިނީ އުފަން ދަރިން ނޫނަސް އެއީ ވެސް ދަރިން ކަމެވެ.

ޝިފްލާ ބުނީ އޭނާ އަށް ދޮންބައްޕަ ފުރަތަމަ ފެނުނީ އުމުރުން 11-12 އަހަރުގައި މަންމަ ބަލިވެގެން ބާއްވާފައި އޮތުމުން ގޮވާލަން ދިޔަ އިރުގަ އެވެ.

އޭރު މަންމަ އަށް އެހީތެރިވެދޭން ކައިރީގައި މީހަކު ހުއްޓެވެ. އޯގާތެރިކަމާ އެކު، އަލަނާސި ދަޅަކާއި މޭވާ ކޮޅެއް ދިއްކޮށްލި އެވެ. ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. ނަމަވެސް، އެއީ ކާކުކަން އެނގުނީ ގެއަށް ދިޔަ ފަހުން މާމަ ބުނުމުންނެވެ.

މަންމަ އަށް އެހީތެރިވެދޭން ހުރީ ދޮންބައްޕަ ކަމަށް ބުންޏަސް ދޮންމަންމައިންނާއި ދޮންބައްޕައިންގެ ގޯސް ވާހަކަ އެ ދުވަސްވަރު ވަރަށް ގަދަ އަށް އިވޭތީ ޝިފްލާ ހުރި ދޮންބައްޕައާ ވާހަކަ ދައްކަން ވެސް ޖެހިލުން ވެފަ އެވެ. އެކަމަކު 1993 ވަނަ އަހަރު މަންމަ އާއި ދޮންބައްޕައަށް ލިބުނު ތިން ކުދިންނާ އެކު ދިރިއުޅުން ރަށަށް ބަދަލުކޮށް، ދޮންބައްޕައާ އެކު އޮތް ގުޅުން ދެކެމުން ދިޔަ ގޮތް އެއްކޮށް ބަދަލުވި އެވެ.

".ދޮންބައްޕަގެ ހައިބަތާއި ދޮންބައްޕަ އަށް ރަށުގެ ރައްޔިތުން ކުރާ ގަދަރު ލޮލުން ފެނިގެން ދިޔަ އެވެ. ގޭތެރޭގައި ކޮންމެ ކަމެއްގައި ވެސް ކޮންމެ އެއްޗެއް ބެހި ކަމުގައި ވިޔަސް އަހަރެންނަށް ދޮންބައްޕަ އިސްކަން ދެއްވި އެވެ. ދޮންބައްޕަގެ ތިން ކުދިން ގާތު ދޮންދައްތަ (އަޅުގަނޑު) އަށް ބެލުމަށް ނަސޭހަތް ދެއްވި އެވެ،" ޝިފްލާގެ ފޭސްބުކް ޕޯސްޓުގައި ބުންޏެވެ.

"ދިރިއުޅުމުގައި މަންމައާއެކު ދޮންބައްޕަ ހުންނެވުމުންނޭ ކިޔެވުނީ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ދިމާވި ކޮންމެ ބަލިމަޑުކަމެއްގައި ވެސް ދޮންބައްޕަ ހުރިހާ ހަރަދެއް ކުރެއްވި އެވެ. ރާއްޖޭން ބޭރުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވި އެވެ. އެންމެ ކައިރީގައި އިންނެވި އެވެ."

ޝިފްލާ ބުނިގޮތުގައި، ދިމާވި ކޮންމެ ކަމެއްގައި ދޮންބައްޕަގެ އެހީތެރިން ލިބުނެވެ. މިހާރު ވެސް ރަށުގައި ދިރިއުޅޭ އެ ދޮންބައްޕަ މާލެ އަންނަ ކޮންމެ ފަހަރަކު ޝިފްލާއާ ބައްދަލުކުރެ އެވެ. ކާފައެއްގެ ލޯބި ޝިފްލާގެ ދެ ކުދިންނަށް ދެ އެވެ.

"އެންމެ އުފާވަނީ މަޑުމައިތިރި ކަމާއެކު ކަންކަން ބުނެދެއްވާތީ އެވެ. އަދި އަބަދު ވެސް ހަނދާން ކޮށްދެއްވާނީ ކޮންމެ ކަމެއްގައި ވެސް ދޮންބައްޕަ އަހަރެންނާ އެކު ހުންނަވާނެ ކަމެވެ. ދޮންބައްޕަ ދެކެ ލޯބިވަނީ މީހަކު ބުނެގެނެއް ނޫނެވެ. ދޮންބައްޕަ އެ ލޯބި ހޯއްދެވީ އެވެ. އަމަލާ ބަހުން ވެސް އެކަން ދެއްކެވި އެވެ،" ޝިފްލާގެ ޕޯސްޓުގައި ވެ އެވެ.

އަހަރެންނަކީ އުފަން ދަރިއެއް ނޫން ކަން އެކަނި. މިއަދު ވެސް ދޮންބައްޕަގެ އަމަލުތައް ބަދަލެއް ނުވެ އެވެ. އެހެންވީމާ މި ލިޔުން ފަށަމުން ބުނިހެން އަހަރެންގެ ދޮންބައްޕަ އަށް ކިޔަނީ ބޭބެއެއް ނޫނެވެ. ބައްޕަ އެވެ. ބައެއް ދޮންބައްޕައިންނަކީ ބައްޕަ ކިޔުން ހައްގު މީހުންނެވެ."

ޝިފްލާގެ ހަގު އަންހެން ދަރިފުޅުގެ ހަޔާތުގައި ބައްޕައެއްގެ ޒިންމާތައް ވެސް އަދާކުރަނީ ދޮންބައްޕަ އެވެ.

ޝިފްލާ ކިޔައިދިން ގޮތުގައި ދޮންމަންމަ އާއި ދޮންބައްޕައިންނަކީ ކުދިންގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުކޮށްލެވިދާނެ ބައެކެވެ. ދޮންބައްޕަ ލިބުމަކީ ޝިފްލާ ދަރިފުޅަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމާއި އޭނާގެ ސަބަބުން އެ ދަރިފުޅުގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަކުރި އެވެ.

"އޯގާތެރިކަމާއެކު ދަރިފުޅުގެ ހަޔާތަށް ވަދެ، ލޯތްބާ އެކު، އަމިއްލަ ދަރިފުޅާ މެދު ތަފާތު ކަމެއް ނުގެނެސް [ދޮންދަރިފުޅާ] މެދު ކަންތައް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރަން. އާއިލާއަކަށް ވުމުގެ ހަގީގީ މާނައަކީ ކޮބައިކަން ތި ދަސްކޮށްދިނީ. ލޭގެ ގުޅުމަކުން ނޫން ކަމާއި އެއީ ހިތުގެ ގުޅުންކަން." ޝިފްލާ ބުންޏެވެ.

ބެލެނިވެރިން ދަރިން ތަރުބިއްޔަތުކުރުން

Popular